ދިރާސާ
ކީރިތި ޤުރުއާނުގެ ބަގީޗާ: سورة الروم

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
ވަޙީ އަކީ ޝައްކުކުރެވެންނެތް ޙައްޤުތެދުކަން ބަޔާންކޮށްދީފައިވެއެވެ.
ސޫރަތުގައި އަލިއަޅުވައިލެވިފައިވާ ބައެއް موضوع ތައް
• މި ސޫރަތް ފެށިފައިވަނީ މުސްތަޤްބަލުގައި ހިނގާނެ ކަމެއްގެ ވާހަކަ ބަޔާންކުރައްވަމުންނެވެ.
الم ﴿١﴾
غُلِبَتِ الرُّومُ ﴿٢﴾
فِي أَدْنَى الْأَرْضِ وَهُم مِّن بَعْدِ غَلَبِهِمْ سَيَغْلِبُونَ ﴿٣﴾
فِي بِضْعِ سِنِينَ ۗ لِلَّـهِ الْأَمْرُ مِن قَبْلُ وَمِن بَعْدُ ۚ وَيَوْمَئِذٍ يَفْرَحُ الْمُؤْمِنُونَ ﴿٤﴾

• ރޫމުގެ މީހުން ތަރައްޤީވެ ކުރިއަރާފައިވުމުން އެބައިމީހުން އެ ތިބީ ހައްޤު މަގުގައިކަމަށް އީމާންކަން ބަލިކަށި ބައެއް މުސްލިމުންނަށް ހީވެދާނެއެވެ. އަދި ތަހްޒީބާއި ތަމައްދުންގައި އެހެން ޤައުމުތައް ފަހަތުގައި އެވަނީ އެބައިމީހުން ބާޠިލްގެ މަތީގައި ތިބުމުން ކަމުގައި ހީވެދާނެއެވެ. މި ޒަމާނުގައި މިފަދައިން ހީކުރާ މުސްލިމުން އަދި މާގިނައެވެ. މިއީ ނުރަނގަޅު ޤަބޫލުކުރުމެއްކަން މި ސޫރަތުގައި ބަޔާންކޮށްދީފައިވެއެވެ.
• މި ސޫރަތުގައި މާތްﷲގެ ކުޅަދުންވަންތަކަމުގެ ހެކިތައް ޙަޔާތުގެ އެކި މައިދާންތަކާއި ރޮނގުވަޅުތަކުގެ އަލީގައި ބަޔާންކޮށްދީފައިވެއެވެ.
o ތާރީޚީ ގޮތުން: ރޫމީންނާއި ފާރިސީންނާއި ދެމެދު މުސްތަޤްބަލުގައި ހިނގާނެ ހަނގުރާމައެއްގެ ޚަބަރު ދީފައިވުން
o އިޤްތިޞާދީ ގޮތުން: ޒަކާތުގެ ފައިދާތަކާއި ރިބާގެ ގެއްލުންތައް ބަޔާންވެފައިވެއެވެ. އަދި ރިބާ ހަރާމްކުރެވިފައިވާކަންވެސް ބަޔާންވެފައިވެއެވެ.
o އިޖްތިމާޢީ ގޮތުން: ޒަވާޖީ ޙަޔާތެއް ބާއްޖަވެރިވުމަށްޓަކައި ބޭނުންވާ ތިން ރުކުން ބަޔާންވެފައިވެއެވެ. އެއީ އެކަކު އަނެކަކަށް ހިތްހަމަޖެހުން ހޯދައިދިނުމާއި ދެމަފިރިންގެ ދެމެދުގައި ކުލުނުވެރިކަން އޮތުމާއި(މަވައްދަތު އޮތުމާއި) ރަޙްމަތް އޮތުމެވެ.
وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ﴿٢١﴾
ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفس ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.

