އިބުރަތްތެރި ވާހަކަ
ވާހަކަ: ޢަބްދުﷲ އާއި ކަދުރު ހައްދާމީހާ

ޢަބްދުﷲ އެއްދުވަހެއްގައި މެންދުރު ނަމާދަށް ގޮވުމުން މިސްކިތަށް ދިއުމަށްޓަކައި ގެއިން ނުކުތެވެ. އޭނާގެ ދީން ދެކެވާ ލޯތްބާއެކު  އަދި އަޅުކަންތަކަށް ދޭ އަހައްމިއްޔަތާއެކު އޭނާ ގެއިން ނުކުތީ ނަމާދަށް ދިއުމަށެވެ. ގަމަތް ދިނުމުގެ ކުރިން މިސްކިތާ ހިސާބަށް ދިއުމަށްޓަކައި އޭނާ ދިޔައީ ބާރު ހިނގުމެއްގައި ހިނގަމުންނެވެ. އޭނާ ދިޔަ މަގުތީ، ކަދުރު ރުކަކަށް އަރާ އޮތް މަސައްކަތު މީހަކު ފެނިއްޖެއެވެ. ޢަބްދުﷲ ހައިރާންވެ ހުރެ ހިތަށް އެރި އެވެ.

“ ނަމާދާ މެދު ފަރުވާއެއް ނުބަހައްޓާ މި މީހަކީ ކާކު ބާވައެވެ! ހީވަނީ ހަމަ އޭނާއަށް ބަންގި ގޮވި އަޑުވެސް ނީވޭ ހެންނެވެ. މިހާރު ދޭން އެ އުޅޭ ގަމަތާއި މެދުވެސް އެއްވެސް ފަރުވާލެއް ނެތް ހެންނެވެ.“

ރުޅި އައިސް ހުރެ އޭނާ ހަޅޭއްލަވައި ގަތެވެ. “ ތިރިއަށް ފައިބާ ނަމާދު ކުރަން ދާށެވެ!“

އެމީހާ ހަރު އަޑަކުން ހިތް ހަމަ ނުޖެހި ހުރެ ޖަވާބު ދިނެވެ. “ އާނ އާނ!“

ޢަބްދުﷲ އަނެއްކާވެސް ބުންޏެވެ. “ ތި އަވަސް ކޮށްފައި ނަމާދު ކުރަން އަވަހަށް އާދޭ އޭ މިއޮތް މީހާ ގަނޑާ“

އެމީހާ އަޑު ނެތް ކޮޅަށް ހަޅޭއްލަވައި ގަތެވެ. ”ކަލޭ މަށާ ދިމާއަށް ހަޅޭއްލަވަނީތަ؟“

އެހެން ބުނެ ގަހުން ގޮފި ގަނޑެއް ނަގާ ޢަބްދުﷲ އާ ދިމާއަށް އެއްލިއެވެ. ޢަބްދުﷲ އޭނާގެ ބޮލުގައި އަޅާފައި އޮތް ފޮތިގަނޑުން އެމީހާއަށް އޭނާގެ މޫނު ނޭނގޭ ގޮތަށް ފޮރުވައި މިސްކިތާ ދިމާއަށް އަވަހަށް ހިނގައި ގަތެވެ. އެމީހާވެސް ރުކުން ފައިބައިގެން ގޮސް އޭނާގެ ގޭގައި ނަމާދުކޮށް ކުޑަ އިރުކޮޅަކަށް އަރާމު ކޮށްލުމަށްފަހު އަނެއްކާވެސް އޭނާގެ މަސައްކަތަކައިގެން ކަދުރު ރުކަށް އެރިއެވެ.

ދެން ޢަސްރު ނަމާދު ވަގުތު ޖެހުމުން އަނެއްކާވެސް ޢަބްދުﷲ ގެއިން ނުކުތީ މިސްކިތަށް ދިއުމަށެވެ. މިފަހަރުވެސް މިސްކިތަށް ދިޔަ މަގުމަތީ އެއްކަލަ ކަދުރު ރުކުގައި ހަމަ އެ މީހާ އޮއްވާ އޭނާ އަށް ފެނިއްޖެއެވެ. މިފަހަރު އޭނާ ހިތަށް އެރިއެވެ. ކުރިން ހެދި ގޮތާ ތަފާތު ގޮތަކަށް މި މީހާ އާ ވާހަކަ ދައްކާލާނަމެވެ.

ޢަބްދުﷲ އެމީހައަށް ގޮވާލި އެވެ. “ އައްސަލާމު ޢަލައިކުމް، ހާލު ކިހިނެއްތޯ؟“

އެމީހާވެސް ޖަވާބު ދިނެއެވެ. “ އަލްޙަމްދު لله. ހާލު ރަނގަޅު.“

ޢަބްދުﷲ ބުންޏެވެ. “ އަހަންނަށް ހެޔޮ ޚަބަރެއް ދީބަލާށެވެ. މި އަހަރު ކަދުރުތައް ކިހިނެއްތޯ؟“

އެމީހާ ޖަވާބު ދިނެވެ. “ އަލްޙަމްދު لله. “

ޢަބްދުﷲ ދެން ބުންޏެވެ. “ ﷲ ތިބާއަށް ކާމިޔާބާއި ރިޒުގު ދެއްވާ، ތިބާގެ ދިރިއުޅުން ފަސޭހަކުރައްވާ، ތިބާގެ މަސައްކަތަށްވާ އުޖޫރައިން އުނި ނުކުރައްވާށި“

އެމީހާ މި ދުޢާ އަޑުއިވިފައި ވަރަށް އުފަލުން ހުރެ އާމީން ކިޔެވެ.

ޢަބްދުﷲ އެނެއްކާވެސް ބުންޏެވެ. “ ތިބާ މަސައްކަތައިގެން އަވަދިނެތި ހުރުމުން ޢަސްރު ނަމާދު ބަންގި ގޮވިކަން ނޭނގޭ ހެން ހީވަނީ! ބަންގި ގޮވައިފި އަދި ވަރަށް އަވަހަށް ގަމަތްވެސް ދޭނެ، ތިރިއަށް ފައިބާ ކުޑަކޮށް ހަމަޖެހިލައިގެން ނަމާދަށް ތައްޔާރުވެލަންވީނުންތޯ! ނަމާދަށް ފަހު ތިބާގެ މަސައްކަތައިގެން ކުރިއަށް ދާނީ، ﷲ ތިބާއަށް ރަނގަޅު ސިއްހަތެއް ދެއްވާށި!“

އެމީހާ ޖަވާބު ދިނެވެ. ”އިންޝާ ﷲ އިންޝާ ﷲ”  މިހެން ބުނެ މަޑު މަޑުން ކަދުރު ރުކުން ފައިބަން ފެށިއެވެ.

ދެން އެމީހާ ޢަބްދުﷲ އާ ސަލާމް ކޮށްލުމަށްފަހު ބުންޏެވެ. ”ތިބާގެ ގައިގާ ތިޔަ ހުރި ރިވެތި އަޚްލާޤަށް ޝުކުރު އަދާ ކުރަން، ހިތަށް އަރަނީ މެންދުރު ނަމާދު ވަގުތު މިހެން ދިޔަ މީހާ ފެނިއްޖެނަމަ އަސްލު މިމީހާ ގަނޑަކީ ކާކުކަން ދައްކާލާނަމޭ!“

ނަތީޖާ / ޢިބުރަތް: އާއްމުކޮށް ތިބާއާއި މެދު އެހެން މީހުން ކަންތައް ކުރާ ގޮތަކީ ތިބާވެސް އެހެންމީހުނާ މެދު ކަންކުރާގޮތެވެ.

(ވާހަކަ ނަގާފައިވަނީ ޝެއިހް މުހައްމަދު އަލް ޢަރީފީ ގެ ”އެންޖޯއި ޔުއަރ ލައިފް“ މި ފޮތުން ނެވެ. – ތަރުޖަމާ ކުރުމުގައި އިބާރާތަށް ބައެއް ބަދަލު ގެނެވިފައި ވާނެ)

0