ނަޞޭޙަތާއި އިރުޝާދު
ޓައިމް މެނޭޖްމަންޓް

ޓައިމް މެނޭޖްމަންޓަކީ ކޮބައިހެއްޔެވެ؟ މިއީ ހިތުގައި އުފެދިދާނެ ސުވާލެކެވެ. ފަހަރުގައި ޖަވާބު އެނގުމަކީވެސް އެކަށީގެންވާ ކަމެކެވެ. އާދެ ! އެއީ ތިމާ ކުރަންޖެހޭ ކަންކަން ވަކި ތަރުތީބެއްގެ ދަށުން އަދި ވަކި ޕުލޭނެއްގެ ދަށުން ގަޑިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމެވެ. ރަނގަޅު ޓައިމް މެނޭޖްމަންޓެއް ގެންގުޅެން އެނގޭ ނަމަ ތިމާގެ މަސައްކަތްތައް މާބޮޑު ބުރަކަމަކާ ނުލާ ” ސްމަރޓް ” ކޮށް ނިންމާލެވޭނެއެވެ. އަދި މަދު ވަގުތުތަކެއްގެ ތެރޭގައި ގިނަ ކަންކަން ނިންމުމަށް މަގުފަހިވެގެން ދާނެއެވެ.

ޔަޤީނުންވެސް އަހަރެމެން އެންމެންނަށް ރެޔަކާ ދުވާލެއްގެ މައްޗަށް ލިބޭނީ 24 ގަޑި އިރެވެ. އެއަށްވުރެ އިތުރަށް އެންމެ ސިކުންތެއްވެސް ނުލިބޭނެއެވެ. ނަމަވެސް ބައެއް މީހުން އެމީހުންގެ 24 ގަޑިއިރު ތެރޭ ގިނަ ކަންކަން ނިންމާލާ ، ބޭނުންވާ ލަނޑުދަޑިތައް ޙާސިލް ކުރަނީ ކިހިނެއް ހެއްޔެވެ ؟ އެއީ އެމީހުންގެ ވަގުތުގައި ﷲ ބަރަކާތް ލައްވަވާ އަދި ވަކި އުޞޫލެއްގެ ދަށުން ތަރުތީބުން، އެމީހުންގެ ކަންކަން އެމީހުން ކުރިއަށް ގެންދާތީއެވެ.
މިހާ ހިސާބުން މި ބަލާލަނީ ރަނގަޅު ގޮތުގައި ޓައިމް މެނޭޖްކުރުމަށް ގެންގުޅެން ޖެހޭ މައިގަނޑު 7 އުޞޫލެއްގެ މައްޗަށެވެ. މިނޫނަސް ބައިވަރު އުޞޫލުތައް ހުންނާނެކަން ދަންނަންވާނެއެވެ.

1 . ބޮޑެތި ކަންކަން ކުދިކުދި ކަންކަމަށް ބަހާލައިގެން ކުރިއަށް ގެންދާށެވެ ! ގިނަ ވަގުތު ނަގާ ކަންކަން އެއްފަހަރާ ނިންމާލަން މަސައްކަތް ނުކުރާށެވެ! އޭގެ ބަދަލުގައި އެކަންކަން ކުދިކުދި ޓާސްކުތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާށެވެ. އޭރުން ތިމާގެ އެހެން މަސައްކަތްތަކަށް ބުރޫނާރާހެން އެ މަސައްކަތް ޑެޑްލައިންގެ ކުރިން ނިންމާލެވޭނެއެވެ.
މިސާލު 1 :  ސެޕްޓެމްބަރ 2 ގައި ނިންމަން ޖެހޭ އެސައިމެންޓެއް އޮތީއެވެ. އެހެންކަމުން ތިމާގެ ދުވަހުން 1 ގަޑިއިރު މިކަމަށް ހުސްކޮށްލާށެވެ. އަދި ޓާސްކުތައް އެކި ދުވަސްތަކަށް ބަހާލާށެވެ. އެގޮތުން ރިސާޗް ކުރުމަށް ދުވަހުން 1 ގަޑިއިރު، ޑްރާފްޓް ކުރުމަށް އޭގެ އަނެއްދުވަހު 1 ގަޑި އިރު ހުސްކޮށްލާށެވެ. އަދި މިގޮތުގެ މަތީން ލިޔުމަށާއި، ރިފަރެންސްއަށާއި، އެޑިޓިންނަށް މި އުޞޫލުގެ ދަށުން ދުވަސްތައް ބަހާލާށެވެ. އޭރުން އެކަންތައް ބުރަކަމެއް ނެތި ޑެޑްލައިންގެ ކުރިން ނިންމާލެވޭނެއެވެ.
މިސާލު 2 : ތިމާ ކިޔަން ބޭނުންވާ 200 ސަފްހާގެ ފޮތެއް އޮތީއެވެ. އެހެންކަމުން ކޮންމެ ދުވަހަކު 20 ސަފްހާ ކިޔާގޮތަށް ދުވަސް ބަހާލައިފިނަމަ 10 ދުވަސް ތެރޭ އެފޮތް އެއްކޮށް ކިޔާ ނިންމާލެވޭނެއެވެ. އޭރުން ތިމާގެ އެހެން މަސައްކަތްތަކަށް ބުރޫނާރާ އެކަންވެސް ނިންމާލެވުނީއެވެ.

