ނަޞޭޙަތާއި އިރުޝާދު
ދަރިފުޅު ދެކެ ވަރަށް ލޯބިވަމެވެ.

ލޯބިވާ ދަރިފުޅާއެވެ. މަންމައާއި ބައްޕަ ދަރިފުޅު ދެކެ ނިހާޔަތަށް ލޯބިވަމެވެ. ﷲ ތަޢާލާއާއި އެއިލާހުގެ ރަސޫލާ صلي الله عليه وسلم އަށްފަހު ދުނިޔޭގައިވާހާ އެއްޗަކަށްވުރެ ބޮޑަށެވެ. މަންމަމެން ދަރިފުޅުދެކެ ވަނީ ހަގީގީ ލޯތްބެވެ. އެހެންވެ ދަރިފުޅުގެ ރިހޭދަތް އުފުރުމަކީ، ދަރިފުޅަށް ވަގުތީ ވޭނެއް ލިބޭ ކަމެއް ކަމުގައިވިޔަސް،ދަރިފުޅަށް ދާއިމީ ހަމަޖެހުމެއް ލިބޭނީ އެދަތް އުފުރުމުން ކަމުގައި ދުށީމެވެ. ދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލެއް ހޯދައިދިނުމަކީ، ދަރިފުޅު ކިތަންމެހާވެސް އުފާވާނެ ކަމެއް ކަމުގައިވިޔަސް، ދަރިފުޅުގެ ތިޔަލޯބި ހަށިގަނޑު ޤިޔާމަތް ދުވަހު ނަރަކައިގެ އަލިފާނުން ސަލާމަތްކުރުން ދަރިފުޅަށް މާ ފައިދާބޮޑުވާނެ ކަމުގައި މަންމަމެން ދުށީމެވެ. ﷲ ތަޢާލާ އަންގަވާފައިވަނީމިފަދައިންނެވެ. “ އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ނަފްސުތަކާއި ތިޔަބައިމީހުންގެ އަހުލުން ނަރަކައިން ސަލާމަތް ކުރާށެވެ. (التحريم 6) ”

ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅަކީ މަންމަމެންގެ ހިތުގެ ހަމަޖެހުމެވެ. ނަމަވެސް ކުޑައިރުއްސުރެ ދަރިފުޅު ބޭނުންހާ އެއްޗެއް ހޯދައިނުދެނީ ދަރިފުޅުދެކެ ލޯބިނުވާތީއެއް ނޫނެވެ. ދަރިފުޅު މާދަމާ އެހެންބައެއްގެ ކިބައިން ބޭނުން ކޮންމެ އެއްޗަކަށް އެދޭއިރު ނުލިބިދާނެކަން ދަރިފުޅަށް އަންގައިދިނުމަށްޓަކައެވެ. ދަރިފުޅަށް ދުނިޔެއިން ބޭނުން ކޮންމެ އެއްޗެއް ނުލިބޭނެކަން އިހްސާސް ކޮށްދިނުމަށްޓަކައެވެ. މިގޮތުން ދުނިޔެއަކީ އުނި ތަނެއްކަން އިޙްސާސްކޮށްދިނުމުގެ ބޭނުމުގައެވެ. އަދި ދުނިޔޭގައި ދިމާވާ އެންމެހާ އިމްތިހާންތަކަށް ކެތްކުރުމަށް ދަރިފުޅަށް ދަސްކޮށްދީ، އުނިކަމެއް ނެތް މަތިވެރި ސުވަރުގެ ހޯދައިދިނުމަށްޓަކައެވެ.

ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅަކީ މަންމަމެންގެ ލޮލުގެ ފިނިކަމެވެ. ނަމަވެސް ތުއްތު އިރުއްސުރެ، ދަރިފުޅަށް ބޭނުން ގޮތަކަށް ހެދުން އެޅުމަށް ފުރުޞަތު ނުދިނީ ދަރިފުޅުގެ މިނިވަންކަމަށް ހުރަސް އަޅާކަށް ނޫނެވެ. ދަރިފުޅަށް އޮތް ޙިމާޔަތަކަށްޓަކައެވެ. އެންމެހާ ބަލިހިތްތަކާއި ލޯތަކުން ދަރިފުޅު ސަލާމަތްކުރުމަށްޓަކައެވެ. އަދި ދަރިފުޅު، ހެއްދެވި ފަރާތުން އަންގަވާފައިވާ އަމުރަށް ކިޔަމަންގަތުމުގައި ހުރުމަށްޓަކައެވެ.

