ނަޞޭޙަތާއި އިރުޝާދު
ފޭސްބުކް – އިސްލާމްދީނުގެ ޢިލްމު ފެތުރުމުގައި ބޭނުންކުރައްވާށެވެ.

ހެޔޮކަމަކަށް މީހަކަށް މަގުދައްކައިފި މީހަކަށް، އެހެޔޮކަން ކުރާ މީހާއަށް ނުވަތަ އެހެޔޮކަން ކުރާ މީހުންނަށް ލިބޭ މިންވަރަށް ސަވާބާއި ދަރުމަލިބޭނެއެވެ. އެއީ އެހެޔޮކަން ކުރާ މީހުންގެ ސަވާބާއި ދަރުމައިން އެއްވެސް މިންވަރެއް އުނިނުވާ ޙާލުގައެވެ.

މިއީ ނަބަވީ އިރުޝާދެކެވެ. މިބަސްފުޅާއިމެދު އެއްވެސް ޝައްކެއް ނެތެވެ. ސަބަބަކީ މިއީ އެބޭކަލެއްގެ ދޫފުޅުން ބޭރުވާ ކޮންމެ ބަސްފުޅަކީ ﷲގެ ވަޙީއެއް ކަމަށް ﷲ އަންގަވާފައިވާ، މިއުއްމަތުގެ މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅެވެ. އައްނަޖްމު ސޫރަތުގެ ކުރީކޮޅުގެ އާޔަތްތަކުގައި މިކަންވަނީ ބަޔާންކުރައްވާފައެވެ.

ކޮންމެއަކަސް މަތީގައި ބަޔާންވެދިޔަ ނަބަވީ އިރުޝާދާމެދު ވިސްނާލަމާ ހިންގަވާށެވެ! މީހަކަށް ހެޔޮ ކަމެއް ކުރާނެގޮތް ދަސްކޮށްދީފި މީހަކަށް، ނުވަތަ މީހަކަށް ހެޔޮ ކަމެއް ކުރެވޭނެ މަގު ފަހިކޮށްދީފި މީހާއަށް، އެހެޔޮކަން ކުރާމީހާއަށް ލިބޭމިންވަރަށް ސަވާބާއި ދަރުމަ ލިބޭނެއެވެ. އެ ހެޔޮކަން އޭނާ އަދި ނުކުރަނީސް އެހެން މީހަކަށް ނުވަތަ ބަޔަކަށް އެކަމަށް މަގުފަހިކޮށްދިނީތީއެވެ. ހެޔޮކަން ކުރިމީހާގެ ސަވާބުން އެއްވެސް މިންވަރެއް އުނިނުވާ ހާލުގައެވެ.

މިއީ އުފާވެރި ޚަބަރެކެވެ. މިސާލަކަށް މިއަދު އަޅުގަނޑުމެންގެ ތެރެއިން މީހަކު އޭނާގެ ދަރިއަކަށް ނުވަތަ އެއްބަނޑު މީހަކަށް ނުވަތަ އެހެންވެސް މީހަކަށް ނަމާދުކުރާނެ ގޮތް ދަސްކޮށްދިނީއެވެ. އޭގެ ރުކުންތަކާއި ވާޖިބުތަކާއެކު ފުރިހަމަ ނަމާދެއް އަދާކުރާނެ ގޮތެވެ. ނުވަތަ ވުޟޫކުރަން ނޭނގޭ މީހަކަށް ވުޟޫކުރަން ދަސްކޮށްދިނީއެވެ. ނުވަތަ …… މިފަދަ ކޮންމެވެސް ހެޔޮކަމަކަށް މަގުދެއްކީއެވެ.

ދަސްކޮށްދެވުނު މީހާ އޭނާގެ ޙަޔާތުގައި ވުޟޫކުރާ ކޮންމެ ފަހަރަކު، އޭނާ ވުޟޫކުރުމުން ލިބޭ ސަވާބާއި ދަރުމައިން އެއްވެސް މިންވަރެއް އުނިނުވާ ޙާލުގައި އެދަސްކޮށްދިން މީހާއަށް ލިބޭނެއެވެ. ހަމަ އެގޮތަށް ނަމާދެވެ. ނުވަތަ އެހެން ކޮންމެވެސް ހެޔޮ ކަމެކެވެ.

