ވާރޭ ވެހޭ މަންޒަރު ސިފަކޮށް ލިޔުންތެރިން ވަނީ އެތަކެއް ލިޔުމެއް ލިޔެފައެވެ. ޅެންވެރިންވަނީ އެތަކެއް ޅެމެއް ހަދާފައެވެ. ކުރެހުންތެރިންވަނީ އެތަކެއް ކުރެހުމެއް ކުރަހާފައެވެ.
އިލާހީ މަޞްދަރުތަކުގައިވެސް ވާރެޔާއި ގުޅޭ އެތަކެއް ނައްޞުތަކެއް ވަނީ އައިސްފައެވެ. މިގޮތުން އައްރޫމު ސޫރަތުގައި އައިސްފައިވާ ސިފަކުރުމާއިމެދު އަޖައިބުނުވާ ޅެންވެރިއެއް، ލިޔުންތެރިއެއް އަދި ކުރެހުންތެރިއެއް ނެތެވެ.
ޢަރަބި ޝާޢިރުންނާއި އަދީބުންގެ އިތުރުން އެކި ބަސްބަހުގެ ފުންނާބު އުސް އެތަކެއް ލިޔުންތެރީންނަކާއި ޅެންވެރިންނެއްވަނީ މި ވަޞްފާއިމެދު އާޝޯހުވެ، އެކަމާއިމެދު ވާހަކަ ދައްކަވާފައެވެ.
اللَّـهُ الَّذِي يُرْسِلُ الرِّيَاحَ فَتُثِيرُ سَحَابًا فَيَبْسُطُهُ فِي السَّمَاءِ كَيْفَ يَشَاءُ وَيَجْعَلُهُ كِسَفًا فَتَرَى الْوَدْقَ يَخْرُجُ مِنْ خِلَالِهِ ۖ فَإِذَا أَصَابَ بِهِ مَن يَشَاءُ مِنْ عِبَادِهِ إِذَا هُمْ يَسْتَبْشِرُونَ ﴿٤٨﴾
اللَّه އީ، ވައިރޯޅިތައް ފޮނުއްވައި، އަދި އެ ވައިރޯޅިތައް ވިލާތައް އުފުލައި، އަދި އެކަލާނގެ އިރާދަކުރައްވާ ފަދައަކުން އުޑުގައި އެ ވިލާތައް ފަތުރުއްވައި، އަދި އެ ވިލާތައް ވަކިވަކިވެގެންދާ އެތިކޮޅުތަކެއް ކަމުގައި ލައްވާ ރަސްކަލާނގެއެވެ. ފަހެ، އެ ވިލާތަކުގެ ތެރެއިން ކެރި ނުކުންނާތީ ތިބާޔަށް ފެންނާނެތެވެ. ފަހެ، އެކަލާނގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް އޭގެ نعمة ދެއްވައިފިނަމަ، އެހިނދު ކުއްލިޔަކަށް އެއުރެން އުފާ حاصل ކޮށްގަނެތެވެ.
وَإِن كَانُوا مِن قَبْلِ أَن يُنَزَّلَ عَلَيْهِم مِّن قَبْلِهِ لَمُبْلِسِينَ ﴿٤٩﴾
އަދި އޭގެކުރިން އެއުރެންގެ މައްޗަށް ވާރޭ ވެއްސެވުމުގެކުރިން އުންމީދު ކެނޑި، މާޔޫސްވެފައި ތިބިބަޔަކު ކަމުގައި އެއުރެންވޫއެވެ.
فَانظُرْ إِلَىٰ آثَارِ رَحْمَتِ اللَّـهِ كَيْفَ يُحْيِي الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ ذَٰلِكَ لَمُحْيِي الْمَوْتَىٰ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٥٠﴾
ފަހެ، اللَّه ގެ رحمة ގެ އަސަރުތައް ދެކެބަލާށެވެ! ބިންގަނޑު މަރުވުމަށްފަހު، (ވާރޭގެ ސަބަބުން) އެކަލާނގެ އެ ބިންގަނޑު ދިރުއްވަނީ ކޮންފަދައަކުން ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލާނގެއީ، މަރުވެފައިވާ މީހުން ދިރުއްވާ ރަސްކަލާނގެކަން ކަށަވަރެވެ. އެކަލާނގެއީ، ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
(އައްރޫމު ސޫރަތުގެ 48 ވަނަ އާޔަތުން ފެށިގެން 50 ވަނަ އާޔަތުގެ ނިޔަލަށް)