2 . ސެލްފް ޑިސިޕްލިންގ ދެދުނިޔޭން ކާމިޔާބު ލިބުމުގައިވެސް ސެލްފް ޑިސިޕްލިންގ އަކީ ކޮންމެހެން ބޭނުންކަމެކެވެ. އެގޮތުން ހަމަ މި އުޞޫލް ޓައިމް މެނޭޖްކުރުމުގައިވެސް ބޭނުންވެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ މުހިންމު އިސްކަންދޭ ކަންކަމަށް ބުރޫއަރާ ކަންކަމުން ދުރުވާންޖެހެއެވެ. އަދި ކަނޑައަޅާފައި އޮންނަ ޝެޑިއުލްގައި ވަރުގަދައަށް ހިފަހައްޓަންޖެހެއެވެ. އަދި ވަގުތު ހެޔޮ ގޮތުގައި ބޭނުންކުރުމަށް ރައްކާތެރިވާންޖެހެއެވެ.
ﷲ އަށް ހަމްދުކުރަމެވެ. އިސްލާމްދީން އަހަރެމެންނަށް ނަމާދާއި ރޯދައާއި ޙައްޖާއި އަދި ދީނުގެ އެނޫން ކަންކަމުންވެސް ސެލްފް ޑިސިޕްލިން ދަސްކޮށްދެއެވެ. އެހެންކަމުން އަހަރެމެން މިއަޅުކަންތަކުން ޑިސިޕްލިން ދަސްކޮށް އަހަރެމެންގެ ދިރިއުޅުމުގެ އެނޫން ކަންކަމުގައިވެސް މި ސިފަ ހަރުލައްވަންޖެހެއެވެ. އެގޮތުން ޓައިމް މެނޭޖްކުރުމުގައިވެސްމެއެވެ.
ޝައްކެތްވެސް ނެތް ގޮތުގައި ޑެއިލީ ޝެޑިއުލަކާއި ޗެކްލިސްޓް ފަދަ ކަންކަން ތައްޔާރުކުރުމުގައި ޑިސިޕްލިންނެއް ބޭނުންވެއެވެ. އަދި ވަކިން ޚާއްޞަކޮށް މިކަންކަމުގައި ހަރުލައިހުރުމަށް ޑިސިޕްލީން ވަކީން ބޮޑަށް ބޭނުންވެއެވެ. ހަމަ އެހެންމެ ތިމާގެ މަސައްކަތަށް ބުރުއަރާ ކަންކަމުން ދުރުވުމަށްވެސް ޑިސިޕްލިންނެއް ބޭނުންވެއެވެ.

3 . ވަގުތު ބޭކާރުކުރާ ކަންކަމުން ދުރުވާށެވެ! އެމީހެއްގެ ދުވަސް ރަނގަޅަށް މޮނިޓަރ ނުކުރާ މީހަކަށް ، އެދުވަހެއްގައި ގިނަ ވަގުތުތައް ބޭކާރު ކުރެވިފައި ހުންނާނެއެވެ. މިކަން ތަސައްވަރުކޮށްލަން ބޭނުންނަމަ 1 ދުވަހު ކުރާ ހުރިހާކަމެއް ނޯޓްކޮށްލައިގެން އަޖުމަ ބަލައިލަބަލާށެވެ. ޔަޤީނުންވެސް އެދުވަހެއްގެ ގިނަ ވަގުތު ބޭކާރު ކަންކަމުގައި ހޭދަކުރެވިފައިވާތަން އޭނާއަށް ފެންނާނެއެވެ. އެއީ ދުނިޔެއާއި އާޚިރަތުގައިވެސް ފައިދާ  ނުކުރާ ކަންކަން ކަމުގައި ތިމާއަށް ފެނިގެންދާނެއެވެ. އެގޮތުން ބޭކާރު ގޮތުގައި ވަގުތު ހޭދަކުރެވޭ ކަންކަމުން ދުރުވެ ފައިދާ ހުރި ކަންކަމުގައި އެ ވަގުތުގެ ބޭނުން ހިފޭތޯ ބަލާށެވެ. އޭރުން ވަރަށް ގިނަ ކުދިކުދި ކަންކަންވެސް އެވަގުތުކޮޅު ތެރޭގައި ކުރެވި ނިންމާލެވޭ ތަން ފެނިގެންދާނެއެވެ.
ޢާއްމު ގޮތެއްގައި ވަގުތު ބޭކާރު ކުރެވޭ ބައެއް ކަންކަން ؛ 1 . ސޯޝަލް މީޑިޔާގައި ގިނަ ވަގުތު ހޭދަކުރުން 2 . ފޯނުގައި ގިނަ ވަގުތު ހޭދަކުރުން 3 . ޓީވީ ބެލުމާއި ވީޑިޔޯ ގޭމް ކުޅުން 4 . ގިނައިން ނިދުން

