ދިރާސާ
މުސްލިމް އުންމަތާއި ދެކޮޅަށް އެއްޤައުމު އަނެއްޤައުމާއި އެއްބައިވުމަށް ގޮވުން- ޤިޔާމަތްވުމުގެ ޢަލާމާތެއް!

ޤިޔާމަތުގެ އަލާމާތްތަކުގެ ތެރެއިން އެއް ޢަލާމާތަކީ އެއްޤައުމު އަނެއްޤައުމާއި އެއްބައިވެ މުސްލިމް އުންމަތާ ދެކޮޅަށް ނިކުތުމެވެ. މިކަމުގައި ނަޞާރާއެއް، ޔަހޫދީއެއް، ހިންދީއެއް، ބުޑިސްޓެއް، އަދި އެހެން ދީންތަކާއި ފިކުރުތަށްވެސް އެއްފަދައެވެ. މީގެ އެންމެ ނުރައްކާތެރި އެއްކަމަކީ މުސްލިމުންގެ ތެރޭގައިއުޅޭ އެމީހުންގެ ބަހުން ވާހަކަދައްކާ އަދި އެއްޞަޤާފަތެއް ޙިއްޞާކުރާ މުސްލިމުންނޭ ކިޔައިގެންއުޅޭ މުނާފިޤުންވެސް މިކާފަރުންގެ ޖަމާއަތްތަކާއި އެއްބައިވެ މުސްލިމު އުންމަތަށް ގެންލުން ދިނުމަށް ނިކުތުމެވެ. އަދި ގެއްލުންދިނުމުގެ ތެރޭގައި އެކިފަހަރު އެކިގޮތްގޮތަށް ޢަމަލުކުރެއެވެ. އެއްބައިފަހަރު ފިކުރީ ހަނގުރާމައެވެ. އަނެއްބައިފަހަރު ކަނޑި ބަޑީގެ ހަނގުރާމައެވެ. ނަމަވެސް ﷲ ސުބްޙާނަހޫވަތަޢާލާ އެއީ ހަމައެކަނި ޙިމާޔަތް ދެވޭނެ ފަރާތެވެ. އެއިލާހު މިއުންމަތް، ޙިމާޔަތް ކުރައްވާނެކަން ކަށަވަރެވެ.

ދުނިޔޭގެ ތާރީޚް ދިރާސާކުރާ ކޮންމެ މީހަކަށްވެސް އެނގި، ސާބިތުވާގޮތުގައި ކޮންމެ ޒަމާނެއްގައިވެސް ކޮންމެ ދައުރެއްގައިވެސް މުސްލިމު އުންމަތަށް ވަނީ ގިނަގުނަ ބޮޑެތި ހަނގުރާމަތަކާއި ކެކުޅުންތަކެއް ތަޙައްމަލު ކުރަންޖެހިފައެވެ. ކަންމިހެން އޮތްކަމުގައިވިޔަސް ކޮންމެ ހިނދެއްގައިވެސް ﷲ ސުބްޙާނަހޫވަތަޢާލާ ވަނީ އެއިލާހު އެދިވޮޑިގަންނަވާ ފަހަރަކު އެއިލާހު އެދިވޮޑިގަންނަވާ ވަރަކަށް އިސްލާމްދީން ޙިމާޔަތް ކުރައްވަވާފައެވެ. އޭގެތެރޭގައި، ޞަލީބީ ހަނގުރާމައިގައި ހުރިހާ ޤައުމުތަކަކުން ހުރިހާ ނަޞާރާއިން އެއްބައިވިއެވެ. ނަމަވެސް ﷲ ސުބްޙާނަހޫވަތަޢާލާ އެބައިމީހުންގެ މައްޗަށް މުސްލިމުންނަށް ނަޞްރުދެއްވެވިއެވެ. އަދި ތަތާރުން މުސްލިމުންގެ ބިންތަކަށް ވެރިވެގަނެ އަތްގަދަކޮށް ޙިޞާރުކުރިހިނދު، ހިތްތަކުގައި ފޮރުވިފައިވާ ނިޔަތްވެސް މޮޅަށް އަޒަލުއްސުރެ ދެނެވޮޑިގެންވާ ﷲ ސުބްޙާނަހޫވަތަޢާލާ އެބައިމީހުންގެ ރޭވުން ނާކާމިޔާބު ކުރެއްވެވިއެވެ. ފަހުގެ ތާރީޚުގައި ސަލީބީންނާއި، ޔަހޫދީން އެއްބައިވިއެވެ. ކަނޑިބަޑިން ދެވެމުންދިޔަ ޙަމަލާތަކަށްވުރެ ފިކުރީގޮތުންކުޅެ އަޤީދާ ބަލިކަށިކޮށްލުމުގެ މަސައްކަތް ފެށިއެވެ. މިގޮތުން މިފިކުރީ ހަނގުރާމަ ފެށިގެންއައި ގޮތަށް ކުރުގޮތަކަށް ބަލާލާނަމެވެ.

