ދުވަސް
ގަޑިއިރު
މިނެޓު
ސިކުންތު
ނަޞޭޙަތާއި އިރުޝާދު
ހިޖްރައިގެ ހާދިސާއިން ލިބިދޭ ޢިބްރަތްތައް

ކީރިތި ރަސޫލާ  ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އެކަލޭގެފާނުގެ އަޞްޙާބުން މައްކާގައި ތިއްބެވިއިރު ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ، މުޝްރިކުންގެ ވަރަށް ބޮޑެތި ދުއްތުރާތަކާއި ގޮންޖެހުންތަކަކާއެވެ. އެހެންކަމުން އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވުމުގެ އިޒުނަ މާތް اللّه ދެއްވުމުން، މަދީނާއަށް ހިޖުރަ ކުރެއްވީއެވެ. އެޙާދިސާ ހިމެނިގެންދިޔައީ، މިނިވަން އަދި ހައިބަތުހުރި އަބުރުވެރި އިސްލާމީ އުންމަތެއްގެ ފެށުން ކަމުގައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ހިޖުރަކުރުމަށް އިޒުނަ ދެއްވުމުން އެ ދަތުރުގައި އެކަލޭގެފާނާއި އެކުގައި އަބޫބަކުރު رضى الله عنه ބައިވެރިވެވަޑައިގެންނެވިއެވެ.

މި އަރޓިކަލްގައި މި ބަލާލަނީ ހިޖްރައިގެ ހާދިސާއިން ލިބިދޭ ބައެއް ޢިބްރަތްތަކުގެ މައްޗަށެވެ.

  1. ތަވައްކަލްކުރުމުގެ ޢަމަލީ ނަމޫނާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް މި ހާދިސާގައި ދައްކައިދީފައިވެއެވެ.

 

ތަވައްކަލް ކުރުމުގައި ހިމެނެނީ މައިގަނޑު ދެ ކަމެކެވެ. އެއީ ސަބަބުތަކުގައި ހިފުމާއި، ކަމުގެ އާޚިރު ނަތީޖާ އާއި ހަމައަށް ގެންގޮސްދެއްވެވޭނީ ހަމައެކަނި ﷲ ތަޢާލާ އަށް ކަން ހިތުން ޔަޤީންކުރުމާއެކު އެކަލާނގެއަށް ފުރިހަމަ ގޮތުގައި ބަރޯސާވުމެވެ. މި ހާދިސާއަށް ބަލާލާއިރު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާއިން މަދީނާއަށް އަމާންކަމާއިއެކު ދެވޭނެ ސަބަބުތަކުގައި ހިއްޕެވިއެވެ. މި ގޮތުން ތަޖްރިބާހުރި އާރުކާޓީއެއްގެ އެހީ ހޯދިއެވެ. އެއީ عبد الله بن أريقط ގެ އެހީއެވެ. މީގެއިތުރުން ޘައުރު ފަރުބަދައިގެ ހޮހޮޅައިގައި ތިން ދުވަހު މަޑުކުރެއްވެވިއެވެ. އެއީ އެ ދެބޭކަލުން ހޯދުމުގެ މަސައްކަތް ތިން ދުވަސް ވާއިރު ކުޑަވެގެންދާނެތީއެވެ. އަދިވެސް މި ފަދަ އެތައް މިސާލެއް މި ހާދިސާއިން ފެނިގެންދެއެވެ.

އިސްވެ ދެންނެވި ފަދައިން ކަންކަން ޙާސިލުކުރުމުގައި މާތްﷲއަށް ފުރިހަމަ ގޮތުގައި ބަރޯސާވުމަކީ ތަވައްކަލުކުރުމުގެ ދެވަނަ ބަހާއެވެ. މި ޖާނިބުގައިވެސް އިތުރުއެކަލޭގެފާނު ފުރިހަމަ ނަމޫނާ ދައްކުވައިދީފައިވެއެވެ.

إِلَّا تَنصُرُوهُ فَقَدْ نَصَرَهُ اللَّـهُ إِذْ أَخْرَجَهُ الَّذِينَ كَفَرُوا ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّـهَ مَعَنَا ۖ فَأَنزَلَ اللَّـهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ الَّذِينَ كَفَرُوا السُّفْلَىٰ ۗ وَكَلِمَةُ اللَّـهِ هِيَ الْعُلْيَا ۗ وَاللَّـهُ عَزِيزٌ حَكِيمٌ ﴿٤٠

ތިޔަބައިމީހުން އެކަލޭގެފާނަށް نصر ނުދިނަސް، ހަމަކަށަވަރުން، اللَّه، އެކަލޭގެފާނަށް نصر ދެއްވިއެވެ. ދެމީހުންކުރެ އެކަކު ކަމުގައިވާ حال، كافر ވި މީހުން، އެކަލޭގެފާނު ނެރެލިހިނދުގައެވެ. އޭގެ ދެކަލުން (ثَور ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން اللَّه ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ لشكر ތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި كافر ވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. اللَّه ގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.

