ނަޞޭޙަތާއި އިރުޝާދު
ޙަޔާތުގެ ބައިވެރިޔާ އިޚްތިޔާރު ކުރާނީ ކިހިނެތް؟
  1. ހެޔޮ އަންތބަކު އިޚްތިޔާރުކުރުމުގައި ބަލާނެ މިންގަނޑުތައް:

އަނބިމީހާއަކީ ފިރިމީހާގެ ހިތުގެ ހިތްހަމަޖެހުމެވެ. އަދި އޭނާގެ ޖިންސީ އެދުންވެރިކަންފުއްދައިދޭ ފަރާތެވެ. އަދި ގޭތެރޭގެ ކަންކަންބަލަހައްޓާފަރާތެވެ. އަދި އޭނަގެ ދަރިންގެ މަންމައެވެ. ކަންކަމުގައި އޭނާއަށް ލަފާދޭ ފަރާތެވެ. ސަމާސާތަކުން އޭނަގެ ހިތް އުފާކޮށްދޭ ބައިވެރިޔާއެވެ. އަދި އޭނަގެ ސިއްރުތައް ހިއްސާކުރާ ފަރާތެވެ. އަދި އެ ސިއްރުތައް އަމާނާތްތެރިކަމާއެކު ރައްކާތެރިކުރާ ފަރާތެވެ.

ހެޔޮ އަންތބަކު އިޚްތިޔާރުކުރުމުގައި ބަލާނެ މިންގަނޑުތައް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަނީ ބަޔާންކޮށްދެއްވައިފައެވެ.

( تُنْكَحُ الْمَرْأَةُ لِأَرْبَعٍ : لِمَالِهَا ، وَلِحَسَبِهَا ، وَلِجَمَالِهَا ، وَلِدِينِهَا ، فَاظْفَرْ بِذَاتِ الدِّينِ تَرِبَتْ يَدَاكَ). البخاري(4802) ومسلم (1466) متفق عليه.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ”ހަތަރު ކަމަކަށް ޓަކައި އަންހެނުންނާ ކައިވެނި ކުރެވެއެވެ. އެއީ އޭނާގެ މުދަލަށާއި، އޭނާގެ ޙަސަބަށާއި، އަދި އޭނާގެ ރީތި ކަމަށާއި، އޭނާގެ ދީން ވެރިކަމަށް ޓަކައެވެ. ފަހެ ދީންވެރި މީހާ އިޚްތިޔާރު ކުރާށެވެ. (އެހެންނޫނީ) ތިބާގެ އަތް ވެއްޔާ މޮޑެވިދާނެއެވެ.” (އެބަހީ ތިބާ ފަޤީރުވެ، ބަރުބާދު ވެދާނެއެވެ.)

ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ މި ޙަދީޘްގައި ބަޔާންކޮށްދެއްވައިފައިވަނީ ދީންވެރިކަމަށް ބެލުމަކީ ހެޔޮ އަންތބަކު އިޚްތިޔާރުކުރުމުގައި އެންމެބޮޑަށް ބަލަންޖެހޭނެ ކަންތައްކަމެވެ. އެހެނީ ދީންވެރި އަންހެނާ އެ ކަމަނާ ހެއްދެވި ރައްބު ދެކެބިރުވެތިވެ ތަޤްވާވެރިވެއެވެ. އަދި އޭނަގެ ފިރިމީހާގެ ޙައްޤުތައް ދަނެ، އެޙައްޤުތަކަށް ވަރަށް ފުރިހަމަޔަށް އިޙްތިރާމްކުރެއެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރެއެވެ.

