ދީން
ކީރިތި ޤުރުއާނުގެ ބަގީޗާ: ސޫރަތުލް ޢާދިޔާތި

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع

ޤިޔާމަތްދުވަހު ގެ ހިސާބުބެއްލެވުން
ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް

بِسْمِ اللَّهِ الرَّحْمَـنِ الرَّحِيمِ
وَالْعَادِيَاتِ ضَبْحًا ﴿١﴾ فَالْمُورِيَاتِ قَدْحًا ﴿٢﴾ فَالْمُغِيرَاتِ صُبْحًا﴿٣﴾ فَأَثَرْنَ بِهِ نَقْعًا ﴿٤﴾ فَوَسَطْنَ بِهِ جَمْعًا ﴿٥﴾ إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ ﴿٦﴾ وَإِنَّهُ عَلَىٰ ذَٰلِكَ لَشَهِيدٌ ﴿٧﴾ وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ ﴿٨﴾ أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ ﴿٩﴾ وَحُصِّلَ مَا فِي الصُّدُورِ ﴿١٠﴾ إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌ ﴿١١﴾

ސޫރަތުގެ މާނަ:

“ނޭވާގެ އަޑު އިއްވަމުން، ހަރުކޮށް ދުވާ އަސްތައް ގަންދެއްވަމެވެ. [1] އަދި ފިޔަވަޅުތަކުން އަލިފާން ކަނޑަމުންދުވާ އަސްތައް ގަންދެއްވަމެވެ. [2] އަދި ފަތިހުގެ ވަގުތުގައި، ޙަމަލާދޭ އަސްތައް ގަންދެއްވަމެވެ. [3] ފަހެ، އެ އަސްތައް، އެ ވަގުތު ހިރަފުސް ބުރުވައިލަތެވެ. [4] ފަހެ، އެ އަސްތައް އެ ހިރަފުސްތަކުގެ ތެރޭގައި (ދުޝްމަނުންގެ) ބައިގަނޑުގެ މެދަށް ވަދެގަނެތެވެ. [5] ހަމަކަށަވަރުން، އިންސާނާއީ، އޭނާގެ ވެރިރަސްކަލާނގެއަށް ހަރާންކޯރުވުން ބޮޑު މީހެކެވެ. [6] އަދި ހަމަކަށަވަރުން، އެ އިންސާނާއީ، އެކަމުގެ މައްޗަށް ހެކިވެރިޔަކުކަން ކަށަވަރެވެ. [7] އަދި ހަމަކަށަވަރުން، އެ އިންސާނާއީ، މުދަލަށް ލޯބިކުރުންގަދަ މީހެއްކަން ކަށަވަރެވެ. [8] ކަށްވަޅުތަކުގައިވާ ތަކެތި ނެރެ އުކައިލައްވާހިނދު، އަދި ހިތްތަކުގައިވާ ސިއްރުތައް އެއްކޮށް ފާޅުކުރައްވާހިނދު، ފަހެ، އެ އިންސާނާ (އެކަންތައް) ނުދަންނަނީ ހެއްޔެވެ؟ [10-9] ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެއީ، އެދުވަހުން އެއުރެންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ. [11]“