ދަރިފުޅަށް، ހެރީޕޮޓާއާއި މޭރީކޭޓް އެންޑް އޭޝްލީގެ ވާހަކަތައް ގަނެނުދީ، މާތް ރަސޫލުންނާއި އަޞްޙާބުންނާއި ތާބިޢީންގެ ސީރަތު ގަނެދިނީ ދަރިފުޅުގެ އެކުވެރިން ލައްވާ ދަރިފުޅަކީ ’ކަޓު‘ ކުއްޖެކޭ ބުނުވުމުގެ މަޤްޞަދަކު ނޫނެވެ. ޔަގީންކަމާއެކު ބުނަމެވެ. ދަރިފުޅުގެ އެކުވެރިން ގެންގުޅޭ ވާހަކަތަކުން އެކުދިންނަށް ރަނގަޅު ނަމޫނާއެއް ނުފެންނާނެއެވެ. ނަމަވެސް މާތް އަޞްޙާބުންނާއި ތާބިޢީންގެ ސީރަތުން ދަރިފުޅުގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރަންވީ ގޮތުގެ ފުރިހަމަ ނަމޫނާ ފެނިގެންދާނެއެވެ.

ލޯބިވާ ދަރިފުޅާއެވެ. މަންމަމެން އަބަދުވެސް ދަރިފުޅުގެ ހިތްހަމަޖެހުމާއި އުފަލަށް އެދެމެވެ. ނަމަވެސް ދަރިފުޅަށް ފިލްމު ބެލުން މަނާކުރީ ދަރިފުޅުގެ ހުސްވަގުތުތައް ފުރާލަދޭނެ ފައިދާހުރި އެހެން ކިތަންމެ ގޮތްތަކެއް ހުރިކަން މަންމަމެންނަށް އެނގޭތީއެވެ. ދަރިފުޅުގެ ސުލޫކަށް ނޭދެވޭ އެއްވެސް ބަދަލެއް އައުމަށްނޭދޭތީއެވެ. ތަޅާފޮޅުމާއި ނޭއްގާނީކަން ދަރިފުޅުގެ ކިބައިގައި އަށަގަންނަން ނޭދޭތީއެވެ. އަދި ފާޙިޝްކަންތައްތަކުގެ ތެރެއިން ފާޅުވެގެންވާ ކަމެއް ނުވަތަ ވަންހަނާވެގެންވާ ކަމެއްގެ ހިޔަނިވެސް ދަރިފުޅަށް އެޅެން ނޭދޭތީއެވެ. އަދި އެފަދަ ފިލްމުތައް ކުޅެނީ، މަންމަމެން ދަރިފުޅުގެ ކިބައިގައި އަށަގަންނަވަން ބޭނުން ޢަޤީދާއާ ފުށުއަރާ، ޢަޤީދާއެއްގެ ބަޔަކު ކަމުގައިވާތީއެވެ. މިހެން މިބުނީ ހިލޭމީހުން ގައިގޯޅިވުމާއި، ޙަރާމްކުރެއްވި މިއުޒިކު ފަދަ ކަންތައްތައް ހުއްދަކަމުގައި ، އެއްވެސް ބެލުމެއް ނެތި އެބައިމީހުން ޔަޤީން ކުރާތީއެވެ.

ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅާ އެކަށީގެންވާ މިންވަރަކުން ، ދަރިފުޅު ލައްވާ ގޭތެރޭގެ މަސައްކަތްތައް ކުރުވަނީ މަންމަމެން އެކަންތައްތައް ކުރަން ކަންނެތްވާތީކީ ނޫނެވެ. ﷲ ހެކިކޮށް ބުނަމެވެ. ދަރިފުޅުގެ ތިޔަމަޑު ދެއަތްތިލައިގައި ކުޑަކުޑަ ކޫރުމެއް އެޅެންވެސް ނޭދެމެވެ. ނަމަވެސް މާދަމާ އެހެންބައެއްގެ ތެރޭގައި ދަރިފުޅު އުޅޭއިރު، ކަންތައްތައް ކުރަން ނޭނގުމުގެ ސަބަބުން، ދަރިފުޅަކީ އެހެންމީހުންނަށް ހުރި އުނދަގުލެއް ކަމުގައި ވާކަށްނޭދެމެވެ. އަދި އެހެންމީހުން ނުރުހޭ ކުއްޖަކު ކަމުގައި ދަރިފުޅު ވާކަށް ނޭދެމެވެ. އަދި ދަރިފުޅު ދާކޮންމެ ތަނަކަށް ހަމަޖެހުމާއި އުފާވެރިކަމާއިގެން ދާކުއްޖަކު ކަމުގައި ވާންއެދެމެވެ. އަދި ދަރިފުޅަކީ، އެކަމަކުން މާތް ނަބިއްޔާ صلي الله عليه وسلم ރައްކާތެރިކަމަށް އެދިވަޑައިގެން ދުޢާކުރެއްވި ކަންނެތްކަމުން ސަލާމަތްވެފައިވާ ކުއްޖަކަށް ވާންއެދެމެވެ.

ލޯބިވާ ދަރިފުޅާއެވެ. ބައެއްފަހަރު ދަރިފުޅަށް ގޯސްކޮށް ކަންތައްތައް ކުރެވޭފަހަރު ތަންކޮޅެއް ބާރަށް އެއްޗެކޭ ބުނަނީ، ނުވަތަ ބައެއް ފަހަރު، ދަރިފުޅަށް އަނިޔާނުވާނޭހެން، ދަރިފުޅުގެ ގައިގައި ޖަހަނީ މަންމަމެން ހަރުކަށިކަމުންނެއް ނޫނެވެ. ނުވަތަ މަންމަމެންގެ ’ރުޅިގަނޑު‘ ދަރިފުޅަށް ބާލާކަށްވެސް ނޫނެވެ. އެހެން ހަދަނީ ދަރިފުޅަކީ ކިޔަމަންތެރި ކުއްޖަކަށް ހެދުމަށްޓަކައެވެ. ދަރިފުޅަކި އެންމެހާ ނޭދެވޭސިފަތަކުން ދުރުވެގެންވާ ކުއްޖަކު ކަމުގައި ހެދުމަށްޓަކައެވެ. އަދި ދަރިފުޅަށް، ދަރިފުޅުގެ އަމިއްލަ ނަސްފު މާމޮޅުކަމުގައި ނުދެއްކުމަށްޓަކައެވެ. އަދި ދަރިފުޅުގެ ތިޔަ ނަފްސަކީ ކުޑަ އެއްޗެއް ކަމުގައި އިޙްސާސް ކޮށްދިނުމަށްޓަކައެވެ. އެހެނީ މަންމައާއި ދަރިފުޅަކީވެސް  ﷲ ތަޢާލާގެ އަޅުންނީމުއެވެ.

ލޯބިވާ ދަރިފުޅާއެވެ. ﷲގެ ދީލަތިވަންތަކަމުން ދަރިފުޅަށް ދެއްވާފައިވާ އެންމެހާ ތަކެތިން ދަރިފުޅުގެ އެކުވެރިންނަށް ދިނުމަށް ބުނަނީ ދަރިފުޅު ހިތްދަތި ކުރާކަށް ނޫނެވެ. ތިމާގެ އަމިއްލަ ނަފްސަށް އެދޭ އެންމެ ރަނގަޅު ގޮތް ތިމާގެ އަޚާއަށް އެދެފުމަށްދާންދެން އަޅާ އީމާންނުވާ ކަމުގައި މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވާތީއެވެ. އެންމެ ތުއްތު އިރުއްސުރެ ދަރިފުޅަށް އެންމެ ލޯބިވެތި ކުޅޭ އެއްޗެހި ދަރިފުޅުގެ އެކުވެރިންނާ ”ޝެއާ“ ކުރުމަށް ބުނީ މިސަބަބަށްޓަކައެވެ. ތިމާ އެންމެ ލޯބިވާ އެއްޗަކުން ހޭދަކޮށްފުމަށްދާންދެން ތިމާއަށް ހެވެއް ނުލިބޭނެ ކަމުގައި ﷲ އަންގަވާފައިވާތީއެވެ. އަދި ދަރިފުޅުގެ ކިބައިން ހަމައެކަނި ތިމާގެ ނަފްސަށްޓަކައި ދިރިއުޅުމުގެ ގޯސްއާދަ ނައްތާލައި އަނެކާދެކެ ލޯބިވުމުގެ ރީތިސިފަ ހަރުލައްވަން ބޭނުންވާތީއެވެ.