o އިންސާނާގެ އަސްލަކީ ވެލިކަން ބަޔާންކޮށްފައިވެއެވެ.
وَمِنْ آيَاتِهِ أَنْ خَلَقَكُم مِّن تُرَابٍ ثُمَّ إِذَا أَنتُم بَشَرٌ تَنتَشِرُونَ ﴿٢٠﴾
އަދި އެކަލާނގެ ތިޔަބައިމީހުން ވެލީން އުފެއްދެވުންވަނީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ދެން އެހިނދު، ތިޔަބައިމީހުން އިންސާނުންގެ ގޮތުގައި (ބިމުގައި) ފެތުރިގެންވަމުއެވެ.
o އުޑުތަކާއި ބިން ހެއްދެވުމުގެ ވާހަކަ އައިސްފައިވެއެވެ.
وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافُ أَلْسِنَتِكُمْ وَأَلْوَانِكُمْ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّلْعَالِمِينَ ﴿٢٢﴾
އުޑުތަކާއި ބިން ހެއްދެވުމާއި، ތިޔަބައިމީހުންގެ ދޫތަކާއި (އެބަހީ: ބަސްތަކާއި) ކުލަތައް ތަފާތުވެފައިވާކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން، އެކަމުގައި (އެފަދަ ކަންތައް) ދަންނަމީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ.

o ރޭގަނޑާއި ދުވާލުގެ ވާހަކަ އައިސްފައިވެއެވެ.
وَمِنْ آيَاتِهِ مَنَامُكُم بِاللَّيْلِ وَالنَّهَارِ وَابْتِغَاؤُكُم مِّن فَضْلِهِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَسْمَعُونَ ﴿٢٣﴾
އަދި ރޭގަނޑާއި ދުވާލުގެ ވަގުތުގައި ތިޔަބައިމީހުން ނިދާ ނިދުމާއި، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން އެދި ތިޔަބައިމީހުން މަސައްކަތްކުރުންވަނީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެކަމުގައި އަހާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.

o ވިދުވަރާއި ވާރޭގެ ވާހަކަ އައިސްފައިވެއެވެ.
وَمِنْ آيَاتِهِ يُرِيكُمُ الْبَرْقَ خَوْفًا وَطَمَعًا وَيُنَزِّلُ مِنَ السَّمَاءِ مَاءً فَيُحْيِي بِهِ الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ ﴿٢٤﴾
އަދި ތިޔަބައިމީހުންނަށް ބިރުދެއްކެވުމުގެ ގޮތުންނާއި (ވާރެއާމެދު) އެދުންވެރި ކުރެއްވުމުގެ ގޮތުން، ވިދުވަރު ތިޔަބައިމީހުންނަށް ދެއްކެވުމާއި، ބިންގަނޑު މަރުވުމަށްފަހު އުޑުން ފެން ވެއްސަވައި، އެ ފެނުގެ ސަބަބުން އެ ބިން އަލުން ދިރުއްވާކަން ވަނީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ހަމަކަށަވަރުން، ވިސްނާބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
އިސްވެ މިދެންނެވި ހެކިތަކާއި މެދު ވިސްނާ ފިކުރުކޮށްފިނަމަ ﷲ ތަޢާލާއަކީ އެއްކައުވަންތަ ޚާލިޤްކަމާއި ވަޙީއަކީ ޙައްޤު ތެދުކަން ޔަޤީންވާނެއެވެ.

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް

• ރޫމުގެ ވާހަކަ މި ސޫރަތުގައި އައިސްފައިވުމުގެ އެއް ސަބަބަކީ އެކި ޒަމާންތަކުގައި އެ ޤައުމުގެ މީސްތަކުންގެ އުނދަގޫތައް މުސްލިމުންނަށް ފޯރާފައިވާތީއެވެ. އަދި އެބައިމީހުންނަށް ލިބިފައިވާ ތަރައްޤީއާއި ތަމައްދުންގެ ސަބަބުން ބައެއް މުސްލިމުން ފިތުނަވެރިވާތީއެވެ.
ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްފުޅެއްގައިވެއެވެ.
“‏ تَقُومُ السَّاعَةُ وَالرُّومُ أَكْثَرُ النَّاسِ ‏”‏
(ޤިޔާމަތްވާހިނދު އެންމެ ބޯ ގިނަ ޖަމާޢަތަކީ ރޫމީންގެ ޖަމާޢަތެވެ)
صحيح مسلم

