ނަޞޭޙަތާއި އިރުޝާދު
ޗުއްޓީ އެންމެ ހެޔޮގޮތުގައި

ޗުއްޓީ އަކީ ފަހަރެއްގައިވެސް މުސްލިމަކު އޭނާގެ ޢަމަލުން ދުރުވެގެން ހުންނަންޖެހޭ ހުސްވަގުތެއްކަމުގައި ބަލައިގެން ނުވާނެއެވެ. މުސްލިމުން މަސައްކަތުން ޗުއްޓީވާނީ މަރުވާ ހިސާބުން ފެށިގެންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿ يَا أَيُّهَا الْإِنسَانُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَاقِيهِ ﴾ މާނައަކީ؛ ”އޭ އިންސާނާއެވެ! ހަމަކަށަވަރުން، ތިބާއީ، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ، ތިބާ (އެ މަސައްކަތާއިގެން) އެކަލާނގެއާ ބައްދަލުވާނެތެވެ.“

އެއްވެސް ޗުއްޓީއަކީ ނުބައިކަންކަމާއި ފާޙިޝް ކަންކަމަށް އަރައިގަތުމައް އޮތް ފުރުސަތެއްކަމުގައި ހަދައިގެން ނުވާނެއެވެ. ﷲ ތަޢާލާ ދެއްވި ރިޒްގު ކައިގެން، އެކަލާނގެ ބިންމަތީގައި އުޅެމުން، އެކަލާނގެ އުޑުދަށުން ހިޔާ ލިބިގެން، އެކަލާނގެ މިންވަރު ކުރެއްވި ސާފު ވައިން ނޭވާލައިގެން ތިބޭހިނދުގައި ކުޑަހިނދުކޮޅަކަށް ނަމަވެސް އެކަލާނގެއަށް އުރެދުން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟

ޗުއްޓީ ތަކުގައި ވަރަށްގިނަ އަޚުންނާއި އުޚްތުން އެކި ގައުމުތަކަށާއި ރަށްރަށަށް ދަތުރުކުރެއެވެ. މިކަމަކީ މިއީ އިސްލާމީ ތަރަހައިގެ ތެރޭގައި ކުރެވިއްޖެނަމަ އުފާވެރިކަން ލިބުމުގެ އިތުރުން ދަތުރުގައި ބައިވެރިވާ އެހެން މީހުންނާ ވަރަށް ގާތްގުޅުމެއް އުފެދޭނެ ހެޔޮ ކަމެކެވެ.

މުސްލިމުންގެ ހުރިހާ ކަމެއްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ގޮތްކޮޅުން ނަމޫނާ ލިބިގަންނަ ފަދައިން، މިހުރިހާ ދަތުރުތަކެއްގައިވެސް އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުގައި ހިފުމަކީ ޝައްކެއްނެތް ގޮތުގައި ކާމިޔާބު ހުރިކަމެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދަތުރުފުޅުތަކާ ބެހޭ ގޮތުން އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމް ދަތުރެއްކުރައްވަން ޤަޞްދުކުރައްވާ ހިނދު އިސްތިޚާރާގެ ދެ ރަކްޢަތް ކުރައްވައެވެ. އަދި މިދުޢާ ވިދާޅުވެއެވެ.“

((اَللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ وَأَسْتَقْدِرُكَ بِقُدْرَتِكَ وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ وَتَعْلَمُ وَلاَ أَعْلَمُ وَأَنْتَ عَلاَّمُ الْغُيُوبِ اَللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّهَذَا اْلأَمْرَ (އެދަތުރު ކުރައްވަން ބޭނުންފުޅުވާ ތަނެއްގެ ނަން ވިދާޅުވެއެވެ)  خَيْرٌ لِيْ فِيْ دِيْنِيْ وَمَعَاشِيْ وَعَاجِلِ أَمْرِيْ وَآجِلِهِ، فَاقْدُرْهُ لِيْ وَيَسِّرْهُ لِيْ، وَبَارِكْ لِيْ فِيْهِ ، وَإِنْ كُنْتَ تَعْلَمُهُ شَراًّ لِيْ فِيْ دِيْنِيْ وَمَعَاشِيْ وَعَاجِلِ أَمْرِيْ وَآجِلِهِ، فَاصْرِفْهُ عَنِّيْ وَاصْرِفْنِيْ عَنْهُ وَاقْدُرْ لِيْ الْخَيْرَ حَيْثُ كَانَ ثُمَّ رَضِّنِيْ بِهِ )) މާނައީ: އޭﷲ! އަޅު ތިޔައިލާހުގެ ޙަޟުރަތުން މަޝްވަރާއަކަށް އެދެމެވެ. އަދި ތިޔަ އިލާހުގެ ޙަޟުރަތުން އަޅުވާގިވެރިކަމަށް އެދިދަންނަވަމެވެ. އަދި ތިޔައިލާހުގެ މަތިވެރި ފަޟުލުވަންތަ ވެރިކަމަށް އެދި ދަންނަވަމެވެ. ތިޔައިލާހުއީ މޮޅަށް ދެނެވޮޑިގެންވާ ކުޅަދުންތަ އިލާހުއެވެ. ފަހެ ކުޅަދުންވަންތަވެރި ފަރާތަކީ ތިޔައިލާހެވެ. އަދި ރަނގަޅަށް ދެނެވޮޑިގަންނަވަނީ ވެސް ހަމަތިޔައިލާހެވެ. ތިޔައީ ޣައިބުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އަޅަކީ އެއްވެސް ކަމެއްގެ ކުޅަދާނަކަން ލިބިގެންވާ މީހަކީމެއް ނޫނީމެވެ. އަދި ކަންކަމުގެ ޙަޤީޤަތް ދެނެގަނެވޭ މީހެއްވެސް ނޫނީމެވެ. އޭﷲ! އަޅުގެ މިކަމުގައި (އެދަތުރުކުރައްވަންބޭނުންފުޅުވާ ތަނެއްގެނަން ވިދާޅުވެއެވެ) އަޅުގެ ދީނާއި ދުނިޔޭގެ ދިރިއުޅުމާއި އާޚިރަތާއި އަދި ކަމުގެ އާޚިރު ނަތީޖާއާމެދު ހެއުކަމުގައްޔާއި ރަނގަޅުކަމުގައި ތިޔައިލާހަށް ފެނިވޮޑިގަންނަވާނަމަ އަޅަށް މިކަމުގައި މަގުފަހިކޮށް ދެއްވައި ލުއިކޮށްދެއްވާނދޭވެ. އަދި އޭގައި ބަރަކާތް ލައްވާނދޭވެ. އަޅުގެ ދީނާއި ދުނިޔޭގެ ދިރިއުޅުމާއި އާޚިރަތާއި އަދި ކަމުގެ އާޚިރު ނަތީޖާއާ މެދު، ނުބައި ކަމުގައްޔާއި ރަނގަޅުނޫން ކަމުގައި ތިޔައިލާހަށް ފެނިވޮޑިގަންނަވާނަމަ އަޅަށް މިކަމުގެ މަގުފަހިކޮށްނުދެއްވައި މިކަމާ އަޅާ ދުރުކުރައްވާނދޭވެ. އަދި އެކަމުގައި ބަރަކާތް ލައްވާނދޭވެ. އަދި ކޮންމެ ތާނކުގައި ވީނަމަވެސް އަޅަށް ހެއުގޮތް ލައްވާނދޭވެ. އަދި އެކަމަކަށް ތިޔައިލާހު ރުހިވޮޑިގަންނަވާނދޭވެ.“

އަދި އެކަލޭގެފާނު ޞައްލަﷲ ޢަލައި ވަސައްލަމް ދަތުރުކުރައްވަން ޤަޞްދު ކުރައްވާ އުޅަނދަށް އަރައި ވަޑައިގަންނަވަމުން ތިންފަހަރު ﷲއަކުބަރު ވިދާޅުވެއެވެ. އެއަށްފަހު ދަތުރު ދުޢާ ވިދާޅުވެއެވެ. ( سُبْحانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ * وَإِنَّا إِلَى رَبِّنَا لَمُنقَلِبُونَ ) މާނައަކީ؛ ”. މިސަވާރީ ކިޔަމަންތެރިކުރެވޭ ބަޔެއްކަމުގައި އަޅަމެން ނުވާޙާލު މިސަވާރީ އަޅަމެންނަށް ކިޔަމަންތެރިކޮށްދެއްވި ފަރާތުގެ ހުސްޠާހިރުވަންތަކަމާއެވެ! އަދި އަޅަމެން އެނބުރިދިއުންވަނީ އަޅަމެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ.[“ އަދި ވިދާޅުވެއެވެ. “ اللَّهُمَّ إِناَّ نَسْأَلُكَ فِيْ سَفَرِناَ هٰذَا الْبِرَّ وَالتَّقْوَى، وَمِنَ الْعَمَلِ ماَ تَرْضَى، اللَّهُمَّ هَوِّنْ عَلَيْناَ سَفَرَناَ هٰذَا، وَاطْوِ عَناَّ بُعْدَهُ، اللَّهُمَّ أَنْتَ الصاَّحِبُ فِي السَّفَرِ، وَالْخَلِيْفَةُ فِي الأَهْلِ، اللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ وَعْثاَءِ السَّفَرِ، وَكَآبَةِ الْمَنْظَرِ، وَسُوْءِ الْمُنْقَلَبِ فِي الْماَلِ وَالأَهْلِ“

