ނަޞޭޙަތާއި އިރުޝާދު
ބާއްޖަވެރި ޒަވާޖީ ޙަޔާތެއްގައި ހުންނާނެ ސިފަތައް

 

ޒަވާޖީޙަޔާތް ކާމިޔާބު ގޮތުގައި ހޭދަކުރުމުގެ މުހިއްމުކަން ވިސްނޭމީހުން، އެކަމަށް ގަދައަޅައި މަސައްކަތް ކުރާކަން ފާހަގަކުރެވެއެވެ. އެފަދަ މީހުންނަކީ ވިސްނުން ރަނގަޅު ތަހުޒީބު މީހުންނެވެ.
އުފާވެރި ޢާއިލާއަކީ، އެޢާއިލާއެއްގައި ޞުލްޙަވެރިކަމާއި ހަމަޖެހުން އެކުލެވިފައިވާ ޢާއިލާއެކެވެ. އަދި ޢާއިލާއެއް އުފާވެރިކަންމަތީ ދެމެހެއްޓުމަކީ ޢާއިލާއާއި މުޖްތަމަޢުގެ އަފްރާދުން ކާމިޔާބަށް ވާޞިލްވުމަށްޓަކައި ކޮށާލެވޭ ދާނަމެވެ. ބާއްޖަވެރި ޒަވާޖީ ޙަޔާތެއްގައި ހުންނާނެ ސިފަތަކުގެ ތެރެއިން ބައެއްމުހިއްމު ސިފަތައް މިދަންނަވާލަނީއެވެ.
1 – ދެމަފިރިން އެކަކު އަނެކަކަށް އިތުބާރުކުރުން:
ދެމަފިރީން އެކަކުއަނެކަކަށް ޝައްކުނުކޮށް، ފުރިހަމަ އިތުބާރާއެކު ޒަވާޖީޙަޔާތް ވޭތިކުރަމުންދިޔުން އެއީ އުފާވެރި ޒަވާޖީ ޙަޔާތެއްގައި ހުރުން ލާޒިމު ސިފައެކެވެ. އަދި އެކަކު އަނެކަކަށް އިތުބާރު ކުރެވޭނީ، އިތުބާރު ލިބޭނޭގޮތަށް ދިރިއުޅުމުގެ ކަންތައްތައް ބަހައްޓައިގެންނެވެ.
2 – އޯގާތެރިކަމާއި އިޙްތިރާމާއެކު ވާހަކަދައްކާ މުޢާމަލާތުކުރުން:
ދުރުމީހުންނާއި ރައްޓެހި ރަޙުމަތްތެރިންނާ އޯގާތެރިކަމާއި އިޙްތިރާމާއެކު ވާހަކަދެކެވޭއިރު، ފިރިމީހާ ނުވަތަ އަނބިމީހާއާ އަދި ދަރީންނާ އެގޮތަށް ވާހަކަނުދެއްކޭންވީ ސަބަބެއްނެތެވެ. މިހެން މިކަން އޮތްއިރު މިއަދުން ފެށިގެން، ވިސްނުމާ އޯގާތެރިކަމާ އިޙްތިރާމާއެކު ޙަޔާތުގެ ބައިވެރިޔާއާއި ދަރީން އަދި ޢާއިލާމީހުންނާއެކު ވާހަކަދެއްކުމަށް ހިތުގައި ޢަޒުމްކަނޑައަޅާށެވެ. އަދި ދައްކާ ވާހަކަތައް ތަކުރާރުނުކުރާށެވެ. އަދި އެމީހުންނަށް ބިރު ނުދައްކާށެވެ. އެހެނީ ބިރު ދެއްކުމުން އިތުރު މައްސަލަތައް ޖެހުންނޫން ކަމެއްނުވާނެއެވެ. އަދި ޖަދަލުނުކޮށް، ޙަޔާތުގެ ބައިވެރިޔާއަށާއި ދަރީންނަށް ގިނަގިނައިން ނަޞީޙަތްތެރިވެ، އެކަމުގެ ފައިދާ ތަޖުރިބާކޮށްލާށެވެ.
