ނަޞޭޙަތާއި އިރުޝާދު
އޯގާތެރިކަމާއި އިޙްސާންތެރިކަން – އިލާހީ މަދަދު ލިބުމުގެ ސަބަބެއް

އޯގާތެރިކަމާއި އިޙްސާންތެރިކަމުގެ ސަބަބުން އިލާހީ މަދަދު ލިބުމަށް މެދުވެރިވެއެވެ. ތިރީގައިއެވަނީ މީގެ ބައެއް ސަބަބުތަކެވެ.

1. އިޙްސާންތެރިކަމަކީ އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެތައް ލިބުމުގެ ސަބަބެކެވެ. މީގެ އިތުރުން إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.
وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ﴿١٣٣﴾
އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ.
الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّـهُ يُحِبُّ الْمُحْسِنِينَ ﴿١٣٤﴾
އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި حال ގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.

2. އިޙްސާންތެރިކަމަކީ ﷲގެ ރަޙްމަތް ލިބުމުގެ ސަބަބެކެވެ.
إِنَّ رَحْمَتَ اللَّـهِ قَرِيبٌ مِّنَ الْمُحْسِنِينَ ﴿٥٦﴾
ހަމަކަށަވަރުން، اللَّه ގެ رحمة ފުޅުވަނީ، إحسان ތެރިންނާ ގާތުގައެވެ.[7:56]

3. ހެޔޮ ކަންކަމުގެ ޖަޒާ މާތްﷲ ދުނިޔެމަތީގައިވެސް އަދި އާޚިރަތުގައިވެސް ދެއްވަވާނެއެވެ.
هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ ﴿٦٠﴾
ހެޔޮކަމުގެ ޖަޒާއަކީ، ހެޔޮ ثواب ކަމުގައި މެނުވީ ވާނެހެއްޔެވެ؟

މޫސާގެފާނު مدين ގެ ފެންވަޅުގެ ކައިރިޔަށް ވަޑައިގެންނެވިހިނދު އެ ފެންވަޅުގެ ކައިރީގައި ތިބި ދެ އަންހެނުންގެ ޖަނަވާރުތަކަށް ފެން ދެއްވިއެވެ. ދެން އެކަލޭގެފާނު އެނބުރި (ގަހެއްގެ) ހިޔަލަށް ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ.
﴿رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ﴾ [سورة القصص ۲٤]
އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ.
މޫސާގެފާނު ގެ މި ދުޢާ މާތްﷲ އިޖާބަކުރެއްވިއެވެ.މިކުޑަކުޑަ ދުޢާގެ ސަބަބުން އެކަލޭގެފާނުގެ އެންމެހާ ޙާޖަތްތައް މާތްﷲ ފުއްދަވައިދެއްވިއެވެ. އެކަލޭގެފާނަށް ހިޔާވައްސަކާއި،ޞާލިޙް އަންތްބެއް ދެއްވެވިއެވެ. މި ދުޢާ އިޖާބަކުރެއްވުމުގެ އެއް ސަބަބަކީ ބަޔަކަށް ހެޔޮކަމެއްކޮށްދިނުމަށްފަހު ގަދަ ކީރިތިވަންތަ އިލާހުގެ މަދަދަށް އެދުން ކަމުގައި ބައެއް ތަފްސީރު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

4. އޯގާތެރިކަމުގެ ސަބަބުން ކަންކަން ޒީނަތްތެރިވެގެންދެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
(إِنَّ الرِّفْقَ لاَ يَكُوْنَ في شيئٍ إلازانه وَلاَ ينزع من شيئٍ إلا شانه ) رواه مسلم
މާނައީ: “ ކަމެއްގައި އޯގާތެރިކަން އެކުލެވިފައިވާނަމަ އެއީ އެކަމަކަށް ޒީނަތްތެރިކަން ފިޔަވައި އިތުރުކަމެއް ގެނެސްދޭ ކަމެއްނޫނެވެ. އަދި ކަމެއްގައި އޯގާތެރިކަން ނެތިގެން ހިގައްޖެނަމަ އެކަމެއްގެ ދަރަޖަ (ޝާން) ގެއްލިގެން ދެއެވެ.“

5. އޯގާތެރިކަމާއި އިޙްސާންތެރިކަމުގެ ހެޔޮ ނަމޫނާ ނަބިއްޔާ صلى الله عليه وسلم އުއްމަތަށް ދައްކުވައިދީފައިވެއެވެ.
ނަބިއްޔާ صلى الله عليه وسلم ސިފަކުރައްވަމުން ޚަދީޖާ رضي الله عنها ވިދާޅުވިއެވެ.
“ހަމަކަށަވަރުން ކަލޭގެފާނަކީ ރަޙިމުގެ ގުޅުން ޤާއިމުކުރައްވާ، ދަތިވެފައިވާ މީހުންނަށް އެހީތެރިވެދެއްވާ، ނިކަމެތިންނަށް ފޭރާން ދެއްވާ، މެހެމާނުންނަށް ކަމޭހިއްތަވާ އަދި މީސްތަކުންނަށް ދިމާވާ ބޮޑެތި ކަންކަމުގައި އެހީތެރިވެދެއްވާ ބޭކަލެކެވެ.”

ޤިޔާމަތް ދުވަހުން، މީހާއަށް ކުރިމަތިވާ ބިރުވެރިކަމުން، އޭނާ ސަލާމަތްކޮށްދޭނެ އެންމެ ބޮޑު އެއްކަމަކީ، މިދުނިޔެމަތީގައި ދަތިކަމާއި، ނުތަނަވަސްކަން ކުރިމަތިވެފައިވާ މީހުންގެ އެދަތިކަން ފިލުވައި ދިނުމެވެ.

17