ދީން
އިސްޓާކީން ތުނިކަމުގައިވިޔަސް ފެންފުހުން ހުއްދަވާނެތަ؟

ޚުއްފުގައި ފެންފޮހުން ހުއްދަވެގެންވާފަދައިން އިސްޓާކީނުގައި ފެންފޮހުންވެސް ހުއްދަވެގެންވެއެވެ. އަސްޙާބުބޭކަލުންގެތެރެއިން ވަރަށްގިނަބޭކަލުންގެ ކިބައިން މިކަންސާބިތުވެގެންވެއެވެ. إمام أبو داود–  رحمه اللهވިދާޅުވިއެވެ. “މާތްﷲ ރުއްސުންލެއްވި
علي بن أبي طالب އާއި، ابن مسعود އާއި، براء بن عازب  އާއި أنس بن مالك އާއި، أبو أمامة އާއި، سهل بن سعد އާއި، عمرو بن حريث މިބޭބޭކަލުން އިސްޓާކީނުގައި ފެންފުއްސެވިއެވެ. އަދި މާތްﷲ ރުއްސުންލެއްވި ޢުމަރުގެފާނާއި އިބުނުޢައްބާސްގެ ކިބައިންވެސް އިސްޓާކީނުގައި ފެންފޮހުން ރިވާވެގެންވެއެވެ.” އަދި މާތްﷲ ރުއްސުންލެއްވި عمار بن ياسر އާއި، بلال بن عبد الله بن أبي أوفى އާއި، ابن عمر ގެ ކިބައިންވެސް އިސްޓާކީނުގައި ފެންފޮހުން ރިވާވެގެންވެއެވެ. އަދި ގިނަ ޢިލްމުވެރިންގެ ރައުޔަކީވެސް އިސްޓާކީނުގައި ފެންފޮހުން ހުއްދަކަމަށެވެ. އެއީ ޚުއްފުގައި ފެންފޮހުމުގެ މައްޗަށް ޤިޔާސްކުރައްވާފައެވެ.

ބައެއްޢިލްމުވެރިން ވިދާޅުވެފައިވަނީ އިސްޓާކީނު ބޯވެގެންވާނަމަ ފެންފޮހުން ހުއްދަކަމަށެވެ. އަދި ފައިއެނގޭވަރަށް ތުނިކަމުގައިވާނަމަ ފެންފޮހުން ހުއްދަނޫންކަމަށެވެ. އަދި إمام أبو حنيفةرحمه الله ގެ އަރިހުގައި އިސްޓާކީނުގައި ފެންފޮހުން، ހުއްދަވެގެންނުވެއެވެ. އެކަމަކު އެކަލޭގެފާނު އަވަހާރަވެވަޑައިގަތުމުގެ ތިންދުވަސް ނުވަތަ ހަތްދުވަސްކުރިން އެކަލޭގެފާނުގެ އެރައުޔުން އެކަލޭގެފާނު ރުޖޫއަވެވަޑައިގަތެވެ. އަދި އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވި އާލާސްކަންފުޅުގައި އިސްޓާކީނުގައި ފެން ފުއްސެވިކަން ސާބިތުވެގެންވެއެވެ.

ދަންނައެވެ. ޚުއްފުގެ މާނައިގައިހިމެނޭ ކޮންމެ އެއްޗެއްގައި ފެންފޮހުން ހުއްދަވެގެންވެއެވެ. އެބަހީ ފައިތިލަ ފޮރުވޭގޮތަށް ފަޔަށްލެއްވޭ ކޮންމެއެއްޗެއްގައި ފެންފޮހުން ހުއްދަވެގެންވެއެވެ. މާތްﷲ ރުއްސުންލެއްވި مغيرة بن شعبة ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ހަމަކަށަވަރުން، رسول الله صّلى الله  عليه وسّلم، وضوء ، ކުރައްވައި، އިސްޓާކީނާއި ފައިވާންކޮޅުމަތީގައި ފެންފުއްސެވިއެވެ.” )رواه أحمد  والترمذي وابن ماجه)  އަދި ޚުއްފުގައާއި އިސްޓާކީނުގައި ލޯވަޅުއެޅިފައިވީނަމަވެސް ޚުއްފުގެގޮތުގައި ނުވަތަ އިސްޓާކީނުގެގޮތުގައި އިސްތިޢުމާލުކުރެވޭހައިހިނދަކު ފެންފޮހުން، ހުއްދަވެގެންވެއެވެ. إمام سفيان الّثوري – رحمه الله – ވިދާޅުވިއެވެ. “މުހާޖިރުންނާއި އަންސާރުންގެ ޚުއްފުތައް މީސްތަކުންގެ ޚުއްފުތައްފަދައިން ލޯވަޅުތަކުން ސަލާމަތްވެގެންނުވެއެވެ. ފަހެ އެޙާލަތުގައި ފެންފޮހުން މަނާވެގެންވާނަމަ އެބޭކަލުންގެ ކިބައިން އެކަން ވާރިދުވެގެން އައިސްފައިވީހެވެ.”

(އައްޝައިޚް މުޙައްމަދު އިބްރާހީމް ލިޔުއްވާފައިވާ

‘ކިތާބުއްޠަހާރާ’ މިފޮތުން)

0