އިންސާނާ މަރުވެ ކަށްވަޅަށް ދިޔުމަށްފަހުވެސް އޭނާގެ ޢަމަލުގެ ފަތަށް ހެޔޮކަން އިތުރުވެގެންދާ ތިންކަމެއްވާކަން ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްވަނީ ދަސްކޮށްދެއްވާފައެވެ. އެއީ؛ ދެމިގެން ވާ ޞަދަޤާތެކެވެ. ނުވަތަ ފައިދާކުރަނިވި ޢިލްމެކެވެ. ނުވަތަ އޭނާއަށްޓަކައި ދުޢާކުރާނެ ޞާލިޙު ދަރިއެކެވެ.

މިހެން ކަމުން ފައިދާހުރި ޢިލްމު ފެތުރުމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރެވޭތޯ ބަލަންޖެހޭނެއެވެ. ސަބަބަކީ އަޅުގަނޑުމެންނަކީ، މަރުވާނޭ އިރެއް ނޭނގޭ އިރުވެސް ފާފައިގެ މަތީގައި ދެމިތިބެވޭ ފާފަވެރިންތަކެއް ކަމުގައި ވާތީއެވެ. ﷲގެ ރަޙްމަތަށާއި ފާފަފުއްސެވުމަށާއި އެއިލާހުގެ ސަވާބާއި ދަރުމައަށް އިންތިހާއަށް ބޭނުންޖެހިފައިވާ ބަޔަކަށް ވާތީއެވެ. މިއަދު މަޢުލޫމާތުގެ ރަސްމަގުގެ ޛަރީޢާއިން އަޅުގަނޑުމެންނަށް ވަނީ ދީނުގެ ޢިލްމު ފެތުރުން ވަރަށް ފަސޭހަކަމަކަށް ވެފައެވެ.

ސަވާބާއި ދަރުމަ ހޯދުމަކީވެސް ފަސޭހަކަމެއް ކަމުގައި ވެއެވެ. ނަމަވެސް… އެކަން ކުރާމީހުން މަދެވެ. އެކަން ކުރުމުގެ ތައުފީޤް ލިބޭ މީހުން މަދެވެ. އިޚްލާޞްތެރިން މަދެވެ.

ކޮންމެއަކަސް ފަހުގެ ތާރީޚުގައި އިންޓަނެޓުގައި ގިނަ ބަޔަކު އެކުލެވޭ ކޮމިއުނިޓީ ފޯރަމެއްގެ ގޮތުގައި މަޝްހޫރުވެފައިވަނީ ފޭސްބުކެވެ. އެއީ އެބޭނުން ކުރުން ފަސޭހަވެފައި ގިނަ ބަޔަކަށް އެއްތަނަކުން އެއްވެލުމުގެ ފުރުސަތު ލިބޭތީއެވެ.

ކޮންމެއަކަސް މިއަދު އަޅުގަނޑު އިޝާރާތެއް ކޮއްލަން ބޭނުންވަނީ ފޭސްބުކް ފަދަ ގިނަ ބަޔަކު ބޭނުންކުރާ ފޯރަމެއްގައި އިސްލާމްދީނުގެ ތަޢުލީމު ފެތުރުމާ ބެހޭގޮތުންނެވެ.

ފޭސްބުކަކީ ގިނަ ރަޙްމަތްތެރިންތަކަކާއެކު ލިޔުންތަކާއި ފޮޓޯތައް ހިއްސާކުރުމުގައި އިންޓަނެޓުގައި އެފަދަ ދެވަނައެއް ނުވާ ފޯރަމެކެވެ. ތަފާތު އެތައް ގޮތަކަށް މިފޯރަމްގައި ދީނުގެ މަޢުލޫމާތު ޙިއްސާކުރެވިދާނެއެވެ.

މިސާލަކަށް، އަޅުގަނޑުމެންގެ ތެރެއިން މީހަކު ޒިޔާރަތްކުރި ވެބްސައިޓަކުން ޢިބްރަތްތެރި ލިޔުމެއް ނުވަތަ ޕޯސްޓަރެއް ނުވަތަ ވާހަކައެއް ފެނިއްޖެއެވެ. ހަމަ އެލިޔުމެއް ނުވަތަ ވާހަކައެއް ނުވަތަ ޕޯސްޓަރެއް، ކިޔުމާއެކު އެހެން މީހުންނަށް އޭގައިވާ ހެޔޮ ފޯރުކޮށްދިނުމުގެ ވިސްނުން ހުރުމަކީ އެއީ އެންމެ ރަނގަޅު ގޮތެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މިޙަދީޘަށް ޢަމަލު ކުރުމުގެ ބޭނުމުގައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (مَنِ اسْتَطَاعَ مِنْكُمْ أَنْ يَنْفَعَ أَخَاهُ فَلْيَنْفَعْهُ) މާނައަކީ: ”ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ އަޚާއަށް ފައިދާކުރަނިވި ފަދަ ކަމެއް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާމީހާ ފަހެ އެކަން ކޮށްދޭށެވެ“.

