ނަޞޭޙަތާއި އިރުޝާދު
ތަލްބީނާ ރަހަބަލައިފިންތަ؟ މިއީ ހިތާމަތައް ފިލާ ބުއިމެއް!

ތަފާތު އެކި ރަހަ ތަކުގެ ކާނާ އެކި ވަގުތު ތަކުގައި ކައި ރަހަބަލާ ހެދުމަކީ އަޅުގަނޑުމެން ކޮށް އުޅޭ ކަމެކެވެ.އަދި އާއްމު ގޮތެއްގައި ގިނަ މީހުން ކުރާ ހިތްވާވެސް ކަމެކެވެ.  އެގޮތުން ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އެ ކެއުމާއި ނުވަތަ ބުއިމާއި ގުޅޭގޮތުން ބަޔާންކޮށްދީފައިވާ ހަދީޘްތައް ރިވާވެފައިވާ ކެއުމެއް ރަހަބަލާލަން މުސްލިމަކަށްވެހުރެ ބޭނުންނުވާނީ ކާކުތޯއެވެ. ހަމަގައިމުވެސް އަޅުގަނޑު ބޭނުމެވެ.

ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ސައްހަ ހަދީޘުން އެނގިގެންދާ ގޮތުގައި ތަލްބީނާއަކީ ބަލިވެފައިވާ މީހެއްގެ ހިތަށް ހިތްހަމަޖެހުން ގެނެސްދޭ އެއްޗެކެވެ. އަދި ހިތާމަވެރިކަމެއް ތަހައްމަލު ކުރަމުންދާ މީހަކަށް އެކަމުން ލުޔެއް ގެނެސްދޭނެ އެއްޗެކެވެ. އެކަލޭގެފާނު މި ވާހަކަތައް އެ ޒަމާނުގައި ބަޔާންކޮށްދެއްވައިފާ ހިނދު މި ޒަމާނުގެ ސިއްޙީ ހޯދުންތަކުގައިވެސް ތަލްބީނާގެ ފައިދާ ތަކާއި ބެހޭގޮތުން ވާހަކަ ދައްކާފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ކޮލެސްޓްރޯލް ދަށް ކޮށްދިނުމާއި، ހިތުގެ ބަލިތަކަށް ފަރުވާލިބުމާއި، ޑިޕްރެޝަން އަށް ފަރުވާލިބުމާއި، ލޭ މައްޗަށް ދިއުމާއި، ހަކުރު މައްޗަށް ދިޔުން ކޮންޓްރޯލް ކުރުމަށް އެހީވެދިނުމާއި، ގޮހޮރާއި ބަނޑުހަރުވުމުން ފަސޭހަކޮށްދިނުން އަދި ގޮހޮރަށް ޖެހޭ ކެންސަރުންވެސް ދުރުކޮށްދިނުން ހިމެނެއެވެ. އެހެންކަމުން ތަލްބީނާ ރަހަބަލާލަން ވީ ހަމައެކަނި ހަދީޘްގައި އޭގެ ވާހަކަ ވާރިދުވެފައިވާތީއެއް ނޫނެވެ. މީގައި އެކުލެވޭ ސިއްހީ ފައިދާތަކު ސަބަބުންވެސް ތަޖުރިބާ ކޮށްނުލާ ދޫކޮށްލުން ބުއްދިވެރި ތޯއެވެ؟

ތަލްބީނާ އެންމެ ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ގޮތަކީ ގާތްގަނޑަކަށް ދެ މޭޒުމަތީ ސަމްސަލުގެ ބާރުލީ ފުށް އަދި ހެއްއުން (ބްރޭން ނުވަތަ ގްރެއިން ހަސްކް) އަށް ޖޯޑެއްގެ ފެން އަޅާ އެއްކޮށްލުމަށްފަހު މަޑު ގިނީގައި ފަސް ވަރަކަށް މިނެޓު އުނދުންމަތީގައި ކައްކާލައިގެންނެވެ. މިގޮތަކީ ތަލްބީނާ ތައްޔާރު ކުރެވޭ އެންމެ އާދައިގެ ގޮތެވެ. ބައެއް މީހުން މާމުއި އަދި މިނޫންވެސް ތަފާތު ތަކެތި ބޭނުންކޮށްގެން އެކި ރަހައިގާ ތަލްބީނާ ބޭނުންކުރެއެވެ. ދިރުވާލަން ފަސޭހަ މިންވަރަކަށް އޮލަގޮތަކަށް ހުންނަ މި ބުއިމަށް ތަލްބީނާ ކިޔުނީ އޭގައި ހުންނަ ކިރުކުލައިގެ ހުދުކަމާއި އޮލަކަމުގެ ސަބަބުންނެވެ.

ތަލްބީނާގެ ސިއްހީ ފައިދާ ތަކުގެ ތެރޭގައި ނާރުތަކާއި ހިތުގެ ބަލި ހުންނަ މީހުންގެ އަލާމާތްތަކަށް ހެޔޮ ބަދަލު ގެނުވާކަން ސާބިތުވެފައިވުމާއި އަދި ޒަމާނީ ހޯދުންތަކުން ތަލްބީނާގެ ފައިދާތައް ބަޔާންވެގެން އައިސްފައިވުމުން ދޭހަވެގެން ދަނީ ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ބަސްފުގައި ވާ މުޢުޖިޒާތެވެ. އެކަލޭގެފާނު މިގޮތަށް އަޅުގަނޑުމެންނާއި ހަމައަށް ފޯރުކޮށްދެއްވާފައި މިފަދަ ސިއްހީ ކަންކަމަކީ ވެސް ހޯދާ ބަލައި އޭގެ ބޭނުން ހިފުން ވަރަށް މުހިންމު ކަމެވެ. އަދި މި ބުއިން ރަހަބަލާލުމަށް ހިތްޖެހޭ މިންވަރަށް ތަލްބީނާގެ ވާހަކަ ގެނެސް ދެވިއްޖެކަމަށް އުއްމީދުކުރަމެވެ.

މަޢުލޫމާތު ނެގީ: އިސްލާމް ކިއު އޭ ޑޮޓް އިންފޯ

https://islamqa.info/en/60311

 

1