މާތް ﷲ ރުއްސުންލެއްވި ޞުހައިބުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.
[ތިޔަބައިމީހުންގެ ކުރީގެ ދުވަސްވަރެއްގައި ރަސްކަލަކު އުޅުނެވެ. އަދި އޭނާގެ ސިހުރުވެރިއަކު ހުރެއެވެ. އޭނާ މުސްކުޅިވެ ގައިބާރު ދެރަވިހިނދު ރަސްގެފާނު ގާތުގައި ބުންޏެވެ.
“ހަމަކަށަވަރުން އަޅުގަނޑު މުސްކުޅިވެ ގައިބާރު ދެރަވެއްޖެއެވެ. ސިޙުރު ދަސްކޮށްދިނުމަށް އަޅުގަނޑުގެ ގާތަށް ޒުވާނަކު ފޮނުއްވައިދެއްވާށެވެ.”
ދެން ސިޙުރު ދަސްކުރުމަށް އޭނާގެ ގާތަށް ޒުވާނަކު ފޮނުވިއެވެ. އެޒުވާނާ ސިޙުރުވެރިޔާގެ ގާތަށް ދިޔަ މަގުމަތީގައި ރާހިބާކު ފެނި އޭނާގެ ގާތުގައި މަޑުކުރިއެވެ. އަދި އެރާހިބުގެ ވާހަކަތައް އަޑުއިވި އެވާހަކަތަކާ ގަޔާވެއްޖެއެވެ. އެހެންކަމުން އެޒުވާނާ ސިޙުރުވެރިޔާގެ ގާތަށް ދާއިރު ދަނީ އެރާހިބުގެ ކައިރިންލާފައެވެ. އަދި އެރާހިބުގެ ގާތުގައި (އެރާހިބުގެ ވާހަކަތައް އަޑުއެހުމަށް) މަޑުކުރެއެވެ.
(އެއްދުވަހަކު އެރާހިބުގެ ވާހަކަ އަޑުއެހުމަށް މަޑުކުރުމުން އެޒުވާނާއަށް ސިޙުރުވެރިޔާގެ ގާތަށްއައާދެވުނީ ލަހުންނެވެ.)
އެޒުވާނާ އައުމުން ސިޙުރުވެރިޔާ އެޒުވާނާގެ ގައިގައި ޖެހިއެވެ. ދެން އެޒުވާނާ އެކަމުގެ ޝަކުވާ ރާހިބުގެ ގާތުގައި ކޮށްފިއެވެ. ދެން ރާހިބު ބުންޏެވެ.
“ސިޙުރުވެރިޔާދެކެ ތިބާ ބިރުގަންފިނަމަ ބުނާށެވެ. އަހަރެންގެ އަހުލުވެރިންގެ ސަބަބުން ލަސްވީއެވެ. ތިބާގެ އަހުލުވެރިންދެކެ ބިރުގަންފިނަމަ ބުނާށެވެ. ސިޙުރުވެރިޔާގެ ސަބަބުން ލަސްވީއެވެ.”
ދެން، މިގޮތުގައި އެޒުވާނާ އުޅެނިކޮށް އެމީހުންގެ ތެރެއަށް ބޮޑު ދާއްބައެއް(ޖަނަވާރެއް) އައިއްސިއެވެ. މީސްތަކުން ހިނގާބިނގާވުމަށް (އެއްތަނުން އަނެއްތަނަށް) ދިއުމަށް އޭތި ހުރަސްއަޅަން ފަށައިފިއެވެ. އެޒުވާނާ ބުންޏެވެ.
“މޮޅީ ސިޙުރުވެރިޔާތޯ ނުވަތަ ރާހިބުތޯ މިއަދު ނިކަން އެނގިދާނެ ތާއެވެ.”
އެހެންބުނެ ހިލަގަނޑެއް ނަގައި ދުޢާކުރިއެވެ.
“އޭ ހައްދަވާބޮޑުކުރެއްވި އިލާހެވެ! ސިޙުރުވެރިޔާގެ ކަންކަމަށްވުރެ ރާހިބުގެ ކަންކަން އިބައިލާހުގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާނަމަ މިދާއްބަ މަރުގަންނަވައި މީސްތަކުން އޭތީގެ އުނދަގުލުން ސަލާމަތްކޮށްދެއްވާދޭވެ!”