 

ﷲ އަށް ވަކީލުކުރުމަކީ ހިތަށް ހިތްފަސޭޙަކަން ލިބިގެންދާކަމެކެވެ. އަދި ޙާލަތު ރަނގަޅުވެގެންދާ ކަމެކެވެ. ފަހެ އެމީހެއްގެ ވެރިއިލާހަށް އެމީހެއްގެ ކަންކަން ހަވާލުކޮށްފިމީހަކަށް އެއިލާހު އިޙްސާންތެރިވެވޮޑިގެންވެއެވެ.

ފުޟައިލް ބުން ޢިޔާޟު ވިދާޅުވިއެވެ.

“މަޚްލޫޤުންގެ ކިބައިން ތިބާ މާޔޫސްވެ، އެބައިމީހުންގެ ކިބައިން އެއްވެސް ކަމެއް ބޭނުންނުވާ ޙާލުވެސް، ތިބާގެ ވެރިއިލާހު ތިބާ ބޭނުންވާ ހުރިހާ އެއްޗެއް ދެއްވަފާނެއެވެ.”

އެހެންކަމުން ތިބާ ޚަލްޤުކުރެއްވި ފަރާތުގެ ޙަޟްރަތަށް ތިބާ ރުޖޫޢަވާށެވެ. އަދި އެއިލާހުގެ ޙަޟްރަތުން އުންމީދުކުރާށެވެ. ވަކީލުކުރުމާއި އުންމީދުކުރުން ގަދަވެ، ހިތް ޙާޟިރުކޮށްގެން ދުޢާކުރާނަމަ އެދުޢާ އިޖާބަނުވެ ނުދާނެއެވެ.

 

  1. ޒުވާނުންނަކީ އުއްމަތުގެ އެންމެ މުހިއްމު ރައުސުލްމާލުކަން ހިޖްރައިގެ ހާދިސާއިންވެސް އެނގިގެންދެއެވެ.

 

ހިޖުރައިގައި ޒުވާނުންގެ ދައުރުގެ ތެރެއިން އެންމެ ފުރަތަމަ ފާހަގަ ކޮށްލެވޭ ކަމަކީ ހިޖުރައިގެ މުގައްދިމާއެއް ކަމުގައިވާ ޢަޤަބާގެ ބައިޢަތުތަކުގައި ޒުވާނުން އަދާކޮށްފައިވާ ދައުރެވެ. ޒުވާން އަނަސް ބްނު ރާފިޢު އާއި އެކަލޭގެފާނު ފަދަ އެހެން ޒުވާނުން ހިމެނޭ ޖަމާޢަތެއް މަދީނާ އިން މައްކާ އަށް ވިޔަފާރި ކުރުމަށާއި ޙައްޖުވުމަށްޓަކައި ވަޑައިގެންނެވި އެވެ.

މިޖަމާޢަތާ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބައްދަލު ކުރައްވައި އިސްލާމް ދީން ހުށަހެޅުއްވުމުން ޖަމާޢަތުގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އެހެން ޒުވާން ބޭފުޅެއް ކަމުގައިވާ އިޔާސް ބުނު މުޢާޛު ނުކުންނަވައި އެ ދަޢުވަތު ގަބޫލުފުޅު ކުރައްވައި އަދި މުޅި ޖަމާޢަތަށް އެކަމަށް ހިތްވަރު ދެއްވި އެވެ. މިގޮތުން އެކަލޭގެފާނު ވިދާޅުވީ: “އޭ ގައުމުގެ މީހުންނޭވެ! މިއީ އެކަމަކަށްޓަކައި ތިމަންމެން އައި ކަންތަކަށްވުރެ މާ ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ.”

ހިޖުރައިގައި ޒުވާނުންގެ ދައުރުގެ ތެރެއިން ދެވަނަ އަށް ފާހަގަ ކުރެވޭ ކަމަކީ ހިޖުރަ އަށް ނުކުތުމުގައި ބައެއް ޒުވާނުންގެ ފަރާތުން ފެނިގެން ދިޔަ ކަންކަމެވެ. މިގޮތުން ހިޖުރަ އަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ނުކުމެވަޑައިގެންނެވި ރޭ އެކަލޭގެފާނު އަވަހާރަ ކޮށްލުމަށް މުޝްރިކުންގެ ކޮންމެ ގަބީލާއަކުން ޒުވާނަކު ނަގައި އެކަމަށް އެމީހުން ނުކުތެވެ.

