ތިބާ ފުރަތަމަދުނިޔެއަށް އައީ އަޑުގެކޮޅަށް ރޮމުންނެވެ.އެ ރުއިން ހުއްޓުވީ ތިބާގެމަންމަ އެވެ.އެކި ގޮތްގޮތައް މަސަލަސްކޮށްގެންނާއި ގާތުންދީގެންނެވެ.ތިބާ ފަޞާޙާތްތެރިކަމާ އެކީގައި އެކިއެކި މާހައުލުތަކުގައި ވާހަކަދައްކަމުންދާއިރު ތިބާގެ ބަސްމޮށެއުޅެން ދަސްވުމުގެ އެންމެބޮޑު ސަބަބަކީ ތިބާގެ މަންމަ އެވެ.ތިބާ ބަސްމޮށެއުޅެން ފުރަތަމަފެށި އިރު، އެންމެ ބަހެއްވެސް ތިބާއަށް ދަސްވަނީ އެތައްފަހަރަކު ކިޔައިދީގެންނެވެ.މިކަމުގައި ފޫހިކަމެއްނެތި، ކެތްތެރިކަމާއި އެކު އެންމެ ގިނަ ވަގުތު ހޭދަކުރީ ތިބާގެ މަންމަ އެވެ.
ތިބާ ދުނިޔެ އަށް އައިއިރު ތިބާގެ ފައިގުދުކޮށް އޮތަތީވެ،އެ ފައިގައި ތެޔޮ ދަމައިދީ،ހާނައިދީ ވަރުޖައްސައިދީ، ތެދުކޮށްދިނީ ތިބާގެ މަންމަގެ ދެއަތުން ފިރުމައި މޮޑެދީގެންނެވެ.
އިސްލާމްދީނުގައިވާނީ މައިންބަފައިންނަށް އޯގާތެރިވެ، އަޅާލާ، ކިޔަމަންތެރިކަން އަދާކުރުމަށް ނުހަނު ބޮޑަށް ބާރުއަޅުއްވާފައެވެ. ކީރިތި ޤުރުއާނުގެ 7 ތަނެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މައިންބަފައިންގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އޭގެތެރެއިން 4 ތަނެއްގައި އެއިލާހަށް ޝަރީކު ނުކުރުމަށް އެންގެވުމާއި ވިދިގެން މައިންބަފައިންނަށް ކިޔަންމަންތެރިކަން އަދާކުރުމުގެ ވާހަކަ ބަޔާންވެގެންވެއެވެ.
”މީހަކު ﷲ ގެ ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑު އެންމެ ހެޔޮކޮށް ހިތަން ޙައްޤުވަނީ ކޮން ބަޔަކަށްތޯއެވެ؟ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ”ތިބާގެ މަންމައެވެ.” އެ މީހާ ދެންނެވިއެވެ. ”ދެން ކާކުތޯއެވެ.” ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ”ދެން ވެސް ތިބާގެ މަންމައެވެ.” އެ މީހާ ދެންނެވިއެވެ. ”ދެން ކާކުތޯއެވެ.” ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ”ދެން ވެސް ތިބާގެ މަންމައެވެ.” އެ މީހާ ދެންނެވިއެވެ. ”ދެން ކާކުތޯއެވެ.” ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ”ދެން ތިބާގެ ބައްޕައެވެ.” (ޞަޙީޙް އަލްބުޚާރީ: ކިތާބުލް އަދަބް 5626. ޞަޙީޙް މުސްލިމް 2548)