ދެން އެޒުވާނާ އެހިލަގަނޑު އެދާއްބައާ ދިމާލަށް އެއްލިއެވެ. (އެހިލަގަނޑު ޖެހުމާއެކު) އޭތި މަރުވެއްޖެއެވެ. އަދި މީސްތަކުން އޭގެ އުނދަގުލުން ސަލާމަތްވެއްޖެއެވެ. ދެން އެޒުވާނާ ރާހިބުގެ ގާތާށް ގޮސް އެވާހަކަ ބުނެފިއެވެ. ރާހިބު ބުންޏެވެ.
“އޭ ކޮއެފުޅާއެވެ! މިއަދު އަހަރެންނަށްވުރެ މިއަދު ކޮއެފުޅު މަތިވެރިވެގެންވެއެވެ. ތިބާގެ ކަންކަން ގޮސްފައިތިވާ ހިސާބުން އަހަންނަށް ޤަބޫލުކުރެވޭގޮތުގައި ތިބާ ކަށަވަރުންވެސް ބޮޑު އިމްތިޙާނަކާ ކުރިމަތިލާނެއެވެ. ތިބާ އިމްތިޙާނުކުރެވިއްޖެނަމަ އަހަރެންގެ ވާހަކަ ކޮންމެވެސް ނުބުނާށެވެ.”
އަދި އުފަންވާއިރު ލޯފަންވެފައިވާމީހުންނާއި ބަރަޞްބަލި ޖެހިފައިވާމީހުންނަށް ފަރުވާކޮށް ރަނގަޅުކުރާ ކުއްޖެއްކަމުގަ އެޒުވާނާ ވިއެވެ. އަދި މީސްތަކުންނަށް ޖެހިފައިވާ އެހެނިހެން ބަލިތަކަށްވެސް އެޒުވާނާ ފަރުވާކުރެއެވެ. ދެން، މިޚަބަރު ރަސްގެފާނުގެ އަރިހުބޭކަލުންކުރެ މީހަކަށް އަޑުއިވިއްޖެއެވެ. އޭނާއަކީ ލޯކަނު މީހެކެވެ. ފަހެ، އޭނާ މިޒުވާނާގެ ގާތަށް ގިނަގުނަ ހަދިޔާތަކާއެކު އައިސް ބުންޏެވެ.
“ތިބާ އަހަރެންނަށް ޝިފާދީފިނަމަ މިހަދިޔާތަކަށްވުރެ މާގިނަތަކެތި ދޭނަމެވެ.”
އެޒުވާނާ ބުންޏެވެ.
“އަހަރެން އެއްވެސް މީހަކަށް ޝިފާނުދެމެވެ. ޝިފާދެއްވަނީ ހަމައެކަނި ﷲއެވެ. ތިބާ ﷲއަށް އީމަންވެއްޖެނަމަ އަހަރެން ﷲ އަށް ދުޢާކޮށްފާނަމެވެ. އޭރުން އެކަލާނގެ ތިބާއަށް ޝިފާދެއްވާނެއެވެ.”
ދެން އޭނާ ﷲ އަށް އީމާންވުމުން ﷲ އެނާއަށް ޝިފާދެއްވައި ލޮލުގެފެނުން އަނބުރާދެއްވިއެވެ.
[ދެން އެމީހާ ރަސްގެފާނުގެ ގާތަށް އައިސް، މީގެކުރިންވެސް ރަސްގެފާނުގެ ގާތުގައި އިންނަފަދައިން އިނދެއްޖެއެވެ. ދެން ރަސްގެފާނު ސުވާލުކުރިއެވެ.
“ކަލޭގެ ލޮލުގެފެނުން ރައްދުކޮށްދިނީ ކާކުހެއްޔެވެ؟” އޭނާ ބުންޏެވެ.
“އަޅުގަނޑުގެ ވެރިއިލާހެވެ.”
ރަސްގެފާނު ބުންނެވެ.
“އަހަރެން ފިޔަވައި ކަލޭގެ އެހެން އިލާހަކުވޭހެއްޔެވެ؟”
އޭނާ ބުންޏެވެ.
“އަޅުގަނޑާއި ރަސްގެފާނުގެވެސް އިލާހަކީ ﷲ އެވެ.”
