ދީން
ސުވަރުގޭގެ އަހުލުވެރިން ނިދާނެތަ؟

ސުވަރުގެއަކީ ދުނިޔޭގައި އީމާންވެ ޞާލިޙު ޢަމަލުތައް ކުރި މީހުންނަށް އެކަލާނގެ މިހާރުވެސް ތައްޔާރުކުރައްވާފައިވާ ނިޢުމަތަތްތަކުން ފުރިފައިވާ ތަނެކެވެ. އެއީ އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ އެތާނގައި އަބަދަށް ދެމިތިބޭނެ ސުވަރުގެއެވެ. ސުވާލަކީ ސުވަރުގެއަކީ ނިޢުމަތުން ފުރިފައިވާ ތަނަކަށް ވާއިރު އެތާނގެ އަހުލުވެރިން ނިދާނެ ހެއްޔެވެ؟

މިސުވާލު ރަސޫލުﷲ ﷺ އަށް ވެސް ދެންނެވުނެވެ.

ޖާބިރު ބުނު ޢަބްދުﷲ ގެ ކިބައިން ރިވާވެގެންވެއެވެ. [ﷲގެ ނަބިއްޔާ ﷺ އަށް ސުވާލުދެންނެވުނެވެ. ”އޭ ﷲގެ ރަސޫލާއެވެ! ސުވަރުގޭގެ އަހުލުވެރިން ނިދާނެހެއްޔެވެ؟“ އެހިނދު ރަސޫލުﷲ ﷺ  ޙަދީޘްކުރެއްވިއެވެ. ”ނިންޖަކީ މަރުގެ އަޚެވެ. އަދި ސުވަރުގޭގެ އަހުލުވެރިން ނުނިދާނެއެވެ.“] (ރިވާކުރެއްވީ އައްޠަބަރާނީ އަދި އަލްބައިހަޤީ – އަލްއަލްބާނީ ޞައްޙަ ޙަދީޘްއެއްކަމަށް ވިދާޅުވޭ)

އަދި ހަމައެހެންމެ ނިދީގެ އަރާމުވަނީ ބަލިވުމާއި ވަރުބަލިކަމުގެ ސަބަބުން އެކަމަށް ބޭނުންޖެހޭ މީހަކަށެވެ. މިފަދައިން ވަރުބަލިވުމާއި ބަލިވުމަކީ ސުވަރުގޭގެ އަހުލުވެރިންނަށް ކުރިމަތިވާނެކަންކަމެއް ނޫނެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

މާތްﷲ އަޅަމެންނަށް ސުވަރުގެ ދެއްވާށިއެވެ!

32