﴿وَالْعَادِيَاتِ ضَبْحًا﴾ މިއީ ހުވައިގެ ބަސްފުޅެކެވެ. އަދި “الْعَادِيَات” މިއީ ޞިފަ ކުރުމެކެވެ. ޞިފަކުރެވޭ އެތި ވަނީ ފޮހެވިގެންނެވެ. އޭގެ މުރާދަކީ (وَالْخَيْلِ العَادِيَات) “ހަރުކޮށް ދުވާ އަސްތައް ގަންދެއްވުން” މިއެވެ.
﴿فَالْمُورِيَاتِ قَدْحًا﴾ “އަދި ފިޔަވަޅުތަކުން އަލިފާން ކަނޑަމުންދުވާ އަސްތައް ގަންދެއްވަމެވެ.”، “المُورِيَات” [ނެގިފައިވަނީ] ” أَوْرَى” ނުވަތަ ” وَرْي” އިންނެވެ. އެބަހީ ކަނިކެނޑުމެވެ.
މިއަސްތަކުގެ ދުވެލީގެ ބާރުކަމާއި ގަދަފަދަކަމުން އަދި ބިންމަތީގައި ޖަހާޖެހުމުގެ ސަބަބުން ދެހިލަ ދެހިލައަށް ޖެހިއްޖެނަމަ ކަނިކަނޑައިގެންދެއެވެ.
﴿ فَالْمُغِيرَاتِ صُبْحًا﴾ އެބަހީ ފަތިހުގެ ވަޤުތުގައި ޢަދުއްވުންނަށް ހަމަލާދޭ އަސްތަކެވެ. މިއީ ޢަދުއްވުންނަށް ހަމަލާ ދިނުމުގެ އެންމެ ފައްކާ ގޮތެވެ. ފަތިހުގެ ވަޤުތުގައި އެބައިމީހުންނަށް ނިދި، ޣާފިލުވެފައި ތިއްބައެވެ. އަދި ހަމަލާގެ ސަބަބުން އެބައިމީހުންނަށް ހޭލެވުނުކަމުގައި ވީނަމަވެސް އެމީހުން ވާހުށީ ކަންނެތްކަމާއި ލޮޑުކަމުގެ ތެރޭގައެވެ. ފަހެ އެންމެ ރަނގަޅު ވަޤުތު ކަމުގައިވާ ހެނދުނުގެ ވަޤުތު ހަމަލާދޭ މިއަސްތަކުން ހުވައި ވަޙީކުރެއްވުން ﷲ ތަޢާލާ އިޚްތިޔާރު ކުރައްވައި ވޮޑިގެންވިއެވެ. އަދި ނަބިއްޔާ صلى الله عليه وسلم، އެއްވެސް ޤައުމަކަށް ރޭގަނޑުގެ ވަޤުތުގައި ހަމަލާ ދެއްވާފައި ނުވެއެވެ. އަދިކިއެއްތޯއެވެ. ހެނދުނު ވެއްޖައުމަށް ދާންދެން މަޑުކުރައްވައެވެ. ފަހެ ހެނދުންވުމުން، އެބައިމީހުން އަމާންދިންކަމަށް ގޮވަން ފަށައިފިނަމަ ދޫކޮށްލައެވެ. އެހެން ނުވެއްޖެނަމަ ހަމަލާދެއްވައެވެ.