ދީންވެރިކަން އަސާސެއްގެ ގޮތުގައި ބެލުމަކީ ދެން ބަލަންޖެހޭ އެހެންކަންކަމުގެ މަތިން ހަނދާން ނައްތާލުމެއްނޫނެވެ. އޭގެ މާނައަކީ ބައިވެރިޔަކު އިޚްތިޔާރުކުރާއިރު ދީންވެރިކަމަށް އެންމެ ބޮޑަށް އިސްކަންދިނުމެވެ. އަންހެންކުއްޖާ ކިތަންމެ ރީތިކަމުގައިވިޔަސް، ރިވެތި އަޚްލާޤާއި ދީންވެރިކަން ނެތްނަމަ އެފަދަ ކުއްޖަކާއި ކައިވެނިކުރުމުގައި އެއްވެސް ފައިދާއެއްނެތެވެ. މިފަދަ ކުއްޖަކާއި ކައިވެނިކޮށްފިނަމަ، ޒަވާޖީ ނަވައިގެން އަމާން ބަނދަރަކަށް ދިޔުން ވަރަށް ދަތިވާނެއެވެ. އެއާ ޚިލާފަށް، ދީންވެރި ހިތްތިރި އަންހެނާ އަބަދުވެސް އޭނަގެ ފިރމީހާގެ ރުހުންހޯދުމަށާއި، ފިރިމީހާގެ ހިތް އުފާކޮށްދިނުމަށް މަސައްކަތްކުރާނެއެވެ. އަދި ފިރިމީހާ ހިތްހަމަނުޖެހޭ އެންމެހާ ކަންކަމުން ދުރުވެވޭތޯ މަސައްކަތްކުރާނެއެވެ.

އިމާމް ترمذي ރިވާކުރައްވަފައިވެއެވެ.

أَيُّمَا امْرَأَةٍ مَاتَتْ وَزَوْجُهَا رَاضٍ عَنْهَا دَخَلَتِ الْجَنَّةَ (ترمذي)

މާނައީ: ”ފިރިމީހާ ރުހިގެންވާ ޙާލުގައި މަރުވެއްޖެ އަންހެނާ ސުވަރުގެ ވަދެއްޖެއެވެ.“

ކުރިންވެސް ދެންނެވިފަދައިން، ހެޔޮ އަންތްބަކީ ފިރިމީހާޔަށް ލިބޭ ބޮޑު ނަޞީބެކެވެ. އޭނަގެ ޝަހްވަތްތެރިކަން ކޮންޓްރޯލްކޮށްދީ، އޭނަގެ ދަރިންނަށާއި، މުދަލަށާއި ސިއްރުތަކަށް އެންމެ އެދެވޭ ގޮތުގައި ރައްކާތެރިވާނީ މިފަދަ އަނބިމީހާއެވެ.

((لِيَتَّخِذْ أَحَدُكُمْ قَلْبًا شَاكِرًا وَلِسَانًا ذَاكِرًا وَزَوْجَةً مُؤْمِنَةً تُعِينُهُ عَلَى أَمْرِ الْآخِرَةِ))

[رواه أحمد ٢٢٤٣٧ والترمذي وابن ماجه عن ثوبان، صحيح الجامع الصغير وزياداته ٥٣٥٥]

މާނައީ: “ޝުކުރުވެރި ހިތަކާއި، ޛިކުރުކުރާ ދުލަކާއި، އާޚިރަތަށްޓަކައި ތިބާއަށް އެހީތެރިވެދޭނޭ މުއުމިނު އަނތްބަކު ތިޔަބައިމީހުން ހޯދާހުށިކަމެވެ.”

ކީރިތި ރަސޫލާ صلى الله عليه وسلم ފިރިހެނުންނަށް އަމުރުކުރައްވާފައިވަނީ އެމީހުންގެ ދަރިންނަށް ރަނގަޅު މައިން ހޯދައިދިނުމަށެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.

”تخيروا لنطفكم“ -رواه ابن ماجه-

މާނައީ، ”ތިޔަބައިމީހުންގެ ދަރިފަސްކޮޅަށްޓަކައި ރަނގަޅު ބައިވެރިއަކު އިޚްތިޔާރުކުރާށެވެ.“

ދީންވެރިކަމަށް ބެލުމަށްފަހު ދެންބަލަންޖެހޭ މިންގަނޑުތަކުގެ ތެރޭގައި ރީތިކަމާއި، ބިކުރުވެރިކަމާއި، ޙަސަބުވެރިކަމާއި އަދި ތޫނުފިލިކަން ހިމެނެއެވެ.

