ދިރާސާ
އިސްލާމީ ޝަރީޢަތުގައި ޑިމޮކްރަސީއަށް ތަބަޢަވުން އެއީ ކުފުރު

އަޅުގަނޑުގެ މިދިރާސާގައި ހިމެނޭނީ މައިގަނޑު ތިން ބައެކެވެ. ފުރަތަމަ ބައިގައި ބަލާލާފައިވާނީ އިސްލާމީ ޝަރީޢަތުގެ މައްޗަށެވެ. މިގޮތުން އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކާއި، ވެރިކަން ހިންގުމުގެ ނިޒާމާއި، އިސްލާމީ ޝަރީޢަތުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މައްޗައްވެސް ވާނީ އަލި އަޅުވާލައިފައެވެ. ދެވަނަ ބައިގައި ބަލާލައިފައިވާނީ ޑިމޮކްރަސީގެ މައްޗަށެވެ. މިގޮތުން ޑިމޮކްރަސީއިން ލިއްބައިދެ މިނިވަންކަމުގެ މައްޗަށާއި، އިސްލާމްދީނާއި ޑިމޮކްރަސީގެ ތަފާތާއި، ޕާޓީ އުފެއްދުމުގެ ޙުކުމުގެ މައްޗަށާއި، އަދި މިފަދަ ނިޒާމެއްގެ ތެރެއިން ވޯޓްލުމުގެ ޙުކުމާއި މެދުގައެވެ. އަދި ތިންވަނަ ބައިގައި ބަލާލައިފާ ވާނީ ކުފުރުގެ މައްޗަށެވެ. އެގޮތުން މިފަދަ ކުފުރުގެ ސަބަބުން މިއްލަތުން ބޭރުވުމާއި ނުވާނެ ކަމުގެ މައްޗަށް ބަލާލާފައިވާނެއެވެ. މި ދިރާސާގައި ހިމެނޭ ބައިތަކަށް ބަޙުޘް ކުރުމުގައި އަޅުގަނޑު ބެނުންކުރީ ދީނީ ފޮތްތަކާއި ފަތުވާ ތަކެވެ.

 

މާތްﷲ އިންސާނުން ހައްދަވާ ޙަލްޤު ކުރެއްވުމަށްފަހު އެ އިންސާނުން އުޅެންވާ ގޮތްތަކެއްވަނީ ޝަރީޢަތެއްގެ ސިފައިގައި ބާވާލައްވާފައެވެ. ނަމަވެސް މިއަދު އެ ޟައީފު އިންސާނާ ބޭނުންވަނީ އޭނާ ހެއްދެވި ޙާލިޤުވަންތަ ﷲ ގެ މަތިން ހަނދުމަނެތިކޮށްލައި އަމިއްލަ ގޮތްތަކަކަށް އުޅޭށެވެ. މިގޮތުން އުފައްދާފައިވާ އެއް ނިޒާމަކީ ޑިމޮކްރަސީއެވެ. މި ނިޒާމުގައި ޙައްޤުތައް ފެށެނީ ރައްޔިތުންގެ ކިބައިންނެވެ. އެބުނާ ޙައްޤެއް ހޯދުމަށްޓަކައި ތަފާތު ބަހުޘްތައްކޮށް އެމީހުންގެ އަމިއްލަ މަޞްލަހަތައިގެން ހޭބޯނާރާއުޅެއެވެ. ނަމަވެސް ޑިމޮކްރެސީއަށް ރަނގަޅަށް ބަލާލައިފިނަމަ މިއީ އެއްވެސް ތާކުންތާކުނުޖެހޭ ކުފުރުގެ ނިޒާމެއްކަން އެނގޭނެއެވެ.

 

އަޅުގަނޑުމެންގެ ތެރެއަށް ޑިމޮކްރަސީ އައިސް ވަނީ ކުއްލިއަކަށެވެ. ގިނަމީހުނަކަށް މިއީ ކޮންއެއްޗެއް ކަންވެސް ނޭގެއެވެ. އެހެންނަމަވެސް ރާއްޖެއަށް ޑިމޮކްރަސީ އައުމާއި އެކު އެއްބަޔަކު ދުވަންފެށީ ޕާޓީތައް ހަދާށެވެ. އަނެއްބަޔަކު އެމީހުނަށް ތަބަޢަވަމުން އެމީހުން ހަދާ ޕާޓީ ތަކަށް ވަންނަމުންދިޔައެވެ. ސިޔާސަތަކީ ކޮންއެއްޗެއްކަން މިއުޅޭ އެންމެނަށްވެސް އެނގޭ ތޯއްޗެކެވެ. ލައިގަނެގެން މިއުޅެނީ “ހުޅަނގު” ގެ ތަރައްޤީގެ އަސްލު ޙަޤީޤީ ސަބަބުކަމަށް އެންމެންވެސް ދިޔައީ ގޮވަމުންނެވެ. އަޅުގަނޑުގެ މިދިރާސާގެ މިޞްރާބު ހުންނާނީ ޑިމޮކްރަސީއަކީ އިސްލާމީ އުޞޫލުތަކުގެ ތެރެއިން މިދީނުގެ ޝަރީޢަތާއި ޚިލާފް ކަންތައްތަކެއް އެކުލެވިގެންވާ އެއްޗެއްކަން ސާބިތުކޮށްދިނުމަށެވެ.

އަޅުގަނޑުގެ ލަނޑުދަނޑިތަކަކީ، މި ދިރާސާގައި އިސްލާމީ ޝަރީޢަތަކީ ކޮބައިކަން އަޅުގަނޑުގެ ޤާބިލުކަން ހުރިމިންވަރަކުން ބަޔާންކޮށްދީ، ޑިމޮކްރަސީއާއި އިސްލާމީ ޝަރީޢަތުގެ ތަފާތު ބަޔާންކުރުމެވެ. ހަމައެހެންމެ، ޢިލްމީ ދިރާސާއަކަށް ފަހު، ޑިމޮކްރަސީއަށް ތަބަޢަވުމުގެ ޙުކުމް ބަޔާން ކުރުމެވެ. މި ދިރާސާގެ މައިގަނޑު ސުވާލުތައް އިސްވެ އެ ދިޔައީއެވެ. އިސްލާމީ ޝަރީޢަތަކީ ކޮބައިކަން؟ ޑިމޮކްރަސީއަކީ ކޮބައިކަން؟ އަދި ޑިމޮކްރަސީއަށް ތަބަޢަވުމުގެ ޙުކުމަކީ ކޮބައިކަން؟ އަޅުގަނޑު ހިތުން މި ދިރާސާއަކީ މިއަދު އަޅުގަނޑުމެނަށް ނުހަނު ބޭނުންތެރި މަޢުލޫއަކަށް ހެދޭ ދިރާސާއެކެވެ. އެހެނީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ގިނައީ މި ޑިމޮކްރަސީގެ ޙަޤީޤަތް ނެނގޭ މީހުންނެވެ.

މި ދަރާސާގައި އަޅުގަނޑު ބޭނުން ކޮށްފައިވާ ބައެއް ބަސްތަކުގެ މާނައަށް ބަލާލުން މުހިންމެވެ. އެގޮތުން އިސްލާމީ ޝަރީޢަތް އަޅުގަޑު މާނަކޮށްފައިވާނީ ﷲ ގެ ޙަޟްރަތުން ބާވާލެއްވިފައިވާ ޤާނޫނުތަކަށެވެ. ހަމައެހެންމެ، ޑިމޮކްރަސީ މާނަކޮށްފައިވާނީ ރައްޔިތުން ވެރިކަން ކުރުމަށްޓަކައި އެމީހުން ހަދައިފައިވާ ވަޟައީ ޤާނޫނަށެވެ. ތަބަޢަވުން މާނަކޮށްފައިވާނީ އެއްޗެއް ހެޔޮހިތުން ޤަބޫލުކޮށް ލޮލާއި ބޮލުން އެއްޗެއް ބަލައި ގަތުމަށެވެ. ހަމައެހެންމެ، ކުފުރު އެއީ ދީނުން ބޭރުނުވާވަރުގެ އެހެންނަމަވެސް ބޮޑުވެގެންވާ ފާފައެއް ކަމުގައެވެ. މުޅި ދިރާސާ އަޅުގަނޑު ޚާއްޞަ ކޮށްފައިވާނީ މުސްލިމުންނަށެވެ. އަދި ވަކިން ޚާއްޞަކޮށް ޑިމޮކްރަޓިކް ނިޒާމެއްގެ ތެރޭގައި ރުހުމާއި ނުރުހުމުގައި އުޅެން ޖެހިފައިވާ މުސްލިމުންނަށެވެ.

 

އިސްލާމީ ޝަރީޢަތް

އިސްލާމީ ޝަރީޢަތަކީ މާތްﷲ ގެ ޝަރީޢަތެވެ. މިއީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވެވި ކައުއިތުރު މާތް ސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މެދުވެރި ކުރައްވާ އެކަލާނގެ ބާވާލައިވާފައިވާ ޝަރީޢަތެކެވެ. މި މާތް މަތިވެރި ޝަރީޢަތަށް އަޅުގަނޑުމެން ބޯލަނބައި ކިޔަމަންވުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ވެގެބް ވެއެވެ. އިސްލާމީ ޝަރީޢަތަކީ ދީނުގައި މާތްﷲ ކަނޑައަޅުއްވާފައިވާ ގޮތްތައް/ޙުކުމްތައް/އިސްލާމީ ޤާނޫނު/ ޢަޤީދާ އަޚްލާޤް، އުޤޫބާތް، ދިރިއުޅުން، މހުރިހާ ދާއިރާ ތަކެއްގައިވެސް މުސްލިމުން ކަންތައް ކުރުމަށް މާތްﷲ ބާވާލައްވާފައިވާ ޙުކުމްތައް /މިހުރިހާ ދާއިރާތަކެއްގައި މުސްލިމުން ހިނގަން މާތްﷲ ކަނޑައެޅުއްވި މަގު ނުވަތަ ގޮތް ނުވަތަ މަންޙަޖު. (ޔޫސުފުލް ޤަރަޟާވީ, 2010) އަދި މިއީ އެންމެ ފުރިހަމަ ޝަރީޢަތްކަން ހިތުގައި އެއްވެސް ޝައްކެއްނެތި ޤަބޫލުކުރުންވެސް އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެން ވެއެވެ. އިސްލާމީ ޝަރީޢަތް ބިނާވެފައިވާ މައިގަނޑު ދެ މަސްދަރަކީ ކީރިތި ޤުރުއާނާއި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތެވެ. އަދި މި ޝަރީޢަތުން މަގު ދައްކައިދެނީ ދެދުނިޔޭގެ ބާއްޖަވެރިކަމާއި ފަލާޙް ލިބުމެވެ. އެއީ މި ޝަރީޢަތުގެ ސަބަބުން މީސްތަކުން ހިނގަންވީ ރަނގަޅު މަގު ފެނި، އަދި މުޖުތަމަޢުގައި ހެޔޮކަންތައްތައްފެތުރި ނުބައި ވެގެންވާ ފާޙިޝް ޢަމަލުތަކުން މުޖުތަމަޢު ސަލާމަތް ވުމުންނެވެ. އަދި މި ޝަރީޢަތުގެ ސަބަބުން މަގުފަހި ވެގެން ދަނީ ސާފު ސީދާ ތެދުމަގު ލިބި ﷲ ގެ ރުއްސަވާ ވޮޑިގަތުން ލިބުމެވެ.   مَا تَعْبُدُونَ مِن دُونِهِ إِلاَّ أَسْمَاء سَمَّيْتُمُوهَا أَنتُمْ وَآبَآؤُكُم مَّا أَنزَلَ اللّهُ بِهَا مِن سُلْطَانٍ إِنِ الْحُكْمُ إِلاَّ لِلّهِ أَمَرَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ ذَلِكَ الدِّينُ الْقَيِّمُ وَلَـكِنَّ أَكْثَرَ النَّاسِ لاَ يَعْلَمُونَ   މާނައީ: “ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން އެ އެއްޗިއްސަށް ނަންދީފައިވާ އެއްޗެހިތަކަކަށްމެނުވީ، ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަމެއް ނުކުރަމުއެވެ. އެ އެއްޗަކަށް (އަޅުކަންކުރުމަށް) އެއްވެސް حجّة އެއް ﷲ ބާވައެއްނުލައްވަތެވެ. ﷲ އަށް މެނުވީ حكم ކުރެއްވުމެއްނެތެވެ. އެކަލާނގެއަށް ފިޔަވައި ތިޔަބައިމީހުން އަޅުކަން ނުކުރުމަށް އެކަލާނގެ ވަނީ أمر ކުރައްވާފައެވެ. އެއީ حق ތެދު دين އެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.” (ސޫރްތުއް ޔޫސުފް 12:40) قُلْ إِنِّي عَلَى بَيِّنَةٍ مِّن رَّبِّي وَكَذَّبْتُم بِهِ مَا عِندِي مَا تَسْتَعْجِلُونَ بِهِ إِنِ الْحُكْمُ إِلاَّ لِلّهِ يَقُصُّ الْحَقَّ وَهُوَ خَيْرُ الْفَاصِلِينَ މާނައީ: ” ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ ތިމަންކަލޭގެފާނުންގެ ވެރިއިލާހުގެ حضرة ން ބަޔާންވެ އެނގިގެންވާ ކަންތައްތަކެއްގެ މަތީގައެވެ. އަދި ތިޔަބައިމީހުން އެކަލާނގެ ދޮގުކުޅައީމުއެވެ. އެކަމެއް އަވަސްވުންއެދި ތިޔަބައިމީހުން އުޅޭކަންތައް (އެބަހީ: ﷲ ގެ عذاب ފޮނުއްވުން) ތިމަންކަލޭގެފާނުންގެ ކިބަޔަކު ނުވެއެވެ. حكم ކުރެއްވުން ﷲ އަށް މެނުވީ ނުވެއެވެ. އެކަލާނގެ حق ބަސްފުޅު وحى ކުރައްވައެވެ. އެކަލާނގެއީ، حكم ކުރައްވާ އެންމެ ހެޔޮ އިލާހެވެ.”  (އަންއާމް ސޫރަތް 6:57)

މިމާތް މަތިވެރި ޝަރީޢަތް ޣައިރު މުސްލިމުންނަށް ހުށަހެޅުމުގައި އަޅުގަނޑުމެން ގެންގުޅެން ޖެހެނީ ވަރަށް ހިކްމަތްތެރި އުޞޫލުތަކެކެވެ. فَبِمَا رَحْمَةٍ مِّنَ اللّهِ لِنتَ لَهُمْ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لاَنفَضُّواْ مِنْ حَوْلِكَ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الأَمْرِ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللّهِ إِنَّ اللّهَ يُحِبُّ الْمُتَوَكِّلِينَ މާނައީ: “އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللَّهގެ حضرةން ލެއްވި رحمةއެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفوކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ مشورةކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު عزمކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّهއަށް وكيلކުރައްވާށެވެ! ހަމަކަށަވަރުން، وكيلކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.”  (އާލްއިމްރާން ސޫރަތް 159) އިސްލާމްދީން އުނގެނެން ބޭނުން މީހުނަށް އެންމެ ފުރަތަމަ އުނގަންނައިދޭން ޖެހޭނީ ތައުހީދެވެ. ނަމަވެސް އިސްލާމްދީނުގައިވާ ހުދޫދުތައް ފުރަތަމަ އުނގަންނައިދެން އުޅެގެން އަލަށް އިސްލާމްވާން އަންނަ މީހަކަށް އެކަން ޤަބޫލުކުރަން އެހާ ފަސޭހައެއްނުވާނެއެވެ. މިސާލަކަށް މީހަކު މުސްލިމެއްގެ ކައިރިއަށް އިސްލާމްވާން އައުމުން “ކަލޭ ވައްކަން ކުރުމުން ކަލޭގެ އަތް ކަނޑާލަން ކަލޭ ބޭނުންހޭ” މިފަދަ ބަހެއް އެމީހަކާއި ދިމާއަސް ބުނެފިނަމަ، އެމީހަކު އިސްލާމް ވުމަށްވުރެ ނުވުން ގާތްކަން ބޮޑެވެ. އެހެންނަމަވެސް “ކަލޭގެ މުދަލެއް މީހަކު ވަގަށް ނަގައިފިނަމަ ކަލޭގެ މުދާ ރައްކާތެރި ކޮށްދިނުމުގެ ގޮތުން އެ މުދަލެއް ނެގި މީހާގެ އަތް ކަނޑާލެވޭނެ” މިފަދަ ގޮތަކަށް ދީން ހުށަހެޅުމުން ޤަބޫލުކުރަންވެސް ފަސޭހަވާނެއެވެ. އެހެނީ ޙިކުމަތްތެރި ގޮތަކީ މިއީއެވެ. أَمِ اتَّخَذُوا مِن دُونِهِ آلِهَةً قُلْ هَاتُوا بُرْهَانَكُمْ هَذَا ذِكْرُ مَن مَّعِيَ وَذِكْرُ مَن قَبْلِي بَلْ أَكْثَرُهُمْ لَا يَعْلَمُونَ الْحَقَّ فَهُم مُّعْرِضُونَ މާނައީ: ” ނުވަތަ އެކަލާނގެ ފިޔަވައި، އެއުރެން إلهންތަކެއް ހިފީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ދަލީލު ތިޔަބައިމީހުން ގެންނާށެވެ! މިއޮތީ، ތިމަންކަލޭގެފާނާ އެކުގައިވާ މީހުންގެ ފޮތާއި، ތިމަންކަލޭގެފާނުގެ ކުރީގެ މީހުންގެ ފޮތެވެ. އަދި ކިއެއްތަ! އެއުރެންކުރެ ގިނަމީހުން حقއެއް ނުދަނެތެވެ. ފަހެ، އެއުރެންނީ (އެއަށް) ފުރަގަސްދޭ ބަޔެކެވެ.”  (އަލް އަންބިޔާ ސޫރަތް 24)

=ނުނިމޭ=

 

ރިފަރެންސް

އިސްލާމްދީނާއި ޑިމޮކްރަސީ

ދަރުމަ (2010)

0