4. ޝެޑިއުލެއް ތައްޔާރުކުރާށެވެ! ކޮންމެ ދުވަހަކުވެސް ކުރާނެ ކަންކަން ޝެޑިއުލެއްގެ ގޮތުގައި ތަރުތީބުން ތައްޔާރުކުރާށެވެ. މިކަމުގައިވެސް އެންމެ ރަނގަޅީ ވީކްލީ ޝެޑިއުލެއް އެންމެ ފުރަތަމަ ތައްޔާރުކުރުމެވެ. އެ ހަފްތާއެއްގައި ކުރާނެ މުހިއްމު ކަންކަން އޭގައި ހިމަނާށެވެ. އެއަށް ފަހު ޑެއިލީ ޕުލޭން ތައްޔާރު ކުރާނީ ވީކްލީ ޝެޑިއުލް ނަމޫނާއަކަށް ބަލައިގެން އޭގައި ހުރި ކަންކަމުގެ މައްޗަށް ބިނާކޮށެވެ.

5 . ނަމާދު ކުރެވޭނެހެން ކަންކަން ޕުލޭން ކުރާށެވެ. ފަރުޟު ފަސް ނަމާދު ކުރުން ވާންވާނީ އަހަރެމެން އެދުވަހެއްގައި އެންމެ އިސްކަންދޭންޖެހޭ ކަމެއްގެ ގޮތުގައެވެ. ޓައިމް ޓޭބަލެއް ތައްޔާރު ކުރި ކަމުގައިވިޔަސް އެންމެ ފުރަތަމަ ފިލް ކުރަން ޖެހޭނީ ނަމާދު ގަޑިތަކެވެ. ދެން އެއަށްފަހު އެހެން ކަންކަން ޓައިމްޓޭބަލްގެ ތެރެއަށް ފައްތާށެވެ. އޭރުން އެ ނަމާދު ގަޑިއަށް ކުރުމުން، ތިމާގެ ދުވަސްވެސް ދާނީ ވަރަށް ފުރިހަމައަށް ރޭވި ހިތްހަމަޖެހުމާއެކުއެވެ. އަދި ތިމާ ކުރާ މަސައްކަތުގައި ފަރުވާތެރިވެވި ރިވެތި އަޚްލާޤް ތިމާގެ ހަށީގައި ހަރުލެވިގެންދާނެއެވެ.

6 . ނޫނެކޭ ބުނަން ދަސްކުރާށެވެ! އެންމެ ގިނައިން ވަގުތު ބޭކާރުވެގެން ދަނީ ކޮންކަމެއްގައިކަން ވިސްނާލަބަލާށެވެ. ޢާއްމުގޮތެއްގައި ދިގު ފޯން ކޯލްތަކުގައި ، ޗެޓްކުރުމުގައި ، ސޯޝަލް މީޑިޔާގައި ގިނަ ވަގުތު ހޭދަކުރުންފަދަ ކަންކަން ވަގުތު ބޭކާރުކޮށްލާ ކަންކަން ތެރޭގައި ހިމެނެއެވެ. އަހަރެމެންގެ ގިނަ ދުވަސްތައް ވޭތުވެގެން މިދަނީ ބޭކާރު ވާހަކަތަކާއި މަޝްވަރާތައް ކުރުމުގައެވެ. މިކަންކަމުން ދުރުވެވޭނީ ރީތި ގޮތެއްގައި ނޫނެކޭ ބުނުގެންނެވެ. އެއްވެސް ހާލަތެއްގައި މިބުނަނީ ފޯންކޯލްތައް ނުކުރާށެކޭ ނޫނެވެ. އެކަމު ފޯންކޯލެއްގައި ހުރެ އެ ކޯލް ދިގުވެގެންގޮސް ތިމާގެ މަސައްކަތަށް ބުރޫ އަރާނަމަ ރިވެތި ގޮތުގައި އެކަމަށް އުޒުރުވެރިވެ ނޫނެކޭ ބުނެ ތިމާގެ މަސައްކަތަށް އެނބުރި އަންނަން ޖެހެއެވެ. މިގޮތަށް ޢާއްމުކޮށް ކަންކުރަން ފެށުމުން އެހެންމީހުންނަށް އެކަން ވިސްނިގެންދާނެއެވެ.
ހަމައެހެންމެ އެފަދަ ޗެޓްތަކަށާއި ކޯލްތަކަށް ރިވެތި ގޮތުގައި ނޫނެކޭ ބުނުމުން ހަމައެކަނި ތިމާގެ ޝެޑިއުލަށް ޢަމަލުކުރެވި ގިނަ ކަންކަން ހާސިލްކުރެވިގެންދާނީކީ ނޫނެވެ. އޭގެ އިތުރުން ޣީބަ ބުނުން ، ދެބައޮޑުވުން ފަދަ ފާފަތަކުންވެސް ސަލާމަތްވެގެންދާނެއެވެ.