މި ސަބަބުތަކަށްޓަކައި ރޫމީންގެ މައްޗަށް މުސްލިމުންނަށް ނަޞްރު ލިބިދާނެކަމާއިމެދު ބައެއް މީހުން ޝައްކުކޮށްފާނެއެވެ. މި ސޫރަތް ބާއްވައިލެއްވުމުން މުސްލިމުން އެބައިމީހުންގެ މައްޗަށްވެސް ނަޞްރު ހޯދާނެ ކަމުގެ ޔަޤީންކަން މުސްލިމުންނަށް ލިބުނެވެ.
• ޒިކުރުކުރުންފަދަ އެހެން އެއްވެސް އަޅުކަމެއް ނުވެއެވެ. އެއީ އެންމެ މާތް އަޅުކަމެވެ. އެއީ ކޮށްލަން އެންމެ ފަސޭހަ އަޅުކަމެވެ. އަދި އެއީ ހައްޓަށް ލުއި، މީޒާނުގައި އެންމެ ބަރުވެގެންވާ އަޅުކަމެވެ. ދުވަހުގެ އެންމެހާ ވަގުތެއްގައިވެސް ޒިކުރު ކުރުންމަތީގައި ދެމިތިބުމަށް މި ސޫރަތުގައި އަންގަވައިފައިވެއެވެ.
فَسُبْحَانَ اللَّـهِ حِينَ تُمْسُونَ وَحِينَ تُصْبِحُونَ ﴿١٧﴾
ފަހެ، ތިޔަބައިމީހުން ރޭގަނޑުގެ ތެރެޔަށް ވަންނަހިނދުގައްޔާއި، ފަތިހުގެ ތެރެޔަށް ތިޔަބައިމީހުން ވަންނަހިނދު، اللَّه އަށް تسبيح ކިޔައި ނަމާދުކުރާށެވެ!

وَلَهُ الْحَمْدُ فِي السَّمَاوَاتِ وَالْأَرْضِ وَعَشِيًّا وَحِينَ تُظْهِرُونَ ﴿١٨﴾
އުޑުތަކާއި، ބިމުގައި އެންމެހާ تعريف އާއި ثناء މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި އަނދިރިވަމުން އަންނަ ވަގުތުގައްޔާއި، ތިޔަބައިމީހުން މެންދުރުގެ ތެރެއަށް ވަންނަހިނދުގައި (اللَّه އަށް ތިޔަބައިމީހުން تسبيح ކިޔައި ނަމާދުކުރާށެވެ!)

• ޒަކާތުގެ ފައިދާތަކާއި ރިބާގެ ގެއްލުންތައް ބަޔާންވެފައިވެއެވެ.
وَمَا آتَيْتُم مِّن رِّبًا لِّيَرْبُوَ فِي أَمْوَالِ النَّاسِ فَلَا يَرْبُو عِندَ اللَّـهِ ۖ وَمَا آتَيْتُم مِّن زَكَاةٍ تُرِيدُونَ وَجْهَ اللَّـهِ فَأُولَـٰئِكَ هُمُ الْمُضْعِفُونَ ﴿٣٩﴾
އަދި މީސްތަކުންގެ މުދަލުން رِبا ގެ ގޮތުގައި އިތުރުވުމަށްޓަކައި ތިޔަބައިމީހުން ދިން އެއްޗެއް، اللَّه ގެ حضرة ގައި އިތުރުވެގެން ނުދާނެތެވެ. އަދި اللَّه ގެ وجه ފުޅު އެދިގެން زكاة ގެ ގޮތުން ތިޔަބައިމީހުން ދިން އެއްޗަކާމެދު (ދަންނާށެވެ!) އިތުރުކުރާ ބަޔަކީ ހަމަ އެއުރެންނެވެ.