ދެން ރަސްގެފާނު އޭނާ ހިފައި ހައްޔަރުކޮށް އަނިޔާދެމުން ގެންދިޔައެވެ. އެޒުވާނާގެ ޚަބަރުދިނުމަށް ދާންދެން މިއަނިޔާތައް އޭނާއަށް ދިނެވެ. ދެން (އެޒުވާނާގެ ޚަބަރުދިނުމުން) އެޒުވާނާ ރަސްގެފާނުގެ ގާތަށް ޙާޟިރުކުރެވުނެވެ. ދެން ރަސްގެފާނު އެޒުވާނާއާ ސުވާލުކުރިއެވެ.
“އޭ ކޮއެފުޅާއެވެ! ކަލޭގެ ސިޙުރުން ލޯފަންމީހުނާއި ބަރަޞްބަލި ޖެހިފައިވާ މީހުން ރަނގަޅުކޮށް އަދިވެސް މިފަދަ އެތައް ކަމެއް ކުރެވޭ ހިސާބައް ދިޔައީ ހެއްޔެވެ؟”
ދެން އެޒުވާނާ ބުންޏެވެ.
“ހަމަކަށަވަރުން، އަހަރެން އެއްވެސް މީހަކަށް ޝިފާނުދެމެވެ. ޝިފާދެއްވަނީ ހަމައެކަނި ﷲއެވެ. ދެން ރަސްގެފާނު އެޒުވާނާ ހިފައި ހައްޔަރުކޮށް އަނިޔާދެމުން ގެންދިޔައެވެ. ރާހިބުގެ ޚަބަރުދިނުމަށް ދާންދެން މިއަނިޔާތައް އެޒުވާނާއަށް ދިނެވެ. ދެން އެރާހިބު ރަސްގެފާނުގެ ގާތަށް ޙާޟިރުކުރެވުނެވެ. އަދި އޭނާއަށް ބުނެވުނެވެ.
“ކަލޭގެ ދީން ދޫކޮށްލާށެވެ!”
ރާހިބު އެކަމަށް އިންކާރުކުރުމުން ބޮޑު ކީހެއް ގެނައުމަށް އެނގުނެވެ. ކީސް ގެނައުމުން އޭނާގެ ބޮލުގެމެދުގައި އެކީސް ބަހައްޓަފިއެވެ. ދެން އެކީހުން އެރާހިބު ދެފަޅި ވަކިވަންދެން ދެފަޅިއަށް ކީހައި ފާޅައިލައިފިއެވެ. ދެން ރަސްގެފާނުގެ އަރިހުގައި އުޅުނުމީހާ ރަސްގެފާނުގެ ގާތަށް ގެނެވުނެވެ. އަދި އޭނާއަށް ބުނެވުނެވެ.
“ކަލޭގެ ދީން ދޫކޮށްލާށެވެ!”
އެކަމަށް އޭނާ އިންކާރުކުރުމުން އޭނާގެ ބޮލުގެމެދުގައި ބޮޑުކީސް ބަހައްޓައި އެކީހުން އެނާ ދެފަޅި ވަކިވަންދެން ދެފަޅިއަށް ކީހައި ފާޅައިލައިފިއެވެ. ދެން އެއްކަލަ ޒުވާނާ ޙާޟިރުކުރިއެވެ. އަދި އޭޒުވާނާއަށް ބުނެވުނެވެ.
“ކަލޭގެ ދީން ދޫކޮށްލާށެވެ!”
އެހިނދު އެޒުވާނާ އެކަމަށް އިންކާރުކުރިއެވެ.
ދެން ރަސްގެފާނުގެ އަރިހުގައިއުޅޭ ބަޔަކާ އެޒުވާނާ ހަވާލު ކުރުމަށްފަހު ބުންޏެވެ.
“މީނާ ގޮވައިގެން އެވެނި ފަރުބަދައެއްގެ މައްޗަށް ދާށެވެ. އަދި އެފަރުބަދައިގެ އެންމެ އުހަށް އަރުވައި (އެޒުވާނާގެ ދީންދޫކޮށްލުމަށް އަމުރުކުރުމުން) ދީންދޫކޮށްނުލައިފިނަމަ ފަރުބަދަމަތިން އެނާ ވައްޓާލާށެވެ.”
