ނަޞޭޙަތާއި އިރުޝާދު
ކީރިތި ޤުރުއާނުގެ ބަގީޗާ: سورة الكهف

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
1. ފިތުނަތަކުން ރައްކާތެރިވުން

2. ކަހަފު ސޫރަތުގައި އައިސްފައިވާ ހަތަރު ވާހަކަ
1. ހޮހޮޅައިގެ އަހުލުވެރިންގެ ވާހަކަ
2. ދެ ބަގީޗާގެ ވެރީންގެ ވާހަކަ
3. ޙަޟިރުގެފާނާއި މޫސާގެފާނުގެ ވާހަކަ
4. ޛުލްޤަރުނައިނިގެ ވާހަކަ

3. ވާހަކައާއި ގުޅިފައިވާ ފިތުނަ
ދީނުގެ ފިތުނަ
މުދަލުގެ ފިތުނަ
ޢިލްމުގެ ފިތުނަ
ބާރާއި ވެރިކަމުގެ ފިތުނަ

މި ސޫރަތުގެ މުހިންމު ނުކުތާތައް
1. ދީނުގެ ފިތުނަ
އެބައިމީހުންގެ ރަށުގައި ތިބި އަނިޔާވެރިންގެ ނުބައިކަމާއި ހެދި ދީނަށް އުޅެވެން ނެތުމުން، ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމުގެ ގޮތުން ޒުވާނުންތަކެއް ކުރި މަސައްކަތް މިސޫރަތުގެ 9 ވަނަ އާޔަތުން ފެށިގެން 24 ވަނަ އާޔަތަށް ބަޔާންވެފައިވެއެވެ.
މި އިމްތިޙާނުގައި އެ ޒުވާނުން ﷲ އަށްޓަކައި ހިޖުރަކުރީ އެވެ. ބޭނުމަކީ މިނިވަންކަމާ އެކު ﷲ އަށް އަޅުވެތިވުން މަތީ ދެމިތިބުމެވެ. އެބައި މީހުން ވަނީ ފަރުބަދައެއްގެ ހޮހަޅައަށެވެ. އެއާ އެކު ﷲ ތަޢާލާ ވަނީ އެމީހުން ތިން ސަތޭކަ އެތައް އަހަރެއް ވާންދެން ނިންދުވާފައެވެ. އެ ޒުވާނުން ދެއްކި ހިތްވަރާއި ކެތްތެރިކަމުގެ ނަތީޖާއަކީ މުޅި ރަށް ތައުޙީދުގެ ނޫރުން އުޖާލާކުރުމުގެ މެދުވެރިންނަށް އެ ޒުވާނުން ވެގެންދިއުމެވެ.

2. އުޅޭ މާހައުލުގެ ސަބަބުން މީހާގެ އުޅުމާއި ސުލޫކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ރަހުމަތްތެރިންނާއި ލިބޭ ތަޢުލީމުގެ ބާވަތާއި އަދިވެސް މިފަދަ އެހެން ސަބަބުތަކާއިހެދިވެސް މީހާގެ ދީންވެރިކަމަށް ބަދަލު އާދެއެވެ. އެކި ސަބަބުތަކާއިހުރެ މީހާގެ ދީންވެރިކަމަށް އަރާ ގުޑުންތައް ކުޑަކުރެވޭނެ ގޮތްތައް މިސޫރަތުގެ 27، 28 އަދި 29 ވަނަ އާޔަތުގައި އައިސްފައިވެއެވެ.
އެގޮތްތަކަކީ:
• ހެޔޮލަފާ ޞާލިހު އެކުވެރިންނާއެކު ވަގުތު ހޭދަކުރުން
• އާޚިރަތްދުވަސް މަތިން ގިނަގިނައިން ހަނދާން ކުރުން
• އާޔަތްތަކުގެ މާނަ އާއިމެދު ވިސްނައިފިކުރުކުރަމުން ޤުރްއާން ކިޔެވުން

3. މުދަލާއި ތަނަވަސްކަމުގެ މައްޗަށް އަލިއަޅުވާލާފައިވަނީ ދެބަގީޗާގެ ވެރިންގެ ވާހަކައިގެ ތެރެއިން ލާފައެވެ. މިސޫރަތުގެ 32 ވަނަ އާޔަތުންފެށިގެން 44 ވަނަ އާޔަތާއި ހަމައަށް އައިސްފައިވަނީ 2 ބަގީޗާގެ ވެރިންގެ ވާހަކައެވެ.