މާނައަކީ؛ އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިދަތުރުގައި އަޅަމެން އިބަﷲގެ ޙަޟްރަތުން ހެވަށާއި ތަޤުވާވެރިކަމަށް އަދި އިބަﷲ ރުއްސަވާ ޢަމަލަށް އެދެމުއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިދަތުރު އަޅަމެންނަށް ފަސޭހަކޮށްދެއްވާނދޭވެ! އަދި ދަތުރުގެ ދިގުކަން ކުރުކަމުގައި އަޅަމެންނަށް އިޙުސާސްކޮށްދެއްވާނދޭވެ! އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ދަތުރުގައި އަޅަމެންގެ އެކުވެރިއަކީ އިބަﷲއެވެ. އަދި މިއަޅާގެ (ގޭގެ) އަހުލުވެރިންގެ ޚަލީފާއަކީ (އެބައިމީހުންގެ ކަންތައްތައް ބަލަހައްޓަވައިދެއްވާ ފަރާތަކީ) ވެސް ހަމަ އިބަﷲއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ދަތުރުގެ އުނދަގޫކަމާއި، ހިތާމަކުރުވަނިވި މަންޒަރުން އަދި މުދަލާއި އަހުލުވެރިންގެ ތެރެއަށް އަންނަ ނުބައި ބަދަލަކުން ރައްކާތެރިކޮށްދެއްވުމަށް އިބަﷲގެ ޙަޟްރަތުން އެދިދަންނަވަމެވެ.“

އަދި ސަވާރީން ފައިބާ ވަޑައި ގަންނަވާ ކޮންމެ ފަހަރަކު ”ބިސްމިﷲ“ ވިދާޅުވެއެވެ. ދެން އަރައި ވަޑައި ގަންނަވާއިރު ”އަލްޙަމްދު ލިﷲ“ ތިންފަހަރު އަދި ”ﷲއަކުބަރު“ ތިންފަހަރި ވިދާޅުވެއެވެ.

ވީމާ ފްލައިޓަކަށް އެރިކަމުގައި ވިޔަސް އަދި ބަހަކަށް އެރިޔަސް ޓެކްސީ އަކަށް ނުވަތަ ރޭލަކަށް އެރި ކަމުގައި ވިޔަސް އަދި ފައިބައިފައި އެރި ކަމުގައި ވިޔަސް މި ސުންނަތުގައި ހިފުމަކީ ދަތުރާއި ތިމާ ޢުމުރުގެ ދުވަސްތަކުގެ މާތްކަމާއި ބަރަކާތް ލިބޭނެ ކަމެކެވެ.

