ނަޞޭޙަތާއި އިރުޝާދު
އީމާންތެރިކަން އިތުރުކޮށްލުމަށް ކުރެވިދާނެ 10 ކަމެއް

އީމާންތެރިކަމަކީ އުނިއިތުވާ އެއްޗެކެވެ. އަޅުގަނޑުމެންގެ ޢަމަލުތައް ބެހެއްޓޭ ގޮތަކުން ނުވަތަ އުޅެންޖެހޭ މާހައުލުގެ ސަބަބުން އީމާންތެރިކަން ދަށްވެ މަތިވާ ވަގުތުތައް އާދެއެވެ. އަޅުގަނޑުމެން އަބަދުވެސް ގަދައަޅައި މަސައްކަތްކުރަންވީ އީމާންތެރިކަން ތާޒާކޮށް ބެހެއްޓޭތޯއެވެ. މިގޮތުން ތިރީގައި މިވަނީ އީމާންތެރިކަން އިތުރުކޮށްލުމަށް ކުރެވިދާނެ 10 ކަމެކެވެ.

1. ކީރިތި ޤުރުއާން ގިނަގިނައިން ކިޔަވާށެވެ!

ޤުރުއާން ކިޔަވާއިރު އޭގެ މާނައަށް ވިސްނައި ފިކުރުކޮށް ވީހާވެސް ފަރުވާތެރިކަމާއިއެކު ކިޔެވުން މުހިންމެވެ. އަދި ކިޔެވުމުގެ އިތުރަށް ކީރިތި ޤުރުއާން އަޑުއެހުމަކީ ވެސް ތިބާގެ އީމާންތެރިކަމަށް ދިރުން ލިބޭނޭ މޮޅު ފަރުވާއެކެވެ. އެއީ ހިދާޔަތެކެވެ. ނޫރެކެވެ. ހިތްތަކާއި ބަލިތަކަށްވާ ނުހަނު މޮޅު ޝިފާއެކެވެ.

2. ﷲގެ ޒިކުރުން ތިބާގެ ދޫ ތެންމާށެވެ!

ﷲ ގެ ޒިކުރުކުރުމަކީ ހިތުގެ ހަމަޖެހުމެވެ. މާތްﷲ ވަޙީކުރެއްވިއެވެ.

(الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّـهِ ۗ أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ) سورة الرعد 28

މާނައީ:”އެއުރެންނީ،  އީމާންވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހަމަކަށަވަރުން، ހިތްތަކުގެ ހަމަޖެހުން ވަނީ ﷲ ހަނދުމަކުރުމުގައެވެ.”

3. ފަރުޟު 5 ނަމާދުގެ ޖަމާޢަތަށް ރައްކާތެރިވާށެވެ!

ކޮންމެ ދުވަހަކު އެނގިގެންނާ ނޭގި އެތައް ފާފައަކަށް އަރައިގަނެވޭއިރު އެފާފަތަކުން ތައުބާވެ ތިބާ ހަމަމަގުގައި ޘާބިތުވުމަށް ކުރެވޭނެ އެންމެ މޮޅު ކަމަކީ މިއީއެވެ. ލޮލުންނާއި އަތުންނާއި ފައިން ކުރެވިފައިވާ ކުދި ފާފަތައް ޥުޟޫކުރުމުން ފުހެވިގެންދެއެވެ. އަދި ނަމާދުކުރުމުން ގިނަގުނަ ޘަވާބާއި ދަރުމައެއް ލިބުމާއިއެކު ފާފަތައް ފުހެވިގެންދެއެވެ. ދައްވަމުންދާ އީމާންކަން ތާޒާކޮށްލުމަށް މިއަށްވުރެ މޮޅުކަމެއް ކުރެވޭނެ ހެއްޔެވެ؟

4. ކޮންމެ ކަމެއްގައިވެސް ﷲ އަށް ވަކީލު ކުރާށެވެ!

ﷲ އަށް ވަކީލުކުރާނަމަ އެމީހާ ހުންނާނީ ހަމަޖެހިގެންނެވެ. ހާސްކަމާ ނުތަނަވަސްކަމުން ސަލާމަތްވެގެންނެވެ. ފުދިގެންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

(وَمَن يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ) سورة الطلاق 3

މާނައީ:”اللَّه އަށް ވަކީލުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ.”

