މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނު މަސްޢޫދު ވިދާޅުވިއެވެ. (ޤިޔާމަތްދުވަހު) އެންމެ ފަހުން ނަރަކައިން ނުކުންނަ މީހާ ބައެއްފަހަރު ހިނގަމުން އަނެއްބައިފަހަރު ވެއްޓެމުންކަހަލަ ގޮތަކަށް ނަރަކައިން ނުކުންނާނެއެވެ. އަދިބައެއްފަހަރު އޭނާގެ ހަށިގަނޑު އަނދަމުން ދާނެއެވެ. މިގޮތަށް އޭނާ ނަރަކައިން ނުކުމެވުމުން ބުނާނެއެވެ. ތިމަން މިތަނުން ސަލާމަތްކޮށްދެއްވި ފަރާތަކީ ބަރަކާތްލެއްވިފައިވާ ފަރާތެކެވެ. އެކަލާނގެ ތިމަންނައަށް ކުރީންނާއި ފަހުގެ އެއްވެސް މީހަކަށް ނުދެއްވާފަދަ ނިޢުމަތްތައް ދެއްވައިފިއެވެ.
ދެން އޭނާއަށް ގަހެއް ދައްކަވާހުއްޓެވެ. އެހިނދު އޭނާ ދަންނަވާނެތެވެ. އޭހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ އެގާ ކައިރިކޮށްދެއްވާނދޭވެ! އެއީ އެގަހުން ހިޔާލިބިގަތުމަށާއި އެގަހުގެ ފެނުން ފެންބުއިމަށްޓަކައެވެ. ދެން މީގެ ފަހުން އެފަދަ ކަމަކަށް އެދިނުދަންނަވާނަމެވެ. ދެން މާތްﷲ އަންގަވާނެއެވެ. އޭ އާދަމުގެދަރިޔާއެވެ! ތިބާ މީގެ ކުރިންވެސް ވަނީ ތިޔަފަދަ އަހުދެއް ކޮށްފައެއް ނޫންހެއްޔެވެ؟ ތިމަން ރަސްލާނގެ އެކަން ކޮށްދެއްވައިފިނަމަ ތިބާ އަދިވެސް އިތުރަށް އެދޭނެއެވެ. އޭނާ ދަންނަވާނެއެވެ. ނޫނެކެވެ. އިތުރު އެއްވެސް އެއްޗަކަށް އެދިނުދަންނަވާނަމެވެ.
އެގޮތަށްޢަހުދު ހިއްޕެވުމަށްފަހު އެގަހުގެ ހިޔާ ލިބިގަތުމަށާއި އެގަހުން ފެން ލިބިގަތުމަށް އެގަހާ ކައިރިކޮށްދެއްވާނެއެވެ. އަދި އެޢަހުދު ހިއްޕެވިއިރު އޭނާއަށް އެގޮތުގެމަތީގައި ނުހުރެވޭނެކަންވެސް އެކަލާނގެ ރަނގަޅަށް ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ އޭނާގެ ޢުދުރުވެސް ޤަބޫލުކުރައްވައެވެ. އެއީ އޭނާއަށް އެފެންނަ ތަކެއްޗަކީ ކެތްނުކުރެވޭފަދަ ތަކެތި ކަމުގައިވާތީއެވެ. ދެންކުރީގެ ގަހަށްވުރެ ރީތިގަހެއް އޭނާއަށް ދައްކަވާނެއެވެ. އޭނާ ދަންނަވާނެއެވެ. ހައްދަވާބޮޑު ކުރެއްވި ރަސްކަލާކޮ! މިއަޅާ އެގަހާ ކައިރިކޮށްދެއްވާނދޭވެ! އެއީ އެގަހުން ހިޔާލިބިގަތުމަށާއި އެގަހުން ފެން ބުއިމަށްޓަކައެވެ. ދެން މީގެފަހުން އެފަދަ ކަމަކަށް އެދިނުދަންނަވާނަމެވެ. މާތްﷲ އޭނާއަށް އަންގަވާނެތެވެ. އޭ އާދަމުގެދަރިޔާއެވެ! ތިބާ ވަނީ މީގެކުރިންވެސްތިޔަފަދަ ޢަހުދެއްކޮށްފައެއް ނޫންހެއްޔެވެ؟ ތިބާ އެގަހާ ކައިރިކޮށްދެއްވައިފިނަމަ އަދިވެސް އިތުރަށް އެދޭނެއެވެ. ދެން އަނެއްކާވެސް އިތުރަށް އެދިނުދަންނަވާނެކަމަށް ޢަހުދުކުރުމުން އެހާ ކައިރިކުރެވޭނެއެވެ.
އެޢަހުދުކުރިއިރުވެސް އެގޮތްމަތީގައި ނުހުރެވޭނެކަން މާތްﷲ ރަނގަޅަށް ދެނެވޮޑިގެންވެއެވެ. ދެން އެއަށްފަހު ކުރީގެ ދެގަހަށްވުރެ މާރީތި ދެގަސް ސުވަރުގޭގެ ދޮރުމަތިން ފެންނަ ހުއްޓެވެ. އޭނާ ދަންނަވާނެތެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ އެގަހާ ކައިރިކޮށްދެއްވާނދޭވެ! އެއީ އެގަހުގެ ހިޔަލުން ހިޔާލިބިގަތުމަށާއި އެގަހުން ފެން ބުއިމަށްޓަކައެވެ. ދެން އިތުރު އެއްޗަކަށް އެދިނުދަންނަވާނަމެވެ. ދެން މާތްﷲ އަންގަވާނެއެވެ. ތިބާ މީގެކުރިންވެސް ތިޔަފަދަ އަޙްދެއް ނުކުރަމުހެއްޔެވެ؟ ދެންމާތްﷲ އޭނާ އެގަހާ ކައިރިކޮށް ދެއްވާނެއެވެ.
އެގަހާ ކައިރިވުމުން ސުވަރުގޭގެ އަހުލުވެރިންގެ އަޑުފަށްގަނޑު އޭނާއަށް އިވެން ފަށައިފާނެއެވެ. އެހިނދު އޭނާ ދަންނަވާނެތެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ ސުވަރުގެ އަށް ވައްދަވާނދޭވެ! ދެން މާތްﷲ އަންގަވާނެތެވެ. އޭ އާދަމުގެދަރިޔާއެވެ! ތިބާގެ ކިބައިން ނުބައި ކަންތައްތައް ތިމަން ﷲ ފިޔަވައި ދުރުކޮށްދެއްވާނެ ދެވަނަ ފަރާތެއްވޭހެއްޔެވެ؟ ތިބާއަށް ދުނިޔެއާއި އެފަދަ އެހެން ދުނިޔެއެއް ދެއްވައިފިނަމަ ރުހޭނަން ހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. އޭހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހުރިހާ ޢާލަމްތައް ހެއްދެވިރަސްކަލާނގެކަމުގައި ވޮޑިގެންވާ ޙާލު އިބަރަސްކަލާނގެ ސަމާސާ ކުރައްވަނީތޯއެވެ. އެހިނދު މާތްﷲ އަންގަވާނެތެވެ. މިއީ ސަމާސާއެއް ނޫނެވެ. ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަށް ކަންތައް ކުރެއްވުމުގެ ކުޅަދުންވަންތަކަން ލިބިވޮޑިގެންވަމެވެ.
މަސްދަރު: ޑރ. ޢަބުދުއްސައްތާރު ޢަބްދުއްރަޙްމާންގެ ސުންނަތު ޚަޒާނާ