އަޅުގަނޑުމެންގެ ތެރެއިން ހަމަކޮންމެ މީހަކުވެސް ﷲﷻ ގެ ލޯބިވެވޮޑިގަތުން ލިބުމަށް އެދެމުއެވެ. އެކަލާނގެ ލޯބިވެވޮޑިގަތުން ނޭދޭނީ ފަހެ ކާކު ހެއްޔެވެ؟ އެކަލާނގެއީ އަޅުގަނޑުމެން ހައްދަވައި، ކާންދެއްވައި، ބޯންދެއްވައި އަދިވެސް އެހެނިހެން ގުނައި އަދަދު ނުކުރޭވޭނެ ގިނަ ނިޢުމަތްތައް ދެއްވާ އިލާހެވެ.
އެނގޭހެއްޔެވެ؟
ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅުކުރެއްވިއެވެ.
“ﷲ އަޅަކުދެކެ ލޯބިވެވޮޑިގެންފިނަމަ ޖިބްރީލުގެފާނަށް ނިދާއިއްވަވައެވެ. ހަމަކަށަވަރުން ﷲ މިވެނި އަޅަކުދެކެ ލޯބިވެވޮޑިގަންނަވައެވެ. ފަހެ ކަލޭގެފާނު އެއަޅާދެކެ ލޯބިވެލައްވާށެވެ. ދެން ޖިބްރީލުގެފާނު އެއަޅަކުދެކެ ލޯބިވެލައްވައެވެ. ދެން ޖިބްރީލުގެފާނު އުޑުގެ އަހުލުވެރިންނަށް ގޮވާލައްވަވައެވެ. ހަމަކަށަވަރުން ﷲ މިވެނި އަޅަކުދެކެ ލޯބިވެވޮޑިގަންނަވައެވެ. ފަހެ ތިޔަބައިމީހުން އެއަޅާދެކެ ލޯބިވެލައްވާށެވެ. ދެން އުޑުގެ އަހުލުވެރިން އެއަޅަކުދެކެ ލޯބިވެލައްވައެވެ. އެއަށްފަހު އެއަޅަކަށް ބިމުގައި މަޤްބޫލުކަން ލައްވައެވެ.” (ރިވާކުރެއްވީ ބުޚާރީ 3209)
މިޙަދީޘްފުޅުން ދޭހަވާ ގޮތުގައި ﷲގެ ލޯބިވެވޮޑިގަތުން ލިބިއްޖެ އަޅަކަށް އުޑާއި ބިމުގެ އަހުލުވެރިންގެ ލޯބި ލިބިގެންދާނެއެވެ. ކޮންފަދަ ނިޢުމަތެއްތޯއެވެ!
މާތް ﷲ، އަޅަމެން އެކަލާނގެ ލޯބިވެވޮޑިގެންވާ އަޅުންގެ ތެރެއިން ލައްވާށިއެވެ!