އިންސާނާ ޚަލްޤު ކުރައްވައި ވުޖޫދަށް ފޮނުއްވާފައިވަނީ އެއްވެސް ބޭނުމަކާއި ނުލައި ކަމަށް ހީކުރެވޭނަމަ، ދެލޯ ކަނުބަދެގެންހުރެ ނިކަން ވިސްނާލަ ބަލާށެވެ. ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާއަށް ދެލޯ ދެއްވާފައިވަނީ ބޭނުމެއްނެތި ނޫންކަން އޭރުން ވިސްނޭނެއެވެ. ނުވަތަ ދެކަންފަތަށް އުނގުރި ޖަހައި ބަންދު ކޮށްލައިގެން ހުރެބަލާށެވެ. ކަންފަތަކީވެސް ކިހާވަރެއްގެ ބޭނުންތެރި ގުނަވަނެއްކަން އިޙްސާސް ކުރެވޭނެއެވެ. ނުވަތަ އަތުގެ އިނގިލިތައް ނިކަންހުރެ ބުރިކޮށްލަ ބަލާށެވެ. މިއީވެސް ކިހާވަރެއްގެ ބޭނުންތެރި އެއްޗެއްކަން އޭރުން އެނގޭނެއެވެ.އާދޭހެވެ! ހަށިގަނޑުގައިވާ ކުޑަ ނާރެއް ބުރިވިއަސް މުޅިހަށިގަނޑަށް ލިބޭ ވޭނުން، މިގުނަވަންތަކަކީ ކޮންފަދަ ޙިކުމަތަކާ ލައިގެން އުފައްދަވާފައިވާ ގުނަވަންތަކެއްކަން އިންސާނާއަށް ޤަބޫލު ކުރެވޭނެއެވެ.
ހަށިގަޑުގައިވާ ތަފާތު އެކިއެކި ގުނަވަންތަކުގެ ބޭނުންތައް ދަނެގަތުމަށް ބޭނުންނަމަ އަޅުގަނޑުމެންނަށް ޖެހޭނީ މެޑިކަލް ކޮލެޖެއްގައި އަހަރުތަކެއް ވަންދެން ކިޔަވާށެވެ.ހަށިގަނޑުގައިވާ ކޮންމެ ގުނަވަނަކީވެސް،ހަށިގަނޑަށް ބޭނުންވާ ކޮންމެވެސްބޭނުމެއް ފުއްދައިދޭ ގުނަވަނެކެވެ.މުޅި ހަށިގަނޑު ސަލާމަތުން ލެހެއްޓުމަށްޓަކައި ބެނުންވާ ކޮންމެވެސް މަސައްކަތެކެވެ. މިސާލަކަށް ބަލަމާ ހިގާށެވެ! އަނގައިގެ ރީޢާއިން ހަށިގަނޑަށް ބޭނުންވާ ކާނާ އެތެރެ ކޮށްދެއެވެ. ކިޑްނީން ހަށިގަނޑުގައިވާ ލޭ ސާފުކޮށްދެއެވެ. ހިތުން ހަށިގަނޑުގެ އެކިއެކި ގުނަވަންތަކަށް ބޭނުންވާ ލޭ އެގުނަވަންތަކަށް ފޮނުވައިދެއެވެ. މިހެންބަލާލާއިރު އިންސާނާގެ ހަށިގަނޑުގައިވާ ކޮންމެ ގުނަވަނަކީވެސް ކޮންމެވެސް ވަޒީފާއެއް އަދާކުރާ ގުނަވަނެކެވެ. ބޭކާރު ގޮތުގައި އެއްވެސް ގަނަވަނެއް ލައްވާފައެއް ނުވެއެވެ. މިހުރިހާ ގުނަވަންތަކުގެވެސް ބޭނުމަކީ ހަށިގަނޑު ސަލާމަތުން ލެހެއްޓުމަށް ބޭނުންވާނޭ އެންމެހައި ކަންތައްތައް ފުރިހަމަ ކޮށްދިނުމެވެ.
އެހެންކަމުގައި ވަނީނަމަ އިންސާނާއޭ މިކިޔާ ކާއިނު އުފައްދަވައި މިދުނިޔެއަށް ފޮނުއްވާފައިވަނީ އެއްވެސް ބޭނުމަކާނުލައި ކަމުގައި ބުނުމީ ހަމަބުއްދި ހުރި މީހެއްގެ ޝަމީރު ޤަބޫލު ކުރާނޭ ކަމެއް ހެއްޔެވެ؟ ތިމާ ލާހެދުމަކީ ކޮން ބޭނުމެއްގައި ލާއެއްޗެއްކަން ނޭނގޭ މީހާއާމެދު ބުނާނީ ކީކޭތޯއެވެ؟ ތިމާ ދިރިއުޅެން ހަދާފައިވާ ގެއަކީ ކޮން ބޭނުމެއްގައިވާ ތަނެއްކަން ނޭނގޭ މީހާއާމެދު ފަހެ ބުނާނީ ކީކޭތޯއެވެ؟ މިފަދަ ވިސްނުމެއް، ގެންގުޅޭ މީހުންނާއިމެދު ހަމަ ޙައިރާން ވާންޖެހެއެވެ! އެކަމަކު ދަންނަވަންތޯއެވެ؟ މިއަށްވުރެވެސް ބޮޑަށް ޙައިރާން ވާންޖެހެނީ ތިމާގެ އަމިއްލަ ހަށިގަނޑުގައިވާ ގުނަވަންތަކުގެ ބޭނުންވެސް ނުވިސްނޭ މީހާއާ މެދުގައެވެ. ލޮލަކީ ކޮން ބޭނުމެއްގައިވާ އެއްޗެއްކަންވެސް ނޭނގޭ މީހާއާ މެދުގައެވެ. ކަންފަތަކީވެސް ކޮން ބޭނުމެއްގައިވާ އެއްޗެއްކަން ނޭނގޭ މީހާއާ މެދުގައެވެ. އަދި މިހިސާބުންވެސް ނިމުނީއެއް ނޫނެވެ. މިހުރިހާ ކަމަކަށްވުރެވެސް ބޮޑަށް ޙައިރާންވާން ޖެހެނީ ތިމާ ވުޖޫދުގައި މިވާ ވުމުގެ ބޭނުން ނުދަންނަ މީހާއާ މެދުގައެވެ. މިދުނިޔެއަށް ތިމާ ފޮނުއްވުމުގެ ބޭނުން ނުދަންނަ މީހާއާ މެދުގައެވެ. އިންސާނާ އުފައްދަވައި ފުރިހަމަ ކުރައްވައި މިދުނިޔެއަށް ފޮނުއްވާފައިވުމުގެ ޙިކުމަތަކީ ކޮބައިކަން ނުދަންނަ މީހާއާ މެދުގައެވެ.
