އިބުރަތްތެރި ވާހަކަ
ޙަޤީޤީ ވާހަކަ: ޖުރައިޖު

މާތްﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނު ވިދާޅުވިއެވެ.

[ޖުރައިޖު އެކަލޭގެފާނު އަޅުކަންކުރެއްވުމަށް ހުންނަވާ ތަނުގައި (އަޅުކަންކުރުމަށް އުސްކޮށް ހެދިފައި ވާތަނުގައި) އަޅުކަން ކުރެއްވުމުގައި ހުންނެވިއެވެ. ހުންނަވަނިކޮށް އެކަލޭގެފާނުގެ މަންމާފުޅު ވަޑައިގެންނެވިއެވެ.

ޙަދީޘްގެ ރާވީ ހުމައިދު ވިދާޅުވިއެވެ. ޖުރައިޖުގެ މަންމާފުޅު އެކަމަނާގެ ބުމައިގެމަތީގައި(ނިއްކުރިމަތީގައި) އަތް އަޅުއްވައިގެން ބޯފުޅު އުފުއްލަވަމުން ޖުރައިޖު ހޯއްދަވަމުން ވަޑައިގެންނެވި ގޮތް ޙަދީޘްގެ ރާވީ އަބޫ ރާފިޢު ތިމަން ބޭކަލުންނަށް އެވަގުތުގައި ސިފަކޮށްދެއްވިއެވެ. އެއީ އަބޫ ހުރައިރަތުގެފާނު އެކަލޭގެފާނަށް ސިފަކޮށްދެއްވި ގޮތެވެ. އަބޫ ހުރައިރަތުގެފާނާށް ޞިފަކޮށްދެއްވީ ރަޞޫލުﷲ ﷺ އެވެ.

އެފަދައިން ހޯއްދަވަމުން ގޮވާލައްވަމުން އެކަމަނާ ވިދާޅުވިއެވެ. ”އޭ ޖުރައިޖެވެ! ތިމަންކަމަނާއީ ކަލޭގެފާނުގެ މަންމާފުޅެވެ. ތިމަންނާއާ ވާހަކަފުޅު ދައްކަވާށެވެ!“ އެކަމަނާއަށް ފެނިވަޑައިގަތީ ޖުރައިޖު ނަމާދުކުރައްވަން ހުންނަވަނިކޮށެވެ. ދެން ޖުރައިޖު ދެންނެވިއެވެ. ”އޭ ހައްދަވާ ބޮޑުކުރެއްވި އިލާހެވެ! (އެއްކޮޅުން) މިއަޅާގެ މަންމައެވެ. އަދި(އަނެއްކޮޅުން) މިއަޅާގެ ނަމާދެވެ.“ ދެން އެކަލޭގެފާނު ނަމާދު އިޚްތިޔާރުކުރިއެވެ. ދެން މަންމާފުޅު އެނބުރި ދިޔައެވެ.

އަނެއްކާ ދެވަނަ ފަހަރަށް ވަޑައިގެން ވިދާޅުވިއެވެ. ”އޭ ޖުރައިޖެވެ! ތިމަންކަމަނާއީ ކަލޭގެފާނުގެ މަންމާފުޅެވެ. ތިމަންނާއާ ވާހަކަފުޅު ދައްކަވާށެވެ!“ ދެން ޖުރައިޖު ދެންނެވިއެވެ. ”އޭ ހައްދަވާ ބޮޑުކުރެއްވި އިލާހެވެ! (އެއްކޮޅުން) މިއަޅާގެ މަންމައެވެ. އަދި(އަނެއްކޮޅުން) މިއަޅާގެ ނަމާދެވެ.“ ދެން އެކަލޭގެފާނު ނަމާދު އިޚްތިޔާރުކުރިއެވެ. ދެން ޖުރައިޖުގެ މަންމާފުޅު ދެންނެވިއެވެ. ”އޭ ހައްދަވާ ބޮޑުކުރެއްވި އިލާހެވެ! ހަމަކަށަވަރުން މިއީ ޖުރައިޖެވެ. އެއީ ތިމަންކަމަނާގެ ދަރިއެކެވެ. ތިމަންކަމަނާ ވާހަކަދެއްކުމުން ތިމަންކަމަނާއާ ވާހަކަދެއްކުމަށް އޭނާ ދެކޮޅުހަދައިފިއެވެ. ހައްދަވާ ބޮޑުކުރެއްވި އިލާހެވެ! ކަސްބީ އަންހެނަކު ދައްކަވާފައި މެނުވީ އޭނާ މަރުނުގަންނަވާނދޭވެ!“

ޙަދީޘްގެ ރާވީ ވިދާޅުވިއެވެ. ޖުރައިޖުގެ މަންމާފުޅު ޖުރައިޖު ބޮޑު ފިތުނައެއްގައި ޖެހުމަށް ދުޢާ ކުރެއްވި ނަމަވެސް އެފިތުނައެއްގައި ޖެހުނީހެވެ.
އަބޫ ހުރައިރަތުގެފާނު ވިދާޅުވިއެވެ. ޖުރައިޖު ނަމާދު ކުރާގެ ހުންނަ ހިސާބުގައި ކަންބަޅި ބަކަރި ހުއިހައްޕާ މީހަކު އުޅުނެވެ. އެއަވަށުގެ އަންހެނަކާއެކު މިމީހާ ޒިނޭކޮށްފިއެވެ. ދެން އެއަންހެނާ ބަލިވެއިނދެ ވިހައިފިއެވެ. ދެން އެއަންހެންމީހާއަށް ބުނެވުނެވެ. ”މީ (ކާކުގެ ކަމެއް)ކޮންކަމެއް ހެއްޔެވެ؟“ އެއަންހެންމީހާ ބުންޏެވެ. ”މީ އެނަމާދު ކުރާގޭ މީހާގެ(ޖުރައިޖުގެ) ކަމެކެވެ.“

ދެން އެމީހުން ކޯރާޑިތައް ހިފައިގެން ޖުރައިޖުއަށް ގޮވަމުން ޖުރައިޖުގެ ގާތަށްއައެވެ. ޖުރައިޖު އެމީހުންނާ ވާހަކަފުޅު ނުދައްކަވާ ނަމާދުކުރެއްވުމުގައި ހުންނެވިއެވެ. ދެން އެމީހުން ޖުރައިޖުގެ ގެ ހަލާކުކުރަން ފެއްޓިއެވެ. އެތަން ފެނިލެއްވުމުން، ޖުރައިޖު އެމީހުންގެ ގާތަށް ތިރިއަށް ވަޑައިގަތެވެ. (ޖުރައިޖު ވަޑައިގަތުމުން) އެމީހުން ބުންޏެވެ. ”(މިވެގެން އުޅޭގޮތް ބެލުމަށް) މިއަންހެންމީހާއާއި ސުވާލު ކުރާށެވެ!“ (އެއަންހެންމީހާ އެވާހަކަ ބުނުމުން) ޖުރައިޖު ހިނިތުންވެލެއްވިއެވެ. ދެން އެތުއްތުކުއްޖާގެ ބޮލުގައި ފިރުމާލެއްވުމަށްފަހު ވިދާޅުވިއެވެ. ”ކޮއެފުޅުގެ ބައްޕައަކީ ކާކުހެއްޔެވެ؟“ އެތުއްތުކުއްޖާ ބުންޏެވެ. ”އަހަރެންގެ ބައްޕައަކީ ކަންބަޅިބަކަރި ހުއިހައްޕާމީހާއެވެ.“

އެތުއްތުކުއްޖާގެ ކިބައިން އެއަޑު އިވުމާއެކު އެމީހުން ބުންޏެވެ. ”ކަލޭގެފާނުގެ ގެއިން ތިމަންމެން ހަލާކުކުރިތަން ރަނާއި ރިހިން ހަދައިދޭނަމެވެ. ޖުރައިޖު ވިދާޅުވިއެވެ. ނޫނެކެވެ. އެކަމަކު ކުރިންވެސް ހުރިގޮތަށް ކިސަޑުން އެތަން ހަދާށެވެ.“
ދެން ޖުރައިޖު ނަމާދު ކުރައްވަން އިންނެވިތަނަށް މައްޗަށް ވަޑައިގަތެއެވެ.]

(ޞަޙީޙް މުސްލިމް 2550 )

ނިމުނީ

 

0