7 . ފައިދާ ހުރި ހޮބީސްތައް އަހަރެމެން އެންމެންވެސް ބުރަކޮށް އުޅުމަށްފަހު އަރާމުކޮށްލަން ބޭނުންވާނެއެވެ. އަދި މަޖާ ކަންކަންވެސް ކޮށްލަން ބޭނުންވާނެއެވެ. ހަލާލު ގޮތުގައި މިކަންކަން ކުރާނަމަ އަދި މިކަންކަމުގައި ހައްދުން ނައްޓައިގެން ނުދާނަމަ އެއްވެސް މައްސަލައެއް ނެތެވެ.
ކޮންމެއަކަސް އެންމެ ބުއްދިވެރި ގޮތަކީ މިފަދަ ކަންކަން ކުރާއިރު މަޖަލުގެ އިތުރުން ޕްރޮޑިކްޓިވް ވާނެ ކަހަލަ ކަމެއްވެސް ކުރުމެވެ. މިސާލަކަށް ހަށިގަނޑަށް ފައިދާހުރި ކުޅިވަރެއް، ފޮތްކިޔުން، މޯޓިވޭޝަނަލް ވީޑިޔޯތައް ބެލުން، މިފަދަ އެކިއެކި ކަންކަމެވެ.
އެގޮތުން މިފަދަ ފައިދާހުރި ކަންކަން އަހަރެމެން ހޮބީސްގެ ގޮތުގައި ކުރާނަމަ ތިމާ ޕްރޮޑަކްޓިވްވެ ވަގުތުވެސް ހެޔޮގޮތުގައި ބޭނުންކުރެވިގެންދާނެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ. ((مِنْ حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيهِ)) [حديث حسن رواه الترمذي وغيره] ”ތިމާއާއި ނުބެހޭ ކަންކަމުން ދުރުވެގަތުމަކީ މީހާގެ އިސްލާމްކަމުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކެވެ.” މިހަދީސް ޝަރަޙަކޮށްދެއްވަމުން އަލްޢައްލާމާ ޢަބްދުލްމުޙްސިން އަލްޢައްބާދު ވިދާޅުވެފައިވެއެވެ. “ތިމާއާއި ނުބެހޭ ކަންކަމުންނާއި ބޭކާރު ކަންކަމުން ދުރުވެގަތުމަކީ ހިތަށްލިބިދޭ ހިތްހަމަޖެހުމެކެވެ. އަބުރަށްލިބިދޭ ސަލާމަތްތެރިކަމެކެވެ. މި ޙަދީސްގައި ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް މުސްލިމުންނަށް ބާރުއަޅުއްވާފައިމިވަނީ ތިމާއާއި ނުބެހޭ ކަންކަމުންނާއި އަދި އެކަންކަމުން ތިމާއަށް ދުނިޔޭގައިވެސް ނުވަތަ އާޚިރަތުގައިވެސް ފައިދާއެއްނުކުރާ ކަންކަމުން ދުރުވެގަތުމަށެވެ. އަދި ދުނިޔޭގައި ނުވަތަ އާޚިރަތުގައި ފައިދާކުރާ ކަންކަމުގައި މަޝްޣޫލްވެގަތުމަށެވެ.” އަދި އެހެން ހަދީސެއްގައިވެއެވެ. ((نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ ، الصِّحَّةُ ، وَالْفَرَاغُ)) [رواه البخاري] މާނައީ: ގިނަ ބަޔަކަށް އޭގެ އަގު ވަޒަންނުކުރެވޭ (އެއަށް ފަރުވާކުޑަކުރެވޭ) ދެ ނިޢުމަތެއްވެއެވެ. އެއީ ޞިއްޙަތާއި ހުސްވަގުތެވެ.”

0