ނަޞޭޙަތާއި އިރުޝާދު
ޤުރުއާނުގެ މާތްކަމާއި މަތިވެރިކަން
އެންމެ ހެޔޮ ބަހަކީ ﷲ ގެ ބަސްފުޅެވެ. ޤުރުއާނަކީ ﷲ ގެ ބަސްފުޅެވެ. އަދި މުއުމިނުންގެ ދުސްތޫރެވެ. އަދި ތަޤުވާވެރިންގެ ރޫޙީ ޣިޛާއެވެ. އަދި ޢާލަމްތަކުގެ ހިދާޔަތެވެ. އަދި އަޅުތަކުން އުޅެންވީ ގޮތުގެ އިލާހީ ޤާނޫނެވެ. ޤުރުއާން ކިޔެވުމަކީ އަޅުކަމެކެވެ. އަދި ކިޔަވައިދިނުމަކީވެސް އަޅުކަމެކެވެ. ޤުރުއާނުގެ ޢިލްމު ލިބިއްޖެ މީހާ ދަންނައެވެ. ފަހެ އޭނާއަށް ދެދުނިޔެ ބާއްޖަވެރިވެއްޖެކަން ކަށަވަރެވެ. އަދި އޭގެ ޢިލްމުން މަޙްރޫމް ވެއްޖެ މީހާ ދަންނައެވެ. ފަހެ އެތައް ހެވަކުން އޭނާ މަޙްރޫމްވެއްޖެކަން ކަށަވަރެވެ.

މާތްﷲ ރުއްސުންލެއްވި ޢުޘްމާނުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلّى الله عليه وسلّم، حديث ފުޅުކުރެއްވިއެވެ.” خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ ” (رواه البخاري) މާނައީ: ” ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ ޤުރުއާން އުނގެނި އެޤުރުއާން އުނގަންނައިދޭ މީހާއެވެ.” ފަޚުރުވެރިވުމެއް ނެތި ޤުރުއާން ރީތިކޮށް ކިޔެވުމަށާއި ތަޖުވީދަށް ކިޔެވުމަށް رسول الله صلّى الله عليه وسلّم ވަރަށް ބާރު އަޅުއްވާފައިވެއެވެ. މާތްﷲ ރުއްސުންލެއްވި أُبَيُّ بن كَعْب އަކީ ޞަޙާބީންގެ ތެރޭގައި ހުންނެވި އެންމެ މަޝްހޫރު ޤާރީއެވެ. އެއްދުވަކު އެކަލޭގެފާނަށް رسول الله صلّى الله عليه وسلّم، حديث ފުޅު ކުރެއްވިއެވެ. ” ހަމަކަށަވަރުން الله تعالى، ތިބާގެ ކުރިމަތީގައި ޤުރުއާން ކިޔަވައި ވިދާޅުވުމަށް ތިމަންކަލޭގެފާނަށް އަމުރުކުރައްވައިފިއެވެ. أبيّ بن كعب ވިދާޅުވިއެވެ. الله تعالى ހަމަ އަހުރެންގެ ނަންގެންނެވިތޯއެވެ؟ ޙަދީޘްފުޅުކުރެއްވިއެވެ. އާއެކެވެ. أبيّ بن كعب ވިދާޅުވިއެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އަހުރެންގެ ނަން ހަމަ ޛިކުރުކުރެވިއްޖެތޯއެވެ؟ ޙަދީޘްފުޅުކުރެއްވިއެވެ. އާއެކެވެ. އެހިނދު أبيّ އެކަމަށް އުފާފުޅު ކުރައްވާ ދެލޯފުޅުން ކަރުނަ އެޅުއްވިއެވެ.” އެހެން ރިވާޔަތެއްގައި ވެއެވެ. ” އެހިނދު އެކަލޭގެފާނު އެކަމަށް އުފާފުޅު ކުރައްވާ ކީރިތިކުރައްވަން ފެއްޓެވިއެވެ.” (متّفق عليه) އިސްވެދިޔަ ޙަދީޘްފުޅު، ރީތިކޮށް ޤުރުއާން ކިޔެވުމުގެ މާތްކަމުގެ މައްޗަށް އިޝާރަތް ކުރެއެވެ. ފަހެ ޤުރުއާން ކިޔެވުމުގެ މާހިރުކަން ޙާޞިލްކުރުން މުސްތަޙައްބު ވެގެންވެއެވެ. ނަމަވެސް ދެއްކުންތެރިކަމެއް އަދި ފަޚުރުވެރިވުމެއް އެކަމުގައި ނުވާނަމައެވެ. رسول الله صلّى الله عليه وسلّم، حديث ފުޅު ކުރައްވާފައިވެއެވެ. ” الماَهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ ” (متّفق عليه) މާނައީ: ” ޤުރުއާން ކިޔެވުމުގައި މާހިރުމީހާ ވާހުށީ ވަޙީ ލިޔުއްވާ މާތް މަލާއިކަތުންނާ އެކުގައެވެ.” ރީތިކޮށް ރާގުގައި ޤުރުއާން ކިޔެވުމަކީ ޤުރުއާނުގެ އަޘަރު އިތުރު ކޮށްދޭ ކަމެކެވެ. ނަމަވެސް ރާގުގައި ކިޔަވާއިރު ނަފްސަށް ތަކުލީފު ދީގެން ކިޔެވުން ރަނގަޅުވެގެން ނުވެއެވެ.ކީރިތި ޤުރުއާނަކީ ﷲ ގެ ކަލާމްފުޅެވެ. އެކަލާނގެ ކަލާމްފުޅު ރިވެތިކޮށް، ތަޖުވީދުގެ މަގުން، ތަރުތީލުކޮށް ކިޔެވެނިކޮށް އަޑުއެއްސެވުމަށް އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ. رسول الله صلّى الله عليه وسلّم، حديث ފުޅުކުރައްވާފައިވެއެވެ.” ماَ أَذِنَ اللهُ لِشَيْءٍ ماَ أَذِنَ لِنَبِيٍّ يَتَغَنَّى بِالْقُرْآنِ ” (متّفق عليه) މާނައީ: ” الله تعالى،އެކަލާނގެ ނަބިއްޔާ ރާގުގައި ޤުރުއާން ކިޔަވައި ވިދާޅުވަނިކޮށް ޝައުޤުވެރިކަމާއެކު އައްސަވައިވޮޑިގެންވާވަރަކަށް އެހެންއެއްޗަކަށް ޝައުޤުވެރިކަމާއެކު އައްސަވައިވޮޑިނުގަންނަވައެވެ.” ޤުރުއާން ކިޔަވާއިރު ރާގެއްނެތިއްޖެނަމަ ޤުރުއާނުން، މީސްތަކުންގެ ހިތްތަކަށް ކުރަންޖެހޭ ފުރިހަމަ އަޘަރެއް ނުކުރާނެއެވެ. އެއާޚިލާފަށް ތަޖުވީދުގެ މަގުން ތަރުތީލުކޮށް ރީތި ރާގެއްގައި ޤުރުއާން ކިޔަވައިފިނަމަ މީސްތަކުންގެ ހިތްތަކަށް ފުރިހަމައަށް އަޘަރުކުރާނެއެވެ. ޤުރުއާން، ރިވެތިކޮށް ރާގުގައި ކިޔެވުމަށް رسول الله صلّى الله عليه وسلّم ވަރަށް ބާރުއަޅުއްވާފައި ވެއެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ” لَيْسَ مِنَّا مَنْ لَمْ يَتَغَنَّ بِالْقُرْآنِ ” (رواه البخاري) މާނައީ: ” ރިވެތިކޮށް ރާގުގައި ޤުރުއާން ނުކިޔަވާ މީހާ ފަހެ އަހުރެމެންގެ ތެރެއިން ނުވެއެވެ.” ފަހެ ޤުރުއާން ރިވެތިކޮށް ކިޔެވޭއިރު ޤުރުއާން އަޑުއެއްސެވުމަށްޓަކައި މަލާއިކަތްބޭކަލުން ވަޑައިގަނެތެވެ. މާތްﷲ ރުއްސުންލެއްވި أبو سعيد الخدري ރިވާކުރެއްވިއެވެ. ” ހަމަކަށަވަރުން أُسَيْدُ بن حُضَيْر ވިދާޅުވިއެވެ. އެއްރެއަކު އެކަލޭގެފާނު ބަޤަރާ ސޫރަތް ކިޔަވާވިދާޅުވާން ފެއްޓެވިއެވެ. އަދި އެވަގުތު އެކަލޭގެފާނުގެ އަސްވެސް ވަނީ އެކަލޭގެފާނުގެ ކައިރީގައި ބަނދެފައެވެ. ހަމަ އެހިނދު އަސް ތެޅިފޮޅެން ފަށައިފިއެވެ. ދެން އެކަލޭގެފާނު ކިޔެވުން ހުއްޓައިލެއްވިއެވެ. ދެން އަސްވެސް މަޑުމައިތިރި ވެއްޖެއެވެ. ދެން އެކަލޭގެފާނު އަލުން ކިޔަވަން ފައްޓަވައިފިއެވެ. ހަމަ އެހިނދު އަނެއްކާ އަސް ތެޅިފޮޅެން ފަށައިފިއެވެ. ދެން އެކަލޭގެފާނު އަނެއްކާ ކިޔެވުން ހުއްޓައިލެއްވިއެވެ. ދެން އަސްވެސް އަލުން މަޑުމައިތިރި ވެއްޖެއެވެ. ދެން އަނެއްކާ ކިޔަވަން ފެއްޓެވިއެވެ. ހަމަ އެހިނދު އަނެއްކާ އަސް ތެޅިފޮޅެން ފަށައިފިއެވެ. ދެން އެކަލޭގެފާނު އަހުގެ ގާތަށް ވަޑައިގެން ބައްލަވައިލެއްވިއިރު އެކަލޭގެފާނުގެ ދަރިފުޅު، ޔަޙްޔާ ވަނީ އެއަހުގެ ކައިރީގައި ނިދާފައެވެ. ދަރިފުޅުގެ ގައިމައްޗަށް އަސް އަރައިފާނެތީ أُسَيد ބިރުފުޅުގަތެވެ. ދެން ހަމަ އެވަގުތު އެކަލޭގެފާނު، އަހުގެ ކައިރިން ދަރިފުޅު ދުރުކުރެއްވުމަށް ފަހު އިސްތަށިފުޅު އުފުއްލަވާ އުޑާ ދިމާލަށް ބައްލަވައިލެއްވިއެވެ. އެހިނދު އެކަލޭގެފާނަށް ފެނިވަޑައިގަތީ ކުޑަ ވިލާކޮޅެއް ފަދަ އެއްޗެކެވެ. އެވިލާކޮޅުގައި ބައްތިތަކެއް ފަދައިންވާ އެއްޗެހިތަކެއްވެސް ވެއެވެ. ދެން ހެނދުން ވުމުން އެކަލޭގެފާނު رسول الله صلّى الله عليه وسلّم ގެ އަރިހަށް ވަޑައިގެން އެރޭ އެކަލޭގެފާނަށް ފެނިވަޑައިގަތް ކަންތައްތަކުގެ ވާހަކަ ކިޔައިދެއްވިއެވެ. رسول الله صلّى الله عليه وسلّم، حديث ފުޅުކުރެއްވިއެވެ. އޭ ابن حُضَير އެވެ! ކަލޭގެފާނު ކިޔަވައިވިދާޅުވިނަމައެވެ. އޭ ابن حُضَير