3 – ކައިވެނިވެގެން ކިތަންމެ ގިނަދުވަހެއް ވޭތުވެގެން ދިޔަޔަސް ތިބާގެ ހަށިގަނޑު ލޫޅާފަތިކޮށް ބެހެއްޓުމަށާއި، ހަށިގަނޑާއި ފޭރާން އަދި ދިރިއުޅޭ ވެށި ސާފުތާހިރުކޮށް ބެހެއްޓުމަށް ސަމާލުކަންދޭށެވެ. އަދި ޚާއްޞަކޮށް ނިދާކޮޓަރީގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ. އެގޮތުން އެހާގިނަދުވަސް ނުކޮށް ނިދާކޮޓަރީގެ ތަރުތީބު ބަދަލުކޮށްލާ ހަދާށެވެ. އަދި އެކަމަށް ސަމާލުކަންދީ ޙަޔާތުގެ ބައިވެރިޔާއަށާއި ދަރީންނަށްޓަކައި ތިބާ ހޭދަކުރާ ވަޤުތަކީ ބޭކާރު ވަޤުތެއްކަމަށް ނުވިސްނާށެވެ. އަދި އެމީހުންނާ ދޭތެރޭ ރުޅި އިސްނުކުރާށެވެ. އެހެނީ، އެންމެ ވަރުގަދަ މީހަކީ ރުޅިއަންނަ ވަޤުތު ނަފްސު ކޮންޓްރޯލް ކުރާމީހާއެވެ.
4 – ދެމަފިރީންގެ ސިއްރުތައް ފާޅުނުކުރާށެވެ.
ބައިވެރިޔާގެ ކަންތައްތައް ހުންނަގޮތާމެދު ހިތްހަމަ ނުޖެހުނުކަމުގައިވިޔަސް، އޭނާގެ ކިބައިގައި ހުންނަ އުނިސިފަތަކުގެ ވާހަކަ އެހެން މީސްމީހުންގެ ކައިރީގައި ނުދައްކާށެވެ. އެހެނީ، އެކަމުން ވިއްޔާ ވާނީ ގެއްލުމެކެވެ. އަދި އެއީ، އެހެންމީހުންގެ ކުރިމަތީގައި ތިބާގެ އަގު ވެއްޓޭފަދަކަމެކެވެ. އަދި ދަރީންގެ ކުރިމަތީގައި ދެމަފިރީން އަރާރުންވެ ޖަދަލުކޮށް ނުހަދާށެވެ. އަދި ޙަޔާތުގެ ބައިވެރިޔާ އެހެންމީހުންގެ ކުރިމަތީގައި ލަދުގަންނަން ޖެހޭފަދަ ކަމެއް ތިބާގެ ފުށުން ވިޔަނުދޭށެވެ.
5 – “ވަރި” މިލަފްޒު ތިބާގެ ދުލަށްނުގެނެސް ވޭތޯބަލާށެވެ.
އެހެނީ ވަރިއަކީ ހަމަޖެހުމެއްނޫނެވެ. ޚާއްޞަކޮށް ދަރިން ލިބުމަށްފަހު ވަރިކުރުމަކީ ކުރުން އެދެވިގެންވާ ކަމެއްނޫނެވެ. އަދި އަނބިމީހާ ނުވަތަ ފިރިމީހާގެ ފަރާތުން ވަރިއަށް އެދި އެދި ހުންނަ ނަމަ ނުވަތަ ފިރިމީހާ ވަރިކުރާނެ ކަމުގެ އިންޒާރުދީދީ ހުންނަނަމަ ދަރީންނަށް އެކަމުގެ ނޭދެވޭ އަސަރުކުރެއެވެ. އަދި އެކުދީންގެ މަންމައާއި ބައްޕަ ވަކިވެދާނޭކަމުގެ ބިރު އަބަދާއިއަބަދު އެކުދީންގެ ސިކުނޑީގައި ހަރުލާފައިހުރެއެވެ. ނަތީޖާއަކަށްވަނީ އެކުދީންގެ ކުރިމަގަށް ހުރަސްއެޅުމެވެ.
6 – ދޮގުނުހަދާށެވެ.