5. ރަސޫލު ﷲﷺ ދިރިއުޅުއްވުން ދަސްކޮށް އެގޮތަށް ޢަމަލުކުރެވޭތޯ ބަލާށެވެ!

އެކަލޭގޭފާނީ ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވި މާތް ނަބިއްޔާއެވެ. ރިވެތި އަޚްލާޤު އެކަލޭގެފާނުގެ ކިބައިގައިވެއެވެ. އެކަލޭގެފާނުގެ ދިރިއުޅުއްވުމާއި އަޚްލާޤު ދަސްކޮށް އެގޮތައް ޢަމަލުކުރުމަކީ އީމާންތެރިކަން އިތުރުވާނެ މަގެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

6. ހެޔޮލަފާ އެކުވެރިންނާއި އެކުގައި އުޅޭށެވެ!

ގޯސް އެކުވެރިންނާއި ތިބާ ގާތްވެއްޖެނަމަ ތިބާ ގޯސްވާކަށް މާ ލަހެއް ނުވާނެއެވެ. ﷲގެ މަތިން ހަނދާންކޮށްދޭ ހެޔޮކަންކަމަށް ހިތްވަރުދޭ އެކުވެރިންނަކީ ތިބާގެ އީމާންތެރިކަން ދަށްވާ ވަގުތު އެއީމާންތެރިކަން ތަޒާކޮށްދޭނެ ބައެކެވެ.

7. ﷲގެ ޒިކުރުކުރެވޭ މަޖިލިސްތަކުން ޖާގަ ހޯދާށެވެ!

އާނއެކެވެ! ވަރަށް މުހިންމު ކަމެކެވެ. ދަރުސްތަކާއި ނަޞޭޙަތްތައް އަޑުއަހައި އެފަދަ މަޖިލިސްތަކުގައި ތިބާ މަޑުކޮށްލާ ވަގުތުކޮޅަކީ ޔަޤީނުންވެސް އީމާންތެރިކަން އިތުރު ކޮށްދޭނޭ ވަގުތުކޮޅެކެވެ. ތިބާގެ ހަފްތާގެ ތާވަލުން މިކަމަށް ޖާގައެއް ހުސްކުރުން ކޮންމެހެންވެސް މުހިއްމެވެ.

8. ސުންނަތް އަޅުކަން އިތުރުކުރެވޭތޯ ބަލާށެވެ!

ފަރުޟުކަންކަމުގެ އިތުރަށް ސުންނަތް ކަންކަން ކޮށް އެކަންކަން އިތުރުކުރުމަކީ އީމާންތެރިކަން ތާޒާކޮށް އިތުކޮށްދޭނޭ މޮޅު ބޭހެކެވެ. އޭގެ ސަބަބުން ﷲ އާއި ތިބާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެއެވެ.

9. ﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކާއިމެދު ވިސްނާ ފިކުރުކުރާށެވެ!

މިއީ ބުއްދީގެ ނިޢުމަތްދެއްވާފައިވާ އިންސާނާއަށް ނުހަނު މުހިއްމު ކަމެކެވެ. އަޅުގަނޑުމެންގެ ވަށައިގެންވާ މަޚްލޫޤުތަކާއި އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކުގައިވާ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކަށް ވިސްނާ ފިކުރުކުރުމަކީ އީމާންތެރިކަމަށް ދިރުންދޭނެ ކަމެކެވެ.

10. ހުސްވަގުތު ބޭކާރު ނުކުރާށެވެ!

ތިބާއަށް ލިބޭ ހުސްވަގުތު ފައިދާއެއް ނުކުރާ ބޭކާރުކަންކަމުގައި ހޭދަކުރަން ފަށައިފިނަމަ އީމާންތެރިކަން ބަލިކަށިވާކަށް މާގިނަ ވަގުތެއް ނުނަގާނެއެވެ. ވީމާ ލިބޭ ހުސްވަގުތުތައް ބޭކާރުނުކޮށް ފައިދާހުރިކަމެއްގައި ހޭދަކުރާށެވެ.

20
  1. Hassansaeed

    ވަރައް ރަގަޅު ތިބާވަތުގެ ވާހަކަ ގިނަގިނަ އިންޝާއިރުކުރުން ވަރައް މުހިއްމު