﴿وَإِنَّهُ﴾ އެބަހީ އިންސާނާއީ ﴿لِحُبِّ الْخَيْرِ لَشَدِيدٌ﴾ “މުދަލަށް ލޯބިކުރުންގަދަ މީހެއްކަން ކަށަވަރެވެ.” ‘الْخَيْر’ އެއީ މުދަލެވެ. އެބަހީ އޭނާ މުދާތަކެއް ދޫކޮށްފައިވީނަމައެވެ. އަދި އިންސާނުން މުދަލަށް ލޯބިކުރުމަކީ ފާޅުވެ ބަޔާންވެގެންވާ ކަމެކެވެ.
މާތް ﷲ ވަޙީ ކުރެއްވާފައި ވެއެވެ. ﴿وَتُحِبُّونَ الْمَالَ حُبًّا جَمًّا﴾ [سورة الفجر: 20]
މާނައީ: “އަދި ތިޔަބައިމީހުން ގަދަވެގެންވާ ލޯތްބަކުން، މުދަލަށް ލޯބިކުރަމުއެވެ.”
މުދަލާމެދު ގަދައަށް ލޯބިނުކުރާ މަދުބަޔަކު މެނުވީ ތިބާއަށް ނުފެންނަހުއްޓެވެ. ދެންފަހެ އާންމުކޮށްވާ ލޯބިކުރުން ދަންނައެވެ. ފަހެ އެއީ އެންމެންގެ ކިބައިގައިވެސް ވާކަމެކެވެ. ނަމަވެސް އެކަން ބޮޑަށް ހުރުމަކީ އެންމެންގެ ކިބައިގައި ވާކަމެއް ނޫނެވެ. ބައެއް މީހުން އޭނާއަށް ފުދޭވަރަށް މުދާވެރިވުމަށް ލޯބިކުރެއެވެ. އަދި ﷲ ގެ އަޅުތަކުންގެ ކިބައިން ސަލާންޖަހަންޖެހުމުން އޭނާ ދުރުކޮށްދޭ ވަރަށް އޭނާ މުދާ ހޯދައެވެ. އަދި އަނެއްބަޔަކު ގިނައިން ބޭނުންވެއެވެ. އަދި އަނެއްބަޔަކު ތަނަވަސްކަމުގެ މައްޗަށް ތަނަވަސްކަން އެދެތެވެ.
އެއަށްފަހު ﷲ ތަޢާލާވަނީ، އެކަމެއް ލައިނުގަނެ ނުދާނޭ ޙާލަތެއް އިންސާނާއަށް ހަނދުމަކޮށްދެއްވާފައެވެ. ވަޙީ ކުރެއްވިއެވެ: ﴿أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ﴾ މާނައީ: “ކަށްވަޅުތަކުގައިވާ ތަކެތި ނެރެ އުކައިލައްވާހިނދު، ފަހެ އެއިންސާނާ (އެކަންތައް) ނުދަންނަނީ ހެއްޔެވެ؟” ފަހެ އެކަމަށްޓަކައި އޭނާ މަސައްކަތްކުރެއެވެ. އަދި އޭނާގެ މަޤްޞަދަކަށް މުދާވެރިކަން ނުވެއެވެ. ﴿أَفَلَا يَعْلَمُ﴾ އެބަހީ: އޭނާ ދެނެހުރެއެވެ. ﴿إِذَا بُعْثِرَ مَا فِي الْقُبُورِ﴾ އެބަހީ: ޢާލަމްތަކުގެ ވެރި ރައްބުގެ ޙަޟްރަތަށް [ދިޔުމަށްޓަކައި] މީސްތަކުން ކަށްވަޅުތަކުން ނުކުންނާނެކަން ފާޅުވެ ބަޔާންވެގެން ވެއެވެ. ފެތުރިގަނެގެންދާ ގޮށްފުޅަނގިތަކެއް ފަދައިންނެވެ. ބިރުވެރި އެންމެ އަޑަކުން އެބައިމީހުން ނުކުމެގަނެއެވެ.
﴿وَحُصِّلَ مَا فِي الصُّدُورِ﴾ އެބަހީ ހިތްތަކުގައިވާ ނިޔަތްތަކެވެ. އަދި ވަކީލުކުރުމާއި ހިތްޖެހުމާއި ނުރުހުންވުމާއި ބިރުގަތުމާއި ރައްކާތެރިކަމަށް އެދުމާއި މިބާވަތުގެ އެންމެހާ ހިތުގެ ޢަމަލުތަކެވެ. އަދި ހިތްތަކުގައިވާ ކަންކަމީ ބިންގާ ކަމުގައި، ﷲ ތަޢާލާ މިތާނގައި ލައްވާފައި ވެއެވެ.
އެހެނީ ދުނިޔޭގައި މީސްތަކުންނާމެދު ކަންތައްވެވޭ ހުށީ ބޭރުފުށުން ފެންނަންހުރި ގޮތެއްގެ މައްޗަށެވެ. މުނާފިޤެއް ކަމުގައި ވީނަމަވެސް މުސްލިމެއްގެ ގޮތުގައި މުޢާމަލާތް ކުރެވެއެވެ. އެހެނެއްކަމަކު އާޚިރަތްދުވަހުގައި ޢަމަލުކުރެވޭހުށީ ހިތުގައިވާ އެއްޗެއްގެ މައްޗަށެވެ. މިހެންކަމުން ޢަމަލު ކުރުމުގެ ކުރިން ހިތުގެ ނިޔަތާމެދު ސަމާލުވުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވެއެވޤިޔާމަތް ދުވަހުގައި ޖަޒާލިބުންވާހުށީ ވެސް އޭގައިވާގޮތަށެވެ. މިހެންވެ ވަޙީކުރައްވައި އަންގަވަނީ: ﴿وَحُصِّلَ مَا فِي الصُّدُورِ﴾ “އަދި ހިތްތަކުގައިވާ ސިއްރުތައް އެއްކޮށް ފާޅުކުރައްވާހިނދެވެ.”
ދެންފަހެ މިދެއާޔަތުގެ ދެމެދުގައި މުހިންމު ގުޅުމެއް ވެއެވެ. [އެއީ] ޤަބުރުތަކުން ނެރެލެވުމަކީ ބިމުގެ އަޑިން ހަށިތައް ނެރެލެވުމެވެ. އަދި ހިތްތުގައި ފޮރުވިފައިވާ ސިއްރުތައް ފާޅުވުމީ އެއީ ހިތުގައިވާ ކަންކަން ނެރެލެވުމެވެ.
﴿إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌ ﴾ އެބަހީ ހަމަކަށަވަރުން ﷲ ތަޢާލާއީ އެބައިމީހުންގެ ކަންކަން، އެބަހީ އަޅުތަކުންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ﴿إِنَّ رَبَّهُم بِهِمْ يَوْمَئِذٍ﴾ “ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެއީ، އެދުވަހުން [އެއުރެންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ.]

މަސްދަރު: ދިސަލަފިއްޔާ

0