ﷲ ޙަރާމްކުރެއްވި ކަމެއްގައި މެނުވީ ޙަޔާތުގެ ބައިވެރިޔާއަށް ކިޔަމަންތެރިވެ ތެދުބުނާށެވެ. އަދި ކަމަކާ އޭނާ ރުޅިއައިސްފާނެކަމަށް ހީވާނަމަ، އޭނާ ހިތްހަމަޖެހިފައި ހުންނަ ވަޤުތަކު އެވާހަކަ ދައްކާށެވެ. އަދި އެފަދަ ވަޤުތުތަކުގައި މައްސަލަ ޙައްލު ކުރަން މަސައްކަތްކުރާށެވެ. އަދި ތިބާއަށް ކުށެއް ކުރެވިއްޖެނަމަ ބުނާށެވެ. އަހަރެންނަށް މިގޮތަށް ކުށެއް ކުރެވިއްޖެކަމަށް އެއްބަސްވަމެވެ. އަދި އެކަމަށް އަދަބުނުދޭށެވެ. އޭރުން އެފަދަކަމެއް ފަހުން ނުކުރުމަށް ބާރު އެޅޭނެނޫންހެއްޔެވެ؟ މިފަދައިން ކަންތައް ކުރުމުން އޭނާއަށް ވިސްނޭނެއެވެ. އަދި ދަރީންގެ ކުރިމަތީގައި ޙައްޤު ބަސް ބުނާނަމަ، ދަރީންވެސްވާނީ ޙައްޤު ބަސް ބުނާ ސާދާބަޔަކަށެވެ. ޙައްޤަށް އިޢުތިރާފުވުމަކީ ހެޔޮކަމެކެވެ.
7 – ހަފުތާއަކު އެއްފަހަރު ނަމަވެސް ޢާއިލާގެ ހުރިހާ މެންބަރުން އެއްތަނަކަށް ޖަމާވެ، ވާހަކަ ދައްކާލުމަށް ސަމާލުކަންދޭށެވެ.
އަދި މަންމައާއި ބައްޕަގެ ޚިޔާލުފާޅުކުރާށެވެ. އަދި ދަރީންނަށްވެސް އެކުދީންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދޭށެވެ. އަދި އަބަދު އެކުދީންގެ އުނިސިފަތަކުގެ ވާހަކަ ނުދައްކާށެވެ. އެހެނީ އޭރުން އެކުދީންގެ އުނިކަން އަބަދު އިޙްސާސް ކުރެވޭގޮތްވެއެވެ. އެހެންކަމުން ކަންތައްތައް ކުރަންވާ ގޮތާއި ރަނގަޅު ގޮތްތައް ބުނެދީ، އެގޮތަށް ދަރީން ކަންތައްތައް ކުރުމުން އެކަމަށް ތަޢުރީފުކުރާށެވެ. އަދި އަބަދުމެ ﷲ ދެއްވި ނިޢުމަތްތަކަށް ޙަމްދުކުރަން ޢާއިލާގެ މެންބަރުންނަށް ހަނދާންކޮށްދީ، ﷲ ހަނދުމަކުރާށެވެ. އޭރުން، ޢާއިލާގެ ނިޢުމަތް ދެއްވިކަމަށްޓަކައި، ﷲ އަށް ޙަމްދު ކުރެވޭނެއެވެ. އަދި ހިތްހަމަޖެހުމާއި އުފާލިބި ﷲ މަތިން ހަނދުމަ ކުރެވޭނެއެވެ. އަޅުގަނޑު މިލިޔުން ނިންމާލާނީ އެންމެހާ މުސްލިމް ޢާއިލާތަކަކީ އުފާވެރި ބާއްޖަވެރި ޢާއިލާތަކެއް ކަމުގައި ލެއްވުމުގެ ތައުފީޤު ދެއްވުން އެދެމުންނެވެ.

 

މަސްދަރު: އަލްއުސްތާޒާ އަނާރާ ނަޢީމް ގެ ލިޔުއްވުމަކުން ނަގާފައި

18