ދީން
ފަތިސް ނަމާދުގެ އިހު ސުންނަތް

ފަރުޟު ފަސް ނަމާދުގެ ތެރެއިން ފަތިސްނަމާދަކީ ވަރަށް މަތިވެރި ނަމާދެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. «  أثقل الصلاة على المنافقين صلاة العشاء وصلاة الفجر ، ولو يعلمون ما فيهما لأتوهما ولو حبوا ….. » =متفق عليه= މާނައަކީ: “ މުނާފިގުންނަށް އެންމެ ބުރަ އަދި އެންމެ ބަރު ނަމާދަކީ ޢިޝާނަމާދާއި ފަތިސް ނަމާދެވެ. އެ ދެ ނަމާދުގެ ޡަވާބާއި ދަރުމަ މީސްތަކުންނަށް އެނގޭނަމަ ބިމުގައި ފިރުކެމުންވެސް އެ ދެ ނަމާދަށް އައީސްކަން ކަށަވަރެވެ.“

ހަމަ މިފަދައިން ފަތިސްނަމާދުގެ އިހުސުންނަތަކީވެސް އެހާމަތިވެރި ދަރުމައާއި ޘަވާބު އޭގައި ހިމެނިގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރުހުން ރިވާ ވެގެންވެއެވެ: عَنْ عَائِشَةَ رَضِيَ اللهُ عَنْهَا عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ : « رَكْعَتَا الْفَجْرِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا » . وَفي روايةٍ لِمُسْلِم : « لَهُمَا أَحَبُّ إِلَيَّ مِنَ الدُّنْيَا جَمِيعاً » =أخرجه مسلم والترمذي= މާނައަކީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވާފައި ވެއެވެ.“ ފަތިސްނަމާދުގެ އިހުސުންނަތުގެ ދަރުމައާއި ޘަވާބު ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށް ވުރެން ހެޔޮކަން ބޮޑުވެގެން ވެއެވެ.“ އަދި އެހެން ރިވާޔަތެއްގައި ވެއެވެ. “ ތިމަން ނަބިއްޔާގެ އަރިހުގައި އެ ދެ ރަކްޢަތް މުޅި ދުނިޔެއަށް ވުރެން ހެޔޮ ކަމާއި ދަރުމައިގެ ގޮތުން މަތިވެރި ވެގެންވެއެވެ.“

މިއީ ފަތިސްނަމާދުގެ ސުންނަތުގެ ވާހަކައެވެ. ފަތިސްނަމާދުގެ ފަރުޟު ދެ ރަކުޢަތުގެ ދަރުމައިގެ ވާހަކަ ކިހާވަރެއްވާނެ ބާއެވެ! ފަތިސްނަމާދަށް ދާމީހާ މިސްކިތަށް ވަދެ ތަޙިއްޔަތުލް މަސްޖިދުގެ ދެ ރަކުޢަތުގެ ބަދަލުގައި ފަތިސް ނަމާދުގެ އިހުސުންނަތުގެ ދެ ރަކުޢަތް ކުރުމުން ތަޙިއްޔަތުލް މަސްޖިދުގެ ޘަވާބުވެސް ލިބޭނެއެވެ.

މިއީ މިކަމުގެ އެއްމެ އައުލާ ގޮތް ކަމުގައިވެސް އަލް ޢައްލާމާ އިބްނުލް އުޘައިމީން ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް ފުރަތަމަ ތަޙިއްޔަތުލް މަސްޖިދުގެ ދެ ރަކުޢަތް ކޮށްފައި ދެން ފަތިސްނަމާދުގެ އިހުސުންނަތުގެ ދެ ރަކުޢަތް ކުރިޔަސް މައްސަލައެއް ނެތެވެ. ފަތިސް ނަމާދުގެ އިހުސުންނަތުގެ ދެ ރަކުޢަތް ކުރާއިރު ލުއި (ކުރު) ގޮތަކަށް ކުރުން ސުންނަށްވެގެން ވެއެވެ.

ސޫރަތުލް ފާތިޙާގެ ފަހުގައި ދެ ރަކުޢަތުގައިވެސް ކުރު ސޫރަތެއް ޚިޔާރުކުރުން އެދެވިގެން ވެއެވެ. ފަތިސް ނަމާދުގެ އިހުސުންނަތް، ނަމާދުގެ ކުރިން ނުކުރެވުނު މީހާއަށް ފަތިސް ނަމާދު ފަހުންވެސް ކުރުމަށް ޝަރުޢުގައި ވަނީ ހުއްދަ ދެއްވާފައެވެ. ނަމާދު ކުރިން ކުރި ކަމުގައި ވިޔަސް ފަހުން ކުރި ކަމުގައި ވިޔަސް މި ދެ ރަކުޢަތުގެ ސިފައަކަށް ބަދަލެއް ނާންނާނެއެވެ.

(މިއީ ނޫރުލް އިސްލާމް ވެބްސައިޓްގައި  ޢަބްދުﷲ ޞިއްދީޤު

ލިޔުއްވާފައިވާ ލިޔުމެކެވެ.)

25