އިސްލާމީ ތާރީޚު
ޢީސާ ޢަލައިހިއްސަލާމް – 4

ޢީސާ عليه السلام އަށް ރަސޫލު ކަން ލިބިވަޑައިގެންނެވި ބަރަކާތްތެރި ރޭގައި ޔަހުޔާ عليه السلام އާއި ޒަކަރިއްޔާ عليه السلام އޭރުގެ ވެރިން ޝަހީދުކޮށްލިއެވެ. މާތް ﷲ އެކަލޭގެފާނަށް އިސްރާއީލުގެ ދަރިންނަށް ދީނަށް ގޮވައި ލެއްވުމަށް އެންގެވިއެވެ. އަދި އެކަލޭގެފާނަށް ފަސޭހަ ދިރިއުޅުން ބަންދުވެ އުނދަގޫ ކަންތައްތަކާއި ކުރިމަތި ލާން ޖެހިވަޑައިގެންނެވިވެ.

އިދިކޮޅު ބާރެއް ފަދައިން ފަރީސީންގެ އަޅުކަންތައްތަކާއި ދެކޮޅަށް ޢީސާ عليه السلام ގެ ރިސާލަތު ދިޔައީ ފާޅުވަމުން، އަދި މޫސާ عليه السلام ގެ ރިސާލަތަށް ބާރުދެއްވަމުންނެވެ. މާއްދިއްޔަތާއި، މުއްސަނދިކަމާއި، ރަނަށް އަޅުކަން ކުރަމުންދިޔަ ޒަމާނެއްގައި ޢީސާ عليه السلام ގޮވާލެއްވީ ޢަމަލުތަކާއި ބަސްތަކުގައި ޒުހުދުވެރިވުމަށެވެ. މި އާދައިގެ ދިރިއުޅުންވީ ހަލާކާއި ބަލިކަށިވެފައިވާ މުޖުތަޢު ސަލާމަތްކޮށްދޭނޭ ހަމައެކަނި މަގުކަމުގައެވެ. ޢީސާ عليه السلام ގެ ރިސާލަތުގެ ފެށުންވަނީ ތެދުވެރިކަމާއި ތަޤްވާވެރިކަމުގެ މައްޗަށް ބިނާވެގެންނެވެ. އެކަލޭގެފާނުގެ ރިސާލަތުވީ މީސްތަކުގެ ފުރާނައާއި ހިތްތަކަށް ހަމަޖެހުންގެނުވާ، އަދި މުޖުތަމަޢު ބޭނުންވާހާ ގޮތަކަށް ޙުކުމްތައް ކަނޑައަޅުން ދޫކޮށްލެވިއެވެ.

ޢީސާ عليه السلام މާތް ﷲ އަށް އަޅުވެތިވުމަށް ގޮވާލައްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ދަޢުވަތުގެ މައިގަނޑު މަޤްޞަދަކީ މާތް ﷲ އާއި އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. އެހެންނަމަވެސް ޔަހޫދީން، ބަދަލުކޮށްފައިވާ ތައުރާތާއިމެދު ޢީސާ عليه السلام އެމީހުނާއި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. އެކަލޭގެފާނު ވިދާޅުވީ ތިމަންކަލޭގެފާނު މި ގޮވާލައްވަނީ ތައުރާތު ދޫކޮށްލެއްވުމަކަށް ނޫނެވެ. އެހެންނަމަވެސް އޭގައިވާ ޙުކުމްތަކުގެ ފުރިހަމަ މަފްހޫމް ނެރުއްވައި ދެއްވުމަށެވެ.

އެކަލޭގެފާނު، ޔަހޫދީންނަށް، އެބައިމީހުނަށް ބާވާލެއްވުނު 10 ޢަމުރުފަކީ، އެބައިމީހުން ހީކުރާ ވަރަށްވުރެ މަތިވެރި ޢަމުރުފުޅުތަކެއްކަން ވިސްނަވައި ދެއްވިއެވެ. މިސާލަކަށް 5 ވަނަ ޢަމުރުފުޅުގައި ހަމައެކަނި ޙަރާމް ވެވިގެންވަނީ ޖިސްމާނީ ޤަތުލެއް ނޫނެވެ. ނަމަވެސް އެއީ ޖިސްމާނީ ޤަތުލާއި، ނަފްސާނީ ޤަތުލާއި އަދި ރޫޙާނީ ގޮތުން މީހާ ނިކަމެތިކޮށްލުން ފަދަ ހުރިހާ ބާވަތެއްގެ ޤަތުލުތަކެއްގެ ވާހަކައެވެ. ހަމައެފަދައިން 6 ވަނަ ޢަމުރުފުޅުގައި ހަމައެކަނި ޙަރާމް ވެގެންވަނީ އަންހެނަކާއި ފިރިހެނެއްގެ ދެމެދުގައި ހިންގޭ ޖިސްމާނީ ޒިނޭގެ ވާހަކައެއް ނޫނެވެ. ނަމަވެސް އެއީ ޒިނޭއަށް މަގުފަހިވާ ހުރިހާ ދޮރެއް ބައްދުކުރައްވާފައި ވާހަކައެވެ. ލޮލުގެ ޒިނޭ އަކީ އެދުންވެރިކަމާއިއެކު އެފަދަ ތަންތަނަށް ބެލުމެވެ.

ކަންމިހެން ހުރުމާއިއެކު، ޢީސާ عليه السلام އާއި މާއްދިއްޔަތަށްޓަކައި އުޅޭ މީހުންނާއިމެދު ވަނީ ދެބަސްވުން އުފެދިފައެވެ. އެކަލޭގެފާނު އެބައިމީހުނަށް ގޮވާލައްވަނީ އެ ނުބައި ކަންތައްތައް ދޫކޮށްލައި ރަނގަޅުކަންކަން ކުރުމަށެވެ. މިދުނިޔޭގައި މުދާ އެއްކުރުމަކީ ބޭނުމެއް ހުރި ކަމެއް ނޫނެވެ. މިދުނިޔޭގެ މުދާ ދޫކޮށްލުމަކުން އެބައިމީހުނަށް ކަންބޮޑުވެ ހިތާމަކުރާކަށް ނުޖެހޭނެއެވެ. އެބައިމީހުން ކަންބޮޑުވާންޖެހޭނީ އަންނަން އޮތް އަބަދީ ޙާޔާތާއިމެދުގައެވެ.

ޢީސާ عليه السلام ގޮވާލެއްވީ މާއްދިއްޔަތައް ތަބަޢަވުމަކީ ފާފައެއް ކަމާއި، އެއީ ޞާލިޙު އަޅުވެރިއެއް ސިފައެއްނޫން ކަމެވެ. މާތް ﷲ އަށް އީމާންނުވާ މީހުންގެ ޖާހިލުކަމުން އެމީހުން ތަބަޢަވާނީ މާއްދިއްޔަތަށެވެ. އެކަލާނގެއަށް އީމާންވީ މީހުނަށް އެމީހުންގެ ރިޒުޤުވަނީ އެކަލާނގެ ބާރުފުޅު ދަށުގައިކަން ދަންނާނެއެވެ. އެހެންކަމުން އެމީހުން އެކަލާނގެއަށް ވަކީލުކުރާނެއެވެ.

ޢީސާ عليه السلام މީސްތަކުންނަށް، އެކަލާނގެ އެއްކައުވަންތަކޮށް އެކަލާނގެއަށް އަޅުކަންކުރުމަށް ގޮވާލެއްވުމުގައި ދެމިހުންނެވިއެވެ. އެކަލޭގެފާނު ގޮވާލެއްވީ މީސްތަކުންގެ ހިތްތަކާއި ނަފްސުތައް ޝިރުކުން ޠާހިރު ކުރެއްވުމަށެވެ.

 

=ނުނިމޭ=

ލިޔެ ޖަމާކުރީ:

ޢަބްދުﷲ ނަސީފް

އަަޙްމަދު ޙުސައިން

 

މައިގަނޑު މަޞްދަރު: البداية والنهاية لابن كثير

1