މި ދަނޑިވަޅުގައި އެ ހުރިހާ ޒުވާނުންގެ ކުރިމަތީ ޖާނު ފިދާ ކޮށްލުމަށް ކެރި ހުރެގެން ނުކުންނެވީ ޒުވާން ޢަލީ ބުނު އަބީޠާލިބެވެ. މިއީ ހިތްވަރުގަދަ ކަމުގެ ލާމަސީލު މިސާލެކެވެ. އަދި މިއީ ޒުވާނުން އެކަމުން ޢިބްރަތް ލިބިގަންނަންވީ މުހިންމު ފިލާވަޅެއް ވެސް މެއެވެ.

ޘައުރު ފަރުބަދައިގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އަބޫބަކުރުގެފާނު ތިއްބެވި ހިނދު މުޝްރިކުންގެ ހުރިހާ ޚަބަރުތަކެއް ވަރަށް އަމާނަތްތެރިކަމާއެކު އަދި ވަރަށް ސިއްރު ގޮތެއްގައި ދެއްވަމުން ގެންދެވީ ވެސް ޒުވާން ފަހުލަވާނެކެވެ. އެއީ ޢަބްދުﷲ ބުނު އަބީބަކުރެވެ. ދުވާލުގެ ވަގުތުގައި އެކަލޭގެފާނު އުޅުއްވަނީ މައްކާގައި އެތަންމިތަނުގަ އެވެ. އެކިއެކި ޚަބަރުތައް ހޯއްދެވުމަށް ފަހު ރޭގަނޑު ދަންވަރު ޘައުރު ފަރުބަދަ އަށް ވަޑައިގެން ޚަބަރުތައް ދެއްވުމަށް ފަހު ފަތިސްވުމުގެ ކުރިން އެނބުރި މައްކާ އަށް ވަދެވަޑައިގަންނަވަ އެވެ. މިއީ ވަރަށް ދަތި އަދި އެހާމެ އުދަގޫވާނެ މަސައްކަތެއްކަން ކަށަވަރެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އަބޫބަކުރުގެފާނާ ދެ ޞާޙިބުން ޘައުރު ފަރުބަދައިގައި ތިއްބެވި ތިން ދުވަހު އެ ދެ ބޭކަލުންނަށް ފަރިއްކޮޅު ގެންދެވީ ޒުވާން އަސްމާގެފާނެވެ. އެ ދެބޭފުޅުން ހިއްޕަވަން ކިރުފޮދު ގެންދެވީ ޒުވާން ޢާމިރު ބުނު ފުހައިރާ އެވެ.

3- ދަހިވެތިކަން ނެތުން އަދި އެހެންމީހުންގެ މައްޗަށް ހިތްސާފުވުން

وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿٩

އަދި އެއުރެންގެ ކުރީގައި، المدينة ގައި ވަޒަންވެރިވެ، إيمان ކަމުގައި قائم ވެތިބި أنصار ން، އެއުރެންގެ ގާތަށް هجرة ކުރި مهاجر ންދެކެ ލޯބިވެތެވެ. އަދި އެއުރެންނަށް (އެބަހީ: مهاجر ންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެއުރެން (އެބަހީ: أنصار ން) ގެ ހިތްތަކުގައި ނުވެއެވެ. އަދި އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް، އެއުރެންނަށް އިސްކަންދެތެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސްމެއެވެ. އެމީހެއްގެ އަމިއްލަ نفس ގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ.

