މަސްތަކެއް ވޭތުވުމަށްފަހު، ބޮލުގައިވާ ރިހުން ފިލައި ނުދިއުމުގެ ސަބަބުން، އެބޮޑު ބަނޑާއެކު ދާނެ ނުދާނެތަނެއް ނޭނގި އެހިތާމަވެރި މާހައުލު ދޫކޮށް ނަޞްރާނަތުން އެކަމަނާ ނުކުމެވަޑައިގަތެވެ.
އެކަމަނާއަށް މާދުރުނޫން ހިސާބަކަށް ދެވުނުތަނާ، ވިހެއުމުގެ ވޭންވަރު އަތުވެއްޖެއެވެ. ހިކިފައިވާ ކަދުރުރުކެއްގެ ބުޑުގައި އެކަމަނާއަށް ފިރިހެން ދަރިއަކު ރައްކައުވެއްޖެއެވެ. އެކަމާނާގެ އެލޯބި ދަރިފުޅަށް ބަލާލި ވަގުތު އެކަމަނާގެ ހިތަށް ކެކުޅުން ލިބިވަޑައިގަތީ ބައްޕައަކާ ނުލައި ދަރިއަކު އުފަންވުމުންނެވެ. އެކަމަނާ ވިދާޅުވިއެވެ. “މީގެ ކުރިން އަހަރެން މަރުވެ، ހަނދާންނެތިވެ، ނަންވެސް ފިލައިގެން ދިޔަނަމަ ކޮންފަދަހެއްޔެވެ.”
ކުއްލިއަކަށް އެކަމަނާއަށް ކައިރިން އަޑެއް އިވުނެވެ. ހިތާމަނުކުރައްވާށެވެ. ކަމަނާއަށްޓަކައި ދަށުން ފެންއާރެއް ކަމަނާގެ ވެރިރަސްކަލާނގެ ހިނގަވައި ދެއްވައިފިއެވެ. އަދި ކަމަނާއާ ދިމާއަށް އޮތް ކަދުރުކުގެ ގަސްގަނޑު ހަލުވައިލާށެވެ. އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، އަރިހަށް ފައިބާނެތެވެ. ފަހެ، ކަމަނާ ފަރީއްކުޅުވައި، ފެންފޮދު ހިއްޕަވައި އަދި ހިތްޕުޅު ހަމަޖައްސަވާ ގައިގެ ބާރު ލިބިގަވަޑައިގަންނާށެވެ. ކަމަނާއަށް ތިޔަފެނިވަޑައިގަންނަވަނީ ﷲ ގެ ކުޅަދުންވަންތަކަމެވެ. އެކަލާނގެއީ ހިކިކަދުރު ރުކަށް ދިރުންދެއްވައި ކަމަނާއަށް އޭގެން ކާންދެއްވި އިލާހެވެ. ﷲ ތަޢާލާގެ މުޢުޖިޒާތުގެ ސަބަބުން އެކަމަނާގެ ހިތަށް ހިނދުކޮޅަކަށް ތަސައްލީ ލިބިވަޑައިގަނެ، އެކަމަނާގެ މައުސޫމުކަމާއި ޠާހިރުކަން ހިތަށް އިޙްސާސްވިއެވެ.
އެކަމަނާ އެނބުރި ރަށަށް ވަޑައިގަތުމަށް ޤަސްދުކުރެއްވިއެވެ. އެހިނދު އެކަމަނާގެ ހިތަށް ބިރުވެރިކަން ރުޖޫޢަވެއްޖެއެވެ. ރަށުގެ އަހުލުވެރިންނަށް ބުނާނީ ކީކޭބާވައެވެ؟ މަންމަގެ ނުތަނަވަސްކަން ފިއްލަވައިދެއްވުމަށް އެތުއްތު ދަރިފުޅު ވާހަކަ ދައްކަން ފެށިއެވެ. “ފަހެ އިންސާނުންކުރެ އެއްވެސް މީހަކު ފެނިވަޑައިގެންފިނަމަ، ވިދާޅުވާށެވެ. ހަމަކަށަވަރުން، ރަޙްމާންވަންތަ އިލާހަށްޓަކައި ރޯދައަށް ހުރުމަށް (އެބަހީ: ހަނު ހުރުމަށް) އަހުރެން ނަދުރުގެންފީމެވެ. ފަހެ، މިއަދު އެއްވެސް އިންސާނަކާ ވާހަކައެއް ނުދައްކާ ހުށީމެވެ.” މިމުޢުޖިޒާތުގެ ސަބަބުން މަރްޔަމް عليها السلام ގެހިތަށް ހިތްހަމަޖެހުން ރުޖޫޢަވެއްޖެއެވެ.
އެކަމަނާ ހީކުރެއްވިގޮތަށް، ރަށަށް ވަދެވަޑައިގެން ހިނދު، އެކަމަނާގެ އަތުގައިވާ ދަރިފުޅު ފެނުމުން މީސްތަކުންގެ މަލާމާތް ރައްދުވިއެވެ. އެމީހުން އެކަމަނާއަށް ހަޅޭއްލަވައި ގޮވިއެވެ. “އޭމަރްޔަމެވެ! ހަމަކަށަވަރުން، ކަމަނާ ތިޔަވަޑައިގަތީ ބޮޑުވެގެންވާ ނުބައިކަމަކާގެންނެވެ. އެހިނދު އެކަމަނާގެ އިނގިލިފުޅު ތުންފަތުގައި ޖެއްސެއްވުމަށްފަހު، އެދަރިކަލުންނަށް އިޝާރާތްކޮށްލެއްވިއެވެ. އެއުރެން ބުންޏެވެ. ޅަފަތުގެ ދާނުގައިވާ ކުއްޖަކާ ތިމަންމެން ވާހަކަ ދައްކާނީ ކިހިނަކުން ހެއްޔެވެ؟ އެތުއްތު ދަރިކަލުން ވާހަކަ ދައްކަން ފެށިއެވެ. ފަހެ، އެމީހުންނަ ބޮޑުވެގެންވާ މުޢުޖިޒާތެއްގެ ހައިރާންކަން ލިބުނެވެ. އެދަރިކަލުން ވިދާޅުވިއެވެ. ” ހަމަކަށަވަރުން އަހުރެންނަކީ ﷲ ގެ އަޅަކީމެވެ. އެކަލާނގެ މިއަޅާއަށް ފޮތްދެއްވިއެވެ. އަދި ނަބިއްޔަކުކަމުގައި މިއަޅާ ލެއްވިއެވެ. އަދި މިއަޅާވީ ކޮންމެ ތަނެއްގައި ބަރާތްލައްވާފައިވާ އަޅަކު ކަމުގައި މިއަޅާލެއްވިއެވެ. އަދި މިއަޅާ ދިރިހުރިހާ ހިނދަކު، ނަމާދުކުރުމަށާއި ޒަކާތް ދިނުމަށް މިއަޅާއަށް ވަޞިއްޔަތް ކުރެއްވިއެވެ. އަދި މިއަޅާގެ މަންމައަށް ހެޔޮކޮށްހިތާ މީހަކު ކަމުގައިވުމަށްވެސްމެއެވެ. އަދި މިއަޅާއަކީ އަބާއްޖަވެރި، ޖައްބާރަކު ކަމުގައިވެސް ނުލައްވައެވެ. މިއަޅާ އުފަންވިދުވަހުގައްޔާއި، މަރުގަންނަވާ ދުވަހުގައްޔާއި، އަލުން ފޮނުއްވާ ދުވަހުގައި މިއަޅާގެ މައްޗަށް ސަލާމް ހުއްޓެވެ.”
ގިނަބަޔަކު ޤަބޫލުކުރިގޮތުގައި އެކުއްޖާފުޅަކީ އާދަޔާ ޚިލާފުކުއްޖެކެވެ. އެކުއްޖާއަށްޓަކައި ﷲ ކޮންމެވެސް ކަމެއް ފޮރުއްވަވާފައިވެއެވެ. އެކަލާނގެ ކަމެއްވުމަށް އިރާދަކުރައްވައިފިނަމަ، ވަޙީކުރައްވާނީ ވާށޭ އެކަންޏެވެ. ދެން އެކަމެއް ވެދެއެވެ. އެހެންކަމުގައިވިޔަސް އެޤައުމުގެ ބައެއް މީހުން ދެކުނުގަތުގައި އެކަމަނާ އެހެއްދެވީ ހީލަތެކެވެ. އެހެނެއްކަމަކު އެންމެ ކުޑަމިނުން މިކަމުގެ ސަބަބުން މަލާމާތް ނުލިބި ހަމަޖެހިލައިގެން ނަޞްރާނަތުގައި ދިރިއުޅެވޭނެގޮތް މެދުވެރިވިއެވެ.
ޔަހޫދީންގެ ހިބުރުން ދެކުނު ގޮތުގައި މިކުއްޖާއަކީ ވަރަށް ނުރައްކާތެރިކުއްޖެކެވެ. އެއީ ޢީސާ عليه السلام ގެ ސަބަބުން އެމީހުންގެތެރޭގައި ހުރި ކުފުރުގެ ކަންތައްތަކާއި ތަޙްރީފުކޮށްފައިވާ އަޤީދާތައް ފުހެވި އަލުން ތަވްޙީދުގެ ޢަޤީދާއަށް މީސްތަކުން އެނބުރި އައިސްދާނެތީއެވެ. އަދި ހަމައެފަދައިން އެބައިމީހުން މީސްތަކުންގެ މައްޗަށް ފޯރުވަމުންދިޔަ ބާރުވެރިކަން ނެތިގެން ހިނގައިދާނެތީއެވެ. އެހެންކަމުން ހިބުރުން ޢީސާ عليه السلام ފެންކޮށީގައި އޮންނަވާ ވާހަކަ ދެއްކެވިކަން ސިއްރުކޮށް، މަރްޔަމް عليها السلام ގެބޮލުގައި ބޮޑުވެގެންވާ ފާފައެއްގެ ތުހުމަތު އެޅުވިއެވެ.
ބުނެވޭގޮތުގައި ޔޫސުފްއޭ ކިޔުނު ވަޑިއަށް މިޚަބަރުލިބުމުން ވަރަށް ހައިރާންވިއެވެ. އެހެންވެ އޭނާ މަރްޔަމް عليها السلام އާއި ސުވާލުކުރިއެވެ. ” އޮށެއްނެތި ގަހެއް ފަޅައިފާނެ ހެއްޔެވެ؟” އެކަމަނާ ވިދާޅުވިއެވެ. “އާނއެކެވެ. އެންމެ ފުރަތަމަ ﷲ އުފެއްދެވި ގަހެވެ.” އަނެއްކާ އޭނާ ސުވާލުކުރިއެވެ. “ފިރިހެނަކާއި ނުލައި ދަރިއަކު އުފަންވެދާނެ ހެއްޔެވެ؟’ އެކަމަނާ ވިދާޅުވިއެވެ. “އާނއެކެވެ. ﷲ އާދަމްގެފާނު އުފެއްދެވީ ފިރިހެނަކުވެސް އަދި އަންހެނަކުވެސް މެދުވެރި ނުކުރައްވައެވެ!”
=ނުނިމޭ=
ލިޔެ ޖަމާކުރީ:
ޢަބްދުﷲ ނަސީފް
އަަޙްމަދު ޙުސައިން
މައިގަނޑު މަޞްދަރު: البداية والنهاية لابن كثير