ދެން އެމީހުން ގޮސް އެފަރުބަދަ މައްޗަށް އެރިއެވެ. އެވަގުތު އެޒުވާނާ ދުޢާކުރިއެވެ.
“އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! އިބައިލާހު އެދިވޮޑިގަންނަވާ ފަދައަކުން މިއަޅާ މިބައިމީހުންގެ ކިބައިން ސަލާމަތްކުރައްވާނދޭވެ!”
ދެން އެމީހުންނާއިގެން އެފަރުބަދަ ތެޅިގަންފިއެވެ. އަދި އެބައިމީހުން ފަރުބަދަމަތިން ވެއްޓިއްޖެއެވެ. ދެން އެޒުވާނާ ރަސްގެފާނުގެ ގާތާށް ހިނގާފައި އައުމުން ރަސްގެފާނު ބުންޏެވެ.
“ކަލެއާއި އެކުގައި ފޮނުވިމީހުން ކުރީ ކީއްހެއްޔެވެ؟”
ދެން އެޒުވާނާ ބުންޏެވެ.
” ﷲ އެމީހުންގެކިބައިން އަހަރެން ސަލާމަތްކުރެއްވީއެވެ.”
ދެން ރަސްގެފާނު އަނެއްކާވެސް ރަސްގެފާނުގެ އަރިހުގައިއުޅޭ އެހެންބަޔަކާ އެޒުވާނާ ހަވާލުކުރުމަށްފަހު ބުންޏެވެ.
“މީނާ ގޮވައިގެންދާށެވެ. އަދި ބޮޑުބައްތެއްޔެއްގައި ކަނޑުގެ މެދަށް ގެންދާށެވެ.” ދެން(އެޒުވާނާގެ ދީންދޫކޮށްލުމަށް އަމުރުކުރުމުން) ދީންދޫކޮށްނުލައިފިނަމަ އެނާ ކަނޑަށް އެއްލައިލާށެވެ.”
ދެން އެމީހުން އެޒުވާނާ ގޮވައިގެން ގޮއްސިއެވެ. އެވަގުތު އެޒުވާނާ ދުޢާކުރިއެވެ.
“އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! އިބައިލާހު އެދިވޮޑިގަންނަވާ ފަދައަކުން މިޅާ މިބައިމީހުންގެ ކިބައިން ސަލާމަތްކުރައްވާނދޭވެ!”
ދެން އެމީހުންނާއިގެން އެ ބައްތެލި ބަންޑުންޖަހާލައި އެބައިމީހުން ޣަރަޤުވެއްޖެއެވެ. ދެން އެޒުވާނާ ރަސްގެފާނުގެ ގާތާށް ހިނގާފައި އައުމުން ރަސްގެފާނު ބުންޏެވެ.
“ކަލެއާއި އެކުގައި ފޮނުވިމީހުން ކުރީ ކީއްހެއްޔެވެ؟”
ދެން އެޒުވާނާ ބުންޏެވެ.
” ﷲ އެމީހުންގެކިބައިން އަހަރެން ސަލާމަތްކުރެއްވީއެވެ.”
ދެން އެޒުވާނާ ރަސްގެފާނުގެ ގާތުގައި ބުންޏެވެ.
“އަހަރެން ބުނާގޮތަކަށް ކަންތައްކޮށްގެން މެނުވީ ތިބާއަށް އަހަރެން މަރާނުލެވޭނެއެވެ.”
ރަސްގެފާނު ބުންޏެވެ.
” އެއީ ކޮންގޮތެއް ހެއްޔެވެ؟”
ޒުވާނާ ބުންޏެވެ.
“މީސްތަކުން ހާމަ މައިދާނަކަށް އެއްކުރާށެވެ. ދެން ގަސްގަނޑެއްގައި އަހަރެން ޞަލީބަށް އަރުވާށެވެ. ދެން އަހަރެންގެ ތީރުއަޅާ ކޮތަޅުން ތީރެއް ނަގައި ދުނިދަނޑީގައި ތިއްބުމަށްފަހު ބުނާށެވެ. ޒުވާނާގެ ވެރި އިލާހު ﷲގެ އިސްމުފުޅުން(މިތީރު އެއްލަމެވެ.) ދެން އެތީރު އެއްލާށެވެ. ހަމަކަށަވަރުން ރަސްގެފާނު އެގޮތަށް ކަންތައް ކޮށްފިނަމަ އަހަރެން މަރާލެވިދާނެއެވެ.”
