ނަޞޭޙަތާއި އިރުޝާދު
މުޖުތަމަޢު އިޞްލާހުވާން އެދޭނަމަ..

އަޅުގަނޑުމެންގެ މުޖުތަމަޢުގައި ތަފާތު ވައްތަރުތަކުގެ ކުށްތަކާއި ޖަރީމާތައް އާއްމުވެ މުޅިމުޖުތަމަޢުގެ އަފުރާދުންގެ އަޚުލާޤު ގޯސްވަމުން އަޅުގަނޑުމެން އެންމެން އެކަމާމެދު ހިތާމަކުރާ ދަރަޖައަކަށެވެ. ވައްކަމާއި، ފޭރުމާއި، މަރާމާރީއާއި، ޙައްޤަކާނުލައި މީހުން މެރުމާއި،ޒިނޭކުރުމާއި، ނަމާދުއެޅުމާއި އަދިވެސް އެނޫން ފާފަތަކަށް އަރައިގަންނަމުންދަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ކީއްވެގެންތޯއެވެ! މި މުޖުތަމަޢު އިޞްލާޙުކުރެވޭނެ ”ފޯމިއުލާ“ އެއް އަޅުގަނޑުމެން މުސްލިމުން އަތުގައި ނެތީ ހެއްޔެވެ؟

ނޫނެކެވެ. މުޖުތަމަޢު ބިނާވެގެންވަނީ ޢާއިލާތަކެއްގެ މައްޗަށެވެ. އެޢާއިލާތައް އިޞްލާޙުވެގެން މެނުވީ މުޖުތަމަޢު އިޞްލާހުވެގެން ނުދާނެއެވެ. އެހެންކަމުން މުޖުތަމަޢު އިޞްލާޙުކުރަން ބޭނުންނަމަ ކޮންމެ ބޭފުޅަކުވެސް މި“ފޯމިއުލާ“ ބޭނުންކުރަންވީއެވެ. ކީރިތި ޤުރުއާނުގެ މިއާޔަތުގައި މާތް ﷲ އީމާންވި މީސްތަކުންނަށް ދެއްވާފައިވާ އިރުޝާދުތަކަށް ތަބާވާންވީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا) سورة التحريم 6

މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ  އަނބިދަރިން، ނަރަކައިން ސަލާމަތްކުރާށެވެ!“

އަޅުގަނޑުމެން އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތައް ނަރަކައިން ސަލާމަތް ކުރަން މަސައްކަތް ކުރަންވީއެވެ. އަދި ހަމައެފަދައިން އަޅުގަނޑުމެންގެ އަނބިދަރިން ނަރަކައިން ސަލާމަތްކުރަން މަސައްކަތް ކުރަންވީއެވެ. އޭރުން އަޅުގަނޑުމެންގެ ޢާއިލާތައް އިޞްލާޙުވާނެއެވެ. ޢާއިލާތައް އިޞްލާހުވެއްޖެ ނަމަ މުޅިމުޖުތަމަޢު އިޞްލާޙުވާނެއެވެ.

މިއާޔަތުގެ އަލީގައި ނަރަކައިން އަނބިދަރިން ނަރަކައިން ސަލާމަތްކުރުމަށް ކުރަންވީ ކޮންކަމެއްހެއްޔެވެ؟

ޢަލީގެފާނު މިއާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. ”އެބައިމީހުންނަށް(އަނބިދަރިންނަށް) އުނގަންނައިދޭށެވެ. އަދި އެބައިމީހުން އަދަބުވެރިކުރުވާށެވެ.“

ޤަތާދާ رحمه الله މިއާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. ”ﷲ އަށް ކިޔަމަންތެރިވުމަށް އެނައިމީހުންނަށް(އަނބިދަރިންނަށް) އަމުރުކުރަންވާނެއެވެ. އަދި އެއިލާހަށް  އުރެދުން މަނާކުރަންވާނެއެވެ. އަދި ﷲގެ އަމުރުފުޅުތައް ޤާއިމްކުރުމަށް އަމުރުކުރަންވާނެއެވެ. އަދި އެކަމުގައި އެމީހުންނަށް އެހީތެރިވާންވާނެއެވެ.“

ވީމާ، މި“ފޯމިއުލާ“އަށް ޢަމަލުކޮށް އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތަކާއި ޢާއިލާތައް އިޞްލާހުކުރަންވީއެވެ. ދެދުނިޔޭގެ ފަލާޙާއި ކާމިޔާބު ލިބޭނީ އޭރުންނެވެ.

 

1