އިބުރަތްތެރި ވާހަކަ
މަންމާ…!! ކީއް ކޮއްދޭންވީ؟ ކޮންކަމެއް ބޭނުމީ؟؟

ނައީލް އޭނާގެ މަންމަ ކައިރީ ބުންޏެވެ. [މަންމާ ކީއް އަހަރެން ކޮއްދޭންވީ؟ ކޮންކަމެއް ބޭނުމީ؟ އަހަރެން ބޭނުން މަންމަ އަހަރެންދެކެވާ ލޯތްބާއި އަހަރެން ބަލާ ބޮޑުކުރުމަށްޓަކައި އުފުލަން ޖެހުނު ވޭނާއި ތަހަންމަލްގެ އަގު އަދާކޮށްދޭން.]

މަންމަ ހައިރާންވެ ހުރެ ސުވާލު ކުރިއެވެ. [ދަރިފުޅު ކީއްވެ ތިގޮތަށް ތި ވިސްނަނީ؟ މަންމަ އަދާކުރީ މަންމަގެ ވާޖިބެއް، އެއްވެސް ވާޖިބަކަށް އޭގެ ބަދަލުގައި އަގެއް ދޭކަށް ނުޖެހޭ، އެހެން ނޫނަސް ދަރިފުޅަކަށް އެކަމުގެ އަގެއް ނުވެސް ދެވޭނެ.]

ޖެހިގެން އައިރޭ ނައީލަށް ނިދުނުތަނާހެން އޭނާގެ މަންމަ ފެންޖަގެއް ހިފައިގެން އައިސް ނައީލްގެ އެނދުގެ އެއްބަޔަށް ވާގޮތަށް އޮއްސާލައިފިއެވެ. ހަމަ މިގޮތަށް ތިން ހަތަރު ޖަގުގެ ފެން ގެނެސް އަޅާލިތަނާ ނައީލަށް ހޭލެވިއްޖެއެވެ.

ހޭލެވިގެން ވަށައިގެން ހޯދާލިއިރު ފެނުނީ މަންމަ އެނދުގެ ކައިރީ ފެންޖަގެއްހިފައިގެން ހުއްޓައެވެ. ރުޅިއައިސްފައިވާ ނައީލް އޭނާގެ މަންމަޔާ ސުވާލުކުރިއެވެ. [މަންމާ..! ކީއްތިކުރަނީ؟ ކީއްވެ އަހަރެން ނިދިޔަ ނުދޭން މަސައްކަތް ތިކުރަނީ؟ ކިހިނެއް އަހަރެން ތެމިފޯވެފައިވާ މިއެނދުގައި ނިދާނީ؟]

މަންމަ ބުންޏެވެ. [އަހަރެން ދަރިފުޅު ކުޑައިރު ނިދަނީ ތެމިފައޮތް އެނދެއްގައި، ކޮންމެ ފަހަރަކު ރޭގަނޑު ދަރިފުޅު އެނދަށް ހީސްލުމުން އެނދުގެ ނުތެމި އޮތްތަނަށް ދަރިފުޅު ބަދަލުކޮށްފައި މަންމަ ނިދަނީ އެތަނުގައި، މީ އެއްރެޔަކު ދެ ރެޔަކު އެކަނި ހިނގި ކަމެއްނޫން، ތިންހަތަރު އަހަރު ވާންދެން މަންމަ ހަމަ އުފަލާއި އެކު އަދާކުރި މަންމަގެ ވާޖިބު. ދަރިފުޅު ތި ބުނަނީ ތެމިފައި އޮތް އެނދެއްގައި އެންމެ ރެޔަކު ވެސް ނުނިދޭނެ ވާހަކަ.

ނައީލްގެ ދެ ލޮލުން ކަރުނަތައް އޮހިގެން ދިޔައެވެ. އަދި ބުންޏެވެ. [މަންމަޔަކު ދަރިފުޅަށް ދިން ލޯތްބާއި އޯގާތެރިކަމުގެ އަގު އެއީ އަދާ ކޮއްދެވޭނެ އެއްޗެއް ނޫންކަން އަހަރެންނަށް މިއަދު އެނގިއްޖެއެވެ.]

رَبِّ ارْحَمْهُمَا كَمَا رَبَّيَانِيْ صَغِيْراً

ކުޑަކުއްޖަކު ކަމުގައި މިއަޅާ ވީދުވަހު، އެދެމީހުން މިއަޅާ ބަލާބޮޑުކުރި ފަދައިން، އެދެމީހުންނަށް ރަހުމަތް ލައްވާފާނދޭވެ! (ސޫރަތުލް އިސްރާއު: 24)

(ނިމުނީ)

[މިއީ ނޫރުލް އިސްލާމް ވެބްސައިޓްގައި އަޙްމަދު އަސްލަމް ލިޔުއްވާފައިވާ ލިޔުމެކެވެ.]

9