މުޖުތަމަޢު
ދެމަފިރިންގެ ދެމެދުގައި ލޯބި އިތުރުކުރުމަށް ކުރެވިދާނެ 5 ކަމެއް

ދެމަފިރިން އެކުގައި ކުޅިވަރުކުޅުމާއި ހީ ސަމާސާކުރުން

އަޅުގަނޑުމެންގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އިރުޝާދު ދެއްވާފައިވާ ގޮތުގައި އަޅުގަނޑުމެންގެ ތެރެއިން އެންމެ ހެޔޮމީހަކީ އެމީހާގެ އަނބިމީހާއަށް އެންމެ ހެޔޮމީހެކެވެ.

ޢަމަލީގޮތުން އެކަލޭގެފާނު ވަނީ އަނބިމީހާއަށް ހެޔޮކޮށް ހިތަންވީގޮތް އުއްމަތަށް ދައްކުވައިދީފައެވެ. އަނބިމީހާގެ ހިތް އުފާކޮށްދިނުމުގެ ގޮތުން ދެމަފިރިން އެކުގައި ކުޅިވަރު ކުޅެ، ހީނ ސަމާސާކުރުމަކީ ދެމަފިރިންގެ ދެމެދުގައި ލޯބިއާލާވާނެކަމެކެވެ.

ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ތިމަން ކަމަނާ ޅަ ދުވަސްވަރު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުގައި ބައެއް ދަތުރުފުޅުތަކުގައި ނުކުމެވަޑައިގެންނެވީމެވެ. އޭރު ތިމަންކަމަނާގެ ހަށިކޮޅުގައި މަސްޖަހައި ސަރުބީ ޖަހާފައެއްވެސް ނުހުރެއެވެ.

(އެފަދައިން ވަޑައިގެންނަވަމުން އެއްފަހަރަކު) މީސްތަކުންނަށް ޙަދީޘްފުޅުކުރެއްވިއެވެ. “ތިބޭކަލުން ކުރިއަށް ވަޑައިގަންނަވާށެވެ.” ދެން މީސްތަކުން ކުރިއަށް ވަޑައިގަންނެވިއެވެ.

ދެން އެކަލޭގެފާނު ތިމަން ކަމަނާއަށް ޙަދީޘްފުޅުކުރެއްވިއެވެ. “ތިމަން ކަލޭގެފާނާއިއެކު ރޭސް ޖެއްސެވުމަށް ވަޑައިގަންނަވާށެވެ.” ދެން ތިމަން ކަމަނާ އެކަލޭފާނާ ރޭސްޖެއްސެވީމެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ތިމަން ކަމަނާ ކުރި ހެއްދެވީމެވެ.

ފަހެ އެކަލޭގެފާނުގެ އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ޙަދީޘްފުޅުނުކުރައްވާ ހުންނެވިއެވެ. ތިމަން ކަމަނާގެ ހަށިކޮޅުގައި މަސްޖަހާ ސަރުބީ ޖެހުމަށް ދާންދެނެވެ. އަދި އެކަމުގެ މަތިން ހަނދާންނެތުމަށް ދާންދެނެވެ. (އޭގެ ފަހުން އެއް ފަހަރަކު) އެކަލޭގެފާނުގެ އަރިހުގައި ދަތުރު ކުރެއްވީމެވެ.

(އެފަދައިން ވަޑައިގެންނަވަމުން) މީސްތަކުންނަށް ޙަދީޘްފުޅުކުރެއްވިއެވެ. “ތިބޭކަލުން ކުރިއަށް ވަޑައިގަންނަވާށެވެ.” ދެން މީސްތަކުން ކުރިއަށް ވަޑައިގަންނެވިއެވެ.

ދެން އެކަލޭގެފާނު ތިމަން ކަމަނާއަށް ޙަދީޘްފުޅުކުރެއްވިއެވެ. “ތިމަން ކަލޭގެފާނާއިއެކު ރޭސް ޖެއްސެވުމަށް ވަޑައިގަންނަވާށެވެ.” ދެން ތިމަން ކަމަނާ އެކަލޭފާނާ ރޭސްޖެއްސެވީމެވެ. އަދި އެކަލޭގެފާނު ތިމަން ކަމަނާގެ މައްޗަށް ކުރި ހޯއްދެވިއެވެ. ދެން އެކަލޭގެފާނު ހިނިވަރުނަކުރައްވަމުން ގެންދެވިއެވެ. އަދި އެކަލޭގެފާނު ޙަދީޘްފުޅުކުރަށްވަމުން ގެންދެވިއެވެ.”މިއީ ކުރިން ފަހަރުގެ ބަދަލެވެ.”
އަބޫ ދާޥޫދު (2578) ، އަޙްމަދު (26277)
އަލްއަލްބާނީ ރަޙިމަހުﷲ “ޞަޙީޙް އަބީ ދާޥޫދު” ގައި މިޙަދީޘްފުޅު ޞައްޙަކަމަށް ވިދާޅުވެފައިވެއެވެ.

