ނަޞޭޙަތާއި އިރުޝާދު
ނުރައަކީ ނޫރެކެވެ.

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ބޮލުގައި ނުވަތަ ތުނބުޅީގައި ނުރަޖަހަންފަށައިފި ނަމަ ވަރަށް ދެރަވެގެން އުޅެއެވެ. އަދި ބައެއް ފަހަރު ނުރަ އިސްތަށި އުފުރާލާ ފަހަރުވެސް އާދެއެވެ. އެހެން ނުހަދާށެވެ. ސަބަބަކީ އެއީ މުސްލިމުންގެ ނޫރެކެވެ. އަލިކަމެކެވެ. އަދި އެނުރަ ޤިޔާމަތްދުވަހުން ވާހުށީ ނޫރެއް ކަމުގައެވެ.

މާތްﷲ ރުއްސުންލެއްވި ކަޢުބް ބުން މުއްރަތު އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ ﷺ ޙަދީޘްކުރައްވާތީ ތިމަން އަޑުއެއްސެވީމެވެ. “ مَنْ شَابَ شَيْبَةً فِي الْإِسْلَامِ كَانَتْ لَهُ نُورًا يَوْمَ الْقِيَامَةِ. “ (سنن الترمذي( 1634 ) صححه الألباني في صحيح الترمذي .) މާނައީ: ”އިސްލާމްކަމުގައި ހުރެ މީހެއްގެ އިސްތަށީގައި ނުރައެއް ޖަހަފިނަމަ އެނުރަ ޤިޔާމަތްދުވަހުން ވާހުށީ ނޫރެއްކަމުގައެވެ.“

އަދިވެސް އެހެން ޙަދީޘްފުޅެއްގައިވެއެވެ. “  الشيب نور المؤمن , لا يشيب رجل شيبة في الإسلام إلا كانت له بكل شيبة حسنة ، ورفع بها درجة“   (سلسلة الأحاديث الصحيحة 1243) މާނައީ: ”ނުރައަކީ މުއުމިނާގެ ނޫރެވެ. އެނުރައެއްގެ ސަބަބުން އޭނާއަށް އެއީ ހެޔޮކަމެއްކަމުގައިނުވާ، އަދި އޭގެ ސަބަބުން އޭނާގެ ދަރަޖައެއް މަތިވެރިނުވާ އެއްވެސް ނުރައެއް މީހެއްގެ ގައިގައި، އޭނާގެ އިސްލާމްކަމުގައި ނުޖަހައެވެ.“

ނުރަ އުފުރުމަކީ މަކްރޫހަވެގެންވާ ކަމެކެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “ لا تنتفوا الشيب، فإنه نور يوم القيامة “ رواه ابن حبان , قال الألباني في سلسلة الأحاديث الصحيحة ( 3/247) : إسناده حسن  މާނައީ: ”ތިޔަބައިމީހުން ނުރަ ނުއުފުރާށެވެ. ފަހެ،ހަމަކަށަވަރުން އެނުރަ ޤިޔާމަތްދުވަހުން ވާހުށީ ނޫރެއްކަމުގައެވެ.“

އެހެން ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.  ( الشيب نور في وجه المسلم , فمن شاء فلينتف نوره ) . (سلسلة الأحاديث الصحيحة 1244) މާނައީ: ”ނުރައަކީ މުސްލިމާގެ މޫނުމަތީގައިވާ ނޫރެވެ. ބޭނުންވާ މީހަކު އެ ނޫރު އުފުރާށެވެ.“

އެހެންކަމުން އެންމެ ރަނގަޅުގޮތަކީ ނުރަ ނުއުފުރުމެވެ. އަންހެނުންނާއި ފިރިހެނުންވެސްމެއެވެ.  އެއީ ނޫރެއްކަމުގައި ވާތީއެވެ. ޤިޔާމަތްދުވަހު އަލިކަމެއްކަމުގައި އެނުރަ ވާތީއެވެ. ޤިޔާމަތްދުވަހުން އެމީހަކާއެކު އަލިކަމެއް ވާން ނޭދޭނީ ފަހެ ކާކުތޯއެވެ؟

 

1