އަންޞާރުންގެ ދީލަތިފުޅުކަމާއި މުހާޖިރުންގެ ޣީރަތްތެރިކަން ހުރިވަރު ތިރީގައި މިދަންނަވާ ޙާދިޘާއިން ފުރިހަމައަށް ސާބިތުވެއެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّمމުހާޖިރިއްޔަ ބޭކަލެއްކަމުގައިވާ عبدالرّحمن بن عوف رضى اللّه عنهއާއި އަންޞާރިއްޔަ ބޭކަލެއްކަމުގައިވާ سعد بن الرّبيع رضى اللّه عنهއާ ދެބޭކަލުން އަޚުކޮށްދެއްވިއެވެ. سعد بن الرّبيعއެކަލޭގެފާނުގެ އިސްލާމީ އަޚާ ގޮވައިގެން ގެއަށް ވަޑައިގެންނެވިއެވެ. ގެއަށް ވަޑައިގެން ދީލަތިފުޅުކަމުގެ ވަރަށް އާދަޔާ ޚިލާފު ދެ ހުށަހެޅުއްވުމެއް ހުށަހެޅުއްވިއެވެ. سعد ވިދާޅުވިއެވެ. އޭ އަޚާއެވެ! އަޅުގަނޑަކީ އަންޞާރުންގެ ތެރެއިން މުއްސަނދި މީހަކީމެވެ. އަޅުގަނޑުގެ މުދާ ހަމަޔަށް ދެބައިކޮށްލާނަމެވެ. ކަލޭގެފާނު އޭގެ ތެރެއިން ބޭނުންފުޅު ބައެއް ނަންގަވާށެވެ. އަޅުގަނޑުގެ ދެއަނބީންވެސް ތިބެއެވެ. ކަލޭގެފާނު އެދެމީހުން ދެކެވަޑައިގަންނަވާށެވެ. އޭގެ ތެރެއިން ކަލޭގެފާނު ޤަބޫލުފުޅު މީހަކު އަޅުގަނޑު ވަރިކޮށްދޭނަމެވެ. އެމީހެއްގެ ޢިއްދަ ހަމަވުމުން ކަލޭގެފާނު ކާވެނިބައްލަވާށެވެ! عبدالرّحمن އެމާތް އިންސާނާގެ އަގުބޮޑު ދެ ހުށަހެޅުއްވުމުގެ އަޑު އިވިވަޑައިގަތުމުން ޝުކުރު އަދާކުރެއްވިއެވެ. سعدގެފާނަށް އެކަލޭގެފާނުގެ މުދަލާއި އަނބިދަރީންގެ ފަރާތުން ބަރަކާތަށް އެދިވަޑައިގެން ދުޢާކުރެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. އަޅުގަނޑު ތިޔައިން އެއްވެސްކަމެއް ބޭނުމެއްނޫނެވެ. މިރަށުގައި ބާޒާރެއް އޮންނަކަމުގައިވާނަމަ އަޅުގަނޑަށް ބާޒާރަށް ދާނެ މަގު ދައްކަވާށެވެ. سعد، عبدالرّحمن ގޮވައިގެން ޤައިނުޤާޢުވަންހައިގެ ބާޒާރަށް ވަޑައިގެން ބާޒާރު ދެއްކެވިއެވެ. ޢަބްދުއްރަޙްމާނު އެބާޒާރުން ގިތެލާއި ޕަނީރު ބައްލަވައިގެން ވިޔަފާރި ފެއްޓެވިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަދީނާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނިވަޑައިގެންނެވިއެވެ.

عبدالرّحمن بن عوف އެކަލޭގެފާނަށް ހުށަހެޅުނު އަނބިކަނބަލަކާއި ގިނަގުނަ މުދާތަކެއްގެ ހުށަހެޅުއްވުން ޤަބޫލުނުކުރައްވައި ދޫކޮށްލެއްވީ ކީއްވެގެންތޯއެވެ. އާދެ، އެއީ އިތުރުސާހިބާ صلّى اللّه عليه وسلّمމުސްލިމުންނަށް ދެއްވަމުން ގެންދެވި އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ އިރުޝާދުގެ ސަބަބުންނެވެ. މީހުންގެ މުށްފަތުން ދިރިއުޅުއްވަން އާދަކުރައްވަން ބޭނުންފުޅު ނުވާތީއެވެ. عبدالرّحمن بن عوف رضى اللّه عنهއަކީ މާތްاللّهގެ މަގުގައި ނުހަނު ހުޅުއްވާލެއްވިފައިވާ އަތްޕުޅަކުން ހޭދަކުރެއްވި މަހުޖަނެކެވެ. قاضى رشيد بن زبير އެކަލޭގެފާނުގެكتاب الذّخائروالتّحفގައި ލިޔުއްވައިފައިވާ ގޮތުގައި عبدالرّحمنبن عوف رضى اللّه عنهއެކަލޭގެފާނުގެ ތަރިކައިގެ ތެރެއިން އެކަލޭގެފާނު އަވަހާރަވީއިރު ދުނިޔޭގައި ހުންނެވި ކޮންމެ ބަދްރީ ޞަޙާބީއަކަށް ހަތަރުސަތޭކަ ދީނާރު އެރުވުމަށް ވަޞިއްޔަތް ކުރެއްވިއެވެ. އެކަލޭގެފާނުގެ ވަޞިއްޔަތާ އެއްގޮތަށް ބަދުރީ ޞަޙާބީންނަށް ސާޅީސްހާސް ދީނާރު އެރުވުމަށްފަހު އެކަލޭގެފާނުގެ ކޮންމެ ވާރިޘަކަށް އަށްޑިހަހާސް ދީނާރު ލިބިވަޑައިގެންނެވިއެވެ.

 

ރެފަރެންސްތައް:

الرحيق المختوم

http://aafathis.mv/?p=4754

https://mihaaru.com/opinion/24113

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top