ޙިޖުރައިން ގާތްގަނޑަކަށް 95 ވަނަ އަހަރެވެ. އިސްލާމީ ޙަޟާރަތުގެ ބާރުގަދަވަމުން އޭގެ އެންމެފުރިހަމަ ބާރާއި ޝާނާއި ޝައުކަތު ގައި ސަފުތަށް ރުކުރުވާލިއެވެ.  އޭރު އެންމެ ބޮޑު ލަޝްކަރު ވަނީ މުސްލިމުންގެ އަތުގައެވެ. މާއްދީގޮތުން އެންމެ މުއްސަނދީ މުސްލިމުންނެވެ. ވެރިކަމާއި ބާރުއޮތީ މުސްލިމުންގެ އަތުގައެވެ. އެންމެ ވަރުގަދަ ޢިލްމުވެރިން ތިބީ މުސްލިމުންގެ ތެރޭގައެވެ. ޅެންވެރިކަމާއި، ޙިސާބު، ނުޖޫމީއިލްމާއި، އިންޖިނިއަރިންގް، މިހެންގޮސް ނަންކިޔާލި ކޮންމެކަމެއްގައި މުސްލިމުން ވަނީ ކުރިއަރާގޮސްފައެވެ. އެއް ވެރިކަމެއްގެ ދަށުގައި އެންމެގިނަ ބިންތަށްވެސް އޮތީ މުސްލިމުންގެ އަތުގައެވެ. ދުނިޔޭގައި މުސްލިމުންނާއި ކުޅެލެވޭވަރުގެ އެއްވެސް ބާރެއްނެތެވެ.

ކަން މިހެން ހުރުމާއި އެކު އޭރު ތިބި ރަސްރަސްކަލުން ނިންމެވީ އަރާމުކޮށްލާށެވެ. ދީން ފަތުރާ، ދީން ޙިމާޔަތްކުރުމުގެ މަސައްކަތަށް ކުޑަމަޑުޖެހިލުމެއް ގެނެސްލީއެވެ. ދަނޑިވަޅުގެ ބޭނުން ޝައިތާނާ އިންތިހާއީ ބޮޑަށްހިފިއެވެ. ކުޅިވަރާއި އަންހެނުން، ސިޔާސަތާއި، ފައިސާއާއި، ރަލާއި އަދި މިއުޒިކް މަޑުމަޑުން ޢާންމުކުރީއެވެ. އަދި މިއީ ހިތްހަމަޖެހުން ކަމުގައި ޒީނަތްތެރި ކުރުވިޔެވެ.

އެންމެ އަޖައިބުކުރެވޭ އެއްވާހަކައަކީ އަންދަލުސް (ސްޕެއިން) ގެ އިސްލާމީ ޙަޟާރަތާއި ކުޅެލަން ފަރަންސޭސި ވެރިން ރޭވިރޭވުމެވެ. އެބައި މީހުން ޙިކުމަތްތެރިކަމާއި ކެތްތެރިކަމާއި އެކު މަސައްކަތް ކުރީ ދަނޑިވަޅެއްގެ އިންތިޒާރުގައެވެ. އަދި އެބައިމީހުންގެ ޖާސޫސުންލައްވާ ޚަބަރުތަށް ހޯދައެވެ. މީގެތެރެއިން ފޮނުވި ޖާސޫސާއި ފަރުބަދަ ކައިރިން ދިމާވަނީ 13 ނުވަތަ 14 އަހަރުގެ ޒުވާން ކުއްޖަކު ރޯންހުއްޓައެވެ. ރޮނީ ކީއްވެތޯ ސުވާލުކުރުމުން ދިން ޖަވާބަކަށްވީ، މިރޮނީ ތިމަންނާގެ މަންމަ ތިމަންނާ ހަނގުރާމައަށް (ޖިހާދަށް) ދިޔުމަށް އެއްބަސް ނުވެގެނެވެ. އަދި މަންމަ ބުނަނީ ޤުރްއާން ހިތުދަސްކުރުމަށް ފަހު މެނުވީ އެއްވެސް ހަނގުރާމައަކަށް ނުދެވޭނެކަމަށެވެ. މިޚަބަރު ހިފައިގެން ޖާސޫސީކަލޭގެ އެނބުރި ފަރަންސޭސިވިލާތަށް ގޮސް ދިން މައުލޫމާތަކީ ކަންހުރިގޮތަކީ އެއީކަމަށެވެ. އަދި މުސްލިމުންނާއި ހަނގުރާމަކުރަން ނުވިސްނާށެވެ. އެބައިމީހުނަށްވުރެ ވަރުގަދަވެފައި ތުއްތުކުދީންވެސް ތިބީ ފުރިހަމަ އިސްލާމީ އަޤީދާގައި ކަމާއި އެފަދަ މާޙައުލާއި މުޖުތަމަޢަކާ ނުކުޅެވޭނެކަމެވެ. އަދި ފިކުރީގޮތުން ކޮންމެވެސް ގޮތެއް ހަދަމާބަހީއެވެ. އެބައިމީހުން ރޭވިރޭވުން ކުރިޔަށްގެންދިޔައެވެ.