4. މުދަލާއި ތަނަވަސްކަމުގެ ފިތުނައިން ސަލާމަތްވާނެ މަގު މިސޫރަތުގެ 45 ވަނަ އާޔަތާއި 46ވަނަ އާޔަތުގައި ބަޔާންވެފައި ވެއެވެ. ފިތުނައިން ސަލާމަތްވާނެ ގޮތަކީ މިދުނިޔެވީ ޙަޔާތުގެ ހަގީގަތް ދަތުމާއި، އުޚުރަވީ ހަޔާތް ބާއްޖަވެރިކުރުވާ ފަދަ ޢަމަލުތަކުގައި މަޝްޣޫލުވުމެވެ.

5. ޢިލްމުގެ ފިތުނައިގެ މައްޗަށް އަލި އަޅުވާލާފައިވަނީ މޫސާގެފާނާއި ޚިޟްރުގެފާނުގެ ވާހަކައިގެތެރެއިން ލާފައެވެ. މިސޫރަތުގެ 60ވަނަ އާޔަތުން ފެށިގެން 82 ވަނަ އާޔަތައި ހަމައަށް އައިސްފައިވަނީ މޫސާގެފާނާއި ޚިޟްރުގެފާނުގެ ވާހަކައެވެ.

6. ޢިލްމުގެ ފިތުނައިން ސަލާމަތްވާނެ ގޮތް މިސޫރަތުގެ 69 ވަނަ އާޔަތުގައި ބަޔާންވެފައި ވެއެވެ. އެއީ ތަވާޟުޢުވެރި ވުމާއިއަދި ތިމާގެ ޢިލްމުގެ ސަބަބުން ބޮޑާވެ ހެއްލިގެން ދިއުމުން ދުރުވެގަތުމެވެ.

7. ވެރިކަމާއި އާރާއިބާރުގެ މައްޗަށް އަލި އަޅުވާލާފައިވަނީ ޛުލްޤަރްނައިނިގެ ވާހަކައިގެ ތެރެއިންލާފައެވެ. މިސޫރަތުގެ 83 ވަނަ އާޔަތުން ފެށިގެން 99ވަނަ އާޔަތަށް އައިސްފައިވަނީ ޛުލްޤަރްނައިނިގެ ވާހަކައެވެ.

8. ވެރިކަމާއި އާރާއިބާރުގެ ފިތުނައިން ސަލާމަތްވާނެ ގޮތް މިސޫރަތުގެ 103 ވަނަ އާޔަތާއި 104 ވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ. އެއީ މާތް ﷲ އަށް އިޙްލާޞްތެރިވުމާއި އާޚިރަތްމަތިން ގިނަގިނައިން ހަނދާންކުރުމެވެ.

މިސޫރަތުން ލިބިދޭ ބައެއް ޢިބްރަތްތައް

1. އިންސާނުންގެ މެދުގައިތަފާތު ބާވަތް ބާވަތްތަކުގެ ހުޅު ރޯކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ އިބްލީސްކަން މި ސޫރަތުގެ 50 ވަނަ އާޔަތުން އެންގެއެވެ. އިބްލީހާއި އިންސާނުންނާއި ދެމެދުގައިވާ ގަދީމީ ދެކޮޅުވެރިކަމުގެ ސަބަބުން އިންސާނުން ތަފާތު ފިތުނަތަކުގައި ޖެއްސުމަށް އިބްލީސް ކެނޑިނޭޅި މަސައްކަތްކުރަމުންދެއެވެ.

