ނަޞޭޙަތާއި އިރުޝާދު
ކޮންފިޑެންސް އިތުރުކުރުމަށް ކުރެވިދާނެ 4 ކަމެއް!

އަހަރެމެން އެންމެންވެސް ކާމިޔާބު މީހަކަށްވާން ބޭނުންވެއެވެ. ދިރިއުޅުމުގައި ލަނޑުދަނޑިތަކެއް ހާސިލްކުރަން ބޭނުންވެއެވެ. ނަމަވެސް ގިނަ މީހުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެކަންކަން ކުރާނެ ހިތްވަރުނެތުމެވެ. އެހެން ގޮތަކުން ދަންނަވަނީނަމަ ކޮންފިޑެންސް ދަށްވުމެވެ. އަޅުގަނޑު ތިރީގައި މި ބަޔާންކުރަނީ ކޮންފިޑެން އިތުރުކުރުމަށް ކުރެވިދާނެ 4 ކަމެކެވެ.

1 . ތިބާއަށް ލިބިފައި ހުރި ހުނަރަށް ފޯކަސް ކުރާށެވެ !
ކޮންމެ މީހެއްގެވެސް އުނި ކަންކަމާއި އަދި ހުނަރުވެރިކަން ލިބިފައި ހުންނާނެއެވެ. އަހަރެމެން މާބޮޑަށް އެ އުނިކަންކަމަށް ފޯކަސް ކުރުމުން އަހަރެމެންގެ ހިތްވަރު އެލި ބުންވަރު ދަށްވާގޮތްވެއެވެ. އޭގެ ބަދަލުގައި ތިމާއަށް ލިބިފައި ހުރި ހުނަރަށް އިސްކަންދޭށެވެ. އެކަމަށް ބޮޑަށް ފޯކަސް ކުރާށެވެ.
ތިމާއަށް ލިބިފައިވާ ހުނަރަކީ ކޮބައިކަން ދެނެގަންނާށެވެ. އެއަށްފަހު އެކަމަށް ޚާއްޞަ ސަމާލުކަމެއްދޭށެވެ. އަދި އެކަންކަން ކުރިއަރުވައި ތަރައްޤީ ކުރާށެވެ. އަދި ތިމާގެ ގޯލް ހާސިލްކުރުމުގައި މި ހުނަރުގެ ބޭނުން ހިފާށެވެ. މިހެން ކަންކަން ކުރާނަމަ، ޔަޤީނުންވެސް ތިމާގެ ދިރިއުޅުމުގެ އުފެއްދުންތެރިކަން އިތުރުވެ ތިމާގެ ކޮންފިޑެންސް ރަނގަޅު ގޮތުގައި ހިފަހައްޓާލެވޭނެއެވެ.

2 . ދިރިއުޅުމުގައި އާ ކަންކަން ދަސްކުރާށެވެ !
އަހަރެމެންނަށް ނޭނގޭ ބައިވަރު ކަންކަން ހުންނާނެއެވެ. އަދި އަހަރެމެން އަލަށް ދަސްކުރާ ގިނަ ކަންކަމުން ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެވޭނެއެވެ. އާ ކަމެއް ދަސްކުރުމުން ތިމާގެ ކޮންފިޑެންސް އިތުރުވާނެއެވެ. އޭރަށް ތިމާއަށް އާ ކަންކަން ކުރިއެރުވޭނޭ ކަމުގެ ޔަޤީންކަން ލިބި ރަނގަޅު މީހަކަށް ވާން ހިތްވަރު ލިބިގެންދާނެއެވެ. އަދި ބޮޑެތި ގޯލްތައްވެސް ހާސިލްކުރަން ހިތްވަރުލިބިގެންދާނެއެވެ.
ކިތަންމެ ކުދި ކަންކަންވެސް އާ ކަންކަމުގެ ގޮތުގައި ކުރެވޭނެއެވެ. މިސާލަކަށް އާ ސޮފްޓްވެޔާއެއް ބޭނުން ކުރަން ދަސްކުރުން ނުވަތަ އާ ބަހެއް ދަސްކުރުން ކަހަލަ ކިތަންމެ ކަމެއް ކުރެވިދާނެއެވެ. އެއީ ރަނގަޅު ކަމެއް ކަމުގައި ވަނީ ނަމަ، ކުރާ ކޮންމެ އާ ކަމަކުން ފަރުދީ ގޮތުންވެސް ތިމާއަށް އެތައް ފައިދާއެއް ލިބި ، ބޮޑެތި ކަންކަން ހާސިލްކުރަން ފަސޭހަތަކެއް ލިބިގެންދާނެއެވެ.

