ދީން
ސުވަރުގެއިން ކަންޒެއް ހޯދަން ބޭނުންތަ؟

ސުވަރުގެއިން ކަންޒެއް ހޯދަން ބޭނުން ހެއްޔެވެ؟ ވަރަށް ފަސޭހަ ކަމެކެވެ. މި ޙަދީޘްފުޅު ކިޔާލާށެވެ!

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((لاَ حَوْلَ وَلاَ قُوَّةَ إِلَّا بِاللَّهِ، فَإِنَّهَا كَنْزٌ مِنْ كُنُوزِ الجَنَّةِ)) [رواه البخاري ومسلم]

މާނައީ: ”ފަހެ ހަމަ ކަށަވަރުން لاَ حَوْلَ وَلاَ قُوَّةَ إِلَّا بِاللَّهِ އަކީ ސުވަރުގޭގެ ކަންޒުތަކުން ކުރެ ކަންޒެކެވެ.”

لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ

މި ޛިކުރުގެ މާނައަކީ “އެއްވެސް އާރެއް ބާރެއް މާތް ﷲ ގެ ވާގިފުޅާއެކުގައި މެނުވީ ނުވެއެވެ.”

މި ޛިކުރު ގިނަގިނައިން ކިޔުމަށް އެތަކެއް ޞަޙާބީންނަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ވަޞިޔަތް ކުރައްވާފައެވެ. އަދި މި ޛިކުރަކީ ސުވަރުގޭގެ ޚަޒާނާތަކުގެ ތެރެއިން ޚަޒާނާއެއް ކަމުގައިވެސް ޙަދީޘްކުރައްވެއެވެ. މި ޛިކުރު ގިނަގިނައިން ކިޔައިފިނަމަ، މާތް ﷲގެ ޙަޟުރަތުން ތިބާއަށް ގިނަގުނަ ނިޢްމަތްތަކާއި ބަރަކާތް އޮހިގެންދާތަން ތިބާއަށް ފެންނާނެކަން ކަށަވަރެވެ.

އަބޫ މޫސާ އަލްޢަޝްޢަރީ ރަޟިޔالله ޢަންހު ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ތިމަން ކަލޭގެފާނަށް ޙަދީޘް ކުރެއްވިއެވެ. ”ސުވަރުގޭގެ ކަންޒުތަކުގެ ތެރެއިން ކަންޒެއް ކަމުގައި ހިމެނޭ ކަލިމައެއް ދަސްކޮށްދެއްވަން ހެއްޔެވެ؟“ ތިމަން ދެންނެވީމެވެ. ”އާދޭހެވެ!“ ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.“(އެއީ) لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ (އެވެ.)“

لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ “ މި ޒިކުރުގެ ތަފްޞީލަކީ ކޮބައިތޯ؟
ޢަރަބި ބަހުގައި “ الحَوْلُ “ ގެ މާނައަކީ ޙަރަކާތެވެ. ނުވަތަ އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލު ވުމެވެ. އަދި “ القُوَّةُ “ ގެ މާނައަކީ ބާރެވެ. އެހެންކަމުން މިޒިކުރުގެ މުރާދަކީ؛ ހިތާމަވެރިކަމުންނާއި، ފާފަކުރުމުންނާއި، ނުކުޅެދުންތެރިކަމުންނާއި، ފަޤީރުކަމުންފަދަ އެންމެހާ ޙާލަތްތަކުން ރަނގަޅު ޙާލަތްތަކަށް ބަދަލުވެވޭހުށީ، އަދި އެ ބަދަލުވުމުގެ އާރާއިބާރު ވަނީ ހަމައެކަނި الله ގެ ޙަޟްރަތުންނެވެ


މަޞްދަރުތައް:
އެޓޯލްނިއުސް
موقع جمعية السلف

0