ނަޞޭޙަތާއި އިރުޝާދު
މުއުމިނުންގެ ޢައިބުތައް ވަންހަނާ ކުރާށެވެ!

 

މިއަދު އަޅުގަނޑުމެންގެ ތެރޭގައި އިސްލާމްދީނަށް އުޅެން މަސައްކަތް ކުރާ މީހުން ގިނަވެފައިވާ ކަމީ އެކަމަށްޓަކައި ކީރިތިވަންތަ ﷲ އަށް ޙަމްދާއި ޝުކުރު ކުރަން ޖެހޭ ކަމެކެވެ. މިއަދު މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރާ މުސްލިމުން ގިނައެވެ. ޢައުރަ ނިވާވާ ފަދަ ފޭރާން އަޅައި، ނިވާވެގެންތިބި އަންހެނުންވެސް މުޖުތަމަޢުގައި ގިނައެވެ.

އެހެން ނަމަވެސް މުސްލިމުންގެ ތެރެއިން އެއްބަޔަކު އަނެއްބަޔަކަށް ފަޟީޙަތްކުރުމާއި އެއްބަޔަކު އަނެއް ބަޔަކަށް ކެއްސެއް ނުވަތަ ”ލަނޑެއް“ ދީފައި އަނެކާ ޖަހާލާފައި ތިމާ ކުރިއަރައިގެން ދިޔުމުގެ ނުބައި އާދަ ދިވެހިންގެ މެދުގައި ފެންނާތީ ހިތާމަހުއްޓެވެ. މިކަންތައްތަކަކީ ޢާއްމު ބައެއްގެ ތެރޭގައިވެސް ހަޖަމު ކުރަން ދަތި ކަންތައްތަކެކެވެ. އެހެން ވީއިރު ދީނަށް ލޯބިކުރާކަމަށް ދައުވާ ކުރަމުން، ދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތް ތިމާގެ ބޭރުފުށުން ފެންނަން ހުންނަ މީހާގެ ކިބައިގައި މިސިފަ ހުރުމަކީ ނުބައިކަމުގެ ގޮތުން ބޮޑު ކަމެކެވެ.

މިއުއްމަތުގެ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. مَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ فِي الدُّنْيَا وَالْآخِرَةِ  (رواه مسلم)  މާނައީ“ މުސްލިމެއްގެ ޢައިބު ވަންހަނާކޮށްފި މީހެއްގެ ޢައިބު ދުނިޔެއާއި އާޚިރަތުގައި ﷲ ތަޢާލާ ވަންހަނާ ކޮށްދެއްވަވާނެއެވެ.“

އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކީ ފާފައިން ސަލާމަތްވެވިފައިވާ މީހެއް ނޫނެވެ. އެމީހެއްގެ ހުރި ޢައިބުތައް، ﷲ ފިޔަވައި، އެންމެ ރަނގަޅަށް އެނގޭނީ ޚުދު އެމީހަކަށެވެ. އެއިން ކަމެއް މީސްތަކުންނަށް އެނގި ފާޅުވެއްޖެނަމަ ތިމާއަށް ޖެހޭނެ ޙާލާމެދު ވިސްނާލެވުނީ ކިތައް މީހުންނަށް ހެއްޔެވެ. އަދި އެކަންތައްތައް ދުނިޔެއާއި އާޚިރަތުގައިވެސް ވަންހަނާ ކުރެވުމަށް އެދޭނަމަ މިއަދު އެހެން މުސްލިމުންގެ ސިއްރުތައް ހޯދައި ބެލުމަށް އެމީހުންގެ ފަހަތުން ހިނގައި ނޫޅޭށެވެ.

ހިތާމައަކީ، މިއަދު އަޅުގަނޑުމެންގެ ތެރޭގައި އޮފީހުގައި މަސައްކަތްކުރާ އެކުވެރިޔާ ސައިގަޑިއަށް ބޭރަށް ދިޔުމުން އޭނާގެ މޭޒުމައްޗާއި ކޮމްޕިޔުޓަރާއި، އޭނާގެ ކުނިއަޅާ ޑަސްބިނަށް ދާނދެން ބަލާ މީހުން އުޅޭ ކަމެވެ. މިއީ މުސްލިމު އަޚުންނަށް ޖާސޫސު ކުރުމެވެ. މިއީ ކަނޑައެޅިގެން އިސްލާމްދީނުގައި، ކީރިތި ޤުރްއާނުގެ ނައްޞުން ޙަރާމް ކަމެކެވެ.

ސޫރަތުލް ޙުޖުރާތުގެ 12 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. وَلا تَجَسَّسُوا މާނައީ: އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސު ނުކުރާށެވެ!

މި އާޔަތުގެ ތަފްސީރުގައި ޢަބްދުﷲ ބުނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. މިއާޔަތުގައި ﷲ ތަޢާލާ ވަނީ މުއުމިނުނާއަށް އޭނާގެ އަޚާގެ ސިއްރުބެއްލުމަށް ފާރަލައި އުޅުން ނަހީކުރައްވާފައެވެ. [ތަފްސީރު އިބްނު އަބީ ޙާތިމް]

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މުއުމިނުންގެ ސިފަތައް ބަޔާންކޮށްދެއްވައި ޙަދީޘް ކުރެއްވިއެވެ. “ إِيَّاكُمْ وَالظَّنَّ ، فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ ، وَلا تَجَسَّسُوا ، وَلا تَحَسَّسُوا ، وَلا تَبَاغَضُوا ، وَكُونُوا عِبَادَ اللَّهِ إِخْوَانًا ” .މާނައީ؛ ތިޔަބައިމީހުން ހީތަކުން ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ހީއަކީ އެންމެ ދޮގު ވާހަކައެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސު ނުކުރާށެވެ! އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޙަސަދަވެރި ނުވާށެވެ! އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ރުޅިނުވާށެވެ! އޭ ﷲ ގެ އަޅުތަކުންނޭވެ. ތިޔަބައިމީހުން އަޚުންތަކެއް ކަމުގައި ވާށެވެ.

