ނަޞޭޙަތާއި އިރުޝާދު
ކަށްވަޅުގައި މުއުމިނު އަޅާއާއި ކާފަރު އަޅާގެ ޙާލު

ﷲ ރުއްސުންލައްވި އަބޫހުރައިރާ ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

މައްޔިތާ ޤަބުރުގައި ބޭއްވެވުމުން އެމައްޔިތާގެ ކައިރިއަށް ދެމަލާއިކަތުން ވަޑައިގަންނަވައެވެ. އެދެމަލާއިކަތުންގެ ކުލު ކަޅުވެފައި ދެ ލޮލުގެ ކުލަ ނޫވެގެންވެއެވެ. އެއިގެ ތެރެއިން އެއްމަލާއިކަތެއްގެ ނަންފުޅަކީ މުންކަރެވެ. އަނެއް މަލާއިކަތާގެ ނަންފުޅަކީ ނަކީރެވެ.

އެ ދެމަލާއިކަތުން އޭނާއާއި ސުވާލު ކުރައްވައެވެ. (ކަލޭމެންގެ ތެރެއަށް ފޮނުއްވިގެންވީ) މިމީހާއާ ބެހޭގޮތުން ކަލޭ ބުނަނީ ކީކޭ ހެއްޔެވެ؟ އެމައްޔިތާ އެއީ މުއުމިނަކު ކަމުގައި ވާނަމަ ޖަވާބުދޭނެއެވެ. [އެއީ ﷲގެ އަޅާ އަދި އެއިލާހުގެ ރަސޫލާއެވެ. ﷲ މެނުވީ އެހެން ޙައްޤު އިލާހަކު ނުވާކަމަށް އަހަރެން ހެކިވަމެވެ. އަދި ހަމަކަށަވަރުން محمد عليه السلامއަކީ ﷲގެ އަޅާކަމަށާއި ރަސޫލާކަމަށްވެސް ހެކިވަމެވެ.

މިއަޑު އައްސަވާފައި މަލާއިކަތުން ވިދާޅުވެއެވެ. ކަލޭ ދޭނީ ތިޔަ ޖަވާބުކަން އަހަރެމެން ދެނެތިބީމުއެވެ. ދެން އޭނާގެ ޤަބުރު ހަތަރު ފަރާތުންކުރެ ކޮންމެ ފަރާތެއް 70 މުށަށް ފުޅާކޮށް ތަނަވަސް ކޮށްދެވެއެވެ. އަދި މުޅި ހިސާބުން ނޫރެއް އަލިކޮށްލެވެއެވެ. ދެން އޭނާއަށް އެންގެވެއެވެ. ކަލޭ ނިދާށެވެ. އެމައްޔިތާ ދަންނަވައެވެ. އާދޭހެވެ! އަޅުގަނޑު ނިދާނީއެވެ. މިވާހަކަ އަޅުގަނޑުގެ ގޭގެމީހުންގެ ކައިރީގައި ބުނެދެއްވާށެވެ. އެދެމަލާއިކަތުން ވިދާޅުވެއެވެ. ކަލޭ ނިދާށެވެ. އެންމެ އުފަލުގައި ނިދާށެވެ. ދެން އޭނާ ނިދައެވެ. ޤިޔާމަތް ދުވަހުން މާތްﷲ އެތަނުން އޭނާ ތެދުކުރައްވަންދެން އަރާމުގެ ނިދިން އޭނާ ނިދާފައި އޮވެއެވެ.

އަދި އޭނާ އެއީ މުނާފިޤަކު ނުވަތަ ކާފިރަކު ކަމުގައިވާނަމަ އޭނާ އެ ދެމަލާއިކަތުންނަށް ޖަވާބުދެއެވެ. އަޅުގަނޑު ބުނާނީ މީސްތަކުން ބުނާތީ އެހިގޮތެވެ. އެ ދެމަލާއިކަތުން ވިދާޅުވިއެވެ. ކަލޭދޭނީ ތިޔަ ޖަވާބުކަން ރަނގަޅަށް އަހަރެމެން ދެނެތިބީމެވެ. ދެން ބިމަށް ﷲގެ ޙުކުމްފުޅު އަންނާނެއެވެ. އޭނާ ފިއްތާލުމަށެވެ. ކޮންމެއަކަސް ބިންގަނޑު ދެފަރާތުން އައިސް ޖެހިބާރުވެ އޭނާ ފިއްތާލުމުން އޭނާގެ ދެފަރާތުގެ އަރިތަށީގެ ކަށިތައް އެއްފަރާތުން އަނެއް ފަރާތަށް ހިނގައިދެއެވެ. މިގޮތަށް ޤިޔާމަތާ ހަމައަށް އޭނާ ޢަޛާބު ލިބިލިބި އޮވެއެވެ. (މިޙަދީޘް ރިވާވެގެން ވަނީ މިޝްކަވާތުއެވެ.)