އެވެ! ކަލޭގެފާނު ކިޔަވައިވިދާޅުވި ނަމައެވެ. أُسَيد ވިދާޅުވިއެވެ. އެއަސް އަހުރެންގެ ދަރިފުޅު، ޔަޙްޔާގެ ގައިމައްޗަށް އަރައިފާނެތީ އަހުރެން ބިރުގަތީއެވެ. އެކުއްޖާ އޮތީ އަހުގެ ކައިރީގައި ނިދާފައެވެ. އަދި އަހުރެން އެކުއްޖާ ދުރުކުރުމަށްޓަކައި އެކުއްޖާގެ ކައިރިއަށް ދިޔައީމެވެ. އަދި އަހުރެން މައްޗަށް ބަލައިލީމެވެ. އެހިނދު އަހުރެންނަށް ފެނުނީ ވިލާކޮޅެއްފަދައިންވާ އެއްޗެކެވެ. އޭގައި ބައްތިތަކެއް ފަދައިންވާ އެއްޗެހިތަކެއްވެސް ހުއްޓެވެ. ދެން ލޮލުކޮޅަށް އޮބަންދެން އަހުރެން ބަލަހައްޓައިގެން ހުރީމެވެ. ދެން رسول الله صلّى الله عليه وسلّم، حديثފުޅުކުރެއްވިއެވެ. އެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ހެއްޔެވެ؟ أُسَيد ދެންނެވިއެވެ. ނޫނެކެވެ. رسول الله صلّى الله عليه وسلّم، حديثފުޅުކުރެއްވިއެވެ. އެއީ މަލާއިކަތުންނެވެ. އެބޭކަލުން ކައިރިވަމުން އެއައީ ކަލޭގެފާނުގެ ޤުރުއާން ކިޔެވުމުގެ އަޑު އެއްސެވުމަށެވެ. ކަލޭގެފާނު ހުޓައި ނުލައްވާ ކިޔަވައިވިދާޅުވިނަމަ ހެނދުނު އެއްވެސް ހުރަހަކާ ނުލައި މީސްތަކުންނަށްވެސް އެމަލާއިކަތްބޭކަލުން ފެނުނީހެވެ.” (متّفق عليه)

ކީރިތި ޤުރުއާނަކީ މުޢްޖިޒާތެކެވެ. ހިތުގެ ބަލިތަކަށްވާ ޝިފާއެކެވެ. ހިތަށް މަޑުމައިތިރިކަން ގެނެސްދޭ އެއްޗެކެވެ. މާތްﷲ ރުއްސުންލެއްވި براء بن عازب ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މީހަކު ކަހްފު ސޫރަތް ކިޔަވަން ފެށިއެވެ. އެވަގުތު އޭނާގެ ކައިރީގައި ދެ ވާގަނޑުން ބަނދެފައި އޮތް އަހެއްވެސް އޮތެވެ. ދެންފަހެ ވިލާގަނޑެއް މަތިކޮށްފިއެވެ. އެވިލާގަނޑު ފަހަރެއް ފަހަރަކަށްވުރެ ކައިރިވާން ފެށިއެވެ. ދެން އެއަސް ތެޅެން ފަށައިފިއެވެ. (އެކަން އެގޮތަށް ހިނގާފައިވަނިކޮށް) ހެނދުންވުމުން އެމީހާ رسول الله صلّى الله عليه وسلّمގެ އަރިހަށް އައެވެ. އަދި އެހިނގި ކަންތައްތަކުގެ ވާހަކަ ކިޔައިދިނުމުން رسول الله صلّى الله عليه وسلّم، حديث ފުޅު ކުރެއްވިއެވެ. އެއީ ޤުރުއާނުގެ ސަބަބުން ފޭބި ހިތްހަމަޖެހުމެވެ.
………..

މަޞްދަރު: ދި ސަލަފިއްޔާ

1