ނަޞޭޙަތާއި އިރުޝާދު
1000 ހެޔޮކަން

الحمد لله رب العالمين, والصلاة والسلام على نبينا محمد, وعلى آله وصحبه أجمعين. أما بعد:

ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ ވަނީ، އަޅުގަނޑުމެންގެ ހެޔޮކަމުގެ ތިލަފަތް ބަރުކުރުމަށް އެތައް ބައިވަރު މަގުތަކެއް ތަނަވަސްކޮށްދެއްވާފައެވެ. އެގޮތުން ބައެއް ކަންކަމަކީ، ވަރަށް ފަސޭހައިން ކޮށްލެވޭނޭ ކަންކަމެވެ. އަދި ބައެއް ހެޔޮ ޢަމަލުތަކަކީ އަޅުގަނޑުމެންގެ ނަޒަރުގައި ކިތައްމެ ކުޑަ ޢަމަލަކަށް ވިޔަސް، ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ޢަމަލުތަކަށް ދެއްވާ ޘަވާބާއި ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންވެއެވެ. އެފަދަ އެއް ޢަމަލު ތިރީގައި މިވާ ޙަދީޘްފުޅުގައި ބަޔާންވެގެން އެވަނީއެވެ.

وعن سعد بن أبي وقاص رضي الله عنه قال‏:‏ كُنَّا عِنْدَ رَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏“‏ أَيَعْجِزُ أَحَدُكُمْ أَنْ يَكْسِبَ كُلَّ يَوْمٍ أَلْفَ حَسَنَةٍ ‏“‏ ‏.‏ فَسَأَلَهُ سَائِلٌ مِنْ جُلَسَائِهِ كَيْفَ يَكْسِبُ أَحَدُنَا أَلْفَ حَسَنَةٍ قَالَ ‏“‏ يُسَبِّحُ مِائَةَ تَسْبِيحَةٍ فَيُكْتَبُ لَهُ أَلْفُ حَسَنَةٍ أَوْ يُحَطُّ عَنْهُ أَلْفُ خَطِيئَةٍ.‏“‏ ‏‏‏(‏رواه مسلم‏)‏‏

ސަޢްދު ބުން އަބީ ވައްޤާޞް رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންބޭކަލުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުގައި ވަނިކޮށް، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ތިޔަބައިމީހުންގެ ތެރެއިން އެއްވެސް ބޭކަލަކަށް 1000 ހެޔޮކަން ހޯދުމަށް ކުޅަދާނަވެގެން ނުވޭ ހެއްޔެވެ؟“ ދެން އޭގެތެރެއިން އެއް ބޭކަލަކު ސުވާލު ދެންނެވިއެވެ. ”ތިމަންބޭކަލުން 1000 ހެޔޮކަން ހޯދާނީ ކިހިނެއްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ދުވާލަކު 100 ފަހަރު سبحان الله ކިޔައިފި މީހަކަށް، 1000 ހެޔޮކަން ލިޔުއްވޭ ހުއްޓެވެ. ނުވަތަ 1000 ފާފަފުއްސަވައި ދެއްވާ ހުއްޓެވެ.“

މި ކުޑަކުޑަ ޢަމަލައްވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ، އެތައް ބައިވަރު ޘަވާބަކާއި ދަރުމަ އެބަ ދެއްވައެވެ. ވީމާ މިފަދަ ފަސޭހައިން ކޮށްލެވޭ ޢަމަލުތައް ދޫކޮށްނުލާށެވެ. ދުވާލަކު 100 ފަހަރު سبحان الله ކިޔަން ނަގާނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. އެހެންކަމުން އެ ހެޔޮ ޢަމަލަކީ ތިބާގެ ހެޔޮކަމުގެ ތިލަފަތައް އިތުރުކުރެވޭ ޢަމަލަކަށް ހަދަމާތޯއެވެ. ދަންނާށެވެ! ހެޔޮ ޢަމަލެއް ކުރާނަމަ، އެކަމަކީ ދެމިގެންދާ ގޮތުގައި ކުރެވޭ ޢަލަކަށް ހެދޭތޯ މަސައްކަތް ކުރައްވާށެވެ! އެހެނީ، އޭރުން އެކަމެއްގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ތިބާއަށް ލިބިގެންދާނެއެވެ. إن شاء الله

10