ރީތިކަން: ރީތި އަންތްބެއްގެ ސަބަބުން އެކަމަނާގެ ފިރިމީހާއަށް ޢިއްފަތްތެރިކަންލިބޭ މިންވަރު ބޮޑުވާނެއެވެ. އަދި އެފިރިމީހާއަށް ބެލުންތިރިކުރަންވެސް ފަސޭހަވާނެއެވެ. ޠަބީޢީގޮތުން އިންސާނުންނަކީ ރީތިކަމަށާއި ބަނިޔާދަންކަމަށް ލޯބިކުރާބަޔެކެވެ. މި ޙަޤީޤަތް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަންނަނިވި ޙަދީޘްގައިވެސް ބަޔާންކޮށްދެއްވައިފައިވެއެވެ.

عن أبي هريرة رضي الله عنه قال : ( قِيلَ : يَا رَسُولَ اللَّهِ ! أَيُّ النِّسَاءِ خَيرٌ ؟ قال : التِي تَسُرُّهُ إِذَا نَظَرَ إِليهَا ، وَتُطِيعُهُ إِذَا أَمَر ، وَلا تُخَالِفُهُ فِي نَفسِهَا وَلا فِي مَالِهِ بِمَا يَكرَهُ )

رواه أحمد (2/251) وحسنه الألباني في “السلسلة الصحيحة” (1838)

އަބޫ ހުރައިރާ ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.: ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ. އެންމެ ހެޔޮވެގެންވާ އަންހެނަކީ ކޮބައި ހެއްޔެވެ. ޙަދީޘްކުރެއްވިއެވެ.” އެއީ އޭނާއަށް ބަލައިފިނަމަ ހިތަށް ހިތްހަމަޖެހުން ލިއްބައިދޭ އަދި އަމުރެއް ކޮށްފިނަމަ އެ އަމުރަކަށް ކިޔަމަންތެރިވާ އަންހެނާއެވެ. އަދި އޭނާގެ އަމިއްލަ ނަފްސަށާއި އޭނާ އަތުގައިވާ ފިރިމީހާގެ މުދަލަށް ޚިޔާނާތްތެރިނުވާ އަންހެނާއެވެ.”

 

ފިރިޔަކު އިޚްތިޔާރުކުރުމުގައި ބަލާނެ މިންގަނޑުތައް:
ފިރިމީހާ އިޚްތިޔާރުކުރުމުގައިވެސް އެންމެ ބޮޑަށް ބަލަން ޖެހޭނީ ދީންވެރިކަމަށެވެ. މިގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވެއެވެ.
(إِذَا خَطَبَ إِلَيْكُمْ مَنْ تَرْضَوْنَ دِينَهُ وَخُلُقَهُ فَزَوِّجُوهُ، إِلَّا تَفْعَلُوا تَكُنْ فِتْنَةٌ فِي الأَرْضِ ، وَفَسَادٌ عَرِيضٌ)
وحسنه الألباني في ”صحيح الترمذي“
”އެމީހެއްގެ ދީންވެރިކަމާއި އަޚްލާޤާއިމެދު ތިޔަބައިމީހުން ހިތްހަމަޖެހޭ މީހަކު ތިޔަބައިމީހުންގެ ގާތަށް ކައިވެންޏާއިގެން އައިސްފިނަމަ، އޭނާ (އެ އެދުނު ކުއްޖަކާއި) ކައިވެނިކޮށްދޭށެވެ. އެހެންކަންތައް ނުކޮށްފިކަމުގައިވާނަމަ، ބިންމަތީގައި ބޮޑު ފަސާދަވެރިކަމެއް ފާޅުވެދާނެއެވެ.“
އެއަށްފަހު އާއިލާބެލެހެއްޓޭފަދަ ތަނަވަސްކަމެއްހުރިތޯއާއި، އަދި އާއިލާގެ އެންމެހާ ކަންކަމާއިގެން ޤިޔާމްވެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްތޯ ބަލަންޖެހޭނެއެވެ. އަދި އަނބިމީހާއާއި ކުފޫ ހަމަވެގެންތޯބެލުމަކީވެސް ފިޤްހް ޢިލްމުވެރިން ބާރުއަޅުއްވާ ކަމެކެވެ.
13