މިއީ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އިރުޝާދެވެ. އެކަލޭގެފާނުގެ އަރިހަށް ގޮސް، ތިމަންނައަށް ޒިނޭކުރެވުނު ކަމަށް އެއްބަސްވެ، އެކަމުގެ އަދަބު ލިބިގަތުމަށް މާޢިޒް ރަޟިޔަﷲ ޢަންހު އަށް މަޝްވަރާދެއްވި ހައްޒާލްއަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. يا هزال لَو سَتَرْتَه بِثَوْبِكَ كَانَ خَيراً لَكَرواه أحمد وغيره، وصححه الألباني މާނައީ؛ އޭ ހައްޒާލުއެވެ. ތިބާގެ ފޭރާމުގެ ތެރެއަށްލައި އޭނާ ފޮރުވިނަމަ، އެކަން ތިބާއަށް ހެޔޮކަން ބޮޑެވެ. އެބަހީ؛ އޭނާގެ އެކަންތައް ސިއްރު ކުރިނަމަ އެކަން ތިބާއަށް ހެޔޮކަން ބޮޑުވީހެވެ.

މުޞައްނަފް ޢަބްދުއްރައްޒާޤްގައި ވެއެވެ. އަބޫބަކުރުއް ޞިއްދީޤް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ވައްކަންކުރާ މީހާއާއި ޒިނޭކުރާ މީހާއާއި ރާބޯ މީހާގެ ކުށް ފޮރުވުމަށް އެބައިމީހުން ވައްދާނެތަނެއް، ތިމަންކަލޭގެފާނުގެ ހެދުންކޮޅު ފިޔަވައި އެހެން ތަނެއް ނުފެނުނު ކަމުގައި ވީނަމަވެސް ތިމަން ކަލޭގެފާނު ލޯބިކުރެއްވީހީ އެބައިމީހުންގެ ކުށް ފޮރުވުމަށެވެ.

ލޮބުވެތި އަޚުންނޭވެ! ތިޔައީ އިސްލާމްދީނަށްޓަކައި ލޯބިކުރާކަމަށް ދަޢުވާ ކުރާ މީހުންނެވެ. މީސްތަކުން ދީން ނަގަނީ ތިޔަބައިމީހުންގެ ކިބައިންނެވެ. ﷲއަށްޓަކައި މައިތިރިވެ، އިސްލާމްދީނުގެ ތަރަހައިގެ ތެރެއަށް ވަންނާށެވެ. މިއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތެވެ. ހަމައެކަނި ބޭރުފުށުން ސުއްނަތުގެ ތެރެއިން ދެތިން ކަމެއް ހުރުމުން ނުފުދޭނެއެވެ. ތުނބުޅި ދިގުކުރުމަކީ ވާޖިބެކެވެ. ފައިކުރި ތަނބިކަށްޓަށްވުރެ ކުރުކުރުމަކީވެސް ވާޖިބެކެވެ. ނަމަވެސް އެއާއެކު އަދާކުރަންޖެހޭ އެހެން ސުއްނަތްތައް ހަނދާން ނައްތާނުލާށެވެ. މިއުއްމަތުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެނެސް ދެއްވި މަތިވެރި އަޚްލާޤްގެ ސިފައިން ތިމާގެ އަޚްލާޤް ޒީނަތްތެރި ކުރާށެވެ.

ވިސްނާލަމާ ހިނގާށެވެ! އެހެން މީހަކު ފަޟީޙަތްކުރުމަށް ތިމާގެ އަތުން ލިޔުމެއް ލިޔާއިރު، ނުވަތަ ފޭސްބުކްގައި ކޮމެންޓު ކުރާއިރު މުސްލިމުންގެ ޢިއްޒަތާއި ޤަދަރަކީ ކޮބައިކަން ވިސްނާލެވުނު ތޯއެވެ؟ ނުވަތަ ތިމާއާމެދު އެފަދަ ވާހަކަތަކެއް ފޭސްބުކުން ނުވަތަ އެހެން ތަނަކުން ފެންނަހިނދު ތިމާގެ ހިތުގައި އުފެދޭނެ ޝުޢޫރުތަކާމެދު ވިސްނާލެވުނު ހެއްޔެވެ. ތިމާގެ މުސްލިމު އަޚުން ފަޟީޙަތްކޮށް ފޭސްބުކުގައި ލިޔަމުންދާއިރު ނުވަތަ އެހެން ތަންތަނުގައި ލިޔަމުންދާއިރު، ތިމާމެންގެ ސިއްރުތައް ހާމަކުރެއްވުމަށް ކުޅަދުންވަންތަ އިލާހު ބައްލަވައިވޮޑިގެންވާކަން ދަންނަމު ހެއްޔެވެ؟

ނުވަތަ އެއީ ކުޑަ އާދައިގެ ކަމެއް ކަމުގައި ދެކެނީ ހެއްޔެވެ؟ ނޫނެކެވެ. وَتَحْسَبُونَهُ هَيِّنًا وَهُوَ عِنْدَ اللَّهِ عَظِيمٌތިޔަބައިމީހުން އެއީ ކުޑަކަމެއްކަމުގައި ދެކެމުއެވެ. އެހެނަސް އެއީ ﷲގެ ޙަޟްރަތުގައި ބޮޑުވެގެންވާ ކަމެކެވެ.

0