އަދި ދަތުރަށް ނިކުންނަވަމުން، ތިމާގެ އަހުލުވެރިންނާއި ގާތްތިމާގެ މީހުންނާއި ރައްޓެހިންނާ ސަލާމް ކުރައްވަމުން ”أَسْتَوْدِعُكُمُ اللهَ الَّذِيْ لاَ تَضِيْعُ وَدَائِعُهُ“ ”އަހުރެން، ތިޔަބައިމީހުން މާތްﷲއާ ހަވާލުކުރަމެވެ. އެފަރާތަކީ އެފަރާތާ ހަވާލުކުރެވޭ އެއްޗެއް ގެއްލެނި ނުކުރައްވާ ފަރާތެވެ.“ އަދި މީގެ ޖަވާބުގައި ދަތުރުވެރިޔާއަށްޓަކައި ކޮށްދިނުން ސުންނަތް ވެގެންވާ ދުޢާއަކީ؛ ެ.(( أَسْتَوْدِعُ اللهَ دِيْنَكَ و أَماَنَـَتَكَ و خَواَتِيْمَ عَمَلِكَ )) ވިދާޅުވެއެވެ. މާނައަކީ؛ ”ތިބާގެ ދީނާއި، ތިބާގެ އަމާނަތާއި،(ތިބާގެ އަހުލުވެރިންނާއި، ތިބާ މީސްތަކުންނާ ހަވާލުކޮށްފައިވާ އަމާނާތް) އަދި ތިބާގެ އެންމެފަހުގެ ޢަމަލު، އަހުރެން މާތްﷲއާ ހަވާލުކުރަމެވެ.“

އެކަލޭގެފާނު ޞައްލަﷲ ޢަލައި ވަސައްލަމާއި މާތްﷲ ރުއްސުންލެއްވި ޞަޙާބީން، ދަތުރުފުޅުގައި އުސްތަނަކަށް އަރައި ވަޑައިގަންނަވާ ހިނދު ތަކުބީރު ވިދާޅުވެއެވެ. އަދި އަޑިތަނަކަށް ފައިބާ އިރު ސުބުޙާނަﷲ ވިދާޅުވެއެވެ.

ވީމާ އަޅުގަނޑުމެންވެސް ދަތުރު ކުރާއިރު މިޙާލަތްތަކުގައި މި ސުންނަތްތަކުގައި ހިފުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

ޢާއްމުކޮށް ހުރިހާވަގުތެއްގައި އަދި ޚާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެކަނި ދަތުރު ކުރުމަކީ އެދެވިގެންވާ ކަމެއްނޫނެވެ.

ދަތުރުގެ މަންޒިލަށް ނުވަތަ ދަތުރުގެ މެދު ތެރޭގައި މަޑުކުރާ ތަންތަނަށް ވާސިލުވުމުން (( أَعُوْذُ بِكَلِماَتِ اللهِ التَّاماَّتِ مِنْ شَرِّ ماَ خَلَقَ))  މާނައަކި؛ “ ”މާތްﷲގެ ފުރިހަމަވެގެންވާ ކަލިމަފުޅުތައް މެދުވެރިކޮށް، އެކަލާނގެ ހެއްދެވި އެންމެހައި މަޚުލޫޤުންގެ ނުބައިކަމުން މިއަޅާ (އެކަލާނގެ ޙަޟްރަތުން) ރައްކާތެރިކަމަށް އެދެމެވެ.“ މިފަދައި ކިޔުމުން އެތަނެއް ދޫކޮށް އެނބުރި ދަންދެން އެއްވެސް ގެއްލުމަކާ ކުރިމަތި ނުވާނެ ކަމަށް މުސްލިމްގައާއި ތިރުމިޛީގަ ރިވާވެގެން ވެއެވެ.

މާތް ނަބިއްޔާ ޞައްލަﷲ ޢަލައި ވަސައްލަމް ދަތުރު ކުރައްވަމުން ވަޑައިގަންނަވާ އިރު އެ ސަހަރަށް ނުވަތަ ރަށަށް ވަންނަމުން ކުރާދުޢާ.“اللَّهُمَّ رَبَّ السَّمٰوَاتِ السَّبْعِ وَماَ أَظْلَلْنَ، وَرَبَّ الأَرْضِيْنَ السَّبْعِ وَماَ أَقْلَلْنَ، وَرَبَّ الشَّياَطِيْنَ وَماَ أَضْلَلْنَ، وَرَبَّ الرِّياَحِ وَماَ ذَرَيْنَ، أَسْأَلُكَ خَيْرَ هَذِهِ الْقَرْيَةِ، وَخَيْرَ أَهْلِهاَ، وَخَيْرَ ماَ فِيْهاَ، وَأَعُوْذُ بِكَ مِنْ شَرِّهاَ، وَشَرِّ أَهْلِهاَ، وَشَرِّ ماَ فِيْهاَ މާނައަކީ؛ ”އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަތްއުޑާއި އެއުޑުތައް ހިޔާވަހިކަންދިން ހުރިހާއެއްޗެއްގެ ވެރިރަސްކަލާކޮ! އަދި ހަތްބިމާއި އެބިންތައް އުފުލި ހުރިހާއެއްޗެއްގެ ވެރިރަސްކަލާކޮ! އަދި ޝައިޠާނުންނާއި އެޝައިޠާނުން މަގުފުރެއްދި ހުރިހާބައެއްގެ ވެރިރަސްކަލާކޮ! އަދި ވަޔާއި އެވައި ވިއްސުވައިލި ހުރިހާއެއްޗެއްގެ ވެރިރަސްކަލާކޮ! މިއަޅާ އިބަﷲގެ ޙަޟްރަތުން، މިރަށާއި، މިރަށުގެ އަހުލުވެރިންނާއި، މިރަށުގައި ވާހައި އެއްޗެއްގެ ހެވަށް އެދެމެވެ. އަދި މިއަޅާ އިބަﷲގެ ޙަޟްރަތުން، މިރަށާއި، މިރަށުގެ އަހުލުވެރިންނާއި، މިރަށުގައި ވާހައި އެއްޗެއްގެ ނުބައިކަމުން ރައްކާތެރިކަމަށް އެދެމެވެ.“

