އަޚްލާޤު
ޤަޟާޙާޖާކުރާމީހާ ފަރުވާތެރިވާންޖެހޭ އަދަބުތައް

ޤަޟާޙާޖާކުރާމީހާ ފަރުވާތެރިވާންޖެހޭ އަދަބުތަށް ދެނެގަތުމަކީ ކޮންމެމީހަކަށްވެސް ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެކެވެ. އެގޮތުން ކަޑައެޅިފައިވާ އަދަބުތަށް ތިރީގައިއެވަނީއެވެ.

1- ﷲގެ އިސްމުފުޅު ލިޔެވިފައިވާ އެއްވެސް އެއްޗެއް އޭނަގެ އަތުގައި ނުވުން. އެކަމަކު އެއްޗަކީ އަގުބޮޑު ނުވަތަ ގެއްލިދާނެކަމުގެ ބިރުއޮތް އެއްޗެއްކަމުގައިވާނަމަ ނުފެންނަގޮތަށް ޖީބުފަދަ ތަނެއްގައި ބޭއްވިދާނެއެވެ.

2- މީސްތަކުންގެކިބައިން ދުރަށް ދިއުމާއި މީސްތަކުންނަށް ނުފެންނަގޮތަށް ފޮރުވިގެން އިނުން. ޚާއްސަގޮތެއްގައި ބޮޑުކަމުދާހިނދުގައެވެ.

3- ފާޚާނާއަށް ވަންނަމުން ފާޚާނާއަށް ވަންނައިރުކިޔާ ދުޢާ ކިޔުން. މިދުޢާ ކިޔާނީ ފާޚާނާއަށް ވަނުމުގެ ކުރިންނެވެ. އެބަހީ ބޭރުގައި ހުރެފައެވެ. މާތްﷲ ރުއްސުންލެއްވި އަނަސްގެފާނު ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ފާޚާނައަށް ވަދެވަޑައިގަންނަވާހިނދު މިފަދައިން ވިދާޅުވަކަމުގައި ވިއެވެެ [ بِسْمِ اللهِ] اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ  މާނައީ: “މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން ވަންނަމެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ނުބައިވެގެންވާ ފިރިހެންޝައިޠާނުންނާއި ނުބައިވެގެންވާ އަންހެންޝައިޠާނުންގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އެދި މިއަޅާ އިބަﷲގެ ޙަޟުރަތަށް ދަންނަވަމެވެ.”

4- ޤާޟާޙާޖާކުރަން އިންނައިރު އެއްވެސް ވާހާކައެއްނުދެއްކުން. މީހަކު ސަލާމް ގޮވިޔަސް ސަލާމުގެ ޖަވާބުވެސް ދީގެން ނުވާނެއެވެ. ބަންގޮގޮވާއަޑު އިވުނަސް ބަންގިއަށް ދުލުން އިޖާބަދީގެން ނުވާނެއެވެ. ހިތުން އިޖާބަ ދިނަސް އެންމެރަގަޅެވެ. އަދި ކިނބިއްސެއް އެޅިއްޖެނަމަ ﷲއަށް ޙަމްދުކުރާނީވެސް ހިތުންނެވެ. މާތް ﷲ ރުއްސުންލެއްވި އިބުނުޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު

ވިދާޅުވިއެވެ. “އެއްދުވަހަކު ރަސޫލު صلى الله عليه وسلم ކުޑަގެފިލި ކުރައްވަން އިންނަވަނިކޮށް މީހަކު ދަމުން ސަލާމް ގޮވާލިއެވެ. ފަހެ އެކަލޭގެފާނު އޭނައަކަށް ސަލާމުގެ ޖަވާބެއް ނުދެއްވިއެވެ.”

5- ޤިބްލައަށް ކުރިމަތިލައިގެން އިނދެ އަދި ޤިބްލައަށް ފުރަގަސްދީގެން އިނދެ އެކަން ނުކުރުން. މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ތިޔަބައިމީހުންކުރެ މީހަކު ޤަޟާޙާޖާކުރަން އިށީންނަހިނދު ފަހެ އޭނާ ޤިބްލައަށް ކުރިމަތިނުލާހުށިކަމެވެ. އަދި ފުރުގަސްވެސް ނުދޭހުށިކަމެވެ. ފަހެ މިއީ އެއްވެސް ހުރަހެއްނެތް ހުސްބިމެއްގައި ނުވަތަ ހަނަފަސް ޞަޙަރާއެއްގައި ޤަޟާޙާޖާކުރާ ނަމައެވެ. ބިނާއެއްތެރޭގައި ކުރާކަމުގައިވާނަމަ މައްސަލައެއްނެތެވެ.

