މަގޭ ވެށި
ދަރިންގެ ނިޢުމަތަށްވެސް ކާފަރުވަނީއެވެ.

މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ﷲ ދެއްވާ ނިޢުމަތްތަކަށް މީހުން ކާފަރުވާ މިންވަރެވެ. އެކަމުގައި ޙައްދު ފަހަނަޅާފައިވާ މިންވަރެވެ. ޙަޤީޤަތުގައިވެސް ނިޢުމަތުގެ އަގު ވަޒަންކުރެވޭނީ އެ ނިޢުމަތެއް ގެއްލި ދިޔުމުންނެވެ.

ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް އަޅުގަނޑުމެން ޝުކުރު ކުރުން ޙައްޤު ގޮތުގައި، ޝުކުރު ކުރާނަމަ އެނިޢުމަތްތައް އިތުރު ކޮށްދެއްވުމަށް އެއިލާހު ވަނީ ވަޢުދުވެ ވޮޑިގެންފައެވެ. އަދި ހަމަ އެގޮތަށް އެއިލާހުގެ ނިޢުމަތްތަކަށް ޝުކުރުވެރިނުވެ ކުފުރުވެރިވާނަމަ، އެއިލާހުގެ ކޯފާއަކީ ގަދަފަދަ އެއްޗެއްކަންވެސް ކީރިތި ޤުރްއާނުގައި ބަޔާން ކުރެއްވިއެވެ.

ކޮންމެއަކަސް ނިޢުމަތުގެ ޙަޤީޤީ އަގު ވަޒަންކުރެވޭނީ އެ ނިޢުމަތް ގެއްލުމުންނެވެ. ލޮލުގެ ނިޢުމަތުގެ ވާހަކަ އަޅުގަނޑުމެން ދައްކަމެވެ. ނަމަވެސް އެއިގެ ޙަޤީޤީ އަގު ވަޒަނެއް ނުކުރެވެއެވެ. ސަބަބަކީ އަޅުގަނޑުމެންގެ ލޮލުގެ ފެނުން ﷲ ސަލާމަތުން ލަހައްޓަވާފައިވާތީއެވެ. (ﷲ ތިބާއާއި އަޅުގަނޑުގެ ލޮލުގެ ފެނުމުގެ ބާރު ރައްކާކުރައްވާށިއެވެ!)

ލޮލުގެ ފެނުމުގެ ނިޢުމަތުގެ ޙަޤީޤީ އަގު ވަޒަންކުރެވޭނީ އައްނަބީލާ އާމިނަތު ޙުސައިންގެ “ލޯފަންކުއްޖެއްގެ ހިތުގެ ސާބިތުކަން” މި ޅެމުގައިވާ ލޯފަންކުއްޖާފަދަ މީހުންނަށެވެ.

ތިޔަބުނާ ރޫޙީ އުފާތައް ސިފަ މަށަށް ކޮށްދޭނުހޭ

ނިޔަނެތިވި މަންމާ ނިކަން އަދު ސިފަމަށަށް ކޮށްދޭނުހޭ

މިފަދަ މީހުންނަށް ޙަޤީޤަތުގައިވެސް ލޮލުގެ އަގު ވަޒަން ކުރެވޭނެއެވެ.

ހަމަ އެގޮތަށް ދަރިންނަކީވެސް ﷲ ދެއްވާފައިވާ ބޮޑުވެގެންވާ ނިޢުމަތެކެވެ. ވިސްނަވާލައްވާށެވެ! ދަރިން ނުދެއްވާ ކިތައް މީހުން ދުނިޔެމަތީގައި އެބަތިބި ހެއްޔެވެ؟

އެބައިމީހުންގެ މުޅި ޙަޔާތް، ދަރިއަކު ލިބުމުގެ އުއްމީދުގައި ވީރާނާކުރަމުންދަނީ ކިތައް ދެމަފިރިން ހެއްޔެވެ؟ ބޮޑެތި ލޯނުތައް ނަގައިގެން ދަރިއަކު ލިބޭތޯ ބޭސްފަރުވާ ކުރަމުންދަނީ ކިތައް ދެމަފިރިންތޯއެވެ؟ މުޅި ޒުވާން ޢުމުރު އެބައިމީހުން ހޭދަކޮށް މުސްކުޅި ކަމާއި ހަމައަށް އައިއިރުވެސް ދަރިއެއް ލިބި އެދަރީގެ ދުލުން މަންމާއޭ ގޮވާ އަޑު އިވުމުން މަޙުރޫމް ވެފައިވަނީ ކިތައް އަންހެނުންތޯއެވެ؟ އެބައިމީހުންގެ އުނގުގައި ލޯބިން ވަޑުވާލައިގެން ގެންގުޅޭނެ ދަރިއެއްގެ ހުވަފެނުގައި މުޅި ޢުމުރު ދުއްވާލަނީ ކިތައް ފިރިންތޯއެވެ؟