• މުޞީބާތްތައް ޖެހުމުގެ މައިގަނޑު ސަބަބަކީ އަޅުގަނޑުމެންނަށް ކުރެވޭ ފާފަތަކެވެ.
ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ ﴿٤١﴾
މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް عمل ގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (توبة ވެ) رجوع ވުމަށްޓަކައެވެ.
) މި ސޫރަތުގެ 41 ވަނަ އާޔަތް)

• ދިގު ޢުމުރެއް ލިބިފައި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުން އަދައިގެން ހެޔޮ ޢަމަލުތައް ކުރުމުގައި އެ ޢުމުރު ހޭދަކުރާ މީހާއަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ. އަދި އެމީހެއްގެ ޢުމުރު ބޭކާރު ވާހަކަތަކާއި ކަންތައްތަކާއި ޝަހްވަތުގެ އެދުންތައް ފުރިހަމަ ކުރުމުގައި ނަގާލި މީހާ އަށް ހުރި ގެއްލުމާއި ހަލާކުގެ ބޮޑު ކަމާއެވެ.
اللَّـهُ الَّذِي خَلَقَكُم مِّن ضَعْفٍ ثُمَّ جَعَلَ مِن بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِن بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً ۚ يَخْلُقُ مَا يَشَاءُ ۖ وَهُوَ الْعَلِيمُ الْقَدِيرُ ﴿٥٤﴾
ބަލިކަށިކަމުގެ ތެރެއިން ތިޔަބައިމީހުން ހެއްދެވި ކަލާނގެއީ، اللَّه އެވެ. ދެން ބަލިކަށިކަމަށްފަހު، ބާރެއްލައްވައި އަދި ބާރަށްފަހު ބަލިކަށިކަމާއި، ދުވަސްވުމުގެ ދެރަކަމާއި، ނިކަމެތިކަން ލެއްވީވެސް އެކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
) މި ސޫރަތުގެ 54 ވަނަ އާޔަތް)