6- އެކަން ކުރުމަށްޓަކައި މަޑު އަދި އަޑިތަނެއް އިޚްތިޔާރުކުރުން. އެއީ ގަޔަށް ބުރާފާނެތީ އެކަމުން ރައްކާތެރިވުމަށެވެ.

7- ހަރުހަރަށް އެކަންނުކުރުން. އެއީފަހަރެއްގައި  އެއިން ހަރެއްތެރޭގައި ވިހަގަދަ ދިރޭ ސޫތްޕެއް އިނުން އެކަށީގެންވެއެވެ.

8- މީސްތަކުން އަރާމުކޮށްލަން މަޑުކުރާ ހިޔާގަނޑުގަނޑަށާއި، މީސްތަކުން ހިނގާބިނގާއުޅޭ މަގުމަގަށާއި، މީސްތަކުން ވާހަކަދެއްކުމަށް ޖަމާވާ ތަންތަނަށް އެކަންނުކުރުން.

9- ފެންވަރާތަނަށް ކުޑަކަމުނުދިއުން. އަދި ހުއްޓިހުންނަ (ދައުރުނުކުރާ) ފެންގަނޑުގަނޑަށްވެސް އެކަން ނުކުރުން.

10- ކޮޅަށްހުރެގެން ކުޑަކަމު ނުދިއުން. އެއީގަޔަށް ބުރާފާނެތީ އެކަމުން ރައްކާތެރިވުމަށެވެ. އަދިހަމަ އެއާއެކު ކޮޅަށްހުރެގެން ކުޑަކުމުދިއުމަކީ މުރުއްވަތްތެރިކަމާ އަދި ރިވެތި އާދަތަކާ ޚިލާފުކަމެކެވެ. ގަޔަށް ބުރުމުން އަމާންވެގެންވާނަމަ ކޮޅަށްހުރެގެން ކުޑަކަމުދިއުން ހުއްދަވެގެންވެއެވެ.

11- ޤަޟާޙާޖާކޮށް ނިމުމަށްފަހު ދެދޮރު (ކުޑަކަމުދާ ދޮރާއި ބޮޑުކަމުދާ ދޮރު) ރަނގަޅަށް ސާފުކުރުން. އަދި ނަޖިސްފިލުވުން.

12- ކަނާތުން އިސްތިންޖާ ނުކުރުން. އެއީ ހަޑިއެއްޗެހީގައި ބީހުމުން އެއަތް ރައްކާތެރިކުރުމަށްޓަކައިއެވެ.

13- އިސްތިންޖާކޮށް ނިމުމަށްފަހު ބިންމަތީގައި އަތްފޮހެލުން. ނުވަތަ ސައިބޯނިފަދަ އެއްޗަކުން ދޮވެލުން. އެއީ އަތުގައި ނަޖިހުގެ ވަސްހުރެއްޖެނަމަ އެވަސް ފިލުވައިލުމަށްޓަކައެވެ.

14- ފާޚާނާކޮށް އަވަދިވެ ޠާހިރުވުމަށްފަހު ފޭރާމުން، ޢައުރަގުނަވަނާދިމާލަށްވާ ތަނަށް ފެން ވިހުރުވައުލުން. އެއީ ކުޑަކަމުދާއެއްޗެހި ގަޔަށް ބުރާފައި ހުރެދާނެކަމުގެ ޝައްކު ފިލުވުމަށްޓަކައިއެވެ. އޭރުން އެދިމައިން ތަނެއް ތެތްކޮށްހުއްޓައި ފެނިއްޖެނަމަ އެއީ ފެންވިހުރުއިލި ތަނޭ ބުނެވޭނެއެވެ.

15- ފާޚާނާއަށް ވަންނައިރު ވާރުފައި އިސްކުރުމާއި ނިކުންނައިރު ކަނާތުފައި އިސްކުރުން. މިއެވެ.

(މިއީ އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރު) ލިޔުއްވާފައިވާ ‘ކިތާބުއް ޠަހާރާ’ މިފޮތުން ނަގާފައިވާ ނުކުތާތަކެކެވެ.)

0