ދީން
ކީރިތި ޤުރުއާނުގެ ބަގީޗާ: ސޫރަތުލް އަޢުލާ

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
ޤިޔާމަތްދުވަހުގެ މަތިން މުއުމިނުންނަށް ހަނދާންކޮށްދިނުން
ސޫރަތުގައިވާ މުހިއްމު ނުކުތާތައް
1. އިންސާނުން އުފެއްދެވުން (2 ވަނަ އާޔަތް)
2. މިންވަރުފުޅާއި ހިދާޔަތް (3 ވަނަ އާޔަތް)
3. އެއްޗެހީގެ ފެށުމާއި ނިމުން އަންނަގޮތުގެ މިސާލެއް(4ވަނަ އާޔަތާއި 5ވަނަ އާޔަތް)
4. ކީރިތި ޤުރުއާން ރައްކާތެރިކޮށްދެއްވާނެކަމުގެ އުފާވެރި ޚަބަރު (6 ވަނަ އާޔަތް)
5. 9 ވަނައާޔަތުގައިވަނީ މީސްތަކުންނަށް ހެޔޮ ނަސޭހަތްދީ، ހަނދާންކޮށްދިނުމަށް އައިސްފައިވާ އަމުރެވެ.
6. ދިންނަވާނޭ މަގު (14ވަނަ އާޔަތާއި 15 ވަނައާޔަތް)
{قَدْ أَفْلَحَ مَنْ تَزَكَّى وَذَكَرَ اسْمَ رَبِّهِ فَصَلَّى}
) ކާފިރުކަމުން) ތާހިރުވެ، އެމީހާގެ ވެރި ރަސްކަލާނގެ ހަނދުމަކޮށް، ނަމާދުކުޅަ މީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ.

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް

• ތިމާއަށް ކުރެވޭ ހެޔޮ ޢަމަލުތަކުގެ މައްޗަށް ފަޚްރުވެރިވެ އުޅުމުން ދުރުވާން ޖެހެއެވެ. އެހެނީ އަޅުގަނޑުމެންނަށް ހެޔޮ ޢަމަލުތައް ކުރެވެނީ އެކަންކަން ކުރުން ފަސޭހަކޮށްދެއްވާ، ތައުފީޤު ދެއްވަވާތީއެވެ. (މި ސޫރަތުގެ 8 ވަނަ އާޔަތާއިގުޅޭ)
• އިންސާނާ އޭނާގެ ލަނޑުދަނޑިތައް ކަނޑައަޅާއިރު އުޚްރަވީ ރޮނގުވަޅުން ވިސްނުން ބަހައްޓައިގެން ލަނޑުދަނޑިތައް ކަނޑައެޅުމަށް ސަމާލުކަންދޭންވާނެއެވެ. އެހެނީ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވަނީ އުޚުރަވީ ޙަޔާތުގައެވެ.
{بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا} {وَالآخِرَةُ خَيْرٌ وَأَبْقَى}
އަދި ކިއެއްތަ! އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ ޙާލުވެސް ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ.
• ޢިލްމު ފެތުރުމުގައި އަދަބުވެރިވުމުގެ މުހިއްމުކަން މި ސޫރަތުގެ 9 ވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ.
• މި ސޫރަތުގެ ތިންވަނަ އާޔަތުގައި ބަޔާންވެފައިވާ ހިދާޔަތަކީ ޢާއްމުކޮށް އެންމެހާ އިންސާނުންނަށްވެސް ދެއްވައިފައިވާ ހިދާޔަތެވެ. މި ހިދާޔަތުގެ އަލީގައި އޭނާ، އޭނާގެ ދިރިއުޅުން ފަސޭހަވާނޭ ގޮތުގެ މަތިން ނިންމުންތައް ނިންމައެވެ.

0