ވާރޭ ވެހޭ މަންޒަރު ސިފަކޮށް ލިޔުންތެރިން ވަނީ އެތަކެއް ލިޔުމެއް ލިޔެފައެވެ. ޅެންވެރިންވަނީ އެތަކެއް ޅެމެއް ހަދާފައެވެ. ކުރެހުންތެރިންވަނީ އެތަކެއް ކުރެހުމެއް ކުރަހާފައެވެ. އިލާހީ މަޞްދަރުތަކުގައިވެސް ވާރެޔާއި ގުޅޭ އެތަކެއް ނައްޞުތަކެއް ވަނީ އައިސްފައެވެ. މިގޮތުން އައްރޫމު ސޫރަތުގައި އައިސްފައިވާ ސިފަކުރުމާއިމެދު އަޖައިބުނުވާ ޅެންވެރިއެއް، ލިޔުންތެރިއެއް އަދި ކުރެހުންތެރިއެއް ނެތެވެ. ޢަރަބި ޝާޢިރުންނާއި އަދީބުންގެ އިތުރުން އެކި ބަސްބަހުގެ ފުންނާބު އުސް އެތަކެއް ލިޔުންތެރީންނަކާއި ޅެންވެރިންނެއްވަނީ މި ވަޞްފާއިމެދު އާޝޯހުވެ، އެކަމާއިމެދު ވާހަކަ ދައްކަވާފައެވެ.
اللَّـهُ الَّذِي يُرْسِلُ الرِّيَاحَ فَتُثِيرُ سَحَابًا فَيَبْسُطُهُ فِي السَّمَاءِ كَيْفَ يَشَاءُ وَيَجْعَلُهُ كِسَفًا فَتَرَى الْوَدْقَ يَخْرُجُ مِنْ خِلَالِهِ ۖ فَإِذَا أَصَابَ بِهِ مَن يَشَاءُ مِنْ عِبَادِهِ إِذَا هُمْ يَسْتَبْشِرُونَ ﴿٤٨﴾
اللَّه އީ، ވައިރޯޅިތައް ފޮނުއްވައި، އަދި އެ ވައިރޯޅިތައް ވިލާތައް އުފުލައި، އަދި އެކަލާނގެ އިރާދަކުރައްވާ ފަދައަކުން އުޑުގައި އެ ވިލާތައް ފަތުރުއްވައި، އަދި އެ ވިލާތައް ވަކިވަކިވެގެންދާ އެތިކޮޅުތަކެއް ކަމުގައި ލައްވާ ރަސްކަލާނގެއެވެ. ފަހެ، އެ ވިލާތަކުގެ ތެރެއިން ކެރި ނުކުންނާތީ ތިބާޔަށް ފެންނާނެތެވެ. ފަހެ، އެކަލާނގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް އޭގެ نعمة ދެއްވައިފިނަމަ، އެހިނދު ކުއްލިޔަކަށް އެއުރެން އުފާ حاصل ކޮށްގަނެތެވެ.
وَإِن كَانُوا مِن قَبْلِ أَن يُنَزَّلَ عَلَيْهِم مِّن قَبْلِهِ لَمُبْلِسِينَ ﴿٤٩﴾
އަދި އޭގެކުރިން އެއުރެންގެ މައްޗަށް ވާރޭ ވެއްސެވުމުގެކުރިން އުންމީދު ކެނޑި، މާޔޫސްވެފައި ތިބިބަޔަކު ކަމުގައި އެއުރެންވޫއެވެ.
فَانظُرْ إِلَىٰ آثَارِ رَحْمَتِ اللَّـهِ كَيْفَ يُحْيِي الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ ذَٰلِكَ لَمُحْيِي الْمَوْتَىٰ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٥٠﴾
ފަހެ، اللَّه ގެ رحمة ގެ އަސަރުތައް ދެކެބަލާށެވެ! ބިންގަނޑު މަރުވުމަށްފަހު، (ވާރޭގެ ސަބަބުން) އެކަލާނގެ އެ ބިންގަނޑު ދިރުއްވަނީ ކޮންފަދައަކުން ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލާނގެއީ، މަރުވެފައިވާ މީހުން ދިރުއްވާ ރަސްކަލާނގެކަން ކަށަވަރެވެ. އެކަލާނގެއީ، ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
(އައްރޫމު ސޫރަތުގެ 48 ވަނަ އާޔަތުން ފެށިގެން 50 ވަނަ އާޔަތުގެ ނިޔަލަށް)
الم [٣٠:١] غُلِبَتِ الرُّومُ [٣٠:٢] فِي أَدْنَى الْأَرْضِ وَهُم مِّن بَعْدِ غَلَبِهِمْ سَيَغْلِبُونَ [٣٠:٣] فِي بِضْعِ سِنِينَ ۗ لِلَّهِ الْأَمْرُ مِن قَبْلُ وَمِن بَعْدُ ۚ وَيَوْمَئِذٍ يَفْرَحُ الْمُؤْمِنُونَ [٣٠:٤] (الروم 1-4) މާނައީ: ا ل م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) ރޫމް ބަލިކުރެވިއްޖެއެވެ. އެބައިމީހުން ބަލިވުމަށްފަހުގައި ބިމުގައިވާ އެންމެ ތިރި ސަރަޙައްދުއި އެބައިމީހުން ކާމިޔާބު ހޯދާނެއެވެ. (عربى ންނާ) އެންމެ ކައިރި ބިމުގައި (فارسى ންގެ އަތުން) رومى ން ބަލިވެއްޖައޫއެވެ. އަދި އެއުރެން ބަލިވުމުގެ ފަހަށް، މަދު އަހަރުކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދާނެތެވެ. (އެބަހީ: فارسى ންގެ މައްޗަށެވެ.) އޭގެކުރިންވެސް އަދި އޭގެފަހުންވެސް ހުރިހާކަމެއް މިލްކުވެގެންވަނީ، اللَّه އަށެވެ. އަދި އެދުވަހުން مؤمن ން އުފާކުރާނެތެވެ.

މިއާޔަތުގެ ޢިލްމީ ދިރާސާ:

ތާރީޚީ ޙަޤީޤަތެއް:

