މިދުނިޔެވީ ޙަޔާތުގައި އަހަރެމެން ހުރިހާ އެންމެވެސް އެންމެ ބޮޑަށް ބޭނުންވާ އެއްޗަކީ ހިތްހަމަ ޖެހުމެވެ. ނަމަވެސް މި ހިތްހަމަޖެހުން ހޯދުމަށްޓަކައި އެކިމީހުން މަސައްކަތް ކުރާގޮތް ވަރަށް ތަފާތެވެ. އެއްބަޔަކީ ﷲ ހަނދުމަކޮށް އެމީހުންގެ ހިތަށް ހަމަޖެހުމާއި ބާއްޖަވެރިކަން ހޯދަން މަސައްކަތް ކުރާ މީހުންނެވެ. ޤުރްއާނުގައި މާތް ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّـهِ ۗ أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ (ސޫރަތުއް ރަޢްދު 28) މާނައީ: “އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟” މާތް ﷲ އަހަރެމެން އިންސާނުން ހައްދަވާފައިވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. ފާފައަކީ ހަޤީޤަތުގައި މި އިންސާނާއަށް އެކަމުގެ ތަކުލީފު އުފުލަން ވަރަށް އުނދަގޫ އެއްޗެކެވެ. އެހެންކަމުން ފާފައިގެ ތެރޭގައި އުޅޭކަމުގައިވާނަމަ އޭނާގެ ހިތް ފަސާދަވެ، މާތް ﷲ އޭނާ ހައްދަވާފައިވާ މަޤްޞަދާއި މުޅިން ޚިލާފުވެއެވެ.
އަލްއިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ “الفوائد” މިނަމުގައި ލިޔުއްވާފައިވާ ފޮތުގައި ފާފައިގެ އަސަރުތަކުގެ ގޮތުގައި ވަރަށް ގިނަ ކަންކަން ބަޔާންކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ؛
- ކަންކަމުގައި ތައުފީޤު ނުލިބުން
ފާފައިގައި ދެމިހުންނަ މީހެއް ކަމުގައިވާނަމަ އެމީހަކަށް އާޚިރަތުގެ ބާއްޖަވެރިކަން ގެއްލޭ ފަދައިން ދުނިޔޭގައި ހޯދަން ބޭނުންވާ ކާމިޔާބީތަކުންވެސް މަޙުރޫމުވެގެން ދެއެވެ. ނަމަވެސް ބައެއް މީހުންނަށް ވިސްނެނީ އިސްލާމީ ޙުދޫދުގެ ތެރޭގައި ހުރުމަކީ ދުނިޔޭގައި ކަންކަން ކާމިޔާބުކުރުމަށް ދަތިތަކެއް ކުރިމަތި ވާނެ ކަމެއްކަމަށެވެ. އަދި މިފަދައިން ފާފައިގެ ތެރޭގައި އުޅުމުގެ ސަބަބުން ހެޔޮޢަމަލުތައް ކުރުމުގެ ތައުފީޤު ގެއްލިގެން ދެއެވެ.
- ރައުޔު ފަސާދަވުން
ކަންކަމުގައި ނިންމާ ނިންމުން ނުވަތަ ކަންކަމުގައި ދޭ ޚިޔާލަކީ ފަސާދަވެފައިވާ ރައުޔެއް ކަމުގައި ވާނައެވެ. އެއީ ދުނިޔެވީ ގޮތުންނާއި އުޚްރަވީ ގޮތުން ބެލިކަމުގައި ވީނަމަވެސްމެއެވެ. ފަހުން އޭނާއަށް ލާބައާއި މަންފާ ލިބޭ ރަނގަޅުގޮތް ނިންމާކަށް ނޭގޭނެއެވެ.
- ޙައްޤުމަގު ނުފެނުން
ކަންކަމުގައި އޭނާއަށް ޙައްޤާއި ބާޠިލު ނޭނގި، ޝަރުޢީގޮތުން ދީނުގައި ކަނޑައެޅިފައިވާ ޙުކުމްތަކަށް ބާޠިލު ހުއްޖަތްތަކުން ރެކެން އުޅެވެއެވެ. މިސާލަކަށް: އެވެނި ބަޔަކުވެސް ފާފަކުރަނީއެވެ. ނުވަތަ ކަނޑައެޅިގެން ފާފައެއް ކުރުންމަތީގައި ދެމިހުރެވެސް ތިމަންގެ ނިޔަތް ރަނގަޅޭ ބުނެފާނެއެވެ. އެހެނީ ޝައިޠާނާ އިންސާއަށް ފާފައަކަށް ދަޢުވަތު ދޭނީ އެ ފާފައެއް އެމީހަކަށް ޒީނަތެއް ކަމުގައި ދައްކައިގެންނެވެ.
- ހިތް ފަސާދަވުން
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. أَلَا وَإِنَّ فِي الْجَسَدِ مُضْغَةً، إذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ؛ أَلَا وَهِيَ الْقَلْبُ (الْبُخَارِيُّ ، وَمُسْلِمٌ) “ހަމަކަށަވަރުން (އިންސާނާގެ) ހަށިގަނޑުގައި މަސްކޮޅެއް ވެއެވެ. އެ މަސްކޮޅު އިސްލާޙުވެއްޖެނަމަ، މުޅި ހަށިގަނޑު އިސްލާޙު ވެދެއެވެ. އަދި އެ މަސްކޮޅު ފަސާދަވެއްޖެނަމަ، މުޅި ހަށިގަނޑު ފަސާދަ ވެދެއެވެ. ދަންނާށެވެ! އެއީ ހިތެވެ.”
- ހަނދާން ބަލިވުން
ފާފައިގެ ތެރޭގައި އުޅޭ ކަމުގައިވާނަމަ ހިތުދަސްކުރުމުގެ ބާރު ދަށްވެގެންދެއެވެ. ޚާއްޞަ މާތް ﷲ އަށް ޛިކުރު ކުރުމާއި ޤުރްއާން ޙިފްޡުކުރުން އުނދަގޫވާނެއެވެ.
- ވަޤުތުގެ ބަރަކާތް ކެނޑިގެން ދިޔުން
އަހަރެމެންގެ ޙަޔާތް ބިނާވެފައިވަނީ ވަޤުތުގެ މައްޗަށެވެ. ފާފަތަކުގައި މީހަކު ދެމިހުންނަ ކަމުގައި ވާނަމަ އޭނާ އެނަގާލަނީ މާތް ﷲ އޭނާއަށް ދެއްވާފައިވާ އަގުހުރި ވަޤުތުތަކެކެވެ. އަދި މިކަމުގެ ސަބަބުން ޙަޔާތުގެ މަޤްޞަދު އޮޅި ދުނިޔެއަށް ފޮނުއްވި ބޭނުން ހަނދާންނެތިދެއެވެ.
- ﷲ އާއި ދެމެދު އޮންނަ ގުޅުން ހީނަރުވުން
އަހަރެމެން އަބަދު އެފަރާތަކަށް ކަންކަމުގައި އެދި ދަންނަވަންޖެހޭ ފަރާތަކީ މާތް ﷲ އެވެ. ނަމަވެސް ފާފައިގައި ދެމިހުންނަ މީހެއް ކަމުގައި ވާނަމަ އެމީހަކަށް އެކަލާނގެއަށް އަދާކުރަންޖެހޭ އަޅުކަންތައްތަކާއި ވާޖިބުތަކަށް އެއްވެސް ފަރުވާލެއް ނުބެހެއްޓުމުގެ ސަބަބުން އެކަލާނގެއާއި އޮންނަންޖެހޭ ގުޅުން ހީނަރުވެގެންދެއެވެ.
- ދުޢާ އިޖާބަނުވުން
ފާފައިގާ ދެމިހުރުމަކީ ދުޢާ އިޖާބަކުރެއްވުމަށް ހުރަސް އަޅާކަމެކެވެ.
- ހިތް ހަރުވުން
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ثُمَّ قَسَتْ قُلُوبُكُم مِّن بَعْدِ ذَٰلِكَ فَهِيَ كَالْحِجَارَةِ أَوْ أَشَدُّ قَسْوَةً ۚ وَإِنَّ مِنَ الْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ الْأَنْهَارُ ۚوَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ الْمَاءُ ۚ وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللَّـهِ މާނައީ: “ދެން އެއަށްފަހުގައި ތިޔަބައިމީހުންގެ ހިތްތައް ގާވެ ހަރުކަށިވިއެވެ. ފަހެ، އެ ހިތްތައް ހިލައެކޭ އެއްފަދައެވެ. ނުވަތަ އެއަށްވުރެވެސް ހަރުކަން ގަދައެވެ. (އެހެނީ) ހަމަކަށަވަރުން، އެއިން ފެން ކޯރުތައް އުފެދިގެން އަންނަ ހިލަ، ހިލަތަކުގެ ތެރެއިންވެއެވެ. އަދި ހަމަކަށަވަރުން، ފަޅިފަޅިވެގެންގޮސް އެއިން ފެން ނިކުންނަ ހިލަވެސް އޭގެތެރެއިން ވެއެވެ. އަދި ހަމަކަށަވަރުން، ﷲ އަށް ބިރުވެތިވުމުގެ ސަބަބުން ތިރިއަށް ފައިބާ ހިލަވެސް އޭގެތެރެއިން ވެއެވެ.” ދީނުގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް އެވާހަކަތަކުން އެއްވެސް އަސަރެއް ނުކުރާ މީހުން އަހަރެމެން ތެރޭގައި އުޅޭތަން އެބަފެނެއެވެ.
- ރޯދި ބަރަކާތުން މަޙްރޫމުވެ، ޢުމުރުގެ ބަރަކާތް ކެނޑުން
މާތް ﷲ ހަނދުމަކޮށް އެކަލާނގެއަށް ޝުކުރުވެރިވާނަމަ ރޯދި ބަރަކާތް އިތުރު ކޮށްދެއްވުމަށް އެކަލާނގެ ވަނީ ވަޢުދުވެ ވޮޑިގެންފައެވެ. ނަމަވެސް ފާފައިގެ މަތީގައި ދެމިހުންނަ މީހެއް ކަމުގައިވަނީނަމަ ރޯދި ބަރަކާތުން މަޙްރޫމްވެ، އޭނާގެ ޢުމުރު ހެޔޮޢަމަލު ކުރުމެއް ނެތި ބޭކާރުގޮތުގައި ނަގާލެވެއެވެ.
- ޢިލްމުން މަޙްރޫމުވެގެން ދިޔުން
ފާފަތަކުގައި ދެމިތިބޭ މީހުން ޝަރުޢީ ކަންތައްތައް ހޯދަން މަސައްކަތެއް ނުކުރާނެއެވެ. އެހެނީ އެކަންކަން ބަލަން ފަށައިފިނަމަ އެމީހަކަށް އެ ޙަރާމްކަންތައްތައް ހުއްޓާލަން ޖެހިދާނެކަމަށް ޖެހިލުންވެއެވެ.
- ދިރިއުޅުން ދަތިވެ، ކަންކަން އުނދަގޫވެގެން ދިޔުން
ވަރަށް ގިނަ މީހުންނަކީ އަބަދުހެން ކޮންމެވެސް ބޮޑު މުޞީބާތެއްގެ ތެރޭގައި އުޅެން ޖެހިފައިވާ ބައެކެވެ. އެއް މުޞީބާތުން މިންޖުވާއިރަށް އަނެއް މުޞީބާތް އައިސް ޖެހެއެވެ.
- ހިތް ނުތަނަވަސް ވުން
ފާފަކުރާމީހާ ފާފަ ކުރާ ހިނދުގައި ފަހަރެއްގައި ހިތުގެ ޣަރީޒާއެއް ފުއްދާލުމުން ޒާތެއްގެ ހިތްހަމަޖެހުމެއް ލިބިދާނެއެވެ. ނަމަވެސް ހަޤީޤީ ހިތްހަމަ ޖެހުމަކީ އެޢަމަލެއްގެ ފަހުން ހިތަށް ލިބޭ ހަމަޖެހުމެވެ. އެހެނީ ފާފައަކީ ހިތް ނުތަނަވަސް ކުރުވާ އެއްޗެކެވެ.
- ނުބައި އެކުވެރިންނާއެކު އުޅެން ޖެހުން
ހެޔޮކަންކަމަށް އަމުރުކުރާ އެކުވެރިން ނުލިބި އަބަދުވެސް ނުބައިކަންކަމަށް ހިތްވަރުދީ ނުބައިކަންކަމުގެ ތެރޭގައި އުޅޭ އެކުވެރިންނާއެކު އުޅެން ޖެހހެއެވެ. އެފަދަ މީހުންނަކީ އެކުގައި އުޅޭމީހުން ހެޔޮ ކަމެއް ކުރާތަން ފެނުނަސް އެކަމަށް މަލާމާތްކުރާ ބައެކެވެ.
ތައުބާވުމާއި ތަޤްވާވެރިކަމާއި ހެޔޮޢަމަލުގެ ސަބަބުން މިދެންނެވި ނޭދެވޭ އަސަރުތަކުގެ އިދިކޮޅު ހެޔޮ އަސަރުފެނިގެންދާކަމަށް ޝެއިޚް ވިދާޅުވެފައިވެއެވެ.
އަޅަމެންނަކީ ފާފައެއް ކުރެވޭ ހިނދު އެކަމަށް ތައުބާވުމަށް އަވަސްވެގަންނަ ބައެއް ކަމުގައި ލައްވާށި! އަދި އެއްވެސް ފާފައެއްގެ މަތީގައި ދެމި ތިބޭ ބައެއް ކަމުގައި އަޅަމެން ނުލައްވާށި!