އޭގެ 16 އަހަރުފަހުން ހަމަ އެއްކަލަ ޖާސޫސީކަލޭގެ މަންޒަރު ދެކެ ޚަބަރު ހޯދުމަށް ފޮނުވިއެވެ. މަންޒަރުވީ ތަކުރާރެވެ. ނަމަވެސް މިފަހަރުދިމާވި 13 ނުވަރަ 14 އަހަރުގެ ކުއްޖާ ރޮނީކީ ހަނގުރާމަކުރަން ނުފޮނުވައިގެނެއް ނޫނެވެ. އެކުއްޖާބުންނެވެ. ތިމަން މިރޮނީ ތިމަންނާއަށް އަޅުއަންހެނަކު (ޖާރިއާއެއް) ތިމަންގެ މަންމަ ގަނެނުދީގެނެވެ. ޚަބަރާއި އެކު އެޖާސޫސީ ކަލޭގެ ތެޅެމުން ފޮޅެމުންގޮސް އެޚަބަރު ދިނުމުން ފަރަންސޭސިންގެ އޭރުގެ ވެރިކަމުން އެންގީ ހަނގުރާމައިގެ ވަގުތަކީ މިއީކަމަށެވެ. މުސްލިމުންވަނީ މާއްދީއްޔަތަށް ޣަރަޤުވެފަ ކަމަށެވެ. އަދި އީމާންތެރިކަން މިހާރު ބަލިކަށި ވާނެކަމުގައެވެ. އެހެންކަމުން ދެވުނު ކުއްލި ޙަމަލާގައި އަންދަލުސްގެ ތިންބައިކުޅަ ދެބައި އަތުލައިގަތެވެ.

އެއަށްފަހު އެކިފަހަރުތަކުގެ މަތިން އެކިމިންވަރަށް މުސްލިމުންނާއި ދެކޮޅަށްވަނީ ޔަހޫދީންނާއި ނަޞާރާއިން ނިކުމެފައެވެ. އަދި އޭގެތެރެއިން އެންމެ ބޮޑަށް ފިކުރީ އަދި އަސްކަރީ ގޮތުން ނިކުމެ ބިންތަކަށް ވެރިވި މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް އަޅުގަނޑުމެން އެންމެ ބޮޑަށް ކުރާ އުންމީދަކީ ﷲ ސުބްޙާނަހޫވަތަޢާލާ މިފަހަރުވެސް މުޞްލިމުންނަށް ބޮޑު ނަޞްރެއްދެއްވަވާ އެބައިމީހުންގެ މަކަރުވެރި ރޭވުންތައް ބޭޒާރުކުރައްވަވާ އަލުން މުސްލިމުންނަށް އިސްލާމްދީން ރައްދުކޮށް ދެއްވަވާ ޙިމާޔަތް ކުރެއްވެވުމެވެ.

ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. “އެއުރެންނީ ތިމަންމެންގެ ވެރިރަސްކަލާންގެ އެއީ ﷲ އޭ ބުނުންމެނުވީ އެއްވެސް ޙައްޤަކާނުލައި އެއުރެންގެ ގޯތިގެދޮރުން ނެރެލެވުނުމީހުންނެވެ. އަދި މީސްތަކުންކުރެ އެއްބަޔަކު މެދުވެރިކުރައްވާ އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) ﷲ ދުރުކުރެއްވުން ނުވާނަމަ ނަޞާރާއިންގެ ފައްޅިތަކާއި އަޅުކަންކުރާ ތަންތަނާއި ޔަހޫދީންގެ ފައްޅިތަކާއި ގިނަގިނައިން ﷲ ގެ ނަންފުޅު ގަނެވޭ މިސްކިތްތަކާއި (މިހުރުހާއި ތަންތަން) ސުންނާފަތިކޮށްފީސްކަން ކަށަވަރެވެ. ހަމަކަށަވަރުން ﷲ އަށް ނަޞްރުދޭމީހަކަށް އެކަލާނގެ ނަޞްރުދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން ﷲ އެއީ ބާރުވެރިވަންތަ ޢަޒީޒްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.” އަލް-ޙައްޖު ސޫރަތުގެ.(22)، 40 ވަނަ އާޔަތް.

އަދި އެހެން އާޔަތެއްގައިވެއެވެ. “ﷲ ކަނޑައަޅުއްވައި ލިޔުއްވާފައިވެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއާއި، ތިމަންރަސްކަލާނގެ ރަސޫލުން (އެއުރެންގެ މައްޗަށް) ގަދަވެގަންނަހުށީމެވެ. ހަމަކަށަވަރުން، ﷲ އީ، ބާރުވެރިވަންތަ، ޢަޒީޒްވަންތަ ރަސްކަލާންގެއެވެ.” އަލް-މުޖާދިލާ ސޫރަތުގެ.(58)، 21 ވަނަ އާޔަތް

ކީރިތި ރަސޫލާ صّلى الله عليه وسّلم ގެ އަރިހުން ޘައުބާން (ރަޟިﷲއަންހު) ރިވާކުރެއްވެވި ޙަދީޘެއްގެ މާނައިގައި ވަނީ “ވަރަށް އަވަހަށް އުންމަތްތައް، އެއްއުމަތް އަނެއްއުންމަތަށް މުސްލިމުންނަށް ހަމަލަދިނުމަށް ގޮވާނެއެވެ. އެއީ ތިޔަބައިމީހުން ޖާފަތްތަކަށް އެކަކު އަނެކަކަށް ގޮވާ، ދައުވަތުދޭ ފަދައިންނެވެ.” މީހަކު ސުވާލުކުރިއެވެ. “އެދުވަހުން މުސްލިމުންގެ އަދަދު މަދުވާނީތޯއެވެ؟” ޖަވާބުގައި ރަސޫލާ رسول الله صّلى الله عليه وسّلم ޙަދީޘް ކުރެއްވެވިއެވެ. “ނޫނެކެވެ. އެދުވަހުން މުސްލިމުންގެ އަދަދު ގިނަވާނެއެވެ. ނަމަވެސް އެބައިމީހުން ވާހުށީ ރާޅުގެ ފޮނުތަށް ފަދައިންނެވެ. އެދުވަހުން ﷲ ސުބްޙާނަހޫވަތަޢާލާ ދުޝްމިނުންގެ ހިތްތަކުގައި ތިޔަބައިމީހުންނާއި ދޭތެރޭ އޮންނަ ބިރުވެރިކަން ނަންގަވާނީއެވެ. އަދި ތިޔަބައި މީހުންގެ (އެބަހީ މުސްލިމުންގެ) ހިތްތަކުގައި ވަޙުނު ލައްވަވާނެތެވެ.” އެހެން މީހަކު ސުވާލުކުރިއެވެ. “ﷲ ގެ ރަސޫލާއެވެ! ވަހުނަކީ ކޮބައިތޯއެވެ؟” ޖަވާބުގައި ރަސޫލާ  رسول الله صّلى الله عليه وسّلم ޙަދީޘް ކުރެއްވެވިއެވެ. “ދުނިޔޭގެ ޗާލޫކަމަށް ދަހިވެތިވެ އެކަމަށް ލޯބިކުރުމާއި، މަރަށް (މަރުވުމަށް) ނުރުހުމެވެ.”

މިޙަދީޘް މިއީ އަބޫދާއޫދް އަދި އަޙްމަދު ރިވާކުރައްވާފައިވާ، ޞައްޙަކަމަށް އަލް-އަލްބާނީ ބަޔާންކޮށްފައިވާ ޙަދީޘެކެވެ.