ބައިޒަންޓޭނިއަން އިންބުރާޠޯރިއްޔާއާއި ފާރިސްގެ ރަސްކަމާދެމެދުގައި ހަނގުރާމަތަކެއް ކުރެވުނުކަން ތާރީޚުގެ ފޮތްތަކުން ސާބިތުވެފައިވެއެވެ. ބައިޒަންޓޭނިއަން އިންބާރާޠޯރިއްޔާއަކީ ރޯމް އިންބުރާޠޯރިއްޔާގެ އިރުމަތީ ފަޅިއަށް ކިޔުނުނަމެކެވެ. ރޯމްގެ ރަސްކަން ފުޅާވުމުގެ ސަބަބުން ދެބައަކަށް ބަހައިލީއެވެ. އެއީ ބަޙުރުލް މައްޔިތު ނުވަތަ ޑެޑްސީގެ އައްސޭރީގެ ސަރަޙައްދުތަކުގައިކުރެވުނު ހަނގުރާމައެކެވެ. އަދި އެހަނގުރާމާގައި ރޯމަނުންގެ މައްޗަށް ފާރިސީން ބޮޑުވެގެންވާ ކާމިޔާބީއެއް ހޯދިއެވެ. އެއީ މީލާދީ ސަނަތުން 619ވަނަ އަހަރުއެވެ.

މިހަނގުރާމާގައި ރޯމަނުންނަށް ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނެވެ. އަދި އެދުވަސްވަރުގެ އެންމެންވެސް ހީކުރީ ބައިޒަންޓޭނިއަން އެމްޕަޔަރ ނުވަތަ އިންބުރާޠޯރިއްޔާގެ ނިމުން އައީކަމުގައެވެ. އެހެންނަމަވެސް އެއްވެސްބަޔަކު ވެދާނެކަމަށް އުންމީދުނުކުރި ކަމެއްވީއެވެ. 627ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި ނާނީފިޔާއޭ (Nineveh) ކިޔުނު ސަރަޙައްދުގައި ބިއިޒަންޓީނިއަނުންނާއި ފާރީސީންގެ މެދުގައި އެހަނގުރާމާގައި ރޯމަނުން ފާރިސީން ބަލިކޮށް ރޯމަނުން އަތުން އަތުލާފައިވާ ބިންތައް އަލުން އެމީހުންގެ އަތްމައްޗަށް ގެނައެވެ.

ސައިންޓިފިކް ޙަޤީޤަތް: ބިމުގެ ސަޠަޙާގައި ހުރި އަޑިގުޑަންތައް ބަލައި ދިރާސާކުރުމުގެ ގޮތުން ޖައްވުން ނަގާފައިވާ ފޮޓޯތަކުން ބިމުގައި ހުރި އަޑިގުޑަންތަކުގެ ފުންމިނާއި އުސްމިން ދެނެގަނެވުނެވެ. މިދެންނެވުނު ފޮޓޯތަކުން ސާބިތުވާގޮތުގައި ހިކިފަސްތަނުގައި ހުރި އެންމެ ފުން އަޑިގަނޑަކީ ފަލަސްޠީނުގައިވާ ބަޙުރުލް މައްޔިތު (Dead sea)ގެ އައްސޭރީގައި ނުވަތަ ކައިރީގައި އޮންނަ ޞަރަޙައްދެކެވެ. ޑެޑްސީއަކީ ބުޙައިރާއެކެވެ. ބުޙައިރާގެ މާނައަކީ ވަށައިގެން ހިކިފަސްތަން އޮންނަ ލޮނު ފެންގަޑެކެވެ. ބިމުގެ ސަޠަޙައަށްވުރެ އެސަރަޙައްދު 395 މީޓަރު ފުނެވެ. އެކަން ސެޓެލައިޓުތަކުން ނަގާފައިވާ ފޮޓޯތަކުންވަނީ ސާބިތުވެފައެވެ.