ދެމަފިރިން އެކަކު އަނެކަކަށް ދެނެފަރިތަކަން އިތުރުކުރުމާއި ކަންކަން ޙިއްސާކުރުން
ތިބާގެ ޚިޔާލުތަކާއި، އުންމީދުތަކާއި، ހުވަފެންތަކާއި، މަސްއޫލިއްޔަތުތައް ތިބާގެ ބައިވެރިޔާއާއިއެކު ޙިއްޞާކޮށްލާށެވެ. އަދި މުހިއްމު ނިންމުންތައް ނިންމުމުގެ ކުރިން ބައިވެރިޔާގެ ލަފާ ހޯދާށެވެ.

އަނބިމީހާއާއިއެކު އިޙްސާންތެރިކަމާއެކު ދިރިއުޅުމަށް ފިރިމީހާގެ މައްޗަށް ވަރަށް ބޮޑަށް އަމުރުވެވިފައިވެއެވެ. އަނބިމީހާއާމެދު ނުރުހިއްޖެނަމަ އޮތީ އޭނާގެ ކަންކަމަށް ކެތްތެރިވުމެވެ. އަދި އޭނާގެ ކަންތައްތައް ހެޔޮގޮތަކަށް ބަދަލުވެދާނެ ކަމަށް އުންމީދުކޮށް މަސައްކަތްކުރުމެވެ. ނުވަތަ އެކަނބުލޭގެގެ ކިބައިން ޞާލިޙު ދަރިންތަކެއް ރިޒްޤުކުރައްވާނެ ކަމަށް އުންމީދުކުރުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَعَاشِرُوهُنَّ بِالْمَعْرُوفِ فَإِنْ كَرِهْتُمُوهُنَّ فَعَسَى أَنْ تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا﴾ [النساء: 19]
މާނައީ: “އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ (ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެ އެއްޗެއްގައި ﷲ ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ.”

ކައިވެނީގެ ރޫޙަކީ އެކަކު އަނެކަކަށް އެހީތެރިވުމާއި ރަޙުމުކުރުމެވެ.

ކައިވެނި ބާއްޖަވެރިވެ ދެމިގެންވާނެ ސަބަބުތަކުގެ ތެރޭގައި:

ކެތްތެރިކަމާއި މާފުކުރުމާއި އެކަކު އަނެކެއްގެ ޙައްޤުތަކަށް ރައްކާތެރިވުމާއި ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އިމުގެ ތެރެއިން އަނބިމީހާ އިޞްލާޙުކުރުންވެސް ހިމެނެއެވެ. ކެތްތެރިކަމުގެ ހިތިކަމުގައި ކުޑަކޮށް މަޑުކޮށްލައިފިނަމަ ދިގު ޒަމާނަކަށް އެކަމުގެ ފޮނިކަން ލިބިދާނެއެވެ.
އިސްލާމްދީނުގައި ކައިވެނި ޝަރުޢުކުރެއްވިގެންވުމުގެ ޙިކުމަތްތަކުގެ ތެރޭގައި މާތް ﷲ ގެ ރުއްސެވުން ހޯދުމާއި، ނަފުސުތަކަށް ހިތްހަމަޖެހުން ހޯދުމާއި އަދި ދަރިފަސްކޮޅު އިތުރުކޮށް އުއްމަތަށް ޚިދުމަތްކުރާނެ ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތުކުރުން ހިމެނެއެވެ. މި މަޤްޞަދުތައް ޙާސިލުކުރެވޭނީ ދެމަފިރިންގެ ދެމެދުގައިވާ ލޯތްބާއި މަވައްދަތު އިތުރު ކުރެވިގެންނެވެ. މި އަރޓިކަލްގައި މިދަންނަވާލެވުނު ކަންތައްތަކަށް ސަމާލުކަން ދެއްވާނަމަ، ދެމަފިރިންގެ ދެމެދުގައިވާ ލޯބި އިތުރުވަމުންދާނެއެވެ.

މަރާޖިޢުތައް:
رحلة النجاح بين الزوجين ؛ فهد بن يحيى العماري
Nihad Sayyid Idris Ali, Keys to a succesful Marital Life, Dawah Corner Publications
1. ދަ ކުއެސްޓް ފޯރ ލަވް އެންޑް މާރސީ: މުޙައްމަދު މުޞްޠަފާ އަލްޖިބާލީ
2. ދަ ފުރެގައިލް ވެސެލްސް: މުޙައްމަދު މުޞްޠަފާ އަލްޖިބާލީ
https://dhisalafiyyah.net/article/30361
http://tts.ahmedh110.sg-host.com/3614/
http://tts.ahmedh110.sg-host.com/4190/
https://dhisalafiyyah.net/article/2514

62