ނަޞޭޙަތާއި އިރުޝާދު
سورة الأحزاب ހިތުދަސްކުރުމަށް އަވަސްމަގެއް

މި ސޫރަތް ހިތުދަސްކުރަން ބޭނުންނަމަ، މައިގަނޑު 7 ބަޔަކަށް ސޫރަތް ބަހައިލެވިދާނެއެވެ. މި އަރޓިކަލް ގައި މިގެނެސްދެނީ سورة الأحزاب މައިގަނޑު 7 ބަޔަކަށް ބަހައިލެވިދާނެ ގޮތާއި، މި ސޫރަތުގައިވާ މުހިއްމު ނުކުތާތައް އިސްވެ ދެންނެވި 7 ބައިގެ ދަށުގައި ގިންތި ކުރެވިދާނެ ގޮތެވެ.
الأوّل: މާތްﷲއަށް ކިޔަމަންވުމަށް ރަސޫލާ صلى الله عليه وسلم އަށް އަމުރުކުރެވިފައިވެއެވެ. އަދި މުނާފިޤުންނާއި ކާފިރުންނަށް ކިޔަމަންވުމުން ދުރުވުމަށް އަމުރުކުރެވިފައެވެ. މާތްﷲއަށް ވަކީލުކުރުމަށާއި އެކަލާންގެ ބާއްވައިލެއްވި ވަޙީއަށް ތަބަޢަވުމަށްވެސް އަމުރުކުރެވިފައިވެއެވެ. (1 ވަނަ އާޔަތުން 3 ވަނަ އާޔަތަށް)

الثّاني: الظهار އާއި التبنّي ގުޅޭ އަޙްކާމްތައް ބަޔާންވެފައިވެއެވެ.
• الظهار އާއި التبنّي ގުޅޭ އަޙްކާމްތައް ބަޔާންވެފައިވެއެވެ. (4 ވަނަ އާޔަތުން 5 ވަނަ އާޔަތަށް).
• ﷲ ތަޢާލާ އަށް ފަހު މުއުމިނުން އެންމެ ބޮޑު ލޯތްބެއް ވާންޖެހޭ ފަރާތަކީ ރަސޫލާ صلى الله عليه وسلم ކަން ބަޔާންވެފައިވެއެވެ. (6 ވަނަ އާޔަތް) .
• އެއްކައުވަންތަކަމުގެ ދަޢުވަތު މީސްތަކުންނަށް ބަޔާންކޮށްދެއްވުމަށް ނަބިއްޔުންގެ ކިބައިން މާތް އަހުދުކަށަވަރު ހިއްޕަވާފައިވާކަން ބަޔާންވެފައިވެއެވެ.(7 ވަނަ އާޔަތުން 8 ވަނަ އާޔަތަށް).

الثّالث: އަޙްޒާބު ހަނގުރާމައިގެ ވާހަކަ ބަޔާންވެފައިވެއެވެ. (9 ވަނަ އާޔަތުން 27 ވަނަ އާޔަތަށް).
• އަޙްޒާބު ހަނގުރާމައިގެ ދުވަހު މާތްﷲ މުއުމިނުންނަށް ދެއްވި ނަޞްރާއި މަދަދުގެ މަތިން ހަނދާންކޮށްދެވިފައިވެއެވެ. (9 ވަނަ އާޔަތުން 11 ވަނަ އާޔަތަށް).
• މުނާފިޤުންގެ ބައެއް ސިފަތައް ބަޔާންވެފައިވެއެވެ. (12 ވަނަ އާޔަތުން 20 ވަނަ އާޔަތަށް).
• ރަސޫލާ صلى الله عليه وسلم އަކީ އެންމެ ހެޔޮ ނަމޫނާކަމާއި ސަޙާބީން އިސްލާމްދީން ފެތުރުއްވުމުގައި ވެވަޑައިގެންނެވި ޤުރުބާނީ ބަޔާންވެފައިވެއެވެ. (21 ވަނަ އާޔަތުން 24 ވަނަ އާޔަތަށް).
• މި ހަނގުރާމައިގެ އާޚިރު ނަތީޖާ ބަޔާންވެފައިވެއެވެ. އަދި ޔަހޫދީންގެ ނޭންގާނީކަމުގެ ސަބަބުން ނިކަމެތިކަމާއިކުރިމަތިލާންޖެހުނު ގޮތް ސިފަކޮށްދީފައިވެއެވެ.(25 ވަނަ އާޔަތުން 27 ވަނަ އާޔަތަށް).

الرّابع: ނަބިއްޔާ صلى الله عليه وسلمގެ އަނބިއަނބިކަނބަލުންނަށް ކުރެވިފައިވާ ބައެއް އަމުރުފުޅުތަކުގެ ބަޔާންއައިސްފައިވެއެވެ.
• ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަނބަލުންގެ ގޮތުގައި ތިބުމާއި ނުވަތަ އެކަނބަލުން ބޭނުންފުޅުނަމަ ވަރިކުރައްވާނެކަމުގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި ހާދިސާއަށް އަލިއަޅުވައިލެވިފައިވެއެވެ. (28 ވަނަ އާޔަތުން 29 ވަނަ އާޔަތަށް).
• ނަބިއްޔާ صلى الله عليه وسلمގެ އަނބިއަނބިކަނބަލުންގެ މަތިވެރިކަމާއި މި މަތިވެރި ނިޢުމަތުގެ މުޤާބިލުގައި އެކަނބަލުން ކަންތައް ކުރައްވަން ޖެހޭގޮތް ބަޔާންވެފައިވެއެވެ.
(30 ވަނަ އާޔަތުން 34 ވަނަ އާޔަތަށް).
• ބާއްޖަވެރިންގެ 10 ސިފަ ބަޔާންވެފައިވެއެވެ. އަދި ހެޔޮ ޢަމަލުތަކަށް ޘަވާބުލިބުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަވެގެންވާކަން ބަޔާންވެފައިވެއެވެ. (35 ވަނަ އާޔަތް)

