މަގޭ ވެށި
ސްޓްރޯކް ޖެހެނީ ކިހިނެއް؟

ތަފާސްހިސާބުތައް ދައްކާގޮތުންނަމަ ކޮންމެ ދެ ސިކުންތަކު ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް މީހަކަށް ސްޓްރޯކެއް ޖެހެއެވެ. އަދި ސިއްޙީދާއިރާގެ ތަޖުރިބާކާރު ފަރާތްތައް ވިދާޅުވާގޮތުންނަމަ ކޮންމެ ހަމީހަކުން އެކަކީ ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި ސްޓްރޯކެއް ޖެހުމުގެ ނުރައްކާ ވަރަށް ބޮޑަށް ހުރި މީހެކެވެ. ސްޓްރޯކް ޖެހޭ ގުނަވަނަކީ ސިކުނޑިއެވެ. އަހަރެމެންގެ ހަށިގަނޑުގެ ބަރުދަނުގައި ސިކުނޑި ހިއްސާކުރަނީ އެންމެ ދެ އިންސައްތަ ކަމުގައިވީނަމަވެސް އިންސާނާ ލާނޭވާއިން ހަށިގަނޑުގެ ތެރެއަށްދާ އޮކްސިޖަންގެ ވިހި އިންސައްތަ ބޭނުންކުރަނީ މިނާޒުކު ގުނަވަނެވެ. ސިކުނޑީގެ މަސައްކަތަށް ބޭނުންވާ އޮކްސިޖަން ސަޕްލައި ސިކުނޑިއާ ހަމައަށް ފޯރުކޮށްދެނީ ދެވައްތަރެއްގެ ލޭނާރުތަކަކުންނެވެ. “ކެރޯޓީޑް އާޓްރީސް” ތަކުން ސިކުނޑީގެ ކުރިއަށް އޮކްސިޖަން ސަޕްލައި ކޮށްދޭޢިރު “ވަރޓިބްރަލް އާޓްރީސް” ތަކުން ސިކުނޑީގެ ފަހަތަށް އޮކްސިޖަން ސަޕްލައިކޮށްދެއެވެ. މިއާޓްރީސްތައް ކުދި ކުދި ލޭނާރުތަކަށް ގޮފިގޮފިވެގެންގޮސް މުޅި ސިކުނޑީގެ ހުރިހާ ހިސާބަކަށް ފެތުރިފައިވެއެވެ. ބޭނުމަކީ ސިކުނޑީގެ ހުރިހާ ހިސާބަކަށްވެސް ދިރިހުރުމަށް ބޭނުންވާ އެންމެ މުހިންމު އެއްމާއްދާ ކަމަށްވާ އޮކްސިޖަން، ލޭގެ ޒަރީޢާއިން ފޯރުކޮށްދިނުމެވެ. މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމާއި އިންސާނާ ޚަލްޤު ކުރައްވާފައިވާ ފުރިހަމަކަން ހާމަވެގެންދާ ވަރަށް ފުރިހަމަ ހެއްކެކެވެ. އިންސާނާ ޚަލްޤުކުރަށްވައި ދަތިއުނދަގޫ ޙާލަތްތަކުން ﷲ އެއިންސާނާ އިމްތިޙާން ކުރަށްވަނީ، މިދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެއްކަމަށްވާތީއެވެ. އެގޮތުން ބަލި ޖައްސަވައިގެންވެސް ބައެއްމީހުން އިމްތިޙާންކުރެވެއެވެ. އަހަރެމެންގެ އިޢުތިޤާދަކަށް ވާންޖެހޭނީ ﷲގެ އިރާދަފުޅާނުލާ އެއްވެސް ބައްޔެއް އުނދަގުލެއް އަހަރެމެންނަށް ނުޖެހޭނެކަމެވެ. އެކަން ޤަބޫލުކޮށް، އިމްތިޙާންތަކާ ކެރިގެން ކުރިމަތިލާ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދޭތޯ މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކޮންމެއަކަސް މިދެންނެވިހެން ސިކުނޑީގެ އެކި ހިސާބުތަކަށް ލޭފޯރުކޮށްދޭ ލޭނާރުތަށް އޭގެ މަސައްކަތުގައި އަވަދި ނެތި އުޅޭއިރު، އޭގެއިން ނާރެއް ކޮންމެވެސް ގޮތަކުން ބެދުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތަށް ލޭނާރު ބެދެން ދިމާވާ އެންމެ ޢާންމު އެއްސަބަބަކީ، ލޭގެތެރޭގައި ދައުރުވަމުންދާ ގަނޑު ލޭކޮޅެއް ސިކުނޑީގެ ލޭނާރެއްގެ ތެރޭގައި ތާށިވުމެވެ. އެގަނޑުލޭކޮޅަށް ދައުރު ނުވެވޭހާ ހިމަ ލޭނާރަކާ ހަމައަށް އާދެވިއްޖެނަމަ، ކުރިއަށް ނުދެވި އެނާރުގެތެރޭގައި ތާށިވެއެވެ. މިއަށް ކިޔަނީ “އެމްބޮލިޒަމް” އެވެ. ނަތީޖާއެއްގެގޮތުން ބެދިފައިވާ ނާރުން ލޭދައުރެއް ނުކުރާނެއެވެ. އަދި އެނާރު އޮކްސިޖަން ފޯރުކޮށްދޭ ހިސާބުގައިވާ ސިކުނޑީގެ ސެލްތަކަށް  އޮކްސިޖަން ނުލިބި މަރުވާގޮތް ވެއެވެ. ހަމުގައިވާފަދަ ތަދު އިޙުސާސްކުރާ ކަހަލަ ރިސެޕްޓާސް ތަކެއް ސިކުނޑީގައި ނުވެއެވެ. ވީމާ، ސެލްތަކެއް މަރުވިޔަސް ބޮލަށް ތަދެއް ނާރަފާނެއެވެ. ނަމަވެސް ސެލްތައް މަރުވާންފެށުމާއެކު އޭގެ ޢަލާމާތްތަށް ބަލިމީހާގެ ކިބައިން ފެންނަންފަށާނެއެވެ. މިސާލަކަށްބަލާނަމަ، ބެދުނު ލޭނާރަކީ ސިކުނޑީގެ ވާހަކަދެއްކުމާބެހޭ ބައި ކޮންޓްރޯލްކުރާ ހިސާބަށް ލޭފޯރުކޮށްދޭ ނާރެއްކަމުގައިވާނަމަ، ބަލިމީހާއަށް ވާހަކަދެއްކުމުގައި އުނދަގޫ އިހުސާސްވެ، ކިޔޭނުކިޔޭ ނޭނގޭ ހިސާބަށް ގޮސްފާނެއެވެ. ބެދުނު ލޭނާރަކީ ހަށިގަނޑުގެ ވާތްފަރާތުގެ މަސްތަކުގެ ޙަރަކާތާ ބެހޭ ބައި ކޮންޓްރޯލްކުރާ ހިސާބަށް ލޭފޯރުކޮށްދޭ ނާރެއްކަމުގައިވާނަމަ، ބަލިމީހާގެ ހަށިގަނޑުގެ ވާތްފަރާތުން މަޑުމަޑުން ވާގި ނިތެމުންގޮސް އެއްކޮށްވެސް ވާގި ނެތިދާނެއެވެ.

ވީމާ ސްޓްރޯކެއް ޖެހިއްޖެ ޙާލަތެއްގައި އެންމެ މުހިންމު ކަމަކީ ފަރުވާ ވީހާވެސް އަވަސްކުރުމެވެ. ސިކުނޑީގެ ސެލްތައް މަރުވުމުގެ ކުރިން ފަރުވާނުކުރެވިއްޖެނަމަ، ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެދާނެއެވެ. ނަމަވެސް ސްޓްރޯކަކީ ބުނެފަ ޖެހޭއެއްޗެއް ނޫނެވެ. ވަރަށް ހީވާގިކަންމަތީ، އެއްވެސް ބަލިކަމެއްނެތި މަސައްކަތުގެ މާޙައުލުގައިވަނިކޮށްވެސް ސްޓްރޯކެއް ޖެހިދާނެއެވެ. އެހެންކަމުން ސްޓްރޯކެއް ޖެހިފައިވާކަން ދެނެގަންނާނެ ފަސޭހަގޮތްތަކެއް އެނގިފައިއޮތުން ވަރަށް މުހިންމެވެ. ވީމާ މީހެއްގެ ކިބައިން ތަފާތުކަމެއް ފާހަގަވާނަމަ، ސްޓްރޯކެއް ޖެހިފައިވޭތޯ ބެލުމަށްޓަކައި ކޮށްލެވިދާނެ ފަސޭހަ އަވަސް ތިން ޓެސްޓެއް ބުނެލާނަމެވެ.

  1. ފުރަތަމަކަމަކަށް، ހިނިތުންވެލަން އެމީހެއްގެ ކިބައިން އެދިލާށެވެ. ހިނިތުންވާއިރު، ރީތި ހިނިތުންވުމެއް ނުގެނެވި، އެއްފަރާތަށް އަނގައިގެ ޙަރަކާތް ދާނަމަ، އެއީ ސްޓްރޯކެއް ޖެހިފައިވާކަމުގެ ޢަލާމާތެކެވެ.
  2. ދެވަނަކަމަކަށް އެމީހަކު ކިބައިން ދެއަތް އުފުލާލުމަށް އެދިލާށެވެ. އެއްއަތް އުފުލަން އުނދަގޫވާނަމަ ނުވަތަ އުފުލާތަނުން ތިރިވާނަމަ، އެއީވެސް ސްޓްރޯކެއް ޖެހިފައިވާ ކަމުގެ ޢަލާމާތެކެވެ.
  3. ތިންވަނަކަމަކަށް އެމީހެއްގެ ކިބައިން ފަސޭހަ ކޮންމެވެސް ބަހެއް ތަކުރާރުކޮށް ކިއުމަށް އެދިލާށެވެ. ކިޔާއިރު އުނދަގޫކަމެއް ފާހަގަވާނަމަ، ނުވަތަ ބަސްތައް ކިޔަން އުނދަގޫވާނަމަ، މިއީ ވެސް ސްޓްރޯކެއް ޖެހިފައިވާ ކަމުގެ ޢަލާމާތެކެވެ.

ﷲ، އަޅަމެން އެންމެންވެސް ދުޅަހެޔޮ ޞިއްޙަތެއްގެ މަތީގައި ލައްވައި ނުރައްކާތެރި ބަލިތަކުން ސަލާމަތްކުރަށްވާށި. އާމީން.

 

ަ

1