މި ޙަދީޘްތަކުން އެނގި ބަޔާންވެގެންވާ ގޮތުގައި މުއުމިނު އަޅާ ކަށްވަޅުގައި ވާނީ އުފަލާއި ނިޢުމަތުގައެވެ. އޭނާއަށް ލިބިފައިވާ ނިޢުމަތުގެ ބޮޑުކަމުން ނަމާދުކުރުމުގެ ޚިޔާލު ބޮޑުވިއެވެ. މަލާއިކަތުންގެ ސުވާލަށް ޖަވާބު ދިނުމުގައި ޖެހިލުމަކާ ނުލައި އެކަމާ ކުރިމަތިލީއެވެ. އަދި ތިމާގެ ރަނގަޅު ޙާލު ފެނިފައި އަހުލު ވެރިންނަށް އުފާވެރިކަމުގެ ޚަބަރު ދިނުމަށްޓަކައި ދިޔުމަށްއެދި މަލާއިކަތުންނަށް ދަންނަވައެވެ. އަދި ތިމާގެ ނަތީޖާ ރަނގަޅުކަން ފެނުމުން އުފަލުން ކުރާނެކަމެއް ނޭގި އަވަހަށް ޤިޔާމަތްދުވަސް ގެންދެވުމަށްއެދި ﷲއަށް ދެންނެވިއެވެ. ޝައުޤުވެރިވަނީ އަވަހަށް ސުވަރުގެ ވަނުމަށެވެ. އިބްރާހީމް ސޫރަތުގައި ﷲ ވަޙީކުރައްވާ އަންގަވާފައިވާ ފަދައިންނެވެ. ﴿يُثَبِّتُ اللَّـهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۖ﴾ سورة ابراهيم: ٢٧  މާނައީ: (އީމާން ވެގެންވާ މީހުންނަށް ދުނިޔޭގެ ދިރިއުޅުމުގައްޔާއި އާޚިރަތުގައި ﷲ ހަރުދަނާ ބަހުން (ޝަހާދަތުގެ ދެކަލިމައިން) ވަރުގަދަކަމާއި ސާބިތުކަން ދެއްވައެވެ.)

ﷲގެ ޙަޟްރަތުގައި އަޅުގަނޑުމެން ދުޢާ ކުރަންވީ ކަށްވަޅުގެ ސުވާލުގެ ވަގުތުގައި ޘާބިތުކަން ދެއްވުން އެދިއެވެ. ކަށްވަޅަކީ އާޚިރަތުގެ ދަތުރުގެ އެންމެ ފުރަތަމަ މަންޒިލެވެ. އެއިން ސަލާމަތްވެއްޖެމީހާއަކީ ހަމަކަށަވަރުންވެސް ބާއްޖަވެރިއެކެވެ. އެކަށްވަޅުގެ ފިތުނައިން ސަލާމަތް ނުވެވިއްޖެ މީހާއަކީ ކަނޑައެޅިގެންވާ އަބާއްޖަވެރިއެކެވެ.

ﷲތަޢާލާ އަޅުގަނޑުމެން އެންމެންނަކީ މުސްލިމުންގެ ގޮތުގައި ދިރިއުޅެ، މުސްލިމުންގެ ގޮތުގައި މަރުވެ، އެއިލާހާ ބައްދަލުވާ ދުވަހު އެތަނުގައި ދާއިމަށް ދެމިތިބޭ ގޮތުގައި ނިޢުމަތުގެ ގޮވަތި ސުވަރުގެއަށް ވަދެވޭ މީހުން ކަމުގައި ލައްވާށިއެވެ. ދުނިޔޭގައްޔާއި ކަށްވަޅުގައި ސާބިތުކަން ދެއްވާށިއެވެ. އާމީން.

 

މަސްދަރު: ނޫރުލް އިސްލާމް

0