ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
ޤުރައިޝުންގެ މާތްކަން
ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް
• އަޅާއަށް ވާޖިބްވެގެންވަނީ ނިޢްމަތްތަކަށް ޝުކުރުވެރިވުންކަމާއި އެކަލާނގެ ރުއްސަވާގޮތެއްގައި މެނުވީ ނިޢްމަތްތަކުގެ ބޭނުން ހިފައިގެންނުވާނެކަން މި ސޫރަތުގައި ބަޔާންވެފައިވެއެވެ. ނިޢްމަތްތަކުގެ ބަދަލުގައި ހެޔޮ ޢަމަލުތައް ގިނަ ކުރަން ޖެހޭނެކަން ބަޔާންކުރައްވައިފައިވެއެވެ.
• ބިރުވެރިކަމަށްފަހު އަމާންކަން ލިބުން އަދި ބަނޑު ހައިހޫނުކަމަށްފަހު ކާބޯތަކެތި ލިބުމަކީ މާތްﷲގެ އެންމެ ބޮޑެތި ނިޢްމަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
• ޤުރައިޝްވަންހައިގެ މާތްކަމުގެ ތެރޭގައި އެތުގެ އަހަރުގައި މާތް ﷲ އެބައިމީހުންނަށް ރައްކާތެރިކަން ދެއްވުން ހިމެނެއެވެ. އޭރު އެބައިމީހުން ތިބީވެސް ކާފިރުންގޮތުގައެވެ.
• މީގެ އިތުރުން އެބައިމީހުންގެ ތެރެއިން އެންމެ ފަހުގެ ނަބިއްޔާ ފޮނުއްވެވުމާއި މުސްލިމުންގެ އަމީރު އިސްކުރުމުގައި ޤުރައިޝުންނަށް އިސްކަން ދިނުން ހިމެނެއެވެ.
• މުޅި މިސޫރަތަކީ މާތްވެގެންވާ ގެފުޅުގައްޔާއި ބިރުވެރިކަމުން އަމާންކަން ދެއްވުމުގައްޔާއި ހައިހޫނުކަމުން މުއްތިކުރެއްވުމުގައި ޤުރައިޝް ވަންހައިގެ މީހުންނަށް މާތް ﷲ ދެއްވި ނިޢުމަތްތައް އެބައިމީހުންނަށް ހަނދާންކޮށްދިން ހަނދާންކޮށްދިނުމެކެވެ.
އެކަލާނގެއަށް ކިޔަމަންވުންމަތީ ދެމިތިބުމާއި އެކަލާނގެއަށް ޝުކުރުވެރިވުމަކީ މިދެއްވެވި ނިޢްމަތްތަކުގެ މުޤާބިލުގައި ކުރުން ވާޖިބުކަމެކެވެ.
لِإِيلَافِ قُرَيْشٍ ﴿۱﴾ إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ ﴿٢﴾
މާނައީ : “ޤުރައިޝު ވަންހައިގެ މީހުން އެކުވެރިކުރެއްވި ކަމަށްޓަކައެވެ. [1] އާދައިގެ މަތިން ފިނި މޫސުމާއި ހޫނު މޫސުމުގައި އެބައިމީހުން ކޮށްއުޅޭ ދަތުރަށްޓަކައެވެ. [2]
﴿إِيلَاف﴾ގެ މާނަ އަކީ ޖަމާކުރުމާއި އެއްކުރުމެވެ. އާޔަތުގައި އެލަފުޒުގެ މުރާދަކީ އެބައިމީހުން ފިނިމޫސުމާއި ހޫނު މޫސުމުގައި ކޮށްއުޅުނު ވިޔަފާރިއެވެ. ފިނި މޫސުމުގައި އެބައިމީހުން ދަނީ ޔަމަނަށެވެ. އެއީ އެތަނުގައިވާ ގޮވާމުގެ ބާވަތްތައް ހޯދުމަށެވެ. ހޫނު މޫސުމުގައި އެމީހުން ކުރިމަތިލަނީ ޝާމްކަރައަށް ދިއުމަށެވެ. އެހެނީ ޢާންމު ގޮތެއްގައި މޭވާ އާއި އެހެނިހެން ބާވަތްތަކުގެ ވިޔަފާރިތައް ކުރެވެނީ ހޫނު މޫސުމުގައެވެ. އެއީ މިދެ ދަތުރުގައި އެބައިމީހުންނަށް ﷲ ތަޢާލާ ދެއްވި ނިޢުމަތެކެވެ. އަދި އެވިޔަފާރިތަކުން ބޮޑުވެގެންވާ ނަފާ ލިބެމުންދެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް އަމުރުކުރެއްވީ މިގެފުޅުގެ ވެރި ރައްބަށް އަޅުކަން ކުރުމަށެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
فَلْيَعْبُدُوا رَبَّ هَـٰذَا الْبَيْتِ ﴿٣﴾
މާނައީ : “ފަހެ، މިގެފުޅުގެ ވެރި ރައްބަށް އެބައިމީހުން އަޅުކަންކުރާހުށިކަމެވެ.”
އެނިޢުމަތް ދެއްވިކަމަށްޓަކައި އެފަރާތަށް ޝުކުރުވެރިވުމަށްޓަކައެވެ.
އަޅުކަމަކީ ލޯބިވުމާއި މަތިވެރިކުރުމުގެ ގޮތުން ﷲގެ ޙަޟްރަތަށް ނިކަމެތިވެގަތުމެވެ. އިންސާނާ ﷲއަށް އަޅުކަންކުރުމެވެ. އެއީ އަޑުއަހާ ކިޔަމަންގަތުމާއެކު އެކަލާނގެ ޙަޟްރަތަށް ނިކަމެތިވުމެވެ. އެމީހަކަށް ﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅެއް އަތުވެއްޖެނަމަ ތިމަންނާ އަޑުއަހާ ކިޔަމަންވެއްޖައީމުއޭ ބުނުމެވެ.
އެމީހަކަށް ޚަބަރެއް ފޯރައިފިނަމަ އޭނާގެ ބަހަކަށް ވާންޖެހޭނީ އަޑުއަހާ އީމާންވެއްޖައީމުއެވެ. ލޯތްބާއި މަތިވެރިކުރުމާއި އެކުގައެވެ. އެލޯބީގެ ސަބަބުން އިންސާނާ އޭނާގެ މައްޗަށްވާ އަމުރުތައް ތަންފީޒުކުރުމަށް ތެދުވެއެވެ. އަދި ނަހީކުރެވިގެންވާ ކަންތައް, އެއިލާހުގެ މަތިވެރިކަމަށް ބިރުވެތިވުމުގެ ސަބަބުން ދޫކޮށްލައެވެ. މިއީ އަޅުކަމުގެ މާނަތަކުގެ ތެރެއިން މާނައެކެވެ. ޝައިޚުލްއިސްލާމް އިބްނުތައިމިއްޔާ رحمه الله އަޅުކަން މާނަކުރައްވައި، ވިދާޅުވެފައިވެއެވެ.
إنَّ العبادةَ اسْمٌ جَامِعٌ لِكُلِّ مَا يُحِبُّهُ اللَّهُ وَيَرْضَاهُ مِنَ الْأَقْوَالِ وَالْأَعْمَالِ الظَّاهِرَةِ وَالْبَاطِنَةِ.
“އަޅުކަމަކީ ސިއްރާއި ފާޅުގައި ކުރެވޭ ޢަމަލުތަކާއި ބުނެވޭ ބަސްތަކުގެ ތެރެއިން ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ އަދި ރުހިވޮޑިގެންވާ އެންމެހާ ކަމެއް ޝާމިލުވެގެންވާ ނަމެކެވެ.”
ﷲ ތަޢާލާގެ މިބަސްފުޅު : ﴿رَبَّ هَـٰذَا الْبَيْتِ﴾ އެބަހީ: މަތިވެރިވެގެންވާ ކަޢުބާއެވެ. އަދި ﷲ ތަޢާލާވަނީ ގެފުޅު އެކަލާނގެއަށް ނިސްބަތްކުރައްވާ ވަޙީކުރައްވާފައެވެ.
﴿وَطَهِّرْ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّكَّعِ السُّجُودِ﴾ [سورة الحخ ٢٦]
މާނައީ: “އަދި ޠަވާފްކުރާ މީހުންނަށާއި، ޤާއިމްވެތިބޭ މީހުންނަށާއި، ރުކޫޢުކޮށް ސަޖިދަކުރާ މީހުންނަށްޓަކައި، ކަލޭގެފާނު ތިމަންއިލާހުގެ ގެފުޅު ޠާހިރު ކުރައްވާށެވެ.”
(ޤުރައިޝް ސޫރަތުގެ ތިންވަނަ އާޔަތުގައި) ﴿رَبَّ هَـٰذَا الْبَيْتِ﴾ ކާއިނާތުގެ ވެރިރައްބަށް ގެފުޅު ނިސްބަތްކުރައްވާފައިވަނީ އެގެފުޅު މަތިވެރިކުރައްވާ، ޝަރަފުވެރިކުރެއްވުމުގެ ގޮތުންނެވެ. އެހެންވީމާ އެއް އާޔަތުގައި ގެފުޅު ނިސްބަތްކުރައްވާފައި އެވަނީ އެއިލާހުގެ ރައްބުވަންތަކަމެވެ. އަދި އަނެއް އާޔަތުގައި އެއިލާހުގެ ޒާތުފުޅަށެވެ. އެއީ އެތަން މަތިވެރިކުރައްވާ ޝަރަފުވެރިކުރެއްވުމުގެ ގޮތުންނެވެ.
އެއިލާހުގެ ރަސްކަންފުޅު ޢާންމުވެގެންވާކަން ބަޔާންކުރެވުނު ސަބަބަކީ މުޝްރިކުން ﷲއީ ހަމައެކަނި އެރަށުގެވެރި އިލާހު ކަމަށް ބުނެދާނެ ކަމަށްޓަކައެވެ. ނަމަވެސް މިތަނުގައި މިއީ (ގެފުޅު) މަތިވެރިކުރުމުގެ ޙާލަތަކެވެ. އެހެންކަމުން އެއިލާހަށް ވަކިން ނިސްބަތްކުރައްވާ ޒިކުރުކުރުމަކީ މުނާސަބުގޮތެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ ﴿٤﴾
މާނައީ: “އެއިލާހީ، ބަނޑުހައި ހޫނުކަމުގައި ވަނިކޮށް އެބައިމީހުންނަށް ކާންދެއްވައި، އަދި ބިރުވެރިކަމުގައި ވަނިކޮށް އެބައިމީހުންނަށް އަމާންކަންދެއްވި އިލާހެވެ.”
﴿الَّذِي﴾ ނިސްބަތްވެގެން ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. އެހެންކަމުން އެންމެ މަތިވެރިގޮތަކީ އެތަނަށް ވަޤުފުކުރުމެވެ.(ހުއްޓުމެވެ). އެތަން ކިޔާނީ ﴿فَلْيَعْبُدُوا رَبَّ هَـٰذَا الْبَيْتِ﴾ އެއަށްފަހު ﴿الَّذِي أَطْعَمَهُم﴾ އެހެނީ އެތަން ގުޅުވައިގެން ﴿رَبَّ هَـٰذَا الْبَيْتِ الَّذِي أَطْعَمَهُم﴾ ކިޔަވައިފިކަމުގައި ވާނަމަ އަޑުއަހާ މީހާއަށް ހީވާނީ ﴿الَّذِي﴾ ނިސްބަތްވެގެންވަނީ ކަޢުބާއަށް ކަމުގައެވެ. އެއީ އާޔަތުގެ އަޞްލު މާނައާ މުޅިން ދުރު ގޮތެކެވެ. އަދި އޭރުން މާނަ ހަމައެއް ނުޖެހޭނެއެވެ.
﴿الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ﴾ މިއާޔަތުގައި ބަޔާންކުރައްވާފައި އެވަނީ އެބައިމީހުންނަށް ދެއްވި ނިޢުމަތްތަކުގެ ވާހަކައެވެ. ސިއްރާއި ފާޅުގައިދެއްވި ނިޢުމަތްތަކެވެ. ފަހެ ބަނޑުހައި ހޫނުކަމުން މުއްތިކުރައްވައި ކާބޯތަކެތި ދެއްވުމަކީ ފޮރުވިގެންވާ ކަމަކުން ރައްކާތެރިކުރެއްވުމެވެ.
﴿وَآمَنَهُم مِّنْ خَوْفٍ﴾ ފާޅުވެ ބަޔާންވެގެންވާ ބިރުވެރިކަމަކުން ރައްކާތެރިކުރެއްވުމެވެ. އެހެނީ ބިރަކީ ފާޅުވެގެންވާ ކަމެކެވެ. ޢަދާވަތްތެރިން ރަށުގެ ވަށައިންވާނަމަ އެރަށެއްގެ އަހުލުވެރިން ބިރުގަނެ، އެރަށުން ނުކުތުމުން މަނާވެގަނެގެން އެބައިމީހުންގެ ގެތަކުގައި ތިބެއެވެ. އެހެންކަމުން ﷲ ތަޢާލާ އެބައިމީހުންނަށް ދެއްވި މިއަމާންކަމުގެ ނިޢުމަތް ހަނދުމަކޮށްދެއްވިއެވެ. ﴿وَآمَنَهُم مِّنْ خَوْفٍ﴾ ބިން އެބައިމީހުންނަށް އަމާންވެގެން ދިޔައެވެ. އެއީ މައްކާއެވެ. އަދި އެރަށުގައި ލޭ އޮހޮރުވުން މަނާވެގެންވެއެވެ. މައްކާގެ ޙަރަމްގައި ގަސްކެނޑުން އެކީއެކަށް ޙަރާންވެގެންވެއެވެ. މައްކާގެ ޙަރަމްގައި ޝިކާރަކުރުން ޙަރާމްވެގެން ވެއެވެ.
ގަސްގަހާގެހިވެސް ވަނީ އަމާން ލިބިގެން ރައްކާތެރިވެގެންނެވެ. ޝިކާރަކުރެވޭ އެއްޗިހިވެސް ވަނީ އަމާންވެ ރައްކާތެރިވެގެންނެވެ. މި ޚާއްޞަކަން އެހެން އެއްވެސް ބިމަކަށް ދެއްވާފައެއް ނުވެއެވެ.