ލޯބިވާ ދަރިފުޅާއެވެ. ދުނިޔަވީ ތަޢުލީމުގެ އިތުރުން ޤުރުއާން ހިތުދަސްކުރުމަށާއި ދީނީ ޢިލްމު އުނގެނުމަށް ދަރިފުޅަށް މަޖުބޫރު ކުރީ ދަރިފުޅަށް ބުރައެއް ޖައްސާކަށެއް ނޫނެވެ. ދަރިފުޅުގެ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައެވެ. ދަރިފުޅުގެ ހެއްދެވި ފަރާތް، ދަރިފުޅަށް މަޢުރިފާ ކުރެވޭނީ އޭރުން ކަމުގައި ޔަގީންކުރާތީއެވެ. އަދި ދަރިފުޅު ހެއްދެވި ފަރާތަށް އަދާކުރަންޖެހޭ ޙައްޤުތައް ދަސްކޮށްދިނުމަށާއި ﷲއާއި އެއިލާހުގެ ރަސޫލާ صلي الله عليه وسلم އަށް ލޯބިކުރަން ދަސްކޮށްދިނުމަށެވެ. އަދި ދަރިފުޅު ތަބާވާންޖެހޭ އެއިލާހުގެ އެންމެހާ އަމުރުފުޅުތަކާއި ދުރުވެގަންނަންޖެހޭ އެންމެހާ ނަހީތައް ދަސްކޮށްދިނުމަށްޓަކައެވެ. މިގޮތުން ނޫނީ ދަރިފުޅުގެ ޙަޔާތް ބާއްޖަވެރި ނުވާނެކަން ޔަގީންވާތީއެވެ.

ލޯބިވާ ދަރިފުޅާއެވެ. އަމިއްލަ ދިރިއުޅުމެއް ފަށަންދެން ދަރިފުޅަށް ވަކިންކޮޓަރިއެއް ޚާއްޞަކޮށްފައި ނުދިނީ ދަރިފުޅަށް އިތުބާރު ނުކުރާތީއެއް ނޫނެވެ. ނަމަވެސް ޝައިޠާނާއާމެދު ގަންނަ ބިރަކުންނެވެ. ދަރިފުޅުގެ މައްޗަށް ޝައިޠާނާގެ ކުޑަވެސް ބާރެއް ފޯރުމަށް ނޭދޭތީއެވެ. އެނުބައި ޝައިޠާނާ ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ބުނެފައިވެއެވެ. “ ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަންނަ އަންނަ ހުށީމެވެ. (الأعراف17) “ ދަރިފުޅުވީ ކޮންތާކުތޯއާއި ދަރިފުޅު ކުރަނީ ކޮންކަމެއްތޯ، މަންމަމެން އަބަދު ބަލަނީވެސް މިމަލްޢޫނުގެ ނުބައިކަމަށްޓަކައެވެ. އަދި ދަރިފުޅުގެ ރައްޓެހިންނާ ބައްދަލުކޮށް އެކުދިންގެ މިޒާޖު މަންމަމެން ބަލަނީވެސް މިބުނި މަލްޢޫނުގެ ކެހިވެރި މަޅީގައި ދަރިފުޅު ޖެހިދާނެކަމުގެ ބިރަށްޓަކައެވެ.

ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅަކީ މަންމަމެންގެ ދުނިޔެއާއި އާޚިރަތުގެ ފައިދާއަށްޓަކައި ﷲ ދެއްވި ބޮޑު ނިޢުމަތެއް ކަމުގައި ގަބޫލު ކުރަމެވެ. ނަމަވެސް މަންމައާއި ބައްޕަ، ދަރިފުޅު ވަކިން ބަހައްޓައިގެން ތިބެ، ތަކުރާރުކޮށް ނަޞޭހަތްދެނީ މަންމަމެން މުސްކުޅިވެ، އަނގަގަދަވެގެންނެއްނޫނެވެ. ނުވަތަ، އަބަދު ދަރިފުޅުގެ ކިބައިން ގޯސްޢަމަލުތައް ފެންނާތީކީ ނޫނެވެ. ހަމަކަށަވަރުން ހަނދާންކޮށްދިނުމަކީ މުއުމިނުންނަށް މަންފާކުރާނޭ ކަމެއް ކަމުގައި މާތްﷲ އަންގަވާފައިވާތީއެވެ.

ލޯބިވާ ދަރިފުޅާއެވެ. އެހެންމީހުން އެމީހުންގެ ދަރިންގޮވައިގެން ރެސްޓޯރަންޓްތަކަށް ގޮސް އަދި އަގުބޮޑެތި ހެދުންތައް ޢަދަދު ނުކުރެވޭ ވަރަށް ގަންނަ ފަދައިން މަންމަމެން ގަނެނުދެނީ މަންމަމެންގެ އެވަރުގެ ތަނަވަސްކަމެއް ނެތިގެންނެއް ނޫނެވެ. މާތް އަޞްހާބުން އުޅުއްވި ފަދައިން ޒުހުދުވެރި ދިރިއުޅުމެއް އުޅުމަށް ދަރިފުޅަށް ދަސްކޮށްދިނުމަށްޓަކައެވެ. އަދި ދުވާލަކު ކުލައެއްގެ ހެދުމަކުން ރައްޓެހިންނަށް ތުއި ދެއްކުމަކީ ކިބުރުވެރިކަމާއި ބޮޑާކަމަށް މަގުފަހި ކުރުވާނެ ކަމަކަށްވާތީއެވެ. ﷲ އަންގަވަނީ މިފަދައިންނެވެ. “ އަދި ހަމަކަށަވަރުން ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ ﷲ ތަޢާލާ ލޯބިވެވޮޑިނުގަންނަވައެވެ. (لقمان 18) “ ﷲގެ ދީލަތިވަންތަކަމުން މަންމަމެންނަށް ދެއްވާފައިވާ ތަނަވަސްކަމުގެ ބޭނުންކުރަން ބޭނުންވަނީ އާޚިރަތްހޯދުމަށް އޮތް ވަސީލަތެއް ކަމުގައެވެ. އެހެންކަމުން ދަރިފުޅަކީވެސް އިސްރާފްކުރާ ކުއްޖަކަށް ވުމަކަށް ނޭދެމެވެ. އެހެނީ އިސްރާފްކުރާމީހުން ދެކެ ﷲ ލޯބިވެވޮޑިނުގަންނަވައެވެ.

ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅަކީ ޞާލިޙް ދަރިއަކަށްވީތީ ނިހާޔަތަށް އުފާކުރަމެވެ. މާތް ﷲ، ދަރިފުޅުގެ ކެތްތެރިކަމާއި ކިޔަމަންތެރިކަމަށްޓަކައި ހެޔޮޖަޒާ ދެއްވާށިއެވެ. އަދި ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެއިން، ދަރިފުޅަށް މަތިވެރި މަޤާމެއް ދެއްވާށިއެވެ. އަދި އެދުވަހަކުން މުދަލަކުން ނުވަތަ ދަރިންގެކިބަޔަކުން މަންފާއެއް ނުކުރާނެ ދުވަހުގައި މަންމަމެންގެ ހެޔޮކަމުގެ ތިލަފަތް ބަރުކުރުމަށްޓަކައި، މަންމައާއި ބައްޕަ ނެތް ދުވަހަކުންވެސް ހެޔޮ ދުޢާކޮށްދޭނެ ދަރިޔަކު ކަމުގައި ދަރިފުޅުވާނެ ކަމުގައި ޔަގީން ކުރަމެވެ. މަންމައާއި ބައްޕަ، ދަރިފުޅު ދެކެ ވަރަށް ލޯބިވަމެވެ.

 

މަސްދަރު: ނޫރުލް އިސްލާމް

1