2. ﷲ ތަޢާލާ ގެ މަގަށް ރުޖޫޢަ ވުމަށް ނަސޭހަތްތެރިވުމުގެ މުހިންމުކަން މިސޫރަތުގައި އައިސްފައިވާ ވާހަކަތަކުން އެނގެއެވެ. މީގެ އިތުރުން ދީނަށް ދެވޭ ދަޢުވަތުގައިމުޖުތަމަޢުގެ ހުރިހާ ފަންތިއެއްގެ މީސްތަކުން ބައިވެރި ކުރަން ޖެހޭކަން މިވާހަކަ ތަކުން އެނގެއެވެ.
• ކަޙްފުގެ އަހުލުވެރިންގެ ވާހަކައިގައި ޒުވާނުންތަކެއް އެބައިމީހުންގެ ރަށުގެ ރަސްގެފަނާށް އިސްލާމްދީނަށް ދަޢުވަތު ދެއެވެ.
• ދެބަގީޗާގެ އަހުލުވެރިންގެ ވާހަކައިގައި އައިސްފައިވަނީ ދެރަހުމަތްތެރިއެއްގެ މުޢާމަލާތްތަކެވެ. އޭގެން އެކަކު ހެޔޮމަގުން ކަސިޔާރުވެފައިވާ އޭނާގެ އެކުވެރިޔާއަށް ހައްޤުމަގު ބަޔާން ކޮށްދެއެވެ. އަދި އާޙިރަތުގެ މަތިން ހަނދާން ކޮށްދެއެވެ.
• މޫސާގެފާނާއި ޙިޟްރުގެފާނު ވާހަކައިގައި މުދައްރިސެއް ދަރިވަރުންނަށް ނަސޭހަތް ދޭނެގޮތުގެ ބަޔާނެއް އައިސްފައިވެއެވެ.
• ޛުލްޤަރްނައިނި ވާހަކައިގައި ރަސްގެފާނު ރައްޔިތުންނަށް ހެޔޮނަސޭހަތް ދޭނެ ގޮތުގެ ބަޔާނެއް އައިސްފައިވެއެވެ.
3. ކަހްފުގެ އަހުލުވެރިންގެ ނަންތަކެއް މިސޫރަތުގައި ބަޔާންވެފައެއް ނުވެއެވެ. އެކަމަކު އެބައިމީހުން ކުޅަ ޢަމަލުތަކުގެ ޒިކުރާ އަބަދުގެ އަބަދަށް ދަންމަވާފައި ވެއެވެ. އިންސާނާގެ އަގު ބިނާ ވެފައިވަނީ އޭނާގެ ޢަމަލު ތަކުގެ މައްޗަށެވެ. މީހާގެ ނަމާއި، އޭނާގެ ބުރުސޫރައިގެ ރީތިކަމާއި، އެނާގެ ހަސަބާއި ނަސަބަކީ އޭނާގެ އަގާއި ގުޅުންހުރި އެއްޗިއްސއްނޫނެވެ.

4. މިސޫރަތުގައި އައިސްފައިވެއެވެ.
(وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ ۗ أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاءَ مِنْ دُونِي وَهُمْ لَكُمْ عَدُوٌّ ۚ بِئْسَ لِلظَّالِمِينَ بَدَلا)
ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން آدم ގެފާނަށް سجدة ކުރާށެވެ! ދެން إبليس މެނުވީ، އެ އެންމެ ބޭކަލުން سجدة ކުރެއްވޫއެވެ. އެ إبليس ވީ ޖިންނީންގެ ތެރެއިންނެވެ. ދެން އޭނާގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އޭނާ ނުކިޔަމަންތެރިވިއެވެ. ފަހެ، އެ إبليس އާއި، އޭނާގެ ދަރިފަސްކޮޅު، ތިމަންރަސްކަލާނގެ ފިޔަވައި އެހީތެރިން ކަމުގައި ތިޔަބައިމީހުން ހަދަނީ ހެއްޔެވެ؟ އެއުރެންނަކީ، ތިޔަބައިމީހުންނަށްހުރި عدوّ ންނެވެ. އަނިޔާވެރިންނަށްހުރި ބަދަލެއްގެ ނުބައިކަމާއެވެ!

މި އާޔަތާއި މެދު އަލްއިމާމް އިބްން ގައްޔިމް ވިދާޅުވެފައިވެއެވެ.
(ތިމަން ﷲ އިބްލީހާއި ޢަދާވާތްތެރިވީ، އިންސާނުންގެ ބައްޕަ އާދަމުގެފާނަށް ސަޖިދަކުރުމަށް އެންގެވުމުން ސަޖިދަނުކުރުމުންނެވެ. ކަންމިހެންހުރިއިރު، ބައެއް އިންސީން، އިބްލީހާއި ގުޅުން ބަަދަހި ކުރަން ކުރާ މަސައްކަތާއިމެދު ހައިރާންވާންޖެހެއެވެ.)