މިޒަމާނުގެ ޖިއޮލޮޖީ ޢިލްމުގެ އެތައް މިންގަނޑަކުން ކުރެވުނު އެތައް ދިރާސާއެއްގެ އަލީގައި ސާބިތުވެފައިވާ ގޮތުގައި ބިމުގައިވާ އެންމެ ތިރި ސަރަޙައްދަކީ ޑެޑްސީގެ ވާދީއެވެ. ނުވަތަ غور بحر الميت އެވެ.( Dead Sea Depression) މިސަރަޙައްދަކީ ކަނޑުގެ ސަޠަހައަށްވުރެ އަޑީގައި ނުވަތަ ފުނުގައިވާ ބޮޑު ބިމުގެ ސަރަޙައްދެކެވެ. ބިމުގެ ގޮތުން ބަލާނަމަ ނުހަނު ފަސްގަނޑު ރަނގަޅު ސަރަޙައްދެކެވެ. އަދި ޑެޑްސީ އޮންނަނީ މިވާދީގެ އެންމެ ތިރި ނުވަތަ ފުން ސަރަޙައްދުތަކުގައެވެ. އެހެނީ ޑެޑްސީގެ ސަޠަޙައިގެ ލެވެލްއަކީ ކަނޑުގެ ސަޠަޙައިގެ ލެވެލްއަށްވުރެ 400އެއްހާ މީޓަރު ފުނެވެ. އަދި އެބުޙައިރާގެ ފުން ސަރަޙައްދުތަކުގެ ސަޠަޙަ ކަނޑުގެ ސަޠަޙައަށްވުރެ ގާތްގަނޑަކަށް 800 މީޓަރު ބިމުގެ ސަޠަޙައަށްވުރެ ފުންވާނެ ކަމުގައި ސައިންސްވެރިން ވިދާޅުވެއެވެ. އަދި ޑެޑްސީގެ އައްސޭރިފަށަކީ ބިމުގައިވާ ހިކިފަސް އެންމެ ތިރި ސަރަޙައްދެވެ. ކަނޑުގެ ސަޠަޙައަށްވުރެ 413 މީޓަރު ތިރީގައެވެ.

މިއާޔަތުގައިވާ އިޢުޖާޒް:
މިއާޔަތުގައިވާ އިޢުޖާޒު ދެބާވަތެއްކަމުގައި ބުނެވިދާނެއެވެ. އެއީ ތާރީޚީ އިޢުޖާޒާއި ސައިންޓިފިކް އިޢުޖާޒެވެ. ތާރީޚީ އިޢުޖާޒަކީ މިއާޔަތްތަކުގައި ރޯމަނުން ފާރިސީންގެ މައްޗަށް 1 އަހަރާއި 9އަހަރާ ދޭތެރޭގެ މުއްދަތެއްގެ ތެރޭގައި ކާމިޔާބު ހޯދާނެކަމަށް އަންގަވާފައިވަނިކޮށް 7 އަހަރު ފަހުން ރޯމަނުން ފާރިސީންގެ މައްޗަށް ކާމިޔާބު ހޯދިއެވެ. މިއާޔަތަށް ޤުރައިޝުވަންހައިގެ މުޝްރިކުން ނުހަނު މަލާމާތްކޮށް އުޅުނެވެ. އެބައިމީހުން އަދި އެޒަމާނުގެ އެއްވެސް ބަޔަކު ރޯމަނުންނަށް އަލުން ކާމިޔާބު ލިބިދާނެކަމުގައި ހީނުކުރެއެވެ.

ސައިންޓިފިކް އިޢުޖާޒަކީ އެޒަމާނުގައި އެއްވެސް ބައަކަށް ހޯދިފައިނުވާ މުހިންމު ޖިއޮލޮޖިކަލް އަދި ޖިއޮގުރަފިކަލް ޙަޤީޤަތެއް މިއާޔަތުގައި ބަޔާންވެފައިވުމެވެ. އެއީ ބިމުގައިވާ އެންމެ ތިރި ނުވަތަ އެންމެ ފުން ހިކިފަސްތަނަކީ ކޮބައިކަމެވެ. މިޒަމާނުގައި ބޭނުންކުރާ ވަސީލަތްތައް އަދި މިންކުރުމުގެ އުޞޫލުތައް ނެތި މިފަދަ ޙަޤީޤަތެއް އިންސާނުންނަށް ދެނެގަނެވުމަކީ ކުރެވޭނެކަމެއްނޫނެވެ. އެހެންކަމުން މިއާޔަތުން ނުހަނު ސާފުކޮށް ކީރިތި ޤުރުއާނަކީ އިންސާނެއްގެ ބަހެއްނޫންކަން ސާބިތުވެއެވެ.

ރެފަރެންސް:
“މި ސޫރަތުގެ 2 ވަނަ އާޔަތުގައިވާ އިޢުޖާޒް” މި މަޢުލޫމާތު ނަގާފައިވަނީ
http://tha-ra-ha.blogspot.com/2014/03/blog-post.html
އިންނެވެ.

0