މިޙަދީޘަކީ ރަސޫލާ رسول الله صّلى الله عليه وسّلم ގެ ރަސޫލުކަމާއި ޤިޔާމަތުގެ އަލާމާތްތަކުގެ ތެރެއިން އެއްއަލާމާތްކަން ޞާބިތުކޮށްދޭ ޙަދީޘެކެވެ. މިޙަދީޡުން ޞާބިތުކޮށްދެނީ، މުސްލިމުން އެކަކު އަނެކަކަށް ކެއުމަކަށް ގޮވާ އުސޫލުން، ކާފިރުންގެ އެއް ޤައުމު އަނެއްޤައިމަށް ގޮވައި، ބައިއަތު ހިފައިގެން މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި އެއްވާނެކަމެވެ. އެދުވަހުން މުސްލިމުންގެ އަދަދު މަދުވާނީކީ ނޫނެވެ. އަދަދުން ގިނަވާނެއެވެ. ނަމަވެސް އެދުވަހު މުސްލިމުންގެ މިސާލަކީ ރާޅުޖަހާލީމަ ހުންނަކަހަލަ ފޮނުތަކެއްގެ މިސާލެވެ. ނުވަތަ ވަޔާއި، އޮޔާގެންދާ ކުނިކޮޅެއްގެ މިސާލުގައެވެ. އެއްވެސް ބަރުދަނެއް (އީމާންކަމުގެ ގޮތުން) ނުވާގޮތުގައެވެ. މިއީ މިއަދުގެ އިސްލާމީ އުންމަތުގެ ޙާލަތެވެ، އަދަދުން ބިލިޔަނަކަށްވުރެ މަތިވެއްޖެއެވެ. ނަމަވެސް އެއީ ހަމައެކަނި އަދަދުންނެވެ. ޢީމާންތެރިކަމާއި، އެއްބައިވަންތަކަން އަދި އަޚްވަންތަ ކަމަކުންނޫނެވެ. ނުވަތަ ކޮލިޓީއަކުންނޫނެވެ.

ދުޝްމިނުންގެ ހިތްތަކުގައި މުސްލިމުންނާއި ދޭތެރޭ އޮންނަ ބިރުވެރިކަން ވަނީ ނަންގަވާފައެވެ. އެހެންކަމުން މިއަދު މުސްލިމުންނަކީ އެއްވެސް ބައެއްނޫކަމަށް ކާފިރުންދެކެއެވެ. މިއަދުގެ މުސްލިމުންވަނީ ނިކަމެތިކުރެވި ބީރައްޓެހި ކުރެވިފައެވެ. ބިންތައް ވަނީ ފޭރިގަނެވިފައެވެ.

ކޮބައިތޯ މުސްލިމުންގެ ބޮޑެތިވެރިކަން ހިންގި ތަންތަން؟، ކޮބައިތޯ އަންދަލުން (ސްޕެއިން)؟، ކޮބައިތޯ އިސްތަންބޫލް (ކޮންސްތަންތަނަބަލް)؟، ކޮބައިތޯ ފަލަޠީން، ކޮބައިތޯ އަލް-އިސްކަންދަރިއްޔާ (އެލެކްސްއެއްޑަރިޔާ)؟، އަދި މިޞުރާއި، އަފަޣާނިތާން، ލީބިޔާއާއި، ސީރިޔާ، މޮރޮކޯއާއި، ރޫމް (ރޯމް)، ފާރިސްކަރަ (ޕަރޝިޔާ)، ކޮބައިތޯ މިގައުމުތައް؟ މިއީ އިސްލާމީ ބޮޑެތި ޙަޟާރަތްތައް އެތަށް ޒަމާނެއް ވަންދެން އޮތްތަންތަނެވެ. މިހެންވާންޖެހުނު ސަބަބު ޙަދީޡްގެ ފަހުބަޔަށް ބަލާލުލުމުން އެނގި ކަށަވަރު ވާނެއެވެ. އަދި ބަޔާންވެދިޔަ ޙާދިޘާއިން ވެސް ޔަޤީންވެއެވެ. މިޔަދު މުސްލިމުންނަކީ ދުނިޔެ ދައްކާ ކުލަމަޖަލުގެ އަވާމެންދުރަށް ލޯބިކުރާ، މަރުވުމަށް ނުރުހޭ މީހުންނެވެ. ޙަޤީގަތަކީ މިއީއެވެ. ހެއްލުމެއްގެ ތެރެއަށް ޖެއްލިދިއުން މިއީ ރަނގަޅު ގޮތްބާވައެވެ؟

 

(ޑރ. މުޙަޢްމަދު އަލް-އަރީފީގެ ‘ދަ އެންޑް އޮފް ދަ ވޯލްޑް’ އަޞްލަކަށް ބަލައިގެން)

0