ނަމަވެސް… ﷲ ގެ ބެއްސެވުމެވެ. އެއިލާހުގެ ބެއްސެވުމާމެދު އެއްވެސް ޝަކުވާއެއް ނެތެވެ. އެއިލާހު ދެއްވަނީ އެއީ އެއިލާހުގެ އޯގާވަންތަކަމުންނެވެ. އެއިލާހު ނުދެއްވާ މީހުންނަށް ނުދެއްވަނީ އެއީވެސް އެއިލާހުގެ އޯގާވަންތަކަމުންނެވެ. ޙިކްމަތްވަންތަ ކަމުންނެވެ. ސަބަބަކީ އޭނާއަށް ދަރިއަކު ލިބުމުން ލިބިދާނެ އެއަށްވުރެ ބޮޑު ގެއްލުމަކުން އޭނާ ސަލާމަތްކުރެއްވުން ކަމުގައިވެސް ވެދާނެއެވެ. ދުނިޔޭގެ ކަންކަމުގައި ﷲގެ ޙިކުމަތް އަޅުގަނޑުމެންނަކަށް ނޭނގޭނެއެވެ. މިއީ ﷲ އަށް އަޅުވެތިވާ ކިޔަމަންތެރި އަޅުންގެ ވިސްނުމެވެ. މިއީ ދީނެއް މިއްލަތެއް ގޮތެއް ފޮތެއް ނެތް ޢަލްމާނީންގެ ފިކުރެއް ނޫނެވެ.

ދަރިން ނުދެއްވާ މީހެއްގެ އަރިހުން ދަރިންނަކީ ކިހާ މުހިއްމު ކިހާބޮޑު ނިޢުމަތެއްތޯ ސުވާލު ކޮށްލާށެވެ! ފަހަރުގައި އޭނާ ތިބާއަށް އެއީ ކިހާވަރެއްގެ ކަމެއްކަން ބަޔާންކޮށްދީފާނެއެވެ.

ދަރިންނަކީ ލޮލުގެ ފިނި ކަމެވެ. ހިތުގެ އަރާމެވެ. މަންމާއޭ ބައްޕާއޭ ދަރިފުޅު ގޮވާލުމުން، އެލިބިގެންދާ އުފާ އެނގޭނީ ހަމަ އެއަޑު އިވިފައިވާ މަންމައަކަށެވެ. ނުވަތަ ބައްޕައަކަށެވެ.

އެދަރި ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ އެދަރީގެ މައިންބަފައިން މަރުވުމަށްފަހު ކަށްވަޅުގައިވާއިރުވެސް އޭނާގެ ޢަމަލުގެ ފަތަށް ހެޔޮކަންތައް އިތުރުވެގެންދާނެ ކަމެކެވެ. މި ދުނިޔެ މައްޗަށް ދޫކޮށްފައިދާ ޞާލިޙު ދަރިން ކުރާ ދުޢާއަކީ މީހާ މަރުވުމަށްފަހު އޭނާއަށް ކަށްވަޅުގައި އެއިން މަންފާކުރާނެ ތިންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ނަމަވެސް …..

ހިތާމައިގެ ކޮޅެއް ނެތެވެ. މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ އަމިއްލައަށް ވިހޭދަރި އަމިއްލަ އަތުން މަރާ މައިންބަފައިންނެވެ. އަމިއްލަ ދަރި ބަލަން ބުރައަކަށްވެ އެދަރި ޖެންޑާ އާއި ޙަވާލުކުރުމަށްފަހު ދެއަތް އުރާލައިގެން އަމިއްލަ އުފަލާއިގެން އުޅޭ މައިންބަފައިންނެވެ. މިއީ މައިންބަފައިންތޯއެވެ؟ ނުވަތަ ހިތެއްނެތް ލޯތްބެއް ނެތް ކުލުނެއް ނެތް ރަޙުމެއް ނެތް ……….ތަކެއް ހެއްޔެވެ؟

މިފަދަ މީހުން އެންމެ ފަހަރަކުވެސް ވިސްނާލާނެ ނަމައެވެ. އެ ނިކަމެތި މައުސޫމް ދަރި އޭނާގެ މަންމައާއި ބައްޕަގެ ލޯބިން މަޙުރޫމު ކުރުމުގެ ސަބަބުން، ﷲ ގެ ކޯފާ ތިމާމެންނަށް ޙައްޤުވެ، ތިމާމެންގެ ދަރިމައިވުމުގެ ނިޒާމް ހަލާކުކުރައްވައި ނެތި ކުރެއްވުމަކީ އެއިލާހަށް ބޮޑުކަމެއް ކަމުގައި ނުވެއެވެ.

މިއީ މިއަދު އަޅުގަނޑުމެން ވިސްނާލަން ވެއްޖެ ކަމެކެވެ. ޤައުމުގެ އިޖްތިމާޢީ ބަލީގެ ލިސްޓަށް އިތުރު ކޮށް، ކަޅުކުލައިން ފަވާލަން ޖެހޭ އިތުރު ބައްޔެކެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މުޖްތަމަޢުގައިވާ މިފަދަ ހުރިހާ ބަލިތަކުން މުޖްތަމަޢު ސަލާމަތްކުރައްވާށި! އަދި އިސްލާމީ މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ ލަހައްޓަވާށިއެވެ. އާމީން.

 

މަސްދަރު: ނޫރުލްއިސްލާމް

0