ޚަބަރު
ޗުއްޓީގައިވެސް ދަރިންނަކީ އަމާނާތެއްކަން ހަނދާން ނައްތާލައިގެން ނުވާނެ – ޚުތުބާ

ޗުއްޓީގައި ވެސް ދަރިންނަކީ މައިންބަފައިނާ ހަވާލުކުރެވިފައިވާ އަމާނާތެއް ކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ” ލޮބުވެތި ޒުވާނުންނޭވެ! ޒުވާން ކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ! ނުރަނގަޅު އެކުވެރިން އިޚްތިޔާރު ނުކުރާށެވެ! އެހެނީ އެފަދަ އެކުވެރިން މަސައްކަތް ކުރާނީ މުންކަރާތްތަކަކީ، ރަނގަޅު ކަންތައް ކަމުގައި ދައްކައިގެން ތިޔަ ކުދިންގެ ސިކުނޑިތަކާއި ކުޅެލުމަށެވެ. ތިޔަކުދިންގެ ދައުރަކަށް ވާންވާނީ އެފަދަ ކަންތައް ހުއްޓުވުމަށް މަސައްކަތްކުރުމެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. “مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإِيمَانِ)”  މާނައީ: “ތިޔަބައިމީހުން ކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ ފަހެ، އެމީހެއްގެ އަތުން އެކަން ބަދަލު ކުރާހުށިކަމެވެ. ފަހެ އެކަން އެގޮތަށް ކުރުމަށް ކުޅަދާނަ ކަން ލިބިގެން ނުވާނަމަ، އެމީހެއްގެ ދުލުން އެކަން ބަދަލު ކުރާހުށިކަމެވެ. ދުލުން އެކަން ކުރުމަށް ކުޅަދާނަކަން ލިބިގެން ނުވާނަމަ، ފަހެ އޭނާގެ ހިތުން އެކަމަށް ނުރުހުންތެރިވާށެވެ. އެއީ އީމާންކަމުގެ އެންމެ ބަލިކަށި މިންވަރެވެ.”

އިތުރަށް ޚުތުބާގައި ބުނެފައިވަނީ ” ލޮބުވެތި މައިންބަފައިންނާއި ބެލެނިވެރިންނޭވެ! ދަރިންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަބައިމީހުންނާ ޙަވާލު ކުރައްވާފައިވާ ވަރަށް އަގު ބޮޑު އަމާނާތަކަށް ވާތީ ޗުއްޓީގެ ތެރޭގައި ވެސް އެކަމުގެ މަތިން ހަނދާން ނައްތާ ނުލާށެވެ! ކީރިތި ރަސޫލާ ޙަދީޘްފުޅުގައި ވަނީ މިފަދައިންނެވެ. “‏ كُلُّ مَوْلُودٍ يُولَدُ عَلَى الْفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ”‏  މާނައީ: “ކޮންމެ ކުއްޖަކު ވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަން މަތީގައެވެ. ފަހެ އެ ކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞާރާ އަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެ ކުއްޖާގެ މައިންބަފައިންނެވެ.” ދަރިން ރަނގަޅު ގޮތުގައި ތަރުބިޔަތު ކުރުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ. ވުމާއެކު ޗުއްޓީގެ ތެރޭގައި ވެސް މިމަސްއޫލިއްޔަތު ހަނދާން ބަހައްޓަން ވާނެއެވެ.”

އިތުރަށް ޚުތުބާގައި ބުނެފައިވަނީ ” ދަރިންނަށް ޞާލިޙު ރަނގަޅު އުޅުމެއް އުޅެން ދަސްކޮށްދޭށެވެ! ބޮޑެތިމީހުންނަށް އިޙްތިރާމު ކުރުމާއި ދިރޭތަކެއްޗަށް އޯގާތެރިވާން ދަސްކޮށްދޭށެވެ! މަގުމަތީގެ އަދަބުތަކާއި މިސްކިތުގެ އަދަބުތައް ފަދަ އަދަބުތައް ދަސްކޮށްދީ އެކަމުގެ މައްޗަށް ތިމާމެންގެ ދަރީން ހޭނުވުމަށް މިފަދަ ދުވަސްތަކުގެ ބޭނުން ހިފާށެވެ! “

0