أَفَحَسِبْتُمْ أَنَّمَا خَلَقْنَٰكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ (ސޫރަތުލް މުއުމިނޫން: 115)
މާނައީ: “ތިމަން ރަސްކަލާނގެ ތިޔަބައިމީހުން އުފެއްދެވީ ބޭނުމެއްނެތް ގޮތުގައި ކަމުގައި ތިޔަބައިމީހުން ހީކުރަމު ހެއްޔެވެ؟ އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ޙަޟްރަތަށް ތިޔަބައިމީހުން އެނބު ރުޖޫޢަ ނުވާނޭކަމުގައި ތިޔަބައިމީހުން ހީކުރަނީހެއްޔެވެ؟”
އާދޭހެވެ! ޙައިރާންވާން ޖެހެނީ ތިމާގެ ހަށިގަނޑުގައިވާ އެންމެ ކުޑަކުޑަ ގުނަވަންތަކުގެ ބޭނުން އެނގޭއިރުވެސް އެހުރިހާ ގުނަވަންތައް އެއްވެގެން މިކުރާ މަސައްކަތުގެ ބެނުން ނުވަތަ ޙިކްމަތް ނޭނގޭތީއެވެ!!!
وَالَّذينَ كَفَروا يَتَمَتَّعونَ وَيَأكُلونَ كَما تَأكُلُ الأَنعامُ وَالنّارُ مَثوًى لَهُم (ސޫރަތު މުޙައްމަދު :12)
މާނައީ: “ކާފިރުވި މީހުން ގެރިބަކަރި ޖަނަވާރު ކައިއުޅޭ ފަދައިން ދުނިޔޭގައި ކައިބޮއި މަޖާކޮށް އުޅެތެވެ. ނަމަވެސް ޤިޔާމަތް ދުވަހު އެބައިމީހުން ތިބޭނޭ ތަނަކީ ނަރަކައެވެ.”
އާދޭހެވެ. އިންސާނާ މިއަދު މިވަނީ ނޭނގުމެއްގެ ތެރޭގައި ދެ ސުވާލެއްގެ މެދުގައި މަގު އޮޅިފައެވެ. މި ދެސުވާލަކީ: އަހުރެމެން ކައިބޮއި ހަދަނީ ދިރި ތިބުމަށްޓަކައި ހެއްޔެވެ؟ ނުވަތަ އަހުރެމެން ދިރިއުޅެނީ ކައިބޮއި ހަދަންހެއްޔެވެ؟
ނަމަވެސް ތިމާ މި ދުނިޔެއަށް ފޮނުއްވި ޙިކްމަތަކީ ކޮބައިކަން ދަނެގަތް މީހެއްނަމަ ޚާލިޤުވަންތަ ޢިލާހު އޭނާ އުފައްދަވާފައިވަނީ ދަނެގަތް މީހެއްނަމަ ޚާލިޤުވަންތަ އިލާހު އޭނާ އުފައްދަވާފައިވަނީ އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމަށްކަން ޤަބޫލު ކުރާނެއެވެ. ކޮންމެ އެއްޗެއްވެސް އުފައްދަވާފައިވާ ބޭނުން އެހެންމީހުންނަށް އެނގޭނީ އެ އެއްޗެއް އުފެއްދި މީހަކު އެހެން މީހުންނަށް އެކަން އަންގައި ދިނުމުންނެވެ.
وَمَا خَلَقْتُ الْجِنَّ وَالاِنسَ إِلا لِيَعْبُدُونِ ﴿٥٦﴾ مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ ﴿٥٧﴾ إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ ﴿٥٨﴾ (ސޫރަތުލް ޒާރިޔާތު: 58-56)
މާނައީ: “ތިމަން ރަސްކަލާނގެއަށް އަޅުކަން ކުރުމަށްމެނުވީ ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީން ނަހައްދަވަމެވެ. އެބައިމީހުންގެ ކިބައަކުން ތިމަންރަސްކަލާނގެ ރިޒްޤަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދި ވޮޑިއެއް ނުގަންނަވަމެވެ.
ކޮންމެ އެއްޗެއްވެސް ބޭނުން ހިފަންވާނީ އެކަމަކަށްޓަކައި އެއެއްޗެއް އުފެއްދީ ބޭނުމާ އެއްގޮތަކަށެވެ.
މަސްދަރު: އަލްމަޙުރޫމް ޑރ.އަބުދުލް މަޖީދު ޢަބުދުލް ބަރީގެ ދަރުމަ މަޖައްލާގެ ލިޔުމެއް