އެހެންކަމުން އޭގެ ލިންކު، ނަގައި އެލިންކު ފޭސްބުކްގެ ތިމާގެ (ވޯލްގައި) ފާރުގައި ނުވަތަ ތިމާ އެ ގުރޫޕެއްގައި ބައިވެރިވެފައިވާ ގުރޫޕެއްގެ ފާރުގައި ޖަހާލެވިދާނެއެވެ. އޭރުން އެތަނަށް ޒިޔާރަތްކުރާ މީހުންނަށް އެ ލިޔުމުގެ ފައިދާކުރުމަކީ އެންމެ ގާތްގޮތެވެ.

މިނޫންވެސް ގިނަ ގޮތްތަކެއް ފޭސްބުކްގައި ވެއެވެ. މިސާލަކަށް ޕޯސްޓަރެއް ތިމާގެ ފޮޓޯ ބައިގައި ޖެހުމަށްފަހު ތިމާގެ ރަޙްމަތްތެރިން އޭގައި ޓެގް ކުރެވިދާނެއެވެ. ޢާޝޫރާ ދުވަހާއި ޢަރަފާތްދުވަހުގެ ރޯދައާއި މިނޫންވެސް އިތުބާރުހުރި އިސްލާމީ ދިވެހި ވެބްސައިޓްތަކުގައިވާ ޕޯސްޓަރުތައް ނަގައި ފެތުރުމުގައި އެހީވެވިދާނެއެވެ.

މިއިން ކޮންމެ ކަމެއް ކުރުމުގައިވެސް، ބޭނުމަކީ ﷲގެ ރުހިވޮޑިގަތުން ކަމަށް ހަދަން ޖެހޭނެއެވެ. އެއިލާހަށް އިޚްލާޞްތެރިވާން ޖެހޭނެއެވެ.

ލޮބުވެތި މުސްލިމު އަޚާއެވެ. ލޮބުވެތި މުސްލިމު އުޚްތާއެވެ! ތިބާ ކޮމްޕިޔުޓަރު ކައިރީގައި އިންނަ ވަގުތުގެ ތެރެއިން ކުޑަ މިންވަރެއް ﷲ އަށްޓަކައި ހޭދަކޮށްލަން ފަސްނުޖެހޭށެވެ! ފަހަރުގައި މާދަމާ ތިބާ ބިމުގެ ބަނޑުތެރެއަށް ދިޔުމަށްފަހު ތިބާއަށް ފައިދާކުރަނިވި ކަމެއްގެ ގޮތުގައި ތިބާ ފޭސްބުކްގައި ޖަހާ ޕޯސްޓަރެއް ހިމެނިދާނެއެވެ. ނަމާދު ނުކުރާ މީހަކު ތިބާގެ ޕޯސްޓެއް ފެނިފައި ނަމާދުކުރަންވެސް ފަށާފާނެއެވެ. އޭރުން އޭނާ ނަމާދު ކުރާހާހިނދަކު އޭގެ ސަވާބު ތިބާއަށް ލިބެމުން ދާނެއެވެ. ހަމަ ކޮންމެ ހެޔޮކަމެއްވެސް އެފަދައެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ހެޔޮކަންތައްތަކަކީ އެއީ ކުޑަކަމެއް ކަމުގައިވިޔަސް ފަރުވާ ކުޑަނުކުރާށެވެ.

އަލްއިމާމް މުސްލިމް ރަޙިމަހުﷲ، އަބޫ ޛައްރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ހެޔޮކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް އެއީ ކުޑަކަމެއްކަމުގައި ނުދެކޭށެވެ. އެއީ ތިބާގެ އަޚާއާއި ހިނިތުން މޫނަކާއެކު ބައްދަލުކުރުން ކަމުގައި ވިޔަސްމެއެވެ.

އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ! އަހަރެން ކޮމްޕިޔުޓަރުގެ ކައިރީގައި ހޭދަކުރާ ގިނަ ވަގުތުގެ ތެރެއިން ﷲ އަށްޓަކައި ހޭދަ ކުރެވުނީ ކިތައް މިނެޓް ހެއްޔެވެ؟ ފޭސްބުކްގައި އަހަރެން ކުރި ޕޯސްޓުތަކުގެ ތެރެއިން އިސްލާމްދީނަށްޓަކައި އަހަރެންނަށް ކުރެވުނީ ކިތައް ޕޯސްޓު ހެއްޔެވެ؟

 

މަސްދަރު: ނޫރުލް އިސްލާމް

1