ދެން ރަސްގެފާނު މީސްތަކުން ހާމަ މައިދާނަކަށް އެއްކުރިއެވެ. ދެން ގަސްގަނޑެއްގައި އެޒުވާނާ ޞަލީބަށް އެރުވިއެވެ. ދެން އަޒުވާނާގެ ތީރުއަޅާ ކޮތަޅުން ތީރެއް ނަގައި ދުނިދަނޑީގައި ތިއްބުމަށްފަހު ބުންޏެވެ.
“ޒުވާނާގެ ވެރި އިލާހު ﷲގެ އިސްމުފުޅުން(މިތީރު އެއްލަމެވެ.)”
ދެން ތީރު އެއްލިއެވެ. އެތީރު ގޮސް އެޒުވާނާގެ ކަންފަތާއި ލޮލުގެ ދެމެދަށް ހެރުނެވެ. ދެން އެޒުވާނާ އެ ތީރު ހެރުނު ތަނުގައި އަތް ބޭއްވުމާއެކު އެޒުވާނާ މަރުވެއްޖެއެވެ.
މީސްތަކުން (އެތަން ދެކެފައި)ބުންޏެވެ.
“އެޒުވާނާގެ ވެރިއިލާހަށް އީމާންވެއްޖައީމެވެ. އެޒުވާނާގެ ވެރިއިލާހަށް އީމާންވެއްޖައީމެވެ. އެޒުވާނާގެ ވެރިއިލާހަށް އީމާންވެއްޖައީމެވެ.”
ދެން މީސްތަކުން އީމާންވި ޚަބަރު ރަސްގެފާނުގެ ގާތަށް ގެނެވުނެވެ. ބުނެވުނެވެ.
“ރަސްގެފާނު އެކަމަކާމެދު ކަންބޮޑުވެގެން އުޅުއްވި ކަންތަކާމެދު ދަންނައެވެ. ﷲ ގަންދީބުނަމެވެ. ކަށަވަރުންވެސް އެކަން މެދުވެރިވެއްޖެއެވެ. ހަމަކަށަވަރުން މީސްތަކުން (ﷲއަށް) އީމާންވެއްޖެއެވެ.”
ދެން އެރަށުގެ މުހިއްމު ތަންތަނުގައި ބޮޑެތި ވަޅުގަނޑުތައް ކޮނުމަށް ރަސްގެފާނު އަމުރުކުރިއެވެ. ދެން ވަޅުގަނޑުތައް ކޮނުނެވެ. އަދި އެ ވަޅުގަނޑުތަކުގައި އަލިފާން އެންދިއެވެ. އަދި ރަސްގެފާނު އެންގިއެވެ.
“އެޒުވާނާގެ ދީން ދޫކޮށް އަނބުރާ (ކުރީގެ ދީނަށް) ނައި ކޮންމެ މީހަކު އެވަޅުގަނޑުތަކަށް އެއްލައިލާށެވެ! ނުވަތަ އެމީހަކަށް ބުނާށެވެ. ‘(ވަޅުގަނޑަށް) ފުންމާލާށެވެ.'”
ދެން އެމީހުން އެފަދައިން ކަންތައް ކުރިއެވެ. އެފަދައިން ކަންތައް ހިނގަމުން ދަނިކޮށް ކުޑަކުއްޖަކު ގޮވައިގެން ހުރި އަންހެނަކު އައެވެ. އެވަގުތު (އެކުޑަކުއްޖާ ގެއްލުންވާނެތީ) އެއަންހެނާ ފަސްޖެހުނެވެ. އެހިނދު އެކުޑަކުއްޖާ ބުންޏެވެ.
“އޭ މަންމާއެވެ! ކެތްތެރިވާށެވެ! ފަހެ، ހަމަކަށަވަރުން މަންމަ ތިޔަހުރީ ޙައްޤުގެ މަތީގައެވެ.”]
(ޞަޙީޙް މުސްލިމް ގެ 3005 -ޙަދީޘްގެ ތަރުޖަމާ)
(ނިމުނީ)