الخامس: زينب بنت جحش އާއި ޒައިދުގެފާނުގެ ވާހަކަ ބަޔާންވެފައިވެއެވެ. رضي الله عنهما
• زينب بنت جحش އާއި ޒައިދުގެފާނުގެ ވާހަކަ ބަޔާންވެފައިވެއެވެ. رضي الله عنهما
(36 ވަނަ އާޔަތުން 39 ވަނަ އާޔަތަށް).
• ނަބިއްޔާ صلى الله عليه وسلم އަކީ އެންމެ ފަހުގެ ނަބިއްޔާކަން ބަޔާންވެފައިވެއެވެ. (40 ވަނަ އާޔަތް)
• ގިނަގިނައިން ޒިކުރުކުރުމަށް މުއުމިނުންނަށް އަމުރުކުރެވިފައިވެއެވެ. (41 ވަނަ އާޔަތުން 42 ވަނަ އާޔަތަށް).
• މުއުމިނުންނަށް މާތްﷲ ދެއްވެވި އަދި ދެއްވަވާނެ ބައެއް ނިޢުމަތްތަކުގެ މައްޗަށް އަލިއަޅުވައިލެވިފައިވެއެވެ. (43 ވަނަ އާޔަތުން 44 ވަނަ އާޔަތަށް).
• ނަބިއްޔާ صلى الله عليه وسلمގެ ބައެއް ނަންފުޅުތައް ބަޔާންވެފައިވެއެވެ. (45 ވަނަ އާޔަތުން 46 ވަނަ އާޔަތަށް).
• އިސްލާމްދީނަށް ދަޢުވަތުދިނުމުގެ އުސްލޫބު ބަޔާންވެފައިވެއެވެ. (47 ވަނަ އާޔަތް)
• މުނާފިޤުންނާއި ކާފިރުންނަށް ކިޔަމަންވުމުން ދުރުވުމަށް އަމުރުކުރެވިފައެވެ. (48 ވަނަ އާޔަތް) ޖިމާޢުވުމުގެ ކުރިން ވަރިކުރެވިފައިވާ އަންހެނާގެ ޢިއްދަ ބަޔާންވެފައިވެއެވެ. (49 ވަނަ އާޔަތް)

السّادس: ނަބިއްޔާ صلى الله عليه وسلم އަށް ޚާއްސަވެގެންވާ ބައެއް ކަންކަމާއި އެކަލޭގެފާނާއިމެދު ބަހައްޓަންޖެހޭ ބައެއް އަދަބުތައް ބަޔާންވެފައިވެއެވެ. އަދި ޙިޖާބާއި ގުޅޭ ބަޔާނެއް އައިސްފައިވެއެވެ.
(50 ވަނަ އާޔަތުން 59 ވަނަ އާޔަތަށް)
• ކައިވެނީގެ އަޙްކާމްތަކުގައި ނަބިއްޔާ صلى الله عليه وسلم އަށް ޚާއްސަވެގެންވާ ބައެއް ކަންކަމުގެ ވާހަކަ އައިސްފައިވެއެވެ. (50 ވަނަ އާޔަތުން 52 ވަނަ އާޔަތަށް).
• ނަބިއްޔާ صلى الله عليه وسلمގެ ގަނޑުވަރުކޮޅުތަކަށް ވަދެ ނިކުމެ އުޅުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކެއް ބަޔާންވެފައިވެއެވެ.(53 ވަނަ އާޔަތް)
• ޙިޖާބާއި ގުޅޭ ބަޔާނެއް އައިސްފައިވެއެވެ. (53 ވަނަ އާޔަތުން 55 ވަނަ އާޔަތަށް).
• ނަބިއްޔާ صلى الله عليه وسلم ގެ މަތިވެރި މަޤާމް ބަޔާންވެފައިވެއެވެ. އަދި އެކަލޭގެފާނަށާއި މުއުމިނުންނަށް އުނދަގޫކުރުން ޙަރާމްވެގެންވާކަން ބަޔާންވެފައިވެއެވެ. (56 ވަނަ އާޔަތުން 58 ވަނަ އާޔަތަށް)
• މުސްލިމު އަންހެނާ ހެދުން އެޅުމުގައި ތަބަޢަވާންޖެހޭ މިންގަނޑު ބަޔާންވެފައިވެއެވެ. (59 ވަނަ އާޔަތް)
السّابع: ޤިޔާމަތްދުވަހުގެ ބައެއް ވާހަކަ ތަކާއި އިންސާނާ ތަކުލީފު އުފުލުމަށް އެއްބަސްވި އެއްބަސްވުމުގެ ވާހަކަ އައިސްފައިވެއެވެ.
• މުނާފިޤުންނާއި ކާފަރުންނަށްހުރި ޖަޒާގެ ވާހަކަ ބަޔާންވެފައިވެއެވެ.(60 ވަނަ އާޔަތުން 68ވަނަ އާޔަތަށް)
• މުއުމިނުންނަށް ދެވިފައިވާ ބައެއް ނަސޭހަތްތައް އައިސްފައިވެއެވެ. (69 ވަނަ އާޔަތުން 71 ވަނަ އާޔަތަށް)
• އިންސާނާ ތަކުލީފު އުފުލުމަށް އެއްބަސްވި އެއްބަސްވުމުގެ ވާހަކަ އައިސްފައިވެއެވެ.
(72ވަނަ އާޔަތުން 73 ވަނަ އާޔަތަށް)

 

0