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
(آتُونِي زُبَرَ الْحَدِيدِ ۖ حَتَّىٰ إِذَا سَاوَىٰ بَيْنَ الصَّدَفَيْنِ قَالَ انْفُخُوا ۖ حَتَّىٰ إِذَا جَعَلَهُ نَارًا قَالَ آتُونِي أُفْرِغْ عَلَيْهِ قِطْرًا)
سورة الكهف 96
ތިމަންނާއަށް ދަގަނޑުގެ އެތިއެތިގަނޑު ގެނެސްދޭށެވެ! ދެން އެ ދެފަރުބަދަ ދޭތެރޭގައި އޮތްތަން އެއްވަރުވީހިނދު، އޭނާ ވިދާޅުވިއެވެ. އެ ދަގަނޑުތައް ދޮންވެ އަލިފާނަށް ވެއްޖައުމަށްދާނދެން ތިޔަބައިމީހުން ފުމޭށެވެ! އޭނާ ވިދާޅުވިއެވެ. ވިރުވާފައިވާ ރަންވަންލޮއި އޭގެމައްޗަށް އޮއްސައިލުމަށް ތިމަންނަޔަށް ގެނެސްދޭށެވެ.

(فَمَا اسْطَاعُوا أَنْ يَظْهَرُوهُ وَمَا اسْتَطَاعُوا لَهُ نَقْبًا)
سورة الكهف 97
ފަހެ، އެ ހުރަހުގެ މަތިން އެއުރެންނަށް އެރުމަކަށް ކުޅަދާނައެއް ނުވިއެވެ. އަދި އެ ހުރަސް ފޫއަޅުވައިލުމަކަށްވެސް، އެއުރެންނަކަށް ކުޅަދާނައެއް ނުވިއެވެ.

القىرطبي ވިދާޅުވެފައިވެއެވެ. ”މި ދެ އާޔަތުން ލިބޭ އެއް ފައިދާއަކީ މުޖުތަމަޢު ފަސާދަކުރާމީހުން ޖަލުތަކުގައި ބަންދުކުރުމަކީ ޖާއިޒުވެގެންވާކަމެއްކަމެވެ.“

މީސްތަކުން ވަޅުލާފައިވާ ތަންތަނުގެ މަތީގައި މިސްކިތާއި ޢިމާރާތްތައް އެޅުމާއި އެފަދަ ތަންތަނުގައ ނަމާދުކުރުމަކީ ހުއްދަކަމެއްނޫނެވެ.
މަރުވެފައިވާމީހުން މިސްކިތުގައި ވަޅުލުމަކީ ނަބިއްޔާ صلى الله عليه وسلم ނަހީކުރައްވާފައިވާ ކަމެކެވެ. އަދި ޤަބުރުމަތީގައި މިސްކިތްތައް އެޅުންވެސް އެކަލޭގެފާނުވަނީ ނަހީކުރައްވާފައެވެ. އަދި އެކަންކުރާ މީހުންނަށް އެކަލޭގެފާނުވަނީ ލަޢުނަތްލައްވާފައެވެ. އެކަމުން ރައްކާތެރިވުމަށާއި އަދި އެއީ ޔަހޫދީންނާއި ނަޞާރާއިންގެ ޢަމަލެއްކަމަށް އެކަލޭގެފާނުވަނީ އަވަހާރަވުމުގެ އާލާސްކަންފުޅުގައިވެސް އަންގަވާފައެވެ. عائشة ރަޟިޔަ ﷲ ޢަންހާގެ އަރިހުން ރިވާވެގެން ވެއެވެ. އެއާލާސްކަންފުޅަކުން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ތެދުވެވަޑައިނުގަންނަވާ އާލާސްކަންފުޅުގައި އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ”އެބައިމީހުންގެ ނަބިއްޔުންގެ ޤަބުރުތައް މިސްކިތްތަކުގެ ގޮތުގައިހެދި ޔަހޫދީންނާއި ނަޞާރާއިންނަށް ﷲ ތަޢާލާ ލަޢްނަތް ލެއްވިއެވެ.“ (صحيح البخاري) ދެން އެކަމަނާ ވިދާޅުވިއެވެ. މި ބަސްފުޅުން އެކަލޭގެފާނުގެ މަޤްޞަދަކީ އެ ޔަހޫދީންނާއި ނަޞާރާއިން އެކުރި ކަންތަކުން އެކަލޭގެފާނުގެ އުއްމަތުގެ މީސްތަކުން ބިރުވެތިކުރެއްވުމެވެ.

0