ދަތުރު ނިންމަވާ ލެއްވުމަށްފަހު އެނބުރި ރަށަށް ވަޑައިގެން މި ޛިކުރު ކުރައްވައެވެ. ”لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ. آيِبُوْنَ، تاَئِبُوْنَ، عاَبِدُوْنَ، لِرَبِّناَ حاَمِدُوْنَ. صَدَقَ اللهُ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الأَحْزَابَ وَحْدَهُ“

”ﷲމެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކުނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. އެންމެހައި ވެރިކަމަކާއި އެންމެހައި ޙަމްދު ތަޢުރީފެއް ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ހުރިހާކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. (އަޅަމެންނީ ދަތުރު ނިންމާފައި) އެނބުރި ދާބަޔަކީމުއެވެ. ތައުބާވާ ބަޔަކީމުއެވެ. އަޅުކަންކުރާ ބަޔަކީމުއެވެ. ހަމައެކަނި އަޅަމެންގެ ވެރި އިލާހަށް ޙަމްދުކުރާ ބަޔަކީމުއެވެ. މާތްﷲ އެކަލާނގެ ވަޢުދުފުޅު ތެދުކޮށްދެއްވައިފިއެވެ. އަދި އެކަލާނގެ އަޅާއަށް ނަޞްރުދެއްވައިފިއެވެ. އަދި ދުޝްމިނު ޖަމާޢަތްތައް ގިނިކަންޏާ ބަލިކުރައްވައިފިއެވެ.“

އަދި ދަތުރު ނިންމާފައި އެނބުރި އައުމަށްފަހު ތިމާގެ އަހުލުވެރިންގެ ގާތަށް ދިޔުން ލަސްނުކުރުމަށްވެސް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އިރުޝާދު ދެއްވާފައެވެ.

ސަޕްރައިޒް ދިނުމުގެ ބޭނުމުގައި އަހުލުވެރިންނަށް އެންގުމަކާނުލައި ކުއްލިޔަކަށް އައުމަކީ ގޯސްކަމެކެވެ. މިހެނީ ދަތުރުވެރިޔާ އެނބުރި އަންނައިރު ވާންޖެހޭ ތައްޔާރީތައް ހުންނާނެތީއެވެ. އަދި އަންނަވަގުތު އަންގާފައި އައުމަކީ މިކަމުގެ އެންމެ ރަނގަޅު ގޮތެވެ.

ވީމާ ދަތުރާއި އަދި ތިމާގެ ދިރިއުޅުމުގެ އެންމެހާ ކަމެއްގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް އޮންނަގޮތް ބަލައި،އެގޮތަކަށް އެކަމެއް ކުރުމަށް މަސައްކަތް ކުރުމަކީ ދެދުނިޔޭގައި ކާމިޔާބުވުމުގެ އިތުރުން، މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހިނގާ ލާދީނީ ޙަރަކާތްތަކާއި ދެކޮޅަށް ތިމާޔަށް ކުރެވޭ ޖިހާދެއްކަމުގައި މެނުވީ ނުވާނެއެވެ.

 

މަސްދަރު: ނޫރުލްއިސްލާމް

0