އިސްލާމީ ތާރީޚު
އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ މަންމާފުޅު އިސްލާމްވެ ވަޑައިގެންނެވުން

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް އެއްފަހަރަކު އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ މަންމައަށް ހިދާޔަތު ދެއްކެވުން އެދި ދުޢާކޮށްދެއްވުމަށް އެދި ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އަބޫހުރައިރާ އެކަލޭގެފާނުގެ މަންމަ އިސްލާމްވީ ޙާދިސާ ކިޔައިދެއްވަނީއެވެ. ނިކަން މަޑުމައިތިރިކަމާއެކު ކުރިއަށް ވަޑައިގަންނަވާށެވެ.

އަހަރެން އަހަރެންގެ މަންމައަށް އިސްލާމްވުމަށް ދަޢުވަތު ދިނުމުގައި ދެމި ހުރީމެވެ. އޭރު މަންމައަކީ މުޝްރިކެކެވެ. (ﷲ އަށް ޝިރުކު ކުރާމީހެކެވެ.) އަހަރެން އެއްދުވަހަކު މަންމައަށް އިސްލާމްދީނުގެ ދަޢުވަތު ހުށައެޅުމުން، މަންމަ ރުޅި އައިސް، އަހަރެން ނުރުހުންވާ ފަދަ ބަސްތަކެއް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާމެދު ބުނެފިއެވެ. އެވަގުތު އަހަރެން ގެއިން ނިކުމެގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ދިޔައީމެވެ. އޭރު އެކަމުގެ ހިތާމައިން އަހަރެންނަށް ރޮވެއެވެ. އަދި އަހަރެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑު އަޅުގަނޑުގެ މަންމައަށް އިސްލާމްވުމަށް ދަޢުވަތު ދޭކަމުގައި ވީމެވެ. އަދި މަންމަ އިސްލާމްވުމަށް ދެކޮޅު ހަދައެވެ. އަދި މިއަދު އަޅުގަނޑު މަންމައަށް އިސްލާމްވުމަށް ގޮވާލުމުން، އަޅުގަނޑު ނުރުހޭ ފަދަ ބަސްތަކެއް، ކަލޭގެފާނާއި މެދު މަންމަ އަހަންނަށް އިއްވައިފިއެވެ. ފަހެ އަބޫހުރައިރާގެ މަންމައަށް ހިދާޔަތު ދެއްވުން އެދި ﷲ އަށް ދުޢާ ކޮށްދެއްވާށެވެ.

އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ( اللهم اهد أم أبي هريرة ) އޭ ﷲ! އަބޫ ހުރައިރާގެ މަންމައަށް ހިދާޔަތު ދައްކަވާ ފާނދޭވެ!

އެއަށްފަހު އެކަލޭގެފާނުގެ އަރިހުން އަހަރެން ނިކުމެގެން ގެއަށް ހިނގައްޖެއީމެވެ. އެކަލޭގެފާނުގެ އެ ދުޢާ ލިބުމުން އަހަންނަށް ލިބުނު އުފަލާއެކުގައެވެ. އަހަރެން ގެއަށް އައިސް އަހަރެންގެ ފިޔަވަޅުގެ އަޑު ގޭގެ ބޭރުން މަންމަ އަށް އިވުމުން ވިދާޅުވިއެވެ. ގެއަށް ނުވަދެ މަޑުކުރާށެވެ. އޭރު މަންމަ ފެންވަރާ އަޑު ގޭގެ ތެރެއިން އަހަންނަށް އިވެއެވެ.

އެއަށްފަހު މަންމަ ފެންވަރައި ހެދުންކޮޅު ތުރުކުރައްވައި އަހަންނަށް ގޭގެ ދޮރު ހުޅުވައި ދެއްވިއެވެ. އަދި ވިދާޅުވިއެވެ. އޭ އަބޫ ހުރައިރާއެވެ! [أشهد أن لا إله إلا الله وأشهد أن محمداً عبده ورسوله] ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އެހެން އެއްވެސް އިލާހެއް ނުވާ ކަމަށާއި، މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަކީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ.

ދެން އަނެއްކާވެސް އަހަރެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ދިޔައީމެވެ. އޭރު އަހަރެންގެ ދެލޮލުން ފައިބަމުންދިޔައީ އުފަލުގެ ކަރުނައެވެ. އަހަރެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. އުފާވެރިކަމުގެ ޚަބަރު ލިބިލައްވާށެވެ! ހަމަކަށަވަރުން ﷲ ކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވައި، އަބޫހުރައިރާގެ މަންމައަށް ތެދުމަގު ދައްކަވައިފިއެވެ.

އެހިނދު އެކަލޭގެފާނު ﷲ އަށް ޙަމްދާއި ޘަނާ ދެންނެވުމަށްފަހު ޙަދީޘް ކުރެއްވިއެވެ. ހެޔޮކަމެކެވެ.1

މިއީ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މިތުރު ޞަހާބީން އަޅުގަނޑުމެންނަށް ދައްކަވާފައިވާ މިސާލެވެ.

ފަހެ ހެޔޮ ޞާލިޙު ދަރިން އެދަރިންގެ މައިންބަފައިންނަށް ތެދުމަގު ލިބުމަށް އެދި އެކަމަށް ގަދައަޅައި މަސައްކަތް ކުރާނެއެވެ. އެދެމީހުންނަކީ އެއީ ޣައިރު މުސްލިމުން ކަމުގައި ވިޔަސް ނުވަތަ އެދެމީހުންނަކީ ފާފަތައް ކުރަމުންއަންނަ މުސްލިމުން ކަމުގައިވިޔަސްވެސް މެއެވެ. އަދި އެދެމީހުންނަށް ތެދުމަގަށް ގޮވާލުމުގައި ރިވެތި އޯގާތެރި ބަސްތަކާއެކު، ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ކިޔަމަންތެރިކަމާ މަޑުމޮޅިކަމާއެކު އެދެމީހުންނަށް ދަޢުވަތު ދޭނެއެވެ. އަދި އެދެމީހުންގެ ކުރިމަތީގައި އަބަދުވެސް އިސްލާމްދީނުގައި އެދެމީހުންނަށް ކުރުމަށް އަމުރު ކުރައްވާފައިވާ ޙައްޤު އިޙްތިރާމާއި ޤަދަރު ދީގެންނެވެ. އޯގާތެރިކަމާއި ލޯތްބާއެކުގައެވެ. މަޑުމައިތިރިކަމާއި އޯގާތެރިކަން ކަމެއްގައި އަތުވެއްޖެނަމަ، އެކަމެއް ޒީނަތްތެރިވެގެން ދާނެއެވެ. އަދި މަޑުމައިތިރިކަމާއި އޯގާތެރިކަން ކަމަކުން ނިގުޅައިގަނެވިއްޖެނަމަ، އެކަމެއް ހުތުރުވެގެން ހިނގައިދާނެއެވެ.

(1) أخرجه مسلم باب من فضائل أبي هريرة الدوسي ح 2491-4/1938 .

 

މިއީ ނޫރުލް އިސްލާމް ވެބްސައިޓުގައި މުޙައްމަދު އަނީލް ލިޔުއްވާފައިވާ ލިޔުމެކެވެ.

3