3 . ޢިލްމު އިތުރުކުރާށެވެ!
ޢިލްމު ހާސިލްކުރުން ހުއްޓާނުލާށެވެ. އަހަރެމެން ގިނަ މީހުންނަށް ވާ ގޮތަކީ ސުކޫލް ނުވަތަ ޔުނިވަރސިޓީ ނިމުމާއެކު ފޮތްތަކާ ދުރަށްދެވި ޢިލްމު ހާސިލްކުރުމާ ދުރަށްދެވެއެވެ. އޭގެ ސަބަބުން އެ ހުރިވަރެއްގައި އެއްވެސް ކުރިއެރުމެއް ނެތި ހުރެވެނީއެވެ. އެބަޔެއްގެ ހަޔާތުގައި ބޮޑެތި ކާމިޔާބު ހާސިލްކުރެވޭނޭ މީހުންނަކީ، އެމީހުންގެ ދިރިއުޅުމުގައި ދާޢިމީ ގޮތެއްގައި ޢިލްމު ހާސިލްކުރުމުގައި ދެމިތިބޭ މީހުންނެވެ.
ކޮންމެވެސް އާ ކޯހެއް ފަށާށެވެ. ނުވަތަ އާ ފޮތެއް ކިޔާލާށެވެ. ނުވަތަ މޯޓިވޭޝަނަލް ކުލާސްތަކަކަށް ހާޟިރުވާށެވެ. ޢިލްމު އުނގެނެން ދެމިހުންނަހާ ހިނދަކު ތިމާ ދާނީ ކުރިއަރަމުންނެވެ. އެކިއެކި ތަޖުރިބާތައް ލިބެމުންނެވެ. އާ ކަންކަން ދަސްވަމުންނެވެ. އަދި ތިމާގެ ކޮންފިޑެންސްވެސް އިތުރުވަމުންނެވެ.

4 . ފަރިތަކުރާށެވެ ! ފަރިތަކުރާށެވެ!
އެއްވެސް މީހަކު އުފަންވާއިރު އޭނާ އަކީ މޮޅު މީހެއް ނޫނެވެ. ކުރިންވެސް ބުނެވިދިޔަ ފަދައިން އަހަރެމެން ކިބައިގައި އުނި ކަންކަމާއި، ހުނަރުތައް ހުންނައިރުގައި، އެ ލިބިފައިވާ ހުނަރެއް ކުރިއެރުވޭނީ އެކަމަށް ވީހާވެސް ގިނައިން ފަރިތަކޮށްގެންނެވެ. ތިމާއަށް މިވެނި ހުނަރެއް ލިބިފައިވާކަން އެނގޭނަމަ ، އެ ހުނަރެއް ކުރިއެރުވުން ހުއްޓާނުލާށެވެ. ތިމާއަށް ލިބިފައިވާ ހުނަރެއް ދަސްކޮށް އެކަމަށް ފަރިތަކުރުމުގައި ދެމިހުންނާށެވެ. އެއީ އެކަމެއްގައި ތިމާއަކީ އެންމެ ކުރިއަރާފައިވާ މީހާކަމުގައިވެގެން ދާންދެނެވެ. މިގޮތުގައި ކުރިއަށް ގޮސްފިނަމަ، ތިމާގެ ކޮންފިޑެންސް އިތުރުވެ، މުޖުތަމަޢަށް ފައިދާ ހުރި މީހަކަށްވެގެންދާނެއެވެ.

2