އިސްލާމީ ތާރީޚު
ޢީސާ ޢަލައިހިއްސަލާމް – 6

ޢީސާ عليه السلام ދީނަށް ގޮވައިލެއްވުމުގައި ﷲ މުއުޖިޒާތްތަށް މީސްތަކުންނަށް ދެއްކެވިއެވެ. މި ވާހަކަތައް ޤުރުއާންގައި ބަޔާން ވެގެންވެއެވެ. މި ގޮތުން މަރުވެފައިތިބި ހަތަރު މީހަކު ދިރުއްވިކަމަށްވެއެވެ. އެއީ އެކަލޭގެފާނުގެ ރަޙުމައްތެރިއެއް ކަމަށްވާ އަލް އަޒަމް ނަމަކަށް ކިޔުނު ބޭކަލަކާއި މުސްކުޅި އަންހެނެއްގެ ފިރިހެން ދަރިއަކާއި އަދި އަންހެނެއްގެ ހަމަ އެކަނި ހުރި އަންހެންދަރި އެވެ. މި ތިން މީހުން ވެސް މަރުވެފައި ވަނީ އެކަލޭގެފާނު ދުނިޔޭގައި ހުންނަވަނި ކޮށެވެ. މި ކަން ޔަހޫދީންނަށް ފެނުމުން ޔަހޫދީން މީގެ ރައްދުގައި ބުނެއެވެ. ތި ދިރުއްވީ ދާދި ފަހުން މަރުވެފައިވާ މީހުންނެވެ. ފަހެ އެ މީހުން މަރުވީއެއް ނޫނެވެ. ހޭނެތުނީއެވެ. ނިކަން ނޫޙު عليه السلام ގެ ދަރިކަލުން ޝާމްގެފާނު ދިރުއްވާ ބަލާށެވެ.

ދެން އެކަލޭގެފާނު އެމީހުންގެ ގާތުގައި ޝާމްގެފާނު ގެ ޤަބުރުފުޅު ދެއްކުމަށް އެދުމުން އެމީހުން އެކަލޭގެފާނު އެތަނަށް ގެންދެވިއެވެ. ދެން ޢީސާ عليه السلام ޝާމްގެފާނު ގެ ހަށިކޮޅު ދިރުއްވުމަށް ﷲ ގެ ޙަޟްރަތުގައި އެދިވަޑައިގެންނެވިއެވެ. އެހިނދު ޝާމްގެފާނު ޤަބުރުފުޅުން ތެދުވެވަޑައިގަތެވެ. އަދި ޢީސާ عليه السلام އެކަލޭގެފާނާއި ސުވާލުކުރެއްވިއެވެ. ކަލޭގެފާނުގެ ޒަމާނުގައި މުސްކުޅިވުން ނެތް އިރު ކަލޭގެފާނުގެ އިސްތަށި ފުޅުގައި ނުރަ ޖެހީ ކީއްވެގެންތޯއެވެ؟ އެހިނދު ޝާމްގެފާނު ދެންނެވިއެވެ. އަހުރެން ހީކުރީ އަލުން ދިރުއްވާ ދުވަސް އައިސް ޖެހުނީ ކަމަށެވެ. އެދުވަހުގެ ބިރުވެރިކަމާއި ހުރެ އިސްތަށިކޮޅު ނުރަވީއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

﴿إِذْ قَالَ اللَّـهُ يَا عِيسَى ابْنَ مَرْيَمَ اذْكُرْ نِعْمَتِي عَلَيْكَ وَعَلَىٰ وَالِدَتِكَ إِذْ أَيَّدتُّكَ بِرُوحِ الْقُدُسِ تُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا ۖ وَإِذْ عَلَّمْتُكَ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالْإِنجِيلَ ۖ وَإِذْ تَخْلُقُ مِنَ الطِّينِ كَهَيْئَةِ الطَّيْرِ بِإِذْنِي فَتَنفُخُ فِيهَا فَتَكُونُ طَيْرًا بِإِذْنِي ۖ وَتُبْرِئُ الْأَكْمَهَ وَالْأَبْرَصَ بِإِذْنِي ۖ وَإِذْ تُخْرِجُ الْمَوْتَىٰ بِإِذْنِي ۖ وَإِذْ كَفَفْتُ بَنِي إِسْرَائِيلَ عَنكَ إِذْ جِئْتَهُم بِالْبَيِّنَاتِ فَقَالَ الَّذِينَ كَفَرُوا مِنْهُمْ إِنْ هَـٰذَا إِلَّا سِحْرٌ مُّبِينٌ﴾[1]

މާނައީ: ”ﷲ، وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އޭ مريم ގެފާނުގެ ދަރިކަލުން عيسى ގެފާނޭވެ! ކަލޭގެފާނަށާއި، ކަލޭގެފާނުންގެ މައިކަނބަލުންނަށް ތިމަންރަސްކަލާނގެ ދެއްވި نعمة ހަނދުމަކުރައްވާށެވެ! (އެއީ) جبريل ގެފާނު ފޮނުއްވައި ކަލޭގެފާނަށް، ތިމަންރަސްކަލާނގެ ބާރުދެއްވިހިނދެވެ. ޅަފަތުގެ ދާނުގައްޔާއި، ދެވަންފުރާގައި، ކަލޭގެފާނު މީސްތަކުންނާ ވާހަކަ ދައްކަވަމުއެވެ. އަދި ފޮތާއި، حكمة އާއި، توراة އާއި، إنجيل، ކަލޭގެފާނަށް އުނގަންނައިދެއްވި ހިނދެވެ. އަދި ތިމަންރަސްކަލާނގެ إذن ފުޅާއެކު، ކަލޭގެފާނު މަށީން ދޫންޏެއްގެ ސިފަހައްދަވައި، އެއަށް ފުމެލެއްވުމުން، ތިމަންރަސްކަލާނގެ إذن ފުޅާއެކު، ދޫންޏަކަށްވެގެން ދިޔަހިނދެވެ. ލޯފަންވެފައިވާ މީހުންނާއި، برص ބަލިޖެހިފައިވާ މީހުންނަށް ކަލޭގެފާނު، ތިމަންރަސްކަލާނގެ إذن ފުޅާއެކު ފަސޭހަކޮށްދެއްވި ހިނދެވެ. އަދި ތިމަންރަސްކަލާނގެ إذن ފުޅާއެކު، ކަލޭގެފާނު، މަރުވެފައިތިބި މީހުން ދިރުއްވައި، ނެރުއްވިހިނދެވެ. ކަނޑައެޅި بيان ވެގެންހުރި ހެކިތަކާއިގެން، ކަލޭގެފާނު إسـرآءيـل ގެދަރިންގެ ގާތަށް ވަޑައިގަތްހިނދު، އެއުރެންގެ އުނދަގޫތައް، ކަލޭގެފާނުގެ ކިބައިން ދުރުކުރެއްވިހިނދެވެ. ފަހެ، އެއުރެންގެ ތެރެއިން كافر ވި މީހުން ބުނޫއެވެ. މިކަންތައްތަކަކީ، ފާޅުވެ بيان ވެގެން ހުރި ޖާދޫކަމުގައި ނޫނީ ނުވެއެވެ.“

﴿وَإِذْ أَوْحَيْتُ إِلَى الْحَوَارِيِّينَ أَنْ آمِنُوا بِي وَبِرَسُولِي قَالُوا آمَنَّا وَاشْهَدْ بِأَنَّنَا مُسْلِمُونَ﴾[2]

މާނައީ: ”އަދި ތިމަންރަސްކަލާނގެއަށާއި، ތިމަންރަސްކަލާނގެ رسول އާއަށް إيمان ވުމަށް حوارى ންނަށް، ތިމަންރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ދެން حوارى ން ދެންނެވޫއެވެ. ތިމަންމެން إيمان ވެއްޖައީމުއެވެ. އަދި ތިމަންމެންނީ ބޯލަނބައި، ކިޔަމަންވެގެންތިބި ބަޔަކުކަމަށް އިބަރަސްކަލާނގެ ހެކިވެވޮޑިގެންފާނދޭވެ! (ނޯޓު: حوارى ންނަކީ، عيسى ގެފާނަށް تبع ވެގެން އެކަލޭގެފާނުގެ އަރިހުގައި އުޅުއްވި އެންމެ إخلاص ތެރި އެކުވެރިންނެވެ.)“

﴿وَيُعَلِّمُهُ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالْإِنجِيلَ﴾[3]

މާނައީ: ”އަދި، ލިޔުމާއި، حكمة އާއި، توراة އާއި، إنجيل، އެކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވާނެތެވެ.“

﴿وَرَسُولًا إِلَىٰ بَنِي إِسْرَائِيلَ أَنِّي قَدْ جِئْتُكُم بِآيَةٍ مِّن رَّبِّكُمْ ۖ أَنِّي أَخْلُقُ لَكُم مِّنَ الطِّينِ كَهَيْئَةِ الطَّيْرِ فَأَنفُخُ فِيهِ فَيَكُونُ طَيْرًا بِإِذْنِ اللَّـهِ ۖ وَأُبْرِئُ الْأَكْمَهَ وَالْأَبْرَصَ وَأُحْيِي الْمَوْتَىٰ بِإِذْنِ اللَّـهِ ۖ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمْ ۚ إِنَّ فِي ذَٰلِكَ لَآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ﴾[4]

މާނައީ: ”އަދި، (އެކަލޭގެފާނު ވާހުށީ) إسـرآءيـل ގެދަރިންގެ ގާތަށް ފޮނުއްވާ رسول އެއް ކަމުގައެވެ. (އެކަލޭގެފާނު އެމީހުންނަށް ވިދާޅުވާނެތެވެ.) ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިމަންކަލޭގެފާނީ رسول އަކު ކަމަށް ހެކިދޭ) ސާފު دليل އަކާއިގެންނެވެ. (ފަހެ) ހަމަކަށަވަރުން، ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް، ދޫނީގެ ސިފައިގައި، މަށިން އެއްޗެއް ހައްދަވައި، އެޔަށް ފުމެލެއްވުމުން، ﷲ ގެ إذن ފުޅުން އެ އެތި، ދޫންޏަކަށް ވެގެންދާނެތެވެ. އަދި، ތިމަންކަލޭގެފާނު، ﷲ ގެ إذن ފުޅާއެކު، ލޯކަނު މީހުންނާއި، برص ބަލިޖެހިފައިވާ މީހުން، ފަސޭހަކުރައްވައި، މަރުވެފައިވާ މީހުން ދިރުއްވާހުށީމެވެ. އަދި، ތިޔަބައިމީހުން ކައިއުޅޭ ތަކެއްޗާއި، ތިޔަބައިމީހުންގެ ގޭގޭގައި ފަހަށް ރައްކާކުރާ ތަކެތީގެ ވާހަކަ، ތިޔަބައިމީހުންނަށް، ތިމަންކަލޭގެފާނު ކިޔައިދެއްވާހުށީމެވެ. ތިޔަބައިމީހުންނީ، إيمان ވާބަޔަކުކަމުގައި ވާނަމަ، (ތިމަންކަލޭގެފާނީ رسول އެއްކަމަށް ހެކިދޭ) ސާފު دليل އެއް އެކަންތަކުގައި ތިޔަބައިމީހުންނަށް ވާކަން ކަށަވަރެވެ.“

﴿وَمُصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَلِأُحِلَّ لَكُم بَعْضَ الَّذِي حُرِّمَ عَلَيْكُمْ ۚ وَجِئْتُكُم بِآيَةٍ مِّن رَّبِّكُمْ فَاتَّقُوا اللَّـهَ وَأَطِيعُونِ﴾[5]

މާނައީ: ”އަދި، (ތިމަންކަލޭގެފާނު މިވަޑައިގަތީ) ތިމަންކަލޭގެފާނުގެ ކުރިން ބާވައިލެއްވި توراة ތެދުކުރާ ބޭކަލެއްގެ ގޮތުގައެވެ. އަދި، ތިޔަބައިމީހުންގެ މައްޗަށް (މީގެކުރިން) حرام ކުރައްވާފައިވާ ބައެއް ތަކެތި، ތިޔަބައިމީހުންނަށް حلال ކުރެއްވުމަށްޓަކައެވެ. އަދި، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މި ވަޑައިގަތީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ންވާ ސާފު دليل އަކާއިގެންނެވެ. ފަހެ، ތިޔަބައިމީހުން، ﷲ އަށް تقوى ވެރިވާށެވެ! އަދި، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ކިޔަމަންވާށެވެ!“

﴿رَبَّنَا آمَنَّا بِمَا أَنزَلْتَ وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشَّاهِدِينَ﴾[6]

މާނައީ: ”އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ބާވައިލެއްވިފޮތަށް އަޅަމެން إيمان ވެއްޖައީމުއެވެ. އަދި، رسول އާޔަށް (އެބަހީ: عيسى ގެފާނަށް) އަޅަމެން تبع ވެއްޖައީމުއެވެ. ފަހެ، (އިބަރަސްކަލާނގެ އެއްކައުވަންތަކަމަށާއި، رسول އާއީ، އިބަރަސްކަލާނގެ حق رسول އާ ކަމަށް) ހެކިވާ މީހުންނާ އެކުގައި އަޅަމެން ލިޔުއްވާނދޭވެ! “

ޢީސާ عليه السلام ﷲ ގެ ދީނަށް ގޮވާލެއްވުމުގައި ދެމިހުންނެވިއެވެ. ﷲ ގެ ޝަރީޢަތް ޤާއިމު ކުރެއްވުމުގައި ދެމިހުންނެވިއެވެ. އެއްދުވަހަކު އެކަލޭގެފާނު ފަރުބަދައެއް ކައިރއަށް ހުއްޓި ހުންނަވަނިކޮށް އެކަލޭގެފާނަށް ފެނިވަޑައިގަތީ އެކަލޭގެފާނުގެ ދަޢުވަތު ޤަބޫލުކޮށްފައިވަނީ ފަޤީރުންކަމުގައެވެ. މުއްސަނދިންގެ އަދަދު މަދުކަމެވެ. އެކަލޭގެފާނަށް ދެއްކެވި ބައެއް މުއުޖިޒާތްތަކަކީ އެކަލޭގެފާނަށް ތަބަޢަވީ މީހުން އެކަލޭގެފާނުގެ ގާތުގައި ދެއްކުމަށް އެދުނު މުޢުޖިޒާތްތަކެވެ. މީގެތެރޭގައި ސުވަރުގެއިން ބިމަށް ފޮނުއްވުނު ”މާއިދާ“ ހިމެނެއެވެ.

﴿إِذْ قَالَ الْحَوَارِيُّونَ يَا عِيسَى ابْنَ مَرْيَمَ هَلْ يَسْتَطِيعُ رَبُّكَ أَن يُنَزِّلَ عَلَيْنَا مَائِدَةً مِّنَ السَّمَاءِ ۖ قَالَ اتَّقُوا اللَّـهَ إِن كُنتُم مُّؤْمِنِينَ﴾ ﴿قَالُوا نُرِيدُ أَن نَّأْكُلَ مِنْهَا وَتَطْمَئِنَّ قُلُوبُنَا وَنَعْلَمَ أَن قَدْ صَدَقْتَنَا وَنَكُونَ عَلَيْهَا مِنَ الشَّاهِدِينَ﴾[7]

މާނައީ: ”حوارى ން ދެންނެވިހިނދު ހަނދުމަކުރާށެވެ! އޭ مريم ގެފާނުގެ ދަރިކަލުން عيسى ގެފާނޭވެ! ތިމަންމެންނަށް ކާތަކެތީގެ ދޮލަނގެއް، އުޑުން ބާވައިލެއްވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަވެގެން ވޭތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން إيمان ވެގެންތިބި ބަޔަކު ކަމުގައި ވަނީނަމަ، ތިޔަބައިމީހުން ﷲ އަށް تقوى ވެރިވާށެވެ!.  އެއުރެން ދެންނެވޫއެވެ. ތިމަންމެން އެދެނީ، އެއިން ކެއުމަށާއި، ތިމަންމެންގެ ހިތްތައް ހަމަޖެހުމަށެވެ. އަދި ކަލޭގެފާނު ވިދާޅުވީ ތެދެއްކަން ތިމަންމެންނަށް އެނގުމަށެވެ. އަދި އެކަމުގެ މައްޗަށް ހެކިވާ މީހުންގެ ތެރެއިން ތިމަންމެން ވުމަށެވެ. “

﴿قَالَ عِيسَى ابْنُ مَرْيَمَ اللَّـهُمَّ رَبَّنَا أَنزِلْ عَلَيْنَا مَائِدَةً مِّنَ السَّمَاءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَآخِرِنَا وَآيَةً مِّنكَ ۖ وَارْزُقْنَا وَأَنتَ خَيْرُ الرَّازِقِينَ﴾ ﴿قَالَ اللَّـهُ إِنِّي مُنَزِّلُهَا عَلَيْكُمْ ۖ فَمَن يَكْفُرْ بَعْدُ مِنكُمْ فَإِنِّي أُعَذِّبُهُ عَذَابًا لَّا أُعَذِّبُهُ أَحَدًا مِّنَ الْعَالَمِينَ﴾[8]

މާނައީ: ”مريم ގެފާނުގެ ދަރިކަލުން عيسى ގެފާނު ވިދާޅުވިއެވެ. އޭ ހައްދަވާ ބޮޑުކުރެއްވި އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ކާތަކެތީގެ ދޮލަނގެއް އަޅަމެންނަށް އުޑުން ބާވައިލައްވާނދޭވެ! އެއީ އަޅަމެންގެ ކުރީގެ މީހުންނާއި، ފަހުގެ މީހުންނަށް عيد އެއް ކަމުގައި ވުމަށެވެ. އަދި އިބަރަސްކަލާނގެ حضرة ން އައި ހެތްކެއްގެ ގޮތުގައެވެ. އަދި އަޅަމެންނަށް رزق ދެއްވައިފާނދޭވެ! އިބަރަސްކަލާނގެއީ، رزق ދެއްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. ﷲ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެ ދޮލަނގު ބާވައިލައްވާހުށީމެވެ. ފަހެ، އެއަށްފަހު ތިޔަބައިމީހުންގެ ތެރެއިން، كافر ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، عالم ތަކުގެ ތެރެއިން އެކަކަށްވެސް، ތިމަންރަސްކަލާނގެ ނުދެއްވާ عذاب އެއް އެމީހަކަށް ދެއްވާހުށީމެވެ. “

އެކަމާއި ގުޅިގެން ޢީސާ عليه السلام އެއކަލޭގެފާނަށް ތަބަޢަވީ މީހުނަށް 30 ދުވަހު ރޯދަހިފުމަށް ޢަމުރު ކުރެއްވިއެވެ. އެހިނދު އެމީހުން ޢީސާ عليه السلام އަރިހުގައި ސުވަރުގެއިން ރޯދަވީއްލުމަށް އެއްޗެހި ގެނެސްދެއްވުމަށް އެދުނެވެ. އެހިނދު ޢީސާ عليه السلام އެކަލޭގެފާނަށް ތަބަޢަވީ މީހުން އެކަލާނގެ ކުޅަދުންވަންތަކަމާއިމެދު ޔަޤީންކަން ނެތްކަން އެނގިވަޑައިގަތުމުން އެމީހުނަށް ﷲ ގެ ކުޅަދުންވަންތަކަން ދެއްކުމަށް އެދި ދުޢާ ދެންނެވިއެވެ. އެކަލޭގެފާނު ވިދާޅިވިއެވެ. ”އޭ ﷲ މިކަމަކީ ރަޙްމަތެއް ކަމުގައި ލައްވައި ޢަޒާބެއް ކަމުގައި ނުލައްވާންދޭވެ.“ އެހިނދު މާއިދާ ދެވިލާގަނޑު ދެމެދުން (އެބަހީ: މަތީގައި އެއް ވިލާގަނޑު ތިރީގައި އެއް ވިލާގަނޑު) އެބޭކަލުން ބައްލަވަން ތިއްބަވަނިކޮށް ޢީސާ عليه السلام ގެ އަތްޕުޅަށް ފޮތިގަނޑެއްގެ ދަށުގައި ފޮރުފިފައިވާ މާއިދާ އައެވެ.

ޢީސާ عليه السلام އާއި އެކަލޭގެފާނަށް ތަބަޢަވީ މީހުން ﷲ ގެ ޙަޟްރަތަށް ސަޖިދައަށް ތިރިވެވަޑައިގަތުމުގައި އަވަސްވެވަޑާއިގެންނެވިއެވެ. އެމީހުނަށް މީގެ ކުރިން ދުވަހަކުވެސް ދުވާފައިނުވާ ފަދަ މީރުވަހެއް ދުވިއެވެ. އެހިނދު ޢީސާ عليه السلام ދެންނެވިއެވެ. ”ތިޔަބައިމީހުންގެ ތެރެއިން އެންމެ ތަޤްވާވެރި އަދި އެންމެ ޞާލިޙު މީހަކު މެނުވީ މި ”މާއިދާ“ގެ މަތީގައިވާ ފޮތިގަނޑު ނުނަގާނެއެވެ. އަދި އެ އެއްޗަކީ އަހަރެމެން އެއިގެން ކާނެ އަދި ﷲ އަށް ޝުކުރުކުރާނޭ އެއްޗެވެ. އެހިނދު އެބައި މީހުން ދެންނެވިއެވެ. ”ﷲ ގެ ކުޅަދުންވަންތަކަމާއެވެ. އެންމެހައި ތަކެތި ޙައްޤު ވެގެންވަނީ ﷲ އަށެވެ.

މާއިދާގެ މަތީގައިވާ ފޮތިގަނޑު ނެގުމުގެ ކުރިން ޢީސާ عليه السلام ދެދުވެވަޑައިގެން ވުޟޫކުރައްވާ ނަމާދުފުޅު ކުރެއްވިއެވެ. މާއިދާގައި ފިހެފައިވާ މަހެއް އޮތެވެ. އެހިނދު ޢީސާ عليه السلام އަށް ތަބަޢަވީ މީހުން ދެންނެވިއެވެ. ”ﷲ ގެ ކުޅަދުން ވަންތަކަމާއެވެ. މިއީ މި ދުނިޔެމަތީގެ ކާނާތޯއެވެ. ނޫނީ ސުވަރުގޭގެ ކާނާ ތޯއެވެ.“ އެހިނދު ޢިސާ عليه السلام އެމީހުނަށް ދެންނެވިއެވެ. ”ﷲ ތިޔަބައިމީހުނަށް ސުވާލު ކުރުން ނަޙީ ނުކުރައްވާ ހެއްޔެވެ؟ ހަމަކަށަވަރުން ﷲ ކަމަކަށް ”ވާށޭ“ ވަޙީ ކުރައްވައިފިނަމަ ފަހެ އެކަމެއް ވާނެއެވެ. އެއީ ﷲ ގެ ކުޅަދުންވަންތަކަމުގެ ހެއްކެކެވެ. އަދި މީސްތަކުންގެ ތެރެއިން އެކަލާނގެއަށް އުރެދޭ މީހުނަށްވާ އިންޒާރެކެވެ.“

ބުނެވޭ ގޮތުގައި ހާހެއްހައި މީހުން އެގެތެރޭގައި ވެއެވެ. ނަމަވެސް އެމީހުނަކަށް އެހުސްނުކުރެވުނެވެ. އަދި އިތުރު މުޢުޖިޒާތަކުގެ ތެރޭގައި ލޯފަން އަދި ޖުޒާންބަލި ޖެހިފައިވާ މީހުންނަށް އެކަލޭގެފާނު މެދުވެރި ކުރައްވާ ޝީފާ ދެއްވެވިއެވެ.

ޢީސާ عليه السلام އަށް ތަބަޢަވީ މީހުނަށް މާއިދާ ބިމަށް ފޭބި ދުވަހަކީ ބަރަކާތްތެރިވެގެނަވާ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އަދި އޭގެފަހުން އެކަލޭގެފާނަށް ތަބަޢަވީ މީހުން އެ މުޢުޖިޒާތުގެ މަޤްޞަދު ހަނދާންނެތި ޢީސާ عليه السلام އަކީ ކަލެއް ކަމަށްދެކި އެކަލޭގެފާނަށް އަޅުކަންކުރަންފެށިއެވެ. އެކަލާނގެ ވަޙިކުރައްވާފައިވެއެވެ.

﴿وَإِذْ قَالَ اللَّـهُ يَا عِيسَى ابْنَ مَرْيَمَ أَأَنتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَـٰهَيْنِ مِن دُونِ اللَّـهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنتَ عَلَّامُ الْغُيُوبِ﴾﴿مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّـهَ رَبِّي وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنتَ أَنتَ الرَّقِيبَ عَلَيْهِمْ ۚوَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ﴾﴿إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ الْعَزِيزُ الْحَكِيمُ﴾[9]

މާނައީ: ”ﷲ، وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އޭ مريم ގެފާނުގެ ދަރިކަލުން عيسى ގެފާނެވެ! ﷲ ފިޔަވައި، ތިމަންނާއާއި، ތިމަންގެ މައިކަނބަލުންނީ، ދެ إله ން ކަމުގައި ތިޔަބައިމީހުން ހިފާށޭ ކަލޭގެފާނު މީސްތަކުންނަށް ވިދާޅުވީމުތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތަކަމާއެވެ! ބުނުމުގެ حق މިއަޅާޔަށް ލިބިގެންނުވާ ބަހެއްބުނުން، މިއަޅާއަކަށް ނުވެއެވެ. މިއަޅާ އެބަސްބުނިނަމަ، އިބަރަސްކަލާނގެ އެކަން ދެނެވޮޑިގެންވާނެކަން ކަށަވަރެވެ. މިއަޅާގެ ހިތުގައިވާ ކަންތައްވެސް، އިބަރަސްކަލާނގެ ދެނެވޮޑިގެންވަމުއެވެ. އިބަރަސްކަލާނގެ އިރާދަފުޅުގައި ވާކަންތައް، މިއަޅާއަކަށް އެނގިގެނެއް ނުވެއެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ވަންހަނާގައި ވާހައި ކަމެއްވެސް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ، މިއަޅާއަށް أمر ކުރައްވާފައިވާ އެއްޗެއް މެނުވީ، މިއަޅާ އެއުރެންނަކަށް ނުބުނަމެވެ. (ބުނީ) ތިމަންގެވެރި، އަދި ތިޔަބައިމީހުންގެވެސް ވެރި، ﷲ އަށް ތިޔަބައިމީހުން އަޅުކަންކުރާށޭ އެވެ. އެއުރެންގެ ތެރޭގައި، މިއަޅާ ހުރިހައި ހިނދަކު، އެއުރެންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ވީމެވެ. ދެން އިބަރަސްކަލާނގެ، މިއަޅާ ގެންދެވިހިނދު، އެއުރެންގެ މައްޗަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި، އިބަރަސްކަލާނގެ ވޮޑިގެންވީމުއެވެ. އިބަރަސްކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ.  އެއުރެންނަށް، އިބަރަސްކަލާނގެ عذاب ދެއްވާނަމަ، ފަހެ، ހަމަކަށަވަރުން، އެއުރެންނީ، އިބަރަސްކަލާނގެ އަޅުންނެވެ. އަދި އެއުރެންނަށް އިބަރަސްކަލާނގެ ފާފަފުއްސަވާނަމަ، ފަހެ، ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ.“

ޢީސާ عليه السلام އެކަލޭގެފާނުގެ ދަޢުވަތާއިގެން ކުރިއަށް ދިޔަ ހިނދު ޔަހޫދީންގެ ބާރުވެރިކަން ނެތިދާނެކަމުގެ ބިރު ހީވިއެވެ. އެހެންކަމުން ޝައިޠާނާގެ ލަޝްކަރު އެކުލަވައިލައި އެކަލޭގެފާނުގެ މައްޗަށް ދޮގު ތުހުމަތު ތައް ކުރިއެވެ. އެތުހުމަތު ތަކުގެ ތެރޭގައި އެކަލޭގެފާނަކީ ސިހުރުވެރިއެއް ކަމުގައި ބުނުމާއި، މުސާގެފާނުގެ ޝަރީޢަތް ބަދަލު ކުރިކަމަށް ބުނުމާއި، އަދި އެކަލޭގެފާނަކީ ޝައިޠާނާގެ އެކުވެރިއެއް ކަމުގައި އެބައިމީހުން ތުހުމަތު ކުރިއެވެ. ދެންފަހެ، އެކަލޭގެފާނަށް ތަބަޢަވެގެންވަނީ ނިކަމެތިންނާއި ފަޤީރުންކަމުގައި އެބައިމީހުންނަށް ފެނުނު ހިނދު އެކަލޭގެފާނާ ދެކޮޅަށް ރޭވުންތައް ރާވަން ފެށިއެވެ.

 

=ނުނިމޭ=

ލިޔެ ޖަމާކުރީ:

ޢަބްދުﷲ ނަސީފް

އަަޙްމަދު ޙުސައިން

 

މައިގަނޑު މަޞްދަރު: البداية والنهاية لابن كثير

[1]  المائدة: ١١٠

[2]  المائدة: ١١١

[3]   آل عمران: ٤٨

[4]  آل عمران: ٤٩

[5]  آل عمران: ٥٠

[6]  آل عمران: ٥٣

[7]  المائدة: ١١٢

[8]  المائدة: ١١٥-١١٤

[9]  المائدة: ١١٦- ١١٨

1