އަޤީދާ
އަލްޤުދުސް މުސްލިމުންނަށް މުހިންމުވީ 10 ސަބަބު

الحمد لله والصلاة والسلام على رسول الله و بعد.

މިލިޔުމުގައި މިބަލައިލަނީ އަލް-ޤުދްސް މުސްލިމުންނަށް މުހިންމުވި 10 ސަބަބަކަށެވެ.

1- ﷲ ޞުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި އެއީ ބަރަކާތް ލެއްވިގެންވާ ތަނެއް ކަމުގައި ޞިފަކުރައްވާފައިވުން.

އެކަލާނގެ ވަޙީކުރެއްވިއެވެ.“سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ“ (ސޫރަތުލް އިސްރާ 1)

މާނައީ: ”އެކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އެކަލާނގެއީ، المسجد الحرام ން، المسجد الأقصى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންއިލާހު ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.“

އަލްޤުދުސް އަކީ މިސްކިތުގެ ވަށައިގެންވާ ބައެކެވެ. އެހެންކަމުން އެތާނގައިވަނީ ބަރާކާތްލެއްވިގެންނެވެ.

2- ﷲ ޞުބުޙާނަހޫ ވަތަޢާލާ އެތަނަކީ މުޤައްދަސް ތަނެއްކަމުގައި އަންގަވާފައިވުން.

އެކަލާނގެ ވަޙީކުރެއްވިއެވެ. ”يَا قَوْمِ ادْخُلُوا الْأَرْضَ الْمُقَدَّسَةَ الَّتِي كَتَبَ اللَّـهُ لَكُمْ“ (ސޫރަތުލް މާއިދާ 21)

މާނައީ: ”(މޫސާގެފާނުގެ ވިދާޅުވިއެވެ.) އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! މުޤައްދަސް ވެގެންވާ ބިމަށް، ތިޔަބައިމީހުން ވަންނާށެވެ! އެ ބިމަކީ ތިޔަބައިމީހުންނަށްޓަކައި اللَّه ކަނޑައަޅުއްވާފައިވާ ބިމެވެ.“

3- ޤުދުސްގައި މަސްޖިދުލް އަޤްޞާހުރުން.

އެމިސްކިތްކޮޅުގައި ކުރާ އެންމެ ނަމާދެއްގެ ޘަޥާބު އެހެން މިސްކިތްތަކުގައި ކުރާ 250 ނަމާދާއި އެއްވަރުވެގެންވާކަމަށް ކީރިތި ރަސޫލާ ﷺޙަދީޘްކުރައްވާފައިވެއެވެ. އަބޫ ޛައްރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ”ތިމަންބޭކަލުން ރަސޫލުﷲ  ﷺ ގެ އަރިހުގައި ތިއްބަވައިގެން ރަސޫލުﷲﷺ ގެ މިސްކިތްކޮޅާއި ބައިތުލްމަޤްދިސް ގެ ތެރެއިން މާތްވެގެންވަނީ ކޮން މިސްކިތްކޮޅެއްތޯ މަޝްވަރާކުރީމެވެ. އެހިނދު ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. ”ތިމަންކަލޭގެފާނުގެ މިސްކިތުގައިި ކުރާ އެއް ނަމާދު ބައިތުލްމަޤްދިސްގައި ކުރާ ހަތަރު ނަމާދަށްވުރެ މާތްވެގެންވެއެވެ. ނަމާދުކުރާ ތަނެއްގެ ގޮތުން އެތަނުގެ މާތްކަމާއެވެ!“ (ރިވާކުރެއްވީ އަލްޙާކިމް- އަދި އަލްޙާކިމް ވަނީ މިޙަދީޘް ޞައްޙަކުރައްވާފައެވެ. އަދި އައްޛަހަބީއާއި އަލްއަލްބާނީ އެކަމަށް އެއްބަސްވެލައްވާފައިވެއެވެ.)

(މަސްޖިދުއްނަބަވީގައި ކުރާ ނަމާދު އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ 1000 ގުނަ އިތުރުވެގެންވާ ކަމުގައި އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.)

4- އެބިމަކީ އަވަރު ދައްޖާލު ނުވަންނާނެ ބިމެއް ކަމުގައިވުން

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. ”އޭނާ(އެބަހީ:ދައްޖާލު) ޙަރަމާއި ބައިތުލްމަޤްދިސް ފިޔަވައި ދުނިޔޭގެ ހުރިހާތާކަށް ފެތުރިގަންނާނެއެވެ.“ (ރިވާކުރެއްވީ އަޙްމަދު 19665 ، އިބްނު ޚުޒައިމާ އާއި އިބްނު ޙިއްބާން ޞައްޙަކުރައްވާފައިވެއެވެ.)

5- ދައްޖާލު ޤަތުލުކޮށްލެވޭނީ އެތާނގެ ކައިރީގައި ކަމުގައިވުން

ރަސޫލުﷲ ﷺ  ޙަދީޘްކުރެއްވިއެވެ. ”މަރިޔަމްގެފާނުގެ ދަރިކަލުން، ދައްޖާލު ޤަތުލުކޮށްލައްވާނީ ’ލުއްދު‘ ގެ ދޮރުމަތީގައެވެ. (ރިވާކުރެއްވީ މުސްލިމް 9237(

’ލުއްދު‘: އެއީ ބައިތުލްމަޤްދިސްގެ ކައިރީގައިވާ ތަނެކެވެ.

6- ރަސޫލުﷲ ﷺ  އާއިގެން އިސްރާކުރެވުނީ މަސްޖިދުލް ޙަރާމުން މަސްޖިދުލް އަޤްޞާއަށް ކަމުގައިވުން

މާތްﷲ ވަޙީކުރެއްވިއެވެ.“سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ“ (ސޫރަތުލް އިސްރާ 1)

މާނައީ: ”އެކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އެކަލާނގެއީ، المسجد الحرام ން، المسجد الأقصى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންއިލާހު ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.“

7- އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލަ ކަމުގައިވުން

އަލްބައްރާއު ގެ ކިބައިން ރިވާވެގެންވެއެވެ. ”ހަމަކަށަވަރުން ރަސޫލުﷲ   ﷺބައިތުލް މަޤްދިސް އަށް ކުރިމަތިލައްވައިގެން ސޯޅަ ނުވަތަ ސަތާރަ މަހު ނަމާދުކުރެއްވިއެވެ.“ (މުސްލިމް  525(

8- އެއީ ވަޙީ ބާވާލެއްވުނު ތަނެއްކަމުގައިވުން އަދި އެތަައް ނަބިއްޔެއްގެ އުފަންބިން ކަމުގައިވުން

9- އެމިސްކިތަކަށް ދަތުރުހަދައިގެން ދިއުން ހުއްދަ މިސްކިތަކަށްވުން

ރަސޫލުﷲ ﷺ  ޙަދީޘްކުރެއްވިއެވެ. ”ތިން މިސްކިތަކަށް ފިޔަވައި (އަޅުކަމެއްގެ ގޮތުގައި) ދަތުރުހަދައިގެން ދިއުމެއް ނުވެއެވެ. އެއީ މަސްޖިދުލް ޙަރާމާއި މަސްޖިދުއް ރަސޫލު   ﷺ އާއި މަސްޖިދުލް އަޤްޞާއެވެ.“ (އަލްބުޚާރީ 1132(

10- ރަސޫލުﷲ ނަބިއްޔުންނާއިގެން އިމާމުވެ ނަމާދުކުރެއްވި މިސްކިތަކީ މަސްޖިދުލް އަޤްޞާ ކަމުގައިވުން

މިކަންވަނީ އަބޫހުރައިރަތުގެފާނު އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގައި ބަޔާންވެގެންނެވެ.

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.“ދެން ނަމާދު ވަގުތު ވަނުމުން އެބައިމީހުންނާއިގެން އިމާމުވެ ނަމާދު ކުރެއްވީމެވެ.“ (ބައްލަވާ ޞަޙީޙު މުސްލިމުގެ ޙަދީޘް ނަމްބަރު 172)

މާތްﷲ އެމާތް ބިންކޮޅު ޔަހޫދީންނާއި ކާފިރުންގެ އަތްދަށުން ސަލާމަތްކޮށްދެއްވައި އެ ތަނަކީ މުސްލިމުންނަށް އަމާން ތަނެއް ކަމުގައި ލައްވާށިއެވެ!

 

10