ނަޞޭޙަތާއި އިރުޝާދު
ދަޢުވަތުގެ މައިދާނުގައި މަސައްކަތްކުރަންވީ ކީއްވެ؟

އިސްލާމީ ދަޢުވަތުގެ މަސައްކަތްކޮށް، މިދީނުގެ ތަޢުލީމު ފެތުރުމަށް މަސައްކަތްކުރުމުގެ އަޖުރު މަތިވެރިކަމުގެ ވާހަކަ ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި ބަޔާންވެފައިވެއެވެ. މޫރިތި ސުންނަތުގައި މިރޮނގުން އެތައް ހަދީޘެއް އައިސްފައިވެއެވެ.

ކަންމިހެންއޮތްއިރު، އެ ފެތުރޭ މަޢުލޫމާތަކީ ރަނގަޅު ޞައްޙަ މަޢުލޫމާތުތޯ ބެލުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އިތުބާރު ހިފޭ ރަނގަޅު ޢިލްމުވެރިންނާއި އެފަދަ ބޭފުޅުންގެ ވެބްސައިޓާއި ބްލޮގް އަދި ޢިލްމީ ދަރުސްތަކާއި ވަޢުޡު ނަސޭހަތް މީސްތަކުންނާއި ހަމައަށް ފޯރު ކޮށްދިނުމާއި ފެތުރުމަށް މަސައްކަތް ކުރުމަކީ ހެޔޮވެގެންވާ ޞަދަގާތެކެވެ. ދަރުމަ ގިނަގުނަވެގެންވާނެ ކަމެކެވެ.

ހެޔޮ ކަންކަމަށް ޢަމުރުކޮށް ނުބައިކަންތައްތައް ނަހީކުރާމީހުންނަކީ ކާމިޔާބުގެ އަހުލުވެރިންކަމުގައި ބަޔާންކުރައްވާ މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿١٠٤﴾

މާނައީ: “ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.”

[3:104]

ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ.

((مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ)) [صحيح مسلم, 133 – 1893]

މާނައީ: ”ހެޔޮ ކަމަކަށް މަގު ދައްކައިފި މީހަކަށް އެކަން ކުރާ މީހާއަށް ލިބޭފަދަ އަޖުރު ހުއްޓެވެ.”

މިސާލަކަށް ތިމާ ފޭސްބުކުގައި ޝެއަރކޮށްފައިވާ ޕޯސްޓެއްފެނި މީހަކު ދަމުނަމާދުކުރަންފަށައިފިނަމަ، ތިމާއަށް ދަމުނަމާދުކުރުމުގެ އަޖުރު ލިބެމުންދާނެއެވެ. ތިމާ މަރުވުމުން މި އަޖުރުތައް ލިބުން ތިބާއަށް ނުހުއްޓޭނެއެވެ. އަދި ކިއެއްތަ، ފައިދާހުރި ޢިލްމު ތިބާ ފަތުރާފައިވާނަމަ، އެކަމުގެ އަޖުރު ތިމާ މަރުވުމަށްފަހުވެސް ލިބެމުންދާނެއެވެ. އެކަން ބަޔާންކުރައްވާ ރަސޫލާ صلى الله عليه وسلم ހަދީސްކުރައްވާފައިވެއެވެ.

((إِذَا مَاتَ الإنْسَانُ انْقَطَعَ عنه عَمَلُهُ إِلا مِنْ ثَلاثةٍ إلا من صَدَقَة جَارِيَة أوَعِلْم يُنْتَفَعُ بِهِ أوَوَلَد صَالِح يَدْعُو لَهُ))  [رواه مسلم/1631]

މާނައީ: ”އިންސާނާ މަރުވުމުން ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް މެދުކެނޑިގެންދެއެވެ. އެއީ ހިނގަހިނގާ ހުންނަ ޞަދަޤާތެއް (ފައިދާ ދެމިގެންވާ ޞަދަޤާތެއް) ނުވަތަ ފައިދާކުރަނިވި ޢިލްމެއް ނުވަތަ އޭނާއަށްޓަކައި ހެޔޮދުޢާ ކުރާ ޞާލިޙް ދަރިއެއްގެ ފުށުން މެނުވީއެވެ.”

އަދިވެސް އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ.

((لأَنْ يَهْدِيَ اللَّهُ بِكَ رَجُلًا خَيْرٌ لَكَ مِنْ أَنْ يَكُونَ لَكَ حُمْرُ النَّعَمِ)) [رواه البخاري 3009]

މާނައީ: ”ހަމަކަށަވަރުން، ތިބާގެ ސަބަބުން އެންމެ މީހަކަށް ﷲ ތަޢާލާ ތެދުމަގު ދެއްކެވުންވެސް، ރަތް ޖަމަލުތަކެއް ލިބުމަށްވުރެވެސް ހެޔޮކަން ބޮޑެވެ.”

*ރަތް ޖަމަލަކީ އެޒަމާނުގެ އެންމެ އަގުހުރި މުދާތަކުގެ ތެރެއިން އެއްމުދަލެވެ.

ހެޔޮ ކަމަކަށް މަގުދެއްކުމުން ޘަވާބު ގިނަގުނަ ވާފަދައިން ނުބައި ކަމަކަށް މަގުދައްކައި އެހީވުމުން ފާފަވެސް އިތުރުވެއެވެ.

ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީސްކުރެއްވިއެވެ.

((وَمَنْ سَنَّ فِي الْإِسْلَامِ سُنَّةً سَيِّئَةً كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَيْءٌ )). [صحيح مسلم، ج 5، ص 198].

މާނައީ: “އިސްލާމްދީނަށް ނިސްބަތްކޮށް ނުބައި ކަމެއް ފަށައިފި މީހަކަށް އެކަން ކުރުމުގެ ފާފައާއި އޭނާއަށް ފަހު އެކަން ކުރާ މީހުންގެ ފާފަ އެމީހުންނަށް އުނިވުމެއް ނެތި އޭނާއަށް ލިބޭނެއެވެ.”

ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަން މަނާކުރުމަކީ އިސްލާމްދީން ރައްކާތެރިކޮށްދޭ ކިއްލާއެވެ. އަދި އެކަމުގެ ސަބަބުން އުއްމަތުގެ ކިބައިން ފިތުނަތަކާއި ފާފަތަކުގެ ނުބައި ފަސާދައިން ދުރުކޮށްދެއެވެ. އަދި އެކަމުގެ ސަބަބުން އިސްލާމްދީނުގެ އަހުލުވެރިން ޝައިޠާނާގެ ރޭވުންތަކުންނާއި އަދި ހަވާނަފުސުގައި ޖެހި ބެހިގެންދިޔުމުން (މަގުފުރެދިގެން ދިޔުމުން) ސަލާމަތްކޮށްދެއެވެ. އަދި ޢަޤީދާއާއި ސުލޫކުތަކާއި އަޚުލާޤު ރައްކާތެރިކޮށްދެއެވެ. އަދި ބޭކާރު ކަންކަމުން ސަލާމަތްކޮށްދެއެވެ. އަދި އެއީ (ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަން މަނާކުރުމަކީ) ދީނުގެ އަޞްލުއެޔާ ގުޅޭ ވަރުގަދަވެގެންވާ ބިނާއެކެވެ.

އުއްމަތްތައް އިޞްލާޙުވުން ވަނީ އެކަމުގެ މަތީގައި ޤާއިމުވުމުގެ މައްޗަށެވެ. އަދި ނިޢުމަތްތައް ރައްކާތެރިކުރުމާއި އަމާންކަން ޤާއިމުވުމާއި ދުޢާ އިޖާބަވުމާއި އަދި ދުޝްމަނުންގެ ރޭވުންތަކުން ސަލާމަތްވެވެން އޮތީީ އެކަމުގެ މަތީގައި ޤާއިމުވެގެންނެވެ. ޙަލްްޤުތަކުންގެ މައްޗަށް އިޙުސާންތެރިކަމާއި އަދި ދަރަޖަތައް އުފުލުން ގުޅިފައިވަނީ އެކަމާއެވެ. އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހުއަށް ދެންނެވުނެވެ. “ދިރިހުރި މައްޔިތަކީ ކޮބައިތޯއެވެ؟. ޖަވާބުދެއްވަމުން ވިދާޅުވިއެވެ. ” އެއީ މުންކަރާތްތައް މަނާނުކުރާ މީހާއެވެ.(ނުބައިކަންކަން މަނާނުކުރާ މީހާއެވެ.)”

އަދި އެއީ އީމާންކަން ފުރިހަމަކަމާއި އަދި (އެމީހެއްގެ) އިސްލާމްކަމުގެ ފުރިހަމަކަން އަންގައިދޭ ދަލީލެކެވެ. އަދި އުއްމަތުގެ މައްޗަށްވާ ލޯތްބާއި އަދި ހެޔޮކަމުގެ މާނަތަކުގެތެރެއިން އެއްމާނައެވެ.  (އެބަހީ: އެކަން ބަޔާންކޮށްދޭ އެއްކަމަކީ އެއީއެވެ) އަދި އެއީ އަޅުތަކުންގެ މައްޗަށް ﷲގެ ރަޙުމަތް ޙާޞިލުވާ ސަބަބުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި އެއީ މުޖުމަތަޢުގެ އެކުވެރިކަމާއި އެއްބަޔަކު އަނެއްބަޔަކަށް އޮންނަ އެހީތެރިކަމާއި ގުޅުން ރަމްޒުކޮށްދޭ ޢަލާމާތެކެވެ. އޭރުން މީސްތަކުންގެ މެދުގައި ހެޔޮކަން ދެމިގެންދާނެއެވެ. އަދި (މީސްތަކުންގެ) ފިޠުރަތުތައް ބިނާވެފައިވަނީ އެކަމުގެ މައްޗަށެވެ. އަދި އެކަމަށް(ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަމަށް މަނާކުރުމަށް) ގޮވާލާ މީސްތަކުންނަށް ލޯބިވުމުގެ މައްޗަށެވެ.

އޭ ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެ. ފަހެ އެމަތިވެރި އަޅުކަން އަދާކުރުމުގެ މައްޗަށް އަދި އެހެންމީހުންނަށް އެކަމުގެ މައްޗަށް ދަޢުވަތު ދިނުމަށް ފަރުވާކުޑަނުކުރައްވާށެވެ. އަދި އެކަމުގެ މައްޗަށް ކެތްތެރިވުމާއި އަދި ގޮވާލެވޭ މީހުންގެ މައްޗަށް ޙިކުމަތްތެރި(ޙިލްމުވެރި) ވާށެވެ. އޭރުން އެބައިމީހުންގެ ހިތްތައް ހެޔޮކަމަށް އެދުންވެރިވާނެތެވެ. އަދި އަޖުރުލިބުންވަނީ އިޚުލާސްތެރިކަމާއި އަދި މަސައްކަތްކުރި މިންވަރުގެ މައްޗަށެވެ. ރުޅިއައުމުގެ މައްޗަށް (ހިތްހަމަ ނުޖެހުމުގެ) މައްޗަށް ރައްކާތެރިވާށެވެ. އަދި ކިޔަމަންތެރިވާ މީހުންގެ މައްޗަށް ޙިކުމަތްތެރިކަމާއިއެކު އަނެއްކާވެސް ނަޞީޙަތްދޭށެވެ.

ފަހެ ނޫޙު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ މައްޗަށް ދަޢުވަތު ދެއްވުމަށް އެއްހާސް އަހަރުގެ ތެރޭން ފަންސާސް އަހަރު ފިޔަވައި ހުރިހާ ދުވަސްތަކެއް ހޭދަކުރެއްވިއެވެ. އެބައިމީހުންނަށް ސިއްރާއި ފާޅުގަޔާއި ރޭގަނޑާއި ދުވާލު ދަޢުވަތު ދެއްވިއެވެ. އިމާމު ނަވަވިއްޔު (ނަވަވީ) ރަޙިމަހުﷲ ބަޔާންކުރައްވައެވެ. “މީހަކަށް ކަމެއް ނޭންގުމުގެ ސަބަބުން (އެނގިފައިނެތުމުގެ ސަބަބުން)، ތަކުލީފުލިބިގެންވާ މީހާގެ މައްޗަށް ހެޔޮކަންކަމަށް އަމުރުކުުރުމާއި އަދި ނުބައިކަންކަން މަނާކުރުން އެކަން ކެނޑިގެން ނުދެއެވެ.”
އަދި ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ މިދީން ޙިމާޔަތްކުރެއްވުމާއި އަދި މިދީނުގެ މައްޗަށް ހިތްތައް ހުޅުއްވަވައިދެއްވުމުގެ މައްޗަށް ޒިންމާވެވޮޑިގަންނަވާފައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(لَيَبْلُغَنَّ هَذَا الْأَمْرُ مَا بَلَغَ اللَّيْلُ وَالنَّهَارُ* وَلَا يَتْرُكُ اللَّهُ بَيْتَ مَدَرٍ وَلَا وَبَرٍ إِلَّا أَدْخَلَهُ اللَّهُ هَذَا الدِّينَ)*أي: ما طلع عليه الليل و النهار. (قول المصنف) رواه أحمد و صححه الألباني

މާނައީ: “ދުވާލާއި ރޭގަނޑު އެތަނެއްގެ މައްޗަށް އަރާއޮއްސޭ ކޮންމެ ތާކަށް މިދީން ފޯރާހުއްޓެވެ. އަދި ﷲ (ސުބުޙާނަހޫ ވަތަޢާލާ) މިދީން ނުވައްދަވާ އެއްވެސް ގެޔެއްނުވާނެއެވެ. އެއީ (ވެލިން ބިނާކޮށްފައިވާ)ގެތަކާއި އަދި (އާދައިގެ ރަށްފުށު، ނުވަތަ ޞަޙަރާތެރޭގެ) ފޭލިގެތައްކަމުގައިވެސް މެއެވެ.” (އެބަހީ: ރަށުތެރެއާއި އަދި ޞަޙަރާތެރޭގައިވާ ރަށްފުށުގައިވާ ގެތަކަށްވެސް، ހުރިހާ ފެންވަރެއްގެ ގެތަކަކަށްވެސް މިދީން ވަންނާނެއެވެ.)

މިދީނުގެ މައްޗަށް ނުވަތަ ޙުކުމްތައް ނުވަތަ ޝަރީޢަތުގެ މައްޗަށް ދެކޮޅުހަދައި ޢަދާވާތްތެރިވެއްޖެ، ކޮންމެ މީހެއްގެ މައްޗަށް